ޙަކީމް ސަލްމާނު ފަހުމީ
3 ޖަނަވަރީ 2026
ޅެމުން ވެސް ފަރުވާ ހޯދޭނީ އިސްލާމީ އިމުގެ ތެރޭގައެވެ. ޝިފާދެއްވަނީ ﷲއެވެ.
ޚުލާސާ
މި ފަހަކަށް އައިސް، ދިވެހިރާއްޖޭގައި ނަފުސާނީ އަދި ޖަޒުބާތީ ފަރުވާއެއްގެ ގޮތުގައި ޅެންވެރިކަމުގެ ދިރާސާއާއި ސަގާފީ ޝައުޤުވެރިކަން އިތުރުވަމުން އެބަދެއެވެ. %100 މުސްލިމުންގެ ގައުމެއްގެ ގޮތުން، އަދި ބަހުގެ މުއްސަނދިކަމާއި ވާހަކަދެއްކުމުގެ އަދަބީ ތަރިކައެއް ލިބިފައިވާ ގައުމެއްގެ ހައިސިއްޔަތުން، އިސްލާމީ، ރޫޙާނީ، އަސާސްތަކާ އެއް ގޮތަށް ދިވެހިރާއްޖޭގެ ޅެންވެރިކަމުގެ ފަރުވާގެ އޮނިގަނޑެއް އޮންނާންޖެހޭކަމަށް ދެކެމެވެ. ދުނިޔަވީ ނަފުސާނީ ހޯދުންތައް ދިރާސާކުރާ އިރު، އިސްލާމްދީނާ ފުށުނައަރާ ހޯދުންތައް މި އޮނިގަނޑަށް އެއްކޮށްލެވިދާނެއެވެ.
މި ލިޔުމުގައި ދައްކުވައިދެނީ، ޅެންވެރިކަމުގެ ފަރުވާގައި އިސްލާމީ އަދި ދުނިޔަވީ އުޞޫލުތައް އެއްކޮށްލާ އިރު، ދިވެހި މުޖުތަމަޢުގައި ނަފުސާނީ ދުޅަހެޔޮކަމަށް ސަގާފީ ގޮތުން ބިންގާއެޅިފައިވާ، އަޚުލާޤީ ގޮތުން ސައްހަ، އަދި ސައިންސުގެ ހޯދުންތަކަށް ބިނާވެފައިވާ މަގެއްކަމުގައެވެ.
ތަޢާރަފު
ނަފުސާނީ ގޮންޖެހުންތައްކަމަށްވާ ކަންބޮޑުވުން، ހިތާމަވެރިކަން (ޑިޕްރެޝަން)އާއި، އިޖުތިމާޢީ ފިއްތުންތައް، މި ޒަމާނުގެ ދިވެހި މުޖުތަމަޢުގައި އިތުރުވަމުންދާކަން ދެނެގަނެވިފައިވެއެވެ. މި ކަންކަމަށް މައިގަނޑު ގޮތެއްގައި ނުފޫޒުފޯރުވަނީ ހަލުވިކަމާ އެކު އަންނަ ތަރައްޤީތަކާއި، އިގުތިޞާދީ ފިއްތުންތަކާއި، ސަގާފީ ބަދަލުތަކެވެ.
ދުނިޔޭގެ ފެންވަރުގައި، ޅެންވެރިކަމުގެ ބޭސްވެރިކަމަކީ ނަފުސާނީ ޢިލްމާއި އިންސާނިއްޔަތު (ހިއުމެނިޓީޒް)ގެ ތެރޭގައި އެކަށީގެންވާ ވަސީލަތެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމެކެވެ. ނަމަވެސް، އިސްލާމްދީނާއި، ރޫޙާނިއްޔަތުގެ އަސްލާ ދިމާނުވާ، ހަމަ އެކަނި ދުނިޔެވީ ގޮތެއްގައި ބިނާކުރެވިފައިވާ ޅެންވެރިކަމުގެ ފަރުވާއަކީ އިސްލާމީ މުޖުތަމަޢުތަކާ އެކަށީގެންވާ ވަސީލަތަކަށް ހެދުން ރައްކާތެރިއެއްނުވާނެއެވެ.
މުސްލިމު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެއަށް ލިބިފައިވާ، އިސްލާމީ އަޚުލާޤިއްޔާތާ އެއް ގޮތްވާ ފަރުވާގެ އުޞޫލުތައް ހޯދުމުގެ ޒިންމާއާއި ފުރުޞަތު ދޫކޮށްލައިގެންނެއްނުވާނެއެވެ. އަދި ދުނިޔަވީ ސައްހަ ޢިލްމަށް ހުޅުވައިލެވިފައި އޮތުމަކީ ވެސް މުހިންމު ކަމެކެވެ.
ފަރުވާއެއްގެ ގޮތުގައި ޅެންވެރިކަމުގެ އިސްލާމީ ބިންގާ
އިސްލާމްދީނުގައި ބަލިތަކުން ރަނގަޅުވުމަކީ ހަށިގަނޑަށާއި ރޫހަށް ކުރާ ފަރުވާއެވެ. މުސްލިމުންނަށް ބަލިތަކަށް ފަރުވާ ހޯދުމަށް ބާރުއަޅައިފައިވާ އިރު، ހަގީގީ ޝިފާ ދެއްވާ ފަރާތަކީ މާތްﷲކަމުގައި އީމާންވާން ޖެހެއެވެ. ކީރިތި ގުރުއާނުގެ އާޔަތެއްގެ މާނައިގައި ވެއެވެ: [އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަ ކުރައްވަނީ ހަމަ އެކަލާނގެއެވެ.] (ސޫރަތުއްޝުއަރާ 26:80).
ނަމާދުކުރުމާއި، ކެތްތެރިވުމާއި،ޞަދަޤާތްދިނުމާއި، މާތްﷲއަށް ވަކީލުކުރުމުން ބަލިވުމުގެ ދުވަސްވަރުގައި ހިތްހަމަޖެހުން ލިބިދެއެވެ. ރަސޫލުﷲ ﷺ ވެސް ފަރުވާ ހޯދުމަށް ބާރުއަޅުއްވައި، ކޮންމެ ބައްޔަކަށް ވެސް ޝިފާއެއްވާކަމަށް އިރުޝާދުދެއްވިއެވެ. އެހެންކަމުން، އިސްލާމްދީނުން ދަސްކޮށްދެނީ ބޭސްވެރިކަމުގެ މަސައްކަތާއި، އީމާންތެރިކަމާ ދެމެދު ހަމަޖެހުން އޮންނާންޖެހޭކަމެވެ.
ކުރު ގޮތަކަށް ދަންނަވާ ނަމަ، ބަލިތަކުން ރަނގަޅުވުމަކީ ހަށިގަނޑާއި، ސިކުނޑިއާއި، ރޫހާ ގުޅިފައިވާ ދަތުރެކެވެ. ބޭހުގެ ޒަރީއާއިން ނުވަތަ ގުދުރަތީ ގޮތުން ނުވަތަ އީމާންތެރިކަމުގެ ސަބަބުން ވިޔަސް، ފަރުވާއަކީ އިންސާނުންނަށް އުންމީދު ގެނެސްދޭ ކަމެކެވެ. އަދި މާތްﷲއަށް ބަރޯސާވާންޖެހޭކަން ހަނދާންކޮށްދޭ ކަމެކެވެ.
އިމާމް އައްޝާފިޢީއާއި ޖަލާލުއްދީން ރޫމީ ފަދަ ޢިލްމުވެރީންގެ ކްލެސިކަލް އިސްލާމީ ޅެންވެރިކަމަކީ، ކެތްތެރިކަމާއި، ﷲ ތަޢާލާގެ މިންވަރުފުޅަށް ރުހުމާއި، އަދި ހިތްހަމަޖެހުން އާލާކުރުމަށް ޓަކައި ގިނަ ދުވަސްތަކެއް ވަންދެން ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށްފައިވާ އެއްޗެކެވެ. އިސްލާމީ ވިސްނުމުގައި، ޅެންވެރިކަމަކީ ﷲ ތަޢާލާ ހަނދުމަކުރުމުގެ ތެރެއިން، ކަންބޮޑުވުމާއި، ހިތްދަތިކަން ފިލުވައިލުމަށް ފަރުވާ ދިނުމުގެ ވަސީލަތެކެވެ.
ދިވެހިރާއްޖެއަށް މި ފަދަ ރޫޙާނީ ބިންގަލެއް އެޅިފައިވާ ޅެންވެރިކަން އެއްކުރުމުން، ފަރުވާގެ އުޞޫލުތައް އިސްލާމީ ވަންތަކަމާއި އަޚުލާޤީ މިންގަނޑުތަކަށް ފައްތައިގެން ކުރިއަށްގެންދިއުން މުހިންމުކަމަށް ދެކެމެވެ.
ޅެންވެރިކަމުގެ ބޭސްވެރިކަމަށް ދުނިޔަވީ ނަޒަރަކުން
ދުނިޔަވީ ނަޒަރުން ބަލާއިރު، ޅެންވެރިކަމުގެ ބޭސްވެރިކަން، ނަފުސާނީ ޢިލްމުގެ ތެރޭގައި އިޙުސާސްތައް ފާޅުކުރުމުގެ އަދި ފިކުރުކުރުމުގެ އުޞޫލެއްގެ ގޮތުގައި ބަލައިގަނެއެވެ. ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ދިރާސާތަކުން ދައްކާ ގޮތުގައި ޅެންވެރިކަމުން:-
• ޖަޒުބާތުތައް ފާޅުކުރުމަށް ފަސޭހަކޮށްދެއެވެ.
• ނަފުސާނީ އުނދަގޫތައް ކުޑަކުރެއެވެ.
• އަމިއްލަ ނަފުސު ދެނެގަތުމާއި، ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހުނަރު އިތުރުކުރެއެވެ.
ޒަމާނީ ކްލިނިކަލް މާޙައުލުތަކުގައި ތަރައްޤީކުރެވިފައިވާ ޅެންވެރިކަމުގެ ފަރުވާގައި ދީނީ އަސާސްތަކެއް ނުހިމެނެއެވެ. ދިވެހި މާޙައުލުގައި، ސަގާފީ ގޮތުން ބަދަލުތަކެއް ނުގެނެސް ހަމައެކަނި ދުނިޔަވީ އުޞޫލުތައް ބަލައިގަތުމުން، ހިތްދަތިކަމާއި ފަރުވާގެ މާނަ ދީނާ ގުޅިފައިވާ ފަރާތްތަކުން އެކަހެރިވެދާނެކަމުގެ ބިރު އެބައޮތެވެ.
މި ތާނގައި މި ލިޔެލަނީ އިމާމު ޝާފިޢީ (ރަޙިމަޙުﷲ)ގެ މަޝްހޫރު ޅެމެކެވެ. މި ޅެމުން އިންސާނާގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައި ދެއެވެ.
[دَعِ الأَيَّامَ تَفْعَلُ مَا تَشَاءُ ، وَطِبْ نَفْسًا إِذَا حَكَمَ القَضَاءُ
(ދިރިއުޅުމުގެ ދުވަސްތަށް ދާނެ ގޮތަކަށް ހިނގަން ދޫކޮށްލާށެވެ. އަދި ތަޤްދީރުގެ ނިޔާ އިއްވައިފިނަމަ، ހިތްހަމަޖައްސާލާށެވެ.)
وَلَا تَجْزَعْ لِحَادِثَةِ اللَّيَالِي ،فَمَا لِحَوَادِثِ الدُّنْيَا بَقَاءُ
(ދިމާވާ ހާދިސާތަކަށް ހާސްނުވާށެވެ. އެހެނީ ދުނިޔޭގެ ކަންކަމަކަށް ދެމިހުރުމެއް ނުވެއެވެ.)
وَكُنْ رَجُلًا عَلَى الْأَهْوَالِ جَلْدًا ،وَشِيمَتُكَ السَّمَاحَةُ وَالْوَفَاءُ
(އުނދަގޫ ހާލަތްތަކުގައި ސާބިތުކަމާއެކު ހުރި މީހަކަށް ވާށެވެ. އަދި ތިބާގެ ސިފައަކީ ދީލަތިކަމާއި ވަފާތެރިކަން ކަމުގައި ވާށެވެ.)
وَإِنْ كَثُرَتْ عُيُوبُكَ فِي الْبَرَايَا ،وَسَرَّكَ أَنْ يَكُونَ لَهَا غِطَاءُ
(އަދި މީސްތަކުންގެ ތެރޭގައި ތިބާގެ އައިބުތައް ގިނަވެ، އެކަންކަން ފޮރުވޭނެ ގޮތެއް ލިބުން އެދޭނަމަ،)
تَسَتَّرْ بِالسَّخَاءِ فَكُلُّ عَيْبٍ ،يُغَطِّيهِ كَمَا قِيلَ السَّخَاءُ
(ހިތްހެޔޮކަމުން އެކަންކަން ފޮރުވާށެވެ. އަހަރެމެން ދަންނަފަދައިން، އެހެނީ ކޮންމެ އައިބެއް، ހިތްހެޔޮކަމުން ފޮރުވައެވެ.)
وَلَا تُرِ لِلْأَعْدَاءِ قَطُّ ذُلًّا ،فَإِنَّ شَمَاتَةَ الْأَعْدَاءِ بَلَاءُ
(އަދި ދެރަވެ، ހިތްދަތިވެ، މާޔޫސްވެފައިވާ ތަން އެއްގޮތަކަށްވެސް ދުޝްމަނުންނަށް ނުދައްކާށެވެ. ހަމަކަށަވަރުން ދުޝްމަނުންގެ މަލާމާތަކީ ބޮޑު ނުރައްކަލެކެވެ.)
وَلَا تَرْجُ السَّمَاحَةَ مِنْ بَخِيلٍ ،فَمَا فِي النَّارِ لِلظَّمْآنِ مَاءُ
(އަދި ދަހި މީހެއްގެ ކިބައިން ދީލަތިކަމެއްގެ އުންމީދު ނުކުރާށެވެ.
އެހެނީ އަނދާ އަލިފާނުގައި ކަރުހިއްކައިފައިވާ މީހަކަށް ފެނެއް ނުވާނެއެވެ.)
وَرِزْقُكَ لَيْسَ يُنقِصُهُ التَّأَنِّي ،وَلَيْسَ يَزِيدُ فِي الرِّزْقِ الْعَنَاءُ
(ކެތްތެރިކަމާއި އެކު ކަންކަން ކުރުމުން ތިބާގެ ރިޒުޤު، އުނިނުވާނެއެވެ. އަދި ޙައްދުފަހަނަޅާ މިނވަރަށް ކުރާ މަސައްކަތުން ރިޒުޤު ގިނައެއް ނުވާނެއެވެ.)
وَإِنْ نَزَلَتْ بِسَاحَتِكَ الْمَنَايَا ،فَلَا أَرْضٌ تَقِيكَ وَلَا سَمَاءُ
(އަދި މަރު ތިބާގެ ކައިރިއަށް އަތުވެއްޖެ ނަމަ، ފަހެ، ބިމާއި އުޑަކުން ވެސް ތިބާ ރައްކާތެރިއެއްނުކުރާނެއެވެ.)]