އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
26 ޖޫން 2025
(އިއްޔެގެ ޢަދަދާ ގުޅޭ)
ފިނި މޫސުމާއި ހޫނު މޫސުމާއި ބަހާރު މޫސުމާއި ޚަރީފު މޫސުން ހަނދުމަސްތަކުގައި ދައުރުކުރަމުން ބަދަލުވަމުން އަންނަނީ މިހެންވެގެންނެވެ. ރަމަޟާންމަހާއި ޙައްޖު މޫސުމާއި އިސްލާމީ ދެ ޢީދު ތަފާތު މޫސުންތަކުގައި އަންނަނީ މިހެންވެގެންނެވެ. މިއާޚިލާފަށް އިރުގެ ބުރުޖުތައް ނުވަތަ ރާހިތަކުގެ ޢަދަދަކީ 12އެވެ. މޫސުން ގުޅިފައި ވަނީ މި ރާހިތަކާއެވެ. ހުޅަނގު މޫސުމާއި އިރުވައި މޫސުމާއި ދަނޑުވެރިކަން ކުރުމާއި ގޮވާންކެނޑުން ގުޅިފައި ވަނީ މި ރާހިތަކާއެވެ. އިރުގެ އަހަރެއްގައި ހިމެނެނީ 365 ދުވަހާއި 6 ގަޑިއިރެވެ. އެހެންކަމުން އާދައިގެ 3 އަހަރު އައުމަށް ފަހު ދިގު އަހަރެއް އަންނާނެއެވެ. ކަބީސާ ( ލީޕު) އަހަރުގައި 366 ދުވަސް އޮންނާނެއެވެ. އިރުގެ އަހަރުގައި ނުވަތަ ސޫރުދަ އަހަރުގައި ދުވަސް ތަފާތެއް ނުވާނެތެވެ. މޫސުންތައް އަންނާނީ އަބަދުވެސް އެއް ދުވަސްވަރެއްގައެވެ. ދުނިޔޭގެ ދެކުނު ބިތުގައި އުޅޭ ނަޞާރާއިންނަށް " ވައިޓް ކްރިސްމަސް " ނާންނާތީ ޝަކްވާކުރަނީ މިހެންވެގެންނެވެ. އެހެނަސް މުސްލިމުންނަށް ރަމަޟާންމަހާއި ދެ ޢީދާއި ޙައްޖު އަންނަ ދުވަސްތައް ތަފާތުވާނެއެވެ. ފިނި ދުވަސްވަރާއި ހޫނުދުވަސްތަކުގައި މި ދުވަސްތައް އަންނާނެތެވެ. ވަކި ހިސާބެއްގައި އުޅޭތީ ލިބޭނެ އިމްތިޔާޒެއް ނޯންނާނެއެވެ.
އިސްލާމްދީން އައުމުގެ ކުރިން ވެސް ޢަރަބީންނަކީ ޙުރްމަތްތެރިވެގެންވާ ހަތަރު މަސް (ޛުލްޤަޢިދާއާއި، ޛުލްޙިއްޖާއާއި، މުޙައްރަމާއި، ރަޖަބު) މާތްކުރި ބަޔެކެވެ. އެއީ އިބްރާހީމުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނުގެ ރިސާލަތުގެ ސަބަބުން އެ މީހުންނަށް ވާރުތަވަމުން އައި ކަމެކެވެ. އެދެބަފައިކަލުންނަކީ ﷲގެ އަމުރުފުޅާ އެއް ގޮތަށް ހަނދުމަހުން ތާރީޚުޖެއްސެވި ދެ ބޭކަލުންނެވެ. ޝަރްޢީ ހުރިހާ ތަކުލީފުތަކެއް ޝަރުޢުކުރައްވައިފައި ވަނީ ހަނދުގެ މައްސަރުތަކާ ގުޅުއްވައިގެންނެވެ. މިއީ ވިސްނައިލަންޖެހޭ ކަމެކެވެ. އަލްއިމާމު އައްރާޒީ ވިދާޅުވިއެވެ. [އަރަބީންގެ އެވޭލާ ޒަމާނުގައި ތާރީޚު އޮތީ ހަނދުމަހުންނެވެ. އިރުމަހަކުންނޫނެވެ. މިއީ އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނުގެ ކިބައިން އެމީހުންނަށް ވާރުތަވަމުން އައި ކަމެކެވެ. އެހެނަސް ޔަހޫދީންނާއި ނަޞާރާއިން ތިބީ އެ ގޮތުގެ މައްޗަކު ނޫނެވެ.][1]
އިސްލާމްދީނުގެ ކުރިން ވެސް އަދި ފަހުން ވެސް ޢުމަރުގެފާނުގެ ޚިލާފަތާ ހަމައަށް، ޢަރަބިން ތާރީޚު ޖަހަމުން އައީ އެބައިމީހުންނާ ކުރިމަތިވި ބޮޑެތި ހާދިސާތަކާ ގުޅުވައިގެންނެވެ. މިސާލަކަށް ފީލުބާގައިގެ މީހުން ގެފުޅު މުގުރާން އައި އަހަރުން ފެށިގެން ތާރީޚު ޖަހާން ފެށުން ވެއެވެ.
މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ޚިލާފަތުގައި އަބޫ މޫސަލްއަޝްޢަރީގެފާނު ޢުމަރުގެފާނުގެ ފަރާތްޕުޅުން އަންނަ ފަތްކޮޅުތަކުގައި ތާރީޚު ޖައްސަވައިފައިނުވާތީ އެކަމުގެ ޝަކްވާދެންނެވިއެވެ. އެހިނދު ޢުމަރުގެފާނު މީސްތަކުން އެއްކުރައްވައި އެކަމާމެދު މަޝްވަރާކުރެއްވިއެވެ. ބައެއް ބޭކަލުން ރަސޫލާއަށް ރަސޫލުކަން ލިބިވަޑައިގެންނެވި ދުވަހުން ފަށައިގެން ތާރީޚު ޖެއްސެވުމަށް ދެންނެވިއެވެ. އަނެއް ބަޔަކު ރަސޫލުﷲގެފާނު އުފަންވެވަޑައިގެންނެވި ދުވަހުން ފަށައިގެން ތާރީޚު ޖައްސަވާން ފެށުމަށް ދެންނެވިއެވެ. އަނެއް ބަޔަކު ރަސޫލާ ސުވަރުގެވަޑައިގެންނެވި ދުވަހުން ފަށައިގެން ތާރީޚު ޖައްސަވާން ފެށްޓެވުމަށް ދެންނެވިއެވެ.
ސަޢިދު ބުނުލް މުސައްޔަބު ވިދާޅުވިއެވެ. [ޢުމަރުގެފާނު މީސްތަކުން އެއްކުރައްވައި ވިދާޅުވިއެވެ. އަހުރެމެން ތާރީޚު ޖަހަން ފަށާނީ ކޮން ދުވަހަކުން ފަށައިގެން ހެއްޔެވެ؟ ފަހެ ޢަލީގެފާނު ވިދާޅުވިއެވެ. ރަސޫލާ r ޝިރްކުގެ ބިން ދޫކުރައްވައިފައި ހިޖްރަކުރެއްވި ދުވަހުން ފަށައިގެންނެވެ. ޢުމަރުގެފާނު މި ރައުޔަށް ތާއީދުކުރައްވައި މުޙައްރަމު މަހުން އަހަރު ފެށުން ކަނޑައެޅުއްވިއެވެ.] އިބްނުލް ޖައުޒީ ވިދާޅުވިއެވެ. [ރަސޫލުކަމާއިގެން ފޮނުއްވި ދުވަހުން ތާރީޚު ޖައްސަވަން ނުފެށްޓެވީ އެ ދުވަހަކީ ކޮން ދުވަހެއްކަން ނޭނގޭތީއެވެ. އެކަމުގައި ރައުޔު ތަފާތުވެފައިވާތީއެވެ. ސުވަރުގެވަޑައިގަތް ދުވަސް ހަމަނުޖައްސެވީ އެއީ ހިތާމަވެރި ދުވަހަކަށް ވާތީއެވެ. މުޙައްރަމުގެ ފުރަތަމަ ދުވަހުން ފެށިގެން ތާރީޚު ޖައްސަވަން ފެށްޓެވީ ރަސޫލުﷲގެފާނު ހިޖްރަކުރެއްވުމަށް ޢަޒްމުކަނޑައެޅުއްވީ ބައިޢަތުލް ޢަޤަބާގެ ތެރޭގައެވެ. އެއީ ޛުލްޙިއްޖާ މަހުގެ ފަހުކޮޅުގައެވެ. އެ ބައިޢަތަށް ފަހު އައި ފުރަތަމަ ހަނދަކީ މުޙައްރަމު މަހުގެ ހަނދެވެ. އެއީ މީސްތަކުން ޙައްޖުގެ އަޅުކަންތައް ނިންމައިފައި މައްކާއިން ފައިބާ ވަގުތެވެ. އެއީ މުޙައްރަމު މަހުގެ ތެރޭގައި ކަމަށް ވާތީއެވެ.] މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު އަރިހުން ރިވާވެގެން ވާ ގޮތުގައި }وَالْفَجْرِ . وَلَيَالٍ عَشْرٍ[2]{ ފަޖުރަކީ މުޙައްރަމު މަހެވެ. އެއީ އަހަރުގެ ފަޖުރުކަމުގައި ވާތީއެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އިސްލާމީ ތާރީޚު ހިޖްރައިން ފެށުމާ ބެހޭ އިޝާރަތެއް ކީރިތި ޤުރްއާނުގައި އައިސްފައިވެއެވެ. ﷲ ތަޢާލާގެ މި ބަސްފުޅަކީ }لاَ تَقُمْ فِيهِ أَبَداً لَّمَسْجِدٌ أُسِّسَ عَلَى التَّقْوَى مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُواْ وَاللّهُ يُحِبُّ الْمُطَّهِّرِينَ{[3]-ދުވަހަކުވެސް ކަލޭގެފާނު އެ މިސްކިތުގައި (ނަމާދަށް) قائم ވެ ނުހުންނަވާށެވެ! ހަމަކަށަވަރުން، ފުރަތަމަ ދުވަހުއްސުރެން تقوى ގެ މައްޗަށް ބިންގާ އެޅުއްވި މިސްކިތެއްގައި (އެބަހީ: قُباء މިސްކިތުގައި) ކަލޭގެފާނު قائم ވެ ހުންނެވުން މާ حق ކަން ބޮޑެވެ. طاهر ވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައި ވެއެވެ. طاهر ވެގަންނަ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.)) ﷲ ތަޢާލާގެ ބަސްފުޅު }مِنْ أَوَّلِ يَوْمٍ - ފުރަތަމަ ދުވަހުއްސުރެން{އިން އެނގެނީ އިސްލާމީ ތާރީޚު ފަށާންޖެހޭނީ މި ހާދިސާއިން ކަމެވެ. އިބްނުލް ޤައްޔިމު ވިދާޅުވިއެވެ. [ޙައްޖުގެ މައްސަރުތަކާއި ރޯދައާއި ޢީދުތަކާއި އިސްލާމީ މޫސުންތައް އޮތީ ހަނދުގެ ހިސާބުކުރުމުގެ މަތީގައެވެ. އިރުގެ ހިސާބުކުރުންތަކުގެ މައްޗަކުނޫނެވެ. އެއީ ﷲގެ ޙިކްމަތްފުޅާއި ރަޙްމަތްފުޅާއި ދީން ރައްކައުތެރިކޮށްދެއްވުމުގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ. އެކަމުގައި ކުށްހެދުމާއި އޮޅުންއެރުން ނުވާތީއެވެ.އޭނާ ވިދާޅުވާ ގޮތުގައި ބަނީ އިސްރާއީލު ބާގައިގެ މީހުން މިޞްރަށް ދިޔުމުގެ ކުރިން އެމީހުން ތާރީޚު ޖަހަމުން ގޮސްފައިވަނީ ހަނދުމަހުންނެވެ. މިޞްރަށް ގޮސް މިޞްރު މީހުންނާ އެއްގޮތަށް އިރުމަހާ އެއްގޮތަށް ތާރީޚު ޖެހުން ބަދަލުކުރީއެވެ. އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. [މަށާ ހަމައަށް އައިސްފައިވާ ގޮތުގައި އަހުރެމެންގެ ކުރީގެ ޝަރީޢަތްތަކުގައި ވެސް ޙުކުންތައް ގުޅިފައިވަނީ ހަނދުމަހާއެވެ. ހުޅެވިހަނދު (ހިލާލު)އޭ ކިޔުނީ ލޮލަށް ފެންނަ އެއްޗަކަށް ވާތީއެވެ.] މާތް ﷲ ވަޙީކުރެއްވިއެވެ. }هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ ۚ مَا خَلَقَ اللَّهُ ذَٰلِكَ إِلَّا بِالْحَقِّ ۚ يُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ [4]- އެކަލާނގެއީ، އަލިކަމެއްކަމުގައި އިރު ލައްވައި، ނޫރެއްކަމުގައި ހަނދު ލެއްވި ރަސްކަލާނގެއެވެ. އަދި އެ ހަނދު ހިނގުމަށް منزلތަކެއް މިންވަރުކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުން އަހަރުތަކުގެ عددއާއި (މައްސަރުތަކާއި ދުވަސްތަކުގެ) حساب ދެނެގަތުމަށްޓަކައެވެ. حق ގޮތުން މެނުވީ، اللَّه، އެތަކެތި ނަހައްދަވައެވެ. އެނގޭބަޔަކަށް އެކަލާނގެ آيةތައް تفصيلކޮށްދެއްވަތެވެ.{ ހަނދުގެ ހިނގުމަށް މަންޒިލްތަކެއް ލެއްވީ އަހަރުތަކާއި މައްސަރުތައް ހިސާބުކޮށް ދެނެގަތުމަށް ޓަކައެވެ. އިރުން އެނގޭނީ ދުވަސްތަކެވެ. އަހަރުތަކާއި މަސްތައް އެނގޭނީ ހަނދުންނެވެ. އިބްނު ޢައްބާސް ވިދާޅުވާ ގޮތުގައި ރޭގަނޑަށް އިރެއް ދުވާލަށް އިރެއް ލެއްވިނަމަ ރޭގަނޑެއް އަނދިރިކަމެއް ނޯންނާނެތެވެ. (ނުނިމޭ)
1. تفسير الرازي : 16/50
2. الفجر:2-1
.3التوبة:108
4. يونس:5