އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
27 އޮކްޓޯބަރު 2025
މާއްދީ ވާވެލާވެލީގެ ބައެއް ބާވަތްތައް
މިއީ އޮޑިދޯނިފަހަރުގެ ވާވެލާވެއްޔެއްނޫނެވެ. މިއީ އެއަށް ވުރެ މާ މުހިންމު ވާވެލާވެލިތަކެކެވެ. ޙަޔާތާއި މަރާއި ދިރިހުރުމާއި ޢަޤީދާއާ ގުޅިފައިވާ ވާވެލާވެލިތަކެކެވެ.
1- އެންމެ ފައިދާ ބޮޑު ވަލަކީ: މައިމީހާއާ ދަރިފުޅާ ގުޅުވައިދޭ ފޫޅުގެ ވަލެވެ. ދަރިފުޅު މައިމީހާގެ ބަނޑުތެރޭގައި ދިރި އޮންނަނީ މި ވާފަށުގެ ތެރެއިން ލިބޭ ކާނާއިންނެވެ. މައިމީހާއާ އެކު ކުރެވޭ މުވާޞަލާތީ ގުޅުންތަކުންނެވެ.
2- އެންމެ ބިރުވެރި ވަލަކީ: ދަންޖައްސާ ވަލެވެ. މި ވާގަނޑުގެ ސަބަބުން މީހާ މަރުވެ ފަނާވެގެންދެއެވެ.
3- އެންމެ ހިމަ ވަލަކީ: ޚިޔާލުގެ ވަލެވެ. ވަރަށް އަވަހަށް ކަނޑައިގެން ހިނގައިދާނެއެވެ. ކަމަކާ މެދު ވިސްނައި ފިކުރުކުރުމަށް ޓަކައި ހަމަހިމޭން މާޙައުލަކަށް ބޭނުންވަނީ މިހެންވެގެންނެވެ. މަޑުމަޑު ރޯޅިއަކުން ވެސް މި ވައުފަށް ކެނޑިގެން ހިނގައިދާނެއެވެ.
4- އެންމެ ކުރު ވަލަކީ: ދޮގުގެ ވަލެވެ. ފެށޭ ހިސާބުން މި ވާފަށް ކެނޑިގެން ހިނގައިދާނެއެވެ.
5- އެންމެ އުއިތައް ހެޔޮ ވަލަކީ: ކުލުނުގެ ވަލެވެ. މިއީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ މީސްތަކުންނަށް ލައްވާފައިވާ ރަޙްމަތުގެ ވަލެވެ. މި ވާފަށް ކަނޑައިނުލުމަށް މާތް ﷲ އަންގަވައެވެ.
6- އެންމެ ގާތުގައިވާ ވަލަކީ: ކަނދުރާގެ މައި ނާރެވެ. ﷲ ޢައްޒަ ވަ ޖައްލަ، ق ސޫރަތުގެ 16ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. ((وَلَقَدْ خَلَقْنَا ٱلْإِنسَٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ - އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ نفس އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށް ވުރެ ވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ.))
7- އެންމެ ސަލާމަތްކަން ބޮޑު ވަލަކީ: ތައުބާގެ ވަލެވެ. މި ވައުގަނޑު ގެއްލިއްޖެނަމަ ވާވަދެދާނެއެވެ. ފާފަތައް ފުނިޖެހިދާނެއެވެ. ތައުބާވާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
8- އެންމެ މާތް އެންމެ މަތިވެރި ވަލަކީ: ﷲގެ ވަލެވެ. އެއީ ﷲގެ ދީނެވެ.މިއީ ކަނޑައިގެންނުދާނެ ވައުފަށެކެވެ. މާތްﷲ އާލު ޢިމްރާނު ސޫރަތުގެ 103ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. ((وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِۦٓ إِخْوَٰنًا - ތިޔަބައިމީހުން އެންމެން اللَّهގެ دينގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން عداوةތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރިކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި نعمةގެ ސަބަބުން ތިޔަބައިމީހުންނީ أخންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން سلامةކުރެއްވިއެވެ. اللَّه، އެކަލާނގެ آيةތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެ ފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށް ޓަކައެވެ.)) މުސްލިމުތަކުން އަޚުވަންތަވީ މި ވާފަށުގެ ސަބަބުންނެވެ. ހިތްތައް އެކުވެރިވީ މި ޢަޤީދާގެ ސަބަބުންނެވެ. މި ވާފަށް ކަނޑައިނުލާށެވެ! ކަނޑު ގަދަވާ އިރު، ސަލާމަތްވުމަށް އަޅާން އޮތީ މި ބޮޔެވެ.