ad_banner
އާދަޔާ ޚިލާފު ރުކެއް މާވަށުގައި - ސަމާލުކަން ބޭނުންވޭ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

26 އޮކްޓޯބަރު 2025

މިއީ ގިނަ ގޮފިތަކެއް ހުރި ރުކެކެވެ.

ދިވެހިރުކަކީ އަދި ރުކުގެ ޢާއިލާގެ އެއްވެސް "ގަހަކީ" މައިގަހުން ގޮފި ފަޅައިފައި ހުންނަ އެއްޗެއް ނޫނެވެ. މައިގަހުގެ ކުރި ނޫން ކުރިއެއް އާންމު ގޮތެއްގައި ރުކަކު ނުހުންނާނެއެވެ. އެ ކުރި، މައިގަސްގަނޑު، ހެދެމުންހެދެމުން ދިގުވަމުން ގޮސް ބިމުން ނަގާ ކާނާ ފޯރުން އުނދަގޫވާ ހިސާބަށް ދިގުވުމުން ރުއް "އޮއްސެއެވެ." މާނައަކީ ފަންތައް ކުދިވަމުން ގޮސް ކުރިގަނޑު މަރުވެދެއެވެ. މިއީ ދިވެހި ރުކުގެ އާންމު އުސޫލެވެ. ނަމަވެސް "ޖެނެޓިކް" ކޮންމެވެސް ސަބަބަކާ ހުރެ، ދެ ގޮފި ތިން ގޮތި އަދި އެއަށް ވުރެ ގިނަ ގޮފި ހުންނަ ރުއްރުއް ވެސް މަދުމަދުން އެކި ރަށްރަށުގައި ހުރެއެވެ. ހައްދުންމަތީ ކުޑަފުށީގައި 54 ގޮފި ހުރި ރުކެއް މީގެ ތިރީހަކަށް އަހަރު ކުރީން އަޅުގަނޑު ދުށީމެވެ. ބަޔަކު އެ ރުކުގެ ހިކި ފަންތަކުގައި ރޯކޮށްލުމުން ރުއް އަދައިގެން މަރުވީއެވެ.

ކެޔޮގަހުގައި ނިރުއަރާހެން ބުޑުދޮށުން ނިރުފަޅައިގެން ހެދޭ ރުކަކީ ވަރަށް ތަދު ވައްތަރެކެވެ. ނަމަވެސް މި ވައްތަރުގެ ރުއް ވެސް މަދުމަދުން ހުންނަކަމަށް ވެއެވެ. ރުއް ފެންނަ އިރު ހީވާނީ ރުކުގެ ބުޑުދޮށުގައި ކާށިތަކެއް އިންދައިގެން ރުއް ފަޅުވައިފައި ހުންނަހެންނެވެ. ނަމަވެސް ކޮނެލީމާ އެއީ ކެޔޮގަހުގައި ނިރު އަރާހެން، ރުކުގެ ބުޑުން ފަޅައިގެން ހެދޭ ނިރުތަކެއްކަން އެނގެއެވެ.

މި ވައްތަރުގެ ރުކެއް ހައްދުންމަތީ މާވަށު ބަނދަރުގެ އުތުރު ފަރާތު ކަނާ ދިމާގައި (މިހާރު އޮތް ބޯޅަދަނޑުގެ އިރުމަތީ ފަރާތުގައި) އެބަހުއްޓެވެ. މިއީ ކިހައި މުހިންމު ރުކެއްކަން ވަޒަންކުރެވެނީ އެ ރަށަށް ޒިޔާރަތްކުރާ މީހުންނަށެވެ. އެ "ރުއްފީނި" ފެނިފެނި އެއީ އާދަޔާ ޚިލާފު ރުކެއްކަމުގެ އިޙުސާސެއް އެ މީހުންނަށް ނުކުރެވިދާނެއެވެ. އެއީ އަބަދު ލޯމަތީން ފެންނާން ހުންނަ އެއްޗަކަށްވާތީކަމަށް ވެދާނެއެވެ. ނަމަވެސް އެއީ ރަށަށް ޒިޔާރަތްކުރާ މީހުންނަށް ޓަކައި ރީތިކޮށް ޙިމާޔަތްކޮށް ފާހަގަކުރާންޖެހޭ ރުކެއްކަމަށް "ފަރަގު" ދެކެއެވެ.

މި ރުކަށް މާވަށު މީހުން މާ ބޮޑު ސަމާލުކަމެއް ދޭކަމަކަށް ނުފެނެއެވެ. ނަމަވެސް ރުކުގެ ވަށައިގެން އިން ވަކިކޮށް ބުރެއް ރާނައި އެ ރުކަކީ ޚާއްޞަ ރުކެއްކަން އެނގޭ ގޮތަށް މަޢުލޫމާތު ބޯޑެއް ހަރުކުރުމަކީ މުހިންމު ކަމެކެވެ. އެ ރަށު ސަރަހައްދުގައި ފަތުރުވެރިކަން ފުޅާވެގެން އަންނަ އިރު، މި ކަމުގެ މުހިންމުކަން ވަޒަންކުރެވޭލެއް ބޮޑުވާނެއެވެ.

ތިރީން ތިޔަ ފެނިވަޑައިގަންނަވަނީ އެ ރުކުގެ ފޮޓޯއެކެވެ. މާވަށަށް ވަޑައިގަންނަވާ ފަހަރަކު މި ރުށްފީނި ބައްލަވައި ދިރާސާކޮށްލައްވައްޗެވެ!

މާވަށު ބަނދަރުމަތީގައި ހުރި ބުޑުން ގޮފިފަޅާ ރުކެއް (ފޮޓޯ: ފަރަގު މީޑިއާ)

 

 

ކޮމެންޓު
ކޮމެންޓުތައް
ނޭޗަރލަވް
28 އޮކްޓޯބަރު 2025 09:58
މިފަދަ ޚާއްޞަކަން ލިބިފަވާ ޤުދުރަތުގެ އަޖާއިބުތަކަށް ޚާއްސަކުރެވި ކުޑަ ލިޔުންކޮޅެއް ފެންނާން ހުރުން މުހިންމު. ކޮންމެ ދިރިހުރި އެއްޗަކީ ނެތިދާނެ އެއްޗެއް، ރީތިފޮޓޯއެއް ފްރޭމް ކޮއްލަން ވެސް ރަނގަޅު.