ޢަބްދުﷲ ސަޢީދު
26 ޑިސެންބަރު 2025
އެއްބައިވަންތަކަމުގެ ދުވަސް
އާބާދީ ތޮއްޖެހި، ތިމާވެށީގެ މައްސަލަތައް ކުރިމަތިވެފައި އޮތް މަސްވެރި ރަށެއްކަމުގައިވާ ރ. އަތޮޅު ކަނދޮޅުދޫއަކީ ސުނާމީ ކާރިސާގައި ދިވެހިރާއްޖެއިން އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ރަށެވެ. 2004 ޑިސެންބަރު 26ވަނަ ދުވަހު އެރި ސުނާމީއާ އެކު ގިނަ އަދަދެއްގެ ގޯތި ގެދޮރު ބިމާހަމަވެ، ކަނދޮޅުދޫ ރައްޔިތުން ހާލުގައި ޖެހުނެވެ. ސުނާމީ ކާރިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ބޮޑުކަމުން ހިތާ ދެކޮޅަށް ނަމަވެސް އަމިއްލަ އުފަން ފަސްގަނޑު ދޫކޮށް ފައިބާން މަޖުބޫރުވިއެވެ. ސުނާމީ ކާރިސާ ހިނގި އިރު އެ ރަށުގެ އާބާދީއަކީ 3،662 އެވެ.
ކަނދޮޅުދޫ ރައްޔިތުން އެ ރަށުން ފައިބައިގެން ދިޔައީ ރ. އަތޮޅުގެ އެކި ރަށްރަށަށެވެ. ކަނދޮޅުދޫ ރައްޔިތުން ވަގުތީ ގޮތުން ދިރިއުޅެމުން ދިޔައީ އަލިފުށްޓާއި، މަޑުއްވަރީއާއި، މީދޫއާއި، ހުޅުދުއްފާރާއި، އުނގޫފާރުގައި ސަރުކާރުން ބިނާކޮށްދެއްވި ވަގުތީ ހިޔާތަކުގައެވެ. ކަނދޮޅުދޫ ރައްޔިތުންނަށް ދާއިމީ ހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ޓަކައި ސަރުކާރުން ނިންމެވީ ކުރީ ޒަމާނުގައި މީހުން ދިރިއުޅުމަށް ފަހު، ފަޅުވެފައި އޮތް ރ. އަތޮޅު ދުވާފަރުގައެވެ. އޭރު ގާތްގަނޑަކަށް 47 ހެކްޓަރު ހުރި ދުވާފަރާއި ކަނދޮޅުދުއާ ދެމެދު 20 ކިލޯމީޓަރުގެ ދުރުމިނެއް ހުރެއެވެ. ދުވާފަރަކީ ފަޅާއި ފަރު އޮތް ގޮތުން މުސްތަޤުބަލުގައި ވެސް ބިންހިއްކައި ބޮޑުކުރެވެން އޮތް އުންމީދީ ރަށެކެވެ. ދުވާފަރުގައި ދާއިމީ ހިޔާވަހީގެ ގޮތުގައި ގެތައް ޢިމާރާތްކުރީ ސަރުކާރާއި، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީއިންނެވެ.
ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުކުރުމަށް ދިވެހި ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަނަށް ދީފައިވާ ނަމަކީ "އޮޕަރޭޝަން ދުވާފަރު - 2008" އެވެ. އޮޕަރޭޝަންގެ ކޮމާންޑަރަކީ ކޯސްޓްގާޑްގެ އޭރުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ 2008 ވަނަ އަހަރު ޑިސެންބަރުމަހުގެ 7 އިން 23އަށެވެ. މި އޮޕަރޭޝަންގައި ރ. އަތޮޅުގެ ފަސް ރަށުގައި ވަގުތީ ގޮތުން ދިރިއުޅެމުން ދިޔަ ކަނދޮޅުދޫ މީހުންނާއި އެ މީހުން ހިފައިގެންގުޅުނު އުފުލާ ހުރިހާ މުދަލެއް ސިފައިން ވަނީ ދުވާފަރަށް ބަދަލުކޮށްދީފައެވެ.
އޮޕަރޭޝަން ދުވާފަރު 2008 ފެށުމަށް ދިޔަ ދިވެހި ސިފައިންގެ ފައުޖު މާލެއިން ފުރީ 2008 ޑިސެންބަރު 7ގައެވެ. ވަރަށް ރަނގަޅަށް ރާވައި ތަދުބީރުކޮށްގެން މި އޮޕަރޭޝަން ޢަމަލީ ގޮތުން ފެށީ 9 ޑިސެންބަރު 2008 ގައެވެ. އޮޕަރޭޝަން ފެށިއިރު ވެސް މޫސުން ވަރަށް ގޯހެވެ. އެ ދުވަސްވަރު ދިމާވީ ދިވެހިރާއްޖޭގެ ދެ މޫސުން ބައްދަލުވާ ދުވަސްވަރަށެވެ.
2008ޑިސެންބަރު 9 ވަނަ ދުވަހު ދުވާފަރަށް ބަދަލުކުރުމުގެ މަސައްކަތްފެށީ ރ. އަލިފުށީގެ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން ގެންދިޔަ ކަނދޮޅުދޫ 47 މީހުންނެވެ. މޫސުން ތަންނުދިނުމުގެ ސަބަބުން އެ ރޭ އޮޕަރޭޝަން މެދުކަނޑައިލުމަށް ފަހު. ބަދަލުކޮށްނުދެވި ތިބި މީހުން ބަދަލުކުރީ 10 ޑިސެންބަރު 2008 ގައެވެ. އެ ދުވަހު ރ. މަޑުއްވަރީގައި ދިރިއުޅެމުން ދިޔަ ކަނދޮޅުދޫގެ 158 މީހުން ބަދަލުކޮށް ނިންމައިފައެވެ.
2008 ޑިސެންބަރު 11ވަނަ ދުވަހު ރ. މީދޫގައި ތިބި ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުކުރުމުގެ މަސައްކަތްފެށުނެވެ. މީދޫގައި ތިބި ކަނދޮޅުދޫ ރައްޔިތުންގެ ތެރެއިން 192 މީހުން އެ ދުވަހު ބަދަލުކުރިއެވެ. މޫސުން ތަން ނުދިނުމުގެ ސަބަބުން އެ ދުވަހު ބަދަލުކޮށްނުދެވުނު މީހުން ބަދަލުކުރީ 2008 ޑިސެންބަރު 12 ވަނަ ދުވަހުއެވެ. އެ ދުވަހު ބަދަލުކުރީ 37 މީހުންނެވެ. މި ދުވަހު ހުޅުދުއްފާރުގައި ތިބި ކަނދޮޅުދޫގެ 619 މީހުން ދުވާފަރަށް ބަދަލުކުރުމުގެ މަސައްކަތް ފެށިއެވެ. އެ ދުވަހު ބަދަލުކުރެވުނީ 190 މީހުންނެވެ. ހުޅުދުއްފާރުގައި ތިބި ކަނދޮޅުދޫ ރައްޔިތުން ބަދަލުކޮށް ނިންމާލެވުނީ 13 ޑިސެންބަރު 2008 ގައެވެ.
ކަނދޮޅުދޫ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ މީހުން ވަގުތީ ގޮތުން ދިރިއުޅެމުން ގެންދިޔައީ އުނގޫފާރުގައެވެ. އުނގޫފާރުގައި 2040 މީހުން ދިރިއުޅެމުން ގެންދިޔައެވެ. މި މީހުން ދުވާފަރަށް ބަދަލުކުރުމުގެ މަސައްކަތް ނިންމައިލެވުނީ 2008 ޑިސެންބަރު 23 ވަނަ ދުވަހުއެވެ. އުނގޫފާރުން 1709 މީހުން ސިފައިންގެ ބެލުމުގެ ދަށުން ދުވާފަރަށް ވަނީ ބަދަލުކޮށްދީފައެވެ.
މި އޮޕަރޭޝަންއަކީ މޫސުމީ ގޮންޖެހުންތަކާއެކުގައި ވެސް ރައްކާތެރިކަމަށް ބަލައިގެން ސިފައިން ރާވައި ހިންގައިފައިވާ ވަރަށް ކާމިޔާބު އޮޕަރޭޝަނެކެވެ.