ad_banner
ހިޖުރީ ތާރީޚު: އިސްލާމީ އުންމަތުގެ ޝަޚުޞިއްޔަތު (3)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

27 ޖޫން 2025

ހިޖުރީ ކަލަނަޑަރަކީ ﷲގެ ކަނޑައެޅުއްވުމެކެވެ.

(އިއްޔެގެ ނޫހާ ގުޅޭ)

ހަނދުމަހުން ތާރީޚުޖެހުމުގެ ޙިކުމަތް

ހަނދުމަހުން ތާރީޚުޖެހުމުގައި ޙިކުމަތްތަކެއް ވެއެވެ. އޭގެ ތެރޭގައި މި ދަންނަވާ ޙިކުމަތްތައް ފާހަގަކުރެވެއެވެ.

1-   ލުއިފަސޭހަކަން: ހަނދުމަހުގެ ތާރީޚަކީ ކޮންމެ މީހަކަށް ވެސް ފެނިގެންދާ ޢަލާމާތެކެވެ.ހުޅެވިހަނދު ފެނުމުން އައު މަސް ފެށުނީއެވެ. ހަނދަށް ބަލައިލުމުން އެއީ މަހުގެ ކުރީކޮޅުކަން ނުވަތަ މެދުތެރެކަން ނުވަތަ ފަހުކޮޅުކަން އެނގޭނެތެވެ. އިރުމަހުގައި މި ކަން ދެނެއެއްނުގަނެވޭނެއެވެ. ޝަރުޢީ ހުރިހައި ތަކުލީފުތަކެއް ގުޅިފައިވަނީ ހަނދުމަހާއެވެ. އެއީ ވެސް މި ތަކްލީފުތައް އަދާކުރުން ލުއިކޮށްދެއްވުމަށް ޓަކައެވެ. ތަފާތު މޫސުންތަކުގައި މި އަޅުކަންތައް ދައުރުކުރެއްވުމަށް ޓަކައެވެ. ދެ ޢީދު ވެސް ތަފާތު މޫސުންތަކުގައި އައުމަކީ ދެ ޢީދުގެ އުފާވެރިކަން އިތުރުވެގެންދާނެ ކަމެކެވެ. ޢީދުގެ ކާބޯތަކެއްޗަށް ވެސް ބަދަލު އަންނާނެ ކަމެކެވެ. ހަނދުމަހުގައި ރޯދަމަސް އައުމަކީ ރޭދުވާލު ތަފާތުވެގެންދާ ދިޔުމުގެ ޙިކުމަތަށް ލޯހުޅުވިގެންދާނެ ކަމެކެވެ. އަހަރީކޮށް މޫސުމީކޮށް އަންނަ  އަޅުކަންތައް (ރޯދަހިފުމާއި ޙައްޖުވުމާއި ދެ ޢީދު) ހުރިހައި މޫސުންތަކެއްގައި ވެސް ބުރުޖަހާނެތެވެ.

2-    ސާބިތުކަމާއި ހަރުދަނާކަން: ހަނދުމަހުގެ ކަލަންޑަރަކީ ސާބިތު އެއްޗެކެވެ. މީހުންނަށް އެއާ ކުޅުމުގެ ޤާބިލުކަން ލިބިގެންނުވެއެވެ. މިއާ ޚިލާފަށް އިރުމަހުގެ ކަލަންޑަރަކީ ރަސްރަސްކަލުންނާއި ޤައުމުތަކުގެ ޒަޢީމުން އެއާ ކުޅުއްވައި އެއަށް ބަދަލު ގެންނަވައިފައިވާ ކަލަންޑަރެކެވެ. ޔޫލިޔާނީ ކަލަންޑަރުގައި ޖޫލިޔަސް ސީޒަރު ވަނީ އަހަރު ފެށުން މާރިޗުން ޖަނަވަރީއަށް ބަދަލުކުރައްވައިފައެވެ. (އެއީ ޢީސާގެފާނުގެ މީލާދުގެ 45 އަހަރު ކުރީންނެވެ.) އޭނާ ކޭލި ހަމަނުވާ މައްސަރުތަކުގެ ދުވަސްތައް 31ކަމުގައި އަދި ކޭލިހަމަވާ މައްސަރުތަކުގެ ދުވަސްތައް 30 ކަމުގައި ހަމަޖެއްސެވިއެވެ. އަދި ފެބުރުވަރީ މަހުގެ ދުވަސްތަކުގެ ޢަދަދަކީ 29ކަމުގައި ހެއްދެވިއެވެ. ލީޕް އަހަރުގައި ފެބްރުވަރީމަހުގެ ދުވަސްތަކުގެ ޢަދަދަކީ 30 ކަމުގައި ހަމަޖެއްސެވިއެވެ. ޖޫލިޔަސް ސީޒަރަށް ކަމޭހިތުމުގެ ގޮތުން ހަތްވަނަ މަހުގެ ނަން [ޖުލައި]އަށް ބަދަލުކުރީއެވެ. އެއަށްފަހު އަށްވަނަ މަހުގެ ނަން އޮގަސްޓަށް ބަދަލުކުރިއެވެ. އެއީ އޮގަސްޓަސް ސީޒަރަށް ނިސްބަތްކޮށެވެ. އަދި ޖުލައި މަހުގައި 31 އޮވެފައިވާ އޮގަސްޓް މަހުގައި 30 އޮންނާތީ ފެބްރުވަރީ މަހުން ދުވަހެއް މަދުކޮށް އޮގަސްޓް މަސް 31 މަހެއް ކަމުގައި ހެއްޖެވެ. މި ކަމުގެ ސަބަބުން ވިދިވިދިގެން އަންނަ ތިން މަހެއްގައި  (ޖުލައި ، އޮގަސްޓް، ސެޕްޓެންބަރު ގައި) 31 ދުވަސް އަންނަ ގޮތް ކުރިމަތިވިއެވެ. މި މައްސަލަ ޙައްލުކުރާންވެގެން ސެޕްޓެންބަރު މަހާއި ނޮވެންބަރު މަހުން އެއް ދުވަސް މަދުކޮށް މި މަސްތައް 30 ދުވަހުގެ މަސްތަކެއް ކަމުގައި ހެއްޖެވެ. އަދި އޮކްޓޯބަރު މަހާއި ޑިސެންބަރު މަސް 31 ދުވަހުގެ މަސްތަކެއް ކަމުގައި ހަމަޖެއްސިއެވެ. އެއަށް ފަހު ތިންވަނަ ގްރިގޯރިޔަން އިރުގެ ކަލަނޑަރަށް ބަދަލުތަކެއް ގެނެއެވެ. މިއަދު މި ބޭނުން ކުރާ އިރުމަހުގެ ކަލަންޑަރަކީ ގްރިގޯރީ ކަލަންޑަރެވެ. މި ބަދަލުތައް ގެންނާން ޖެހުނީ މި ނިޒާމާ ކުޅުމުގެ ސަބަބުން ހެދިފައިވާ ކުށްތައް ގިނަކަމުންނެވެ. މިއަދު ވެސް މި ވަނީ މީލާދީ ކަލަންޑަރުގައި ކުށްތައް ފުނިޖެހިފައެވެ. ހަދުމަހުގެ ކަލަންޑަރަށް ބަލާ އިރު، މި ނިޒާމުގައި ކުށެއް ނުހެދޭނެއެވެ. އިންސާނާއަށް ހެދޭ ކުށް ދެ ދުވަހުގެ ތެރޭގައި ރަނގަޅުކޮށް އިސްލާޙުކުރެވޭނެއެވެ. ހަދުމަހުގެ ކަލަންޑަރަކީ ރައްބާނީ ކައުނީ ސަމާވީ ނިޒާމެކެވެ. އެއީ ފަލަކީންގެ އީޖާދެއްނޫނެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. (( إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ وَقَٰتِلُوا۟ ٱلْمُشْرِكِينَ كَآفَّةً كَمَا يُقَٰتِلُونَكُمْ كَآفَّةً ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ  -[1]  ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ عددއަކީ، اللَّهގެ حضرةގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، حرمةތެރި ވެގެންވެއެވެ. އެއީ حق ތެދު دينއެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ! އަދި އެންމެހާ مشركންނާ ތިޔަބައިމީހުން ހަނގުރާމަކުރާށެވެ! އެއުރެންވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަކުރާ ފަދައިންނެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوى ވެރިންނާ އެކުގައިކަން، ތިޔަބައިމީހުން ދަންނާށެވެ!))

ހަނދުގެ ކަލަންޑަރަށް ބަލާއިރު މި ކަލަންޑަރުގެ މަސްތައް ބަދަލުކުރުމުގެ ނުވަތަ އެ މަސްތަކުގެ ދިގުކުރުމިނަށް ބަދަލުގެނައުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބުގެންނެއް ނުވެއެވެ. އެއީ ބަދަލުކުރާން ނުވަތަ ތަޞްޙީޙުކުރަން ނުޖެހޭ ރައްބާނީ ކައުނީ ކަލަންޑަރެކެވެ.

ހިޖުރީ ތާރީޚު ނައްތައިލުމުގެ މުއާމަރާތު

ހިޖުރީ ތާރީޚު ނައްތައިލުމަށާއި މުސްލިމުން މި ތާރީޚާ ބީރަށްޓެހިކުރުމަށް ޓަކައި ކުރެވެމުންދާ މަސައްކަތްތަކަކީ އިސްލާންދީނުގެ ދުޝްމަނުންގެ ނުބައި މުއާމަރާތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހިޖުރައިން 12ވަނަ ސައްތައިގައި ޢުޘްމާނީ ދައުލަތުން އެ ދައުލަތުގެ ޢަސްކަރިއްޔާ ޒަމާނީކުރުމަށް ޓަކައި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތް ފަދަ ޔޫރަޕްގެ ގައުމުތަކުން އެހީއަށް އެދުމުން މި ގައުމުތަކުން މި އެހީ ދިނުމަށް އެއްބަސްވީ ހިޖުރީ ކަލަންޑަރަށް ޢަމަލުކުރުން ހުއްޓައިލުން ޝަރުޠުކޮށްފައެވެ.

ހިޖުރައިން 13ވަނަ ސައްތައިގައި  މިޞްރުން ސުވޭސް ކެނެލް ކޮނުމުގެ މަސައްކަތްކުރި އިރު މިޞްރުގެ އޭރުގެ ވެރިޔާ ޚިދްޔޫވީ އިސްމާޢީލު އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ދަރަންޏަކަށް އެދިވަޑައިގަތުމުން މި ދަރަނި ދިނުމަށް ހަ ކަމެއް ޝަރްޠުކުރިއެވެ. އެއިގެ ތެރެއިން އެއް ކަމަކީ މިޞްރުގައި ހިޖުރީ ތާރީޚު ބޭނުންކުރުން ހުއްޓައިލައި ޤިބްޠީ ތާރީޚާއި މީލާދި ތާރީޚު ބޭނުންކުރާން ފެށުމެވެ. މި ޝަރުޠާ އެއްގޮތަށް ހިޖުރައިން 1292ވަނަ އަހަރު ( މީލާދީން 1875 ވަނަ އަހަރު) މިޞްރުގައި ހިޖުރީ ތާރީޚު ބޭނުންކުރުން ހުއްޓައިލިއެވެ.

އިސްތިޢުމާރީ މަޖޫރީއެއް ކަމުގައިވާ ކަމާލް އަތާތޫރުކު ޢުޘްމާނީ ދައުލަތް ވައްޓައިލުމަށް ފަހު ހިޖްރައިން 1344 ވަނަ އަހަރު (މީލާދީން 1926 ވަނަ އަހަރު)  ހިޖުރީ ތާރީޚު އުވައިލައި މީލާދީ ތާރީޚު ތުރުކީގައި ބޭނުންކުރަން ފެށިއެވެ.

އެއަށްފަހު ހުޅަނގުގެ އިސްތިޢުމާރާ އެކު އިސްލާމީ ގައުމުތަކުގެ މައްޗަށް މީލާދީ ތާރީޚުން މުޢާމަލާތުތައް ކުރުން މަޖުބޫރުކުރިއެވެ. އިސްތިޢުމާރު އެ ގައުމުތަކުން ފޭބުމަށް ފަހުގައި ވެސް އެ ގައުމުތަކުގައި އަދިވެސް އޮތީ މީލާދީ ކަލަންޑަރަށް ޢަމަލުކުރުމުގެ ރޫޙެވެ. އެ ތާރީޚު މާ ރަނގަޅުވެގެންނެވެ. މާ ފަސޭހަވެގެންނޭ ކިޔައިފައެވެ.

ހިޖުރީ ތާރީޚަކީ އިސްލާމީ ޝަޚްޞިއްޔަތުކަން ކަށަވަރެވެ. އިސްލާންދީނުގެ ޝަޢީރާތައް ގުޅިފައިވަނީ މި ކަލަންޑަރާއެވެ. މި ތާރީޚަށް އިސްކަންދީ މީލާދީ ތާރީޚަށް ފަސްކަންދިނުމާ މެދު ނުވިސްނާނަން ހެއްޔެވެ؟

(ނިމުނީ)

 

މަރުޖާ:

[1]  - التوبة:36

ކޮމެންޓު