ad_banner
އިރުމަތީން ނިއްވައިލި ދަންމަރު، ހުޅަނގުން ދިއްލުން

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

29 ނޮވެންބަރު 2025

އިބްނު ރުޝްދުގެ ސިފައިގައި ހަދައިފައިވާ ހަނދާނީ ބިނާއެއް

އެ މުފައްކިރަކީ ވިލާތުގެ ކަނީސާތަކުގެ ބިންގާ ގުޑުވައިލި ޙިކުމަތްތެރިޔާއެވެ. ރަސްރަސްކަލުންނާއި، ރައީސުންނަށް ވުރެ ޤަލަމުގެ ބާރު އަބަދު ވެސް ގަދަވާނެއެވެ. އަދި އޭނާގެ ފިކުރަކީ ދީނީ ޢިލްމުވެރީންނަށް ކުރިމަތިވި ބޮޑު ބިންހެލުމެކެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އަންދަލުސްގެ މީރުވަސްދުވާ ފަސްގަނޑުންނެވެ. އެ ފަސްގަނޑަކީ ދީނީ ޢިލްމުވެރީންނާއި، ސައިންސުވެރީންނާއި، ޑޮކްޓަރުންނާއި، ޝާޢިރުންނާއި، ފަލަކީ ޢިލްމުވެރީންނާއި، ހިސާބު ޢިލްމުވެރީންނާއި އަދި ފަލްސަފާވެރީން އުފެއްދި އަންދަލުސްގެ މަތިވެރި ފަސްގަނޑެވެ. ނަމަވެސް، އޭނާގެ އަޑުފުޅު ޕެރިހާއި، ރޯމާއި އަދި ފްލޮރެންސްގެ ކަނީސާތަކާ ހަމައަށް ފޯރިއެވެ.

އެ ތަންތަނަކީ، އީމާންކަމުގެ ނަމުގައި ފިކުރު ޤައިދުކުރެވިފައިވާ ތަންތަނެވެ. އޭނާ ވަނީ އިންސާނުންގެ ބުއްދިއަށް ޙައްޤު މަޤާމު ހޯދައިދީ، ތަޚުތާއި ތާޖާ ހަމައަށް އުފުލައިދީ، މަތިވެރިކޮށް ދީފައެވެ. އަދި އޭނާގެ، އެ ހިތްވަރުފުޅު ވެގެން ދިޔައީ، ވިލާތުގެ ފިކުރީ އިންޤިލާބުގެ ފުރަތަމަ އަލިފާން ކަންޏަށެވެ.

އެއީ [އަބޫ އަލް ވަލީދު މުޙައްމަދު ބިން އަޙުމަދު ބްނު ރުޝްދު]އެވެ. އެއީ، ޤުރުޠުބާގެ ފަލްސަފާވެރިޔާ، ފަނޑިޔާރު، ޑޮކްޓަރު، މަންޠިޤުގެ ޢާލިމު އަދި މުޖުތަހިދެވެ. އޭނާގެ ޤަލަންކޮޅުން އަރުސްޠޫ ތަފުސީރުކޮށްދެއްވުމުގައި ވާސިލުވެވަޑައިގަތް ފުންމިނުގެ ސަބަބުން، އޭނާއަށް [ދެވަނަ އަރުސްޠޫ] އަދި [މަތިވެރި ޝާރިޙު]ގެ ނަންފުޅުން މުޚާޠަބުކުރެވުނެވެ.

އެކަމަކު، އިބުނު ރުޝްދުގެ އަސްލު ކުށަކީ އޭނާ، ފަލްސަފާވެރިއަކަށް ވެވަޑައިގަތުމެއްނޫނެވެ. އޭނާގެ ކުށަކަށްވީ އޭނާ ދެއްކެވި ވާހަކަފުޅުތަކެވެ.

[ބުއްދިއާއި ވަޙީއަކީ ނަފުސުތައް ތެދު ޙަޤީޤަތަށް ވާޞިލުކޮށްދޭ ދެ މަގެވެ. އަދި ދުވަހަކުވެސް، ފުށުއެރުމެއް އުފެދިއްޖެ ނަމަ، ބުއްދީގެ މަގު ދޫކޮށްނުލާށެވެ. ސަބަބަކީ ބުއްދިއަކީ މާތްރަސްކަލާނގެ ދެއްވި އެންމެ ބޮޑު ނިޢުމަތެވެ.]

މި ވާހަކަތަކަކީ، ކަނީސާތަކާ ދެކޮޅަށް ބަޣާވާތް އިޢުލާންކުރުމެވެ. އީމާންކަމުގެ ނަމުގައި ސުވާލުކުރުމުގެ ހުއްދަ ނޯންނަ ތަންތަނުގައި، މުސްލިމު މުފައްކިރަކު އީމާންކަމަކީ ސަބަބެއް ނެތި ފުރިހަމަނުވާނެ އެއްޗެއް ކަމުގައި އިޢުލާނުކުރެއްވިއެވެ.

އޭނާގެ ފިކުރުތައް ޤުރުޠުބާއިން އުދުހިފައި ގޮސް ޕެރިހާއި ބޮލޮންޏާއި ފްލޮރެންސްގެ ވައިގެ ތެރޭގައި ހޯރައަޅާން ފެށިއެވެ. އޭނާގެ ފޮތްތައްކަމަށްވާ 'ތަޙާފަތުއްތަޙާފަތު'، 'ފަޞްލުލްމަޤާލް'، އަދި 'އަލްކަޝްފު ޢަން މަނާހިޖުލްޢަދުލާ' ލެޓިން ބަހަށް ތަރުޖަމާ ކުރެވުނު ހިނދު، ވިލާތުގެ ޒުވާނުންގެ ސިކުނޑީގައި ޠޫފާނެއް އުފެދުނެވެ.

އެ މީހުން އަމިއްލައަށް، އެ މީހުންނަކީ އިބުނުރުޝްދުންކަމަށް ކިޔާން ފެށިއެވެ. އެއީ، ފަލްސަފާއަކީ މިނިވަން އެއްޗެއްކަމަށާއި، އަދި ބުއްދިއަކީ މިނިވަން އެއްޗެއްކަމަށް ބުނި އިބުނު ރުޝްދުގެ ތާބިޢީންނެވެ.

އެކަމަކު، މިނިވަންކަމުގެ މި ޝިޢާރު ކަނީސާތަކަށް ކަމަކު ނުދިޔައެވެ. ޔުނިވަރސިޓީ އޮފް ޕެރިހުން އިބުނު ރުޝްދުގެ ފިކުރުތައް މަނާކުރިއެވެ. އޭނާގެ ފޮތްތައް އަންދައިލައި، ފަލްސަފާތައް ޤައިދުކުރިއެވެ. އަދި [ކުފުރުގެ ތުހުމަތުގައި] ދިރި ތިއްބައި އެތައް ބަޔަކު އަންދައިލިއެވެ. އެކަމަކު، އަލިފާނުން ފިކުރުތައް ފަތަޙަކޮށްފައިވަނީ ކޮން އިރަކުހެއްޔެވެ؟ އަދި އަލިފާންގަނޑު ނިވުމާ އެކު އަޅީގެތެރެއިން ފިކުރުތައް އަލުން އުފަންވާކަމެއް ހަމަ ނޭނގޭހެއްޔެވެ؟

ރޫމީންގެ މަޝްހޫރު ކުރެހުންތެރިޔާ މައިކަލް އެންޖެލޯ، [ދަ ލާސްޓް ޖަޖްމަންޓް] ކުރެހި އިރު، ކަނީސާތަކުން ނިންމައިފައިވާ ފަދައިން، އިބުނު ރުޝްދަކީ ތާއަބަދަށް ނަރަކައިގެ އަހުލުވެރިއެއް ގޮތުގައި ސިފަވާ ގޮތަށް އޭނާގެ ކުރެހުމުގައި ދައްކައިލައިފައިވެއެވެ.

އެކަމަކު، ތާރީޚު، ޚުދު އޭގެ ވިސްނުން ބަދަލުކުރިއެވެ. އޭގެ ދެތިން ޤަރުނު ފަހުން ހަމަ އެ އިބްނު ރުޝްދަށް [މަތިވެރި މުފައްސިރު]ގެ ނަމުން ނަންދެވުނެވެ. އަދި އޭނާގެ ފިކުރުތަކުން ރެނެސަންސް - ޔޫރަޕްގެ ފިކުރީ ހޭލުންތެރިކަމުގެ ބިންގާ އެޅުނެވެ.

ގެލީލިއޯ، ކޮޕަރނިކަސް، ޑެސްކާރޓްސް ފަދަ ފަލްސަފާވެރީން ތިބީ ހަމަ އެ އަލި ދަންމަރުގެ އަލިކަމުގެ ނުފޫޒުގެ ދަށުގައެވެ.

ޤުރުޠުބާއިން ވިދައިލި ބުއްދީގެ އަލިން، ޔޫރަޕްގެ ކޮންމެ ކަނެއް ޢިލްމުގެ އަލީން އަލިވެގެން ދިޔައެވެ. އެކަމަކު، ހިތާމައަކީ، އެ އަލި ވިލުނު ތަނަށް އަނދިރިކަން ވެރިވެގެން ދިޔުމެވެ.

ޢައްބާސީ ޚިލާފަތު ފުނޑުފުނޑުވެ، އަންދަލުސް ވެއްޓެމުން ދިޔަ ދުވަސްވަރު، ދީނީ ތަފުސީރުކުރުން އޮތީ މަދު ބަޔެއްގެ އަތްމަތީގައެވެ. އެ ފަދަ ދުވަސްވަރެއްގައި، އިބުނު ރުޝްދު ލިޔުއްވައިފައިވެއެވެ.

[ވަޙީގެ ރިސާލަތަކީ ބުއްދިއާ އެއްވެސް ފުށުއެރުމެއް ނެތް ރިސާލަތެކެވެ. ފަލްސަފާއަކީ ވެސް މާތްރަސްކަލާނގެ އާޔަތްތައް ފަހުމުކޮށް ދެނެގަތުމުގެ ވަސީލަތެކެވެ.]

އޭނާގެ އެ ބަސްތައް ކުށަކަށް ވެގެން ދިޔައެވެ. އެއް ޒަމާނެއްގައި އޭނާއަށް ޤަދަރާއި އިޙުތިރާމުކުރެއްވި ޚަލީފާ ޔޫސުފް އަލްމަންސޫރަށް ޢިލްމުވެރީންގެ ފިއްތުންތައް ކުރިމަތިވިއެވެ. އިބުނު ރުޝްދުގެ ފޮތްތައް އަންދައިލެވުނެވެ. އަދި އޭނާ ލުސީނާއަށް އަރުވައިލެއްވުނެވެ. އެ ތަނުގައި އޭނާ ހިމޭންކަމާ އެކު އަވަހާރަވީއެވެ. އެކަމަކު، އޭނާގެ ފިކުރުތަކެއް މަރެއް ނުވެއެވެ. އެތައް ހާސް މޭލެއްގެ ދުރުގައި ވިލާތުގެ އިސްކޫލްތަކުގައި، އޭނާގެ ހަނދާންތައް އާކުރެވުނީ [އަވެއްރޯއިސް]ގެ ގޮތުގައެވެ.

އެއީ މިހާރު ވެސް ގުގުމައިލައިފައިވާ ހިތާމަވެރި ތާރީޚީ މުސީބާތެކެވެ. އިރުމަތީން ކުފުރުކަމަށް ބެލެވުނު އެއްޗެއް، ހުޅަނގުން ޢިލްމުގެ މަސްދަރުގެ ގޮތުގައި ޤަބޫލުކުރީއެވެ. އޭނާގެ އަމިއްލަ ޤައުމުގެ މީހުންގެ ތެރޭގައި ބީރައްޓެއްސެއްގެ ގޮތުގައި ބެލެވުނު މީހާ، އެންމެ ފަހުން ވެވަޑައިގަތީ އެހެން މީހުންނަށް، ބުއްދިއާއި މަންޠިޤުގެ އިމާމަކަށެވެ.

އިބްނު ރުޝްދުގެ ވާހަކައަކީ ފަލްސަފާވެރިއަކު އަރުވައިލެވުނު ވާހަކައެއް ނޫނެވެ. އެކަމަކު، އެއީ ޢިލްމާއި ފިކުރުގެ ނިއްވައިނުލެވުނު އަލި ދަންމަރެއްގެ ވާހަކައެވެ. އެންމެފަހުން، އެ އަލި ދަންމަރުގެ މިސްރާބު ބަދަލުވީއެވެ. އިރުމަތީން ހުޅަނގަށް، ޖާހިލުކަމުން ޢިލްމަށް، އީމާންކަމުން ބުއްދިއަށެވެ. އަދި ފަހަރެއްގައި، އެއީ އޭނާގެ ދާއިމީ ކާމިޔާބީ އަށް ވެސް ވެދާނެއެވެ.

ކޮމެންޓު