ހުސައިން ނައުޝާދު
16 އޮކްޓޯބަރު 2025
އަލަށް ޒަރޫރީ ލިސްޓަށް އިތުރުކުރި ކާބޯތަކެތި އަގުހެޔޮކޮށް އަދި ވިއްކަނީ ހަމައެކަނި އެސްޓީއޯއިންނެވެ.
މިއަދަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހެވެ. މި ދުވަސް މިއައީ ކާބޯތަކެތީގެ ޒަރޫރީ ތަކެތީގެ ލިސްޓަށް އައު 23 ބާވަތެއް ސަރުކާރުން އިތުރުކުރައްވައި މިހާރު އެންމެ ހެޔޮ އަގުގައި އެސްޓީއޯއިން ލިބޭނެ މަގު ފަހިކުރައްވައިފައިވާ ދަނޑިވަޅެއްގައެވެ. އަދި މި ދުވަސްވަރަކީ ވާރޭގެ ރަޙުމަތް މުޅި ރާއްޖެއަށް ފޯރަމުންދާ ދުވަސްވަރެއްވެސް މެއެވެ. މި ދެ ކަމުން މި އިޝާރާތްކުރަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ކުރިމަގު އުޖާލާކަންކަމަށް ވެސް ދެންނެވިދާނެއެވެ.
ސަރުކާރުން ޒަރޫރީ ކާބޯތަކެތީގެ ލިސްޓަށް މޭވާއާއި ތަރުކާރީ އިތުރުކުރައްވައި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަށް ޢާންމުކުރެއްވި ކުރެއްވުމަކީ ވަރަށް ބޮޑު ޚިދުމަތެކެވެ. ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް މިއަދު ފާހަގަކުރަމުންދާ އިރު، އިއްޔެއިން ފެށިގެން ސަރުކާރުން ވަނީ ޒަރޫނީ ކާނާގެ ގޮތުގައި ކާޑުގެ ބާވަތްތަކުގެ އިތުރަށް ތަރުކާރީއާއި މޭވާގެ ބައެއް ބާވަތްތަކާއި ގޮވާމުންގެ ބައެއް ބާވަތާއި ފަލަމަޑީގެ ބައެއް ބާވަތް ހިމެނޭހެން ތޭވީހަކަށް ބާވަތް ކަނޑައަޅުއްވައި މި ހުސްވި ސެޕްޓެންބަރު މަހު 14ގައި އެ ކަން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)އިން ވަނީ އިޢުލާނުކުރައްވައިފައެވެ. އެ ދުވަހު ވިދާޅުވެފައިވަނީ އެ ބާވަތްތައް ބާޒާރުގައި ހުރި އަގަށް ވުރެ ހެޔޮ އަގުގައި އެއް މަސްދުވަހުގެ ތެރޭގައި ބާޒާރަށް ނެރުއްވާނެކަމަށެވެ. އެ ގޮތަށް އިޢޫލާނުކުރެއްވިތާ 29 ދުވަސްވީ ދުވަހު އެ ތަކެތި ބާޒާރަށް ނެރުއްވައިފިއެވެ.
އިއްޔެ ބާޒާރަށް ނެރުއްވި ޒަރޫރީ އައު 23 ބާވަތުގެ ކާނާގެ ބާވަތްތަކާއި އިއްޔެ އެ ތަކެތި ލިބޭން ހުރި އަގުތައް ދަންނަވައިލާނަމެވެ.
ޒަރޫރީ ކާނާގެ ލިސްޓަށް އިތުރުކުރެއްވި މޭވާގެ ބާވަތްތައް:
1. ކަރާ (ކިލޯއެއް) 15ރ
2. މިރުސް (ކިލޯއެއް) 75ރ
3. މޭބިސްކަދުރު (ކިލޯއެއް) 125ރ
4. އަނބު (ކިލޯއެއް) 150ރ
5. އާފަލު (ކިލޯއެއް) 40ރ
6. އޮރެންޖު (ކިލޯއެއް) 35ރ
7. ފަޅޯ (ކިލޯއެއް) 30ރ
8. ދޮންކެޔޮ (ކިލޯއެއް) 30ރ
9. ލުނބޯ (ކިލޯއެއް) 30ރ
10. ޖުމްހޫރީމޭވާ (ކިލޯއެއް) 95ރ
ޒަރޫރީ ކާނާގެ ލިސްޓަށް އިތުރުކުރެއްވި ތަރުކާރީގެ ބާވަތްތައް:
1. ރަތް ފިޔާ (ކިލޯއެއް) 10ރ
2. ކެރެޓު (ކިލޯއެއް) 50ރ
3. ބަށި (ކިލޯއެއް) 28ރ
4. ބަރަބޯ (ކިލޯއެއް) 12ރ
5. ބޯވެލި (ކިލޯއެއް) 75ރ
6. ކައްޓަލަ (ކިލޯއެއް) 65ރ
7. ކެބެޖު (ކިލޯއެއް) 15ރ
8. އަލުވި (ކިލޯއެއް) 15ރ
9. އިނގުރު (ކިލޯއެއް) 45ރ
10. ލޮނުމެދު (ކިލޯއެއް) 40ރ
އެހެނިހެން ބާވަތްތައް:
1. ރީނދޫ މުގު (ކިލޯއެއް) 42ރ
2. ކުކުޅު ބިސް (ބިހެއް) 2ރ
3. ކާށި (ކިލޯއެއް) 25ރ
އަގުހެޔޮކޮށް ދެމެހެއްޓެނިވި ގޮތުގައި ލިބޭނެގޮތް ހަމަޖެއްސުމަށް ޓަކައި، ސަރުކާރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެއްވި ބާވަތްތައް އެސްޓީއޯއިން އިއްޔެ ވިއްކަން ފަށައިފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްސުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ވަނީ އެ ކަމަށް އިޝާރާތްކުރައްވައި އެކުސްގައި މެސެޖެއް ޢާންމުކުރައްވައިފައެވެ. އެ މެސެޖުގައި ވިދާޅުވެފައިވަނީ [ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން] ދުރުހެލިކުރައްވާން ސަރުކާރުން ފެއްޓެވި މަސައްކަތްޕުޅުގެ ބޭނުންފުޅަކީ، [ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން] ދުރުހެލިކުރެއްވުން ކަމަށާއި [އެއާއެކު، ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު] ފަހިކުރައްވާން ވެސް ސަރުކާރުން ޢަމަލީ ފިޔަވަޅުތަކެއް އަޅުއްވަމުން އެބަ ގެންދަވާކަމަށެވެ. އަދި [ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖުތަމަޢެއް ހޯދުމުގައި، އަދި ދަރީންނަކީ ޞިއްޙަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭން ޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ޞިއްޙީ އާދަތައް ހިފެހެއްޓުން]ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައި ވެއެވެ. އެ މަނިކުފާނު ވިދާޅުވީ [އިރާދަކުރެއްވިއްޔާ ޤައުމީ ފެންވަރުގައި މި ކަންކަމަށް ރައްޔިތުން] ހޭލުންތެރިކުރެއްވުމުގެ މަސައްކަތްޕުޅު ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށްގެންދަވާނެ]ކަމަށެވެ.
[ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ، ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން އެއާއެކު، ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު ފަހިކުރަންވެސް ސަރުކާރުން މިދަނީ ޢަމަލީ ފިޔަވަޅުތަކެއް އަޅަމުން. ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖުތަމަޢެއް ހޯދުމުގައި، އަދި ދަރީންނަކީ ޞިއްޙަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭން ޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ޞިއްޙީ އާދަތައް ހިފެހެއްޓުން. އިރާދަކުރެއްވިއްޔާ ޤައުމީ ފެންވަރުގައި މި ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށްގެންދާނަން. ދިވެހީންގެ ކެއިންބުއިމުގައި މާތްﷲ ބަރަކާތްލައްވައި، ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ލަހައްޓަވާށި. އާމީން!]- ރައީސުލްޖުމްހޫރިއްޔާ
ކޮންމެއަކަސް އެސްޓީއޯއިން މި އެޅުއްވި ފިޔަވާޅާ މެދު ފަހަރެއްގައި ބައެއް ވިޔަފާރިވެރީން ހިތްޕުޅު ހަމަނުޖެހުނު ނަމަވެސް ހަމަގައިމުވެސް އަގު ކޮންޓުރޯކުރެވި ކާނާގެ ޔަގީންކަން ލިބުމަކީ އާންމުންނަށް އުފާވެރިކަން ލިބޭނޭ ކަމެކެވެ. އެހެންކަމުން ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯއަށާއި ދިވެހި ސަރުކާރަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްދުކުރަމެވެ.