ad_banner
އިމާމުންނާއި ޚަޠީބުން ތާޒާކުރުން – ސިލްސިލާކޮށް ހިންގާން ޒަރޫރަތެއް!

ހުސައިން ނައުޝާދު

25 ނޮވެންބަރު 2025

ފަޟީލަތުއްޝައިޚު މުޙަންމަދު ލަޠީފު: އިއްޔެގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ (ފޮޓޯ: އިސްލާމީކް ސްޓޫޑިއޯ)

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޒާތުފުޅު ފިޔަވައި އެހެން ކޮންމެ އެއްޗަކީ ވެސް ބާވެ ހަލާކުވެ ނެތިދާނެ އެއްޗެކެވެ. އެކަލާގެ ޚަލްޤުކުރެއްވި އެންމެ ހައި މަޚުލޫޤާތު (ކޮންމެ އެއްޗަކާއި ކަމަކާއި ތަނެއް) މި ހަގީގަތާ ކުރިމަތިލާން ޖެހެއެވެ. އެއްޗެއްސާއި ތަންތަން އާބާތުރަ ފިލުވައި މަރާމާތުކުރާން ޖެހެނީ އެހެންވެއެވެ. މީހުންނަށް ލިބިފައިވާ ޢިލްމާއި މަޢުލޫމާތު ވެސް މި ކަމަކުން އިސްތިސްނާއެއް ނުވެއެވެ. ދޭތެރެ ދޭތެރެއިން މުތާލިއާކޮށް މުރާޖާނުކުރާ ނަމަ، [ހިރަފުސްއަރައި] ތާޒާކަން ގެއްލިދާނެއެވެ. އެންމެ ފަހުން ހަނދާނުން ވެސް ކެހިގެން ހިނގައިދާނެއެވެ. ޢަމުދުން މި ޒަމާނުގައި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ އެކު، ހޯދޭ އާ މަޢުލޫމާތާއި ލިބިފައިވާ މަޢުލޫމާތު އަދާހަމަކުރުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ.

މި ފަދަ ސަބަބުތަކަށް ޓަކައި އެކި ވަޒީފާތަކުގައި އުޅުއްވާ މުވައްޒަފުން އަބަދާއި އަބަދު ތާޒާކޮށް ވަޒީފާއަށް އަހުލުވެރިކޮށް ޒަމާނަށް އަންނަ ބަދަލުތަކާ އަދާހަމަކުރުމަކީ ޒަރޫރަތެކެވެ.

ބައެއް ކަހަލަ ކަންކަން ތާޒާކުރުމަށް ޓަކައި ހަމައެކަނި ޢަމަލީ މަސައްކަތުން ފުދެއެވެ. އެއީ އެ މަސައްކަތެއްކުރުމުގެ ތެރެއިން އިތުރު ތަޖުރިބާތައް ލިބޭތީއެވެ. ނަމަވެސް ބައެއް ކަހަލަ ވަޒީފާތަކަކީ ހަމަ އެކަނި އެ ކުރާ ކަމެއް ކުރާ ގޮތަށް ތަކުރާރުކޮށް ކޮށްލަކޮށްލައި ތިބެގެން އިތުރު ތަޖުރިބާއެއް ލިބޭނެ ކަންކަމެއް ނޫނެވެ.

ތަމްރީނު ޕްރޮގްރާމުގެ ފުރތަމަ ދުވަހުގެ ދަންފަޅިތަކުގެ ތެރެއިން. . .

މި ގޮތުގެ މަތީން މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނާއި ޚަޠީބުން އަބަދުވެސް ތާޒާކޮށް ކުރިއެރުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ އިސްކަމެއް ދެއްވައެވެ. މި ބޭބޭފުޅުންނަށް އިތުރު ހުނަރާއި މަޢުލޫމާތު ފޯރުކޮށްދެއްވުމާ އެކު، ރާއްޖެއިން ބޭރުން ތަޖުރިބާ ޙާޞިލުކުރެއްވުމުގެ ފުރޞަތު ވެސް ދޭތެރެދޭތެރެއިން ފަހިކޮށްދެއްވައެވެ. އަދި ރާއްޖޭގެ ޢިމްމުވެރީން މެދުވެރިކޮށް އެ ބޭފުޅުންގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކޮށްދެއްވުމަށް ޓަކައި އެތައް ފުރުޞަތުތަކެއް ފަހިކޮށްދެއްވައެވެ.

މި ދެންނެވި ސިލްސިލާ ކަމާކެމީގެ ތެރެއިން އިއްޔެ ވެސް ޚާއްޞަ ޕްރޮގްރާމެއް ފައްޓަވައިގެން މިހާރު ކުރިއަށް އެބަ ގެންދަވައެވެ. މާލެ ސިޓީގެ މިސްކިތްތަކުގެ އިމާމުންނާއި ޚަޠީބުން ތާޒާކުރެއްވުމަށް ޓަކައި އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް (ނޮވެންބަރު 24އިން 26އަށް) ކުރިއަށްދާ މި ޕްރޮގްރާމް، އިއްޔެ ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ އިޙުތިފާލެއްގައި، ރަސްމީކޮށް ފައްޓަވައިދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު އަދި މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚު މުޙަންމަދު ލަޠީފެވެ. އިއްޔެގެ އިފުތިތާޙީ ޖަލްސާގައި އެ މަނިކުފާނު ދެއްކެވިވާހަކަފުޅުގައި އިމާމުންނާއި މުދިމުންގެ މުހިންމުކަމާއި އިސްލާމް ދީން އެ ބޭފުޅުންނަށް ދެއްވައިފައިވާ ޝަރަފުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި އިމާމުންނާއި ޚަޠީބުންގެ ސުލޫކު ހުންނާންވީ ގޮތުގެ މައްޗަށް ވެސް ބައްލަވައިލެއްވިއެވެ.

އިމާމުންނާއި ޚަޠީބުން ތާޒާކުރެއްވުމަށް ތިން ދުވަހުގެ މުއްދަތަށް ހިންގަވާ މި ތަމްރީނު ޕްރޮގްރާމުގައި މަދަނީ މުވައްޒަފުންގެ ގަވާއިދާއި ސުލޫކީ މިންގަނޑުގެ މައްޗަށް ވެސް ކަމާ ބެހޭ އިދާރީ ބޭފުޅުން އިއްޔެ މަޢުލޫމާތު ދެއްވިއެވެ. އަދި އިސްލާމީ އަޚުލާޤުގެ މައްޗަށް ވެސް ދީނީ ޢިލްމުވެރިއަކު މަޢުލޫމާތުދެއްވިއެވެ. މީގެ އިތުރަށް ޤުރުއާންކިޔެވުމުގެ ފަންނާއި ޢީލްމާއި ރާގު ފަރިތަކޮށްލުމެއް ވެސް އެ ދާއިރާގެ ޢިލްމުވެރިއަކު މެދުވެރިކުރައްވައިގެން އިއްޔެ ކުރިއަށް ގެންދެވުނެވެ.

މިއަދު ހެނދުނު 8:30އިން ފެށިގެން މި ރޭ 22:30އަށް ކުރިއަށް ރޭވިފައި ހުރި ދަންފަޅިތަކުގައި އަޅުކަމުގެ ފިޤުހާއި އިސްލާމީ ޢަޤީދާގެ އިތުރަށް ޤުރުއާން ކިޔެވުމުގެ ޢިލްމާއި ހުނަރާއި ފަންނާ ބެހޭ އިތުރު މަޢުލޫމާތު ފޯރުކޮށްދެވޭނެކަމަށް އެނގިފައިވެއެވެ.

ތާޒާކުރުމުގެ މި ތަމްރީނު ޕްރޮގްރާމުގައި މާދަމާއަށް ތާވަލުކުރެވިފައިވަނީ ބަންގި ގޮވުމާއި ޚުޠުބާދިނުމުގެ ފަންނުގެ މައްޗަށް ޕްރޮގްރާމުގެ ބައިވެރީން ތާޒާކޮށްލުމެވެ. މިއިން ކޮންމެ ދަންފަޅިއެއްގައި ވެސް މަޢުލޫމާތުދެއްވަނީ އެ ދާއިރާއެއްގެ އެންމެ ތަޖުރިބާކާރު ބޭފުޅުންކަން ވެސް ފާހަގަކޮށްލެވެއެ.

[ފަރަގު] މީޑިއާއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްރޮގްރާމުގެ ނިމުން ފާހާގަކުރުމަށް ޓަކައި ބާއްވާ ރަސްމިއްޔާތު އޮންނާނީ މާދަމާރޭ 21:15ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

 

ބައެއް ލަފުޒުގެ މާނަ:

ކަމާކެމި    ނ.   ކަމެއްގައި އެކުލެވިގެންވާ ހުރިހައި ކަމެއް.  programme; schedule

ދަންފަޅި    ނ.   (1) އެއް ކަމަކާ ބެހޭގޮތުން ބާއްވާ ޖަލްސާތަކަކުން ޖަލްސާއެއް. (2) ދުވާލަކު އިސްކޫލުގެ ކިޔެވުން އޮންނަ ގަޑިތައް. (3) ޝަރީއަތެއް ހިނގަމުންދާ އިރު، ނުވަތަ ތަމްރީނެއް ހިންގާ އިރު، ބާއްވާ ކޮންމެ ބައްދަލުވުމެއް. (4) ފޯރިބަހައިގެން ތިބޭ މީހުން ތިބޭން ޖެހޭ ގަޑިތައް.   session

ތާޒާކުރުން   މ.   (1) މަޢުލޫމާތާއި ތަޖުރިބާތަކުގެ ހަނދާން އާކޮށްލުން. (2) އާކުރުން. refresh

ސިލްސިލާ   ނ.   (1) އެކައްޗެއްގެ ފަހަތުން ވިދިގެން، އޭގެ އަނެކައްޗެއް އަންނަ ގޮތަށް ހުންނަ އެއްޗެހި. (2) ޗޭނު. series

ޒާތުފުޅު    ނ.   މާތްاللهގެ ވަޖުހުފުޅު.

ޕުރޮގުރާމު  ނ.   (1) ކަމެއްގެ ތެރޭގައި ހިމެނޭ ތަފާތު ބައިތައް ހިނގަމުންދާ ގޮތުގެ ތަރުތީބު ކަނޑައަޅައިފައިވާ ކަނޑައެޅުން. (2) ކަމެއްކުރާން ރާވައިފައިވާ ގޮތް. (3) ކޮންޕިޔުޓަރުގައި މަސައްކަތެއްކުރުމަށް ދޭ އިރުޝާދުތައް. programme

ކޮމެންޓު