ad_banner
"ފަރަގު" މީހުން (5): ފަރަންޖީ ބަސް ކިޔަވައިގެން ފަރަންޖީވެދާނެކަމުގެ ބިރަށް ޓަކައި ވަރިކުރުވި.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

15 އޯގަސްޓް 2025

ދޮންކަމަނައައްތަ

މި ފަހަރު މި ކޮލަމުގައި މި ހުށަހަޅަނީ އުފަން ރަށުގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ އިޖުތިމާޢީ ޚިދުމަތްތެރިއެއްގެ ވާހަކައެވެ. ރަށުގެ އެތައް ދަރީންނަކަށް ޤުރުއާންކިޔަވާށާއި ނަމާދުކުރާން ދަސްކޮށްދެއްވައި އިސްލާމްދީނުގެ އަސާސީ މަޢުލޫމާތު އުނގަންނައިދެއްވައި ލިޔެކިޔާން ދަސްކޮށްދެއްވި އެދުރުދައިތައެވެ. ފޫޅުމާކަމުގެ ސަނަދު ޙާޞިލުކުރައްވައިގެން [ފޮށިލިބިލައްވައިފައިވާ] ކުޅަދާނަ ބޭކެތްނބެކެވެ. ރަށުގެ ގިނަ ބަޔަކު ވިއްސައި، އަދި ވިހޭގެ ބަލީގެ ބައްޔަށް ރަށާއި ރަށުން ބޭރުގެ ގިނަ ޢަދަދެއްގެ ބަލިމީހުންނަށް ބޭސްފަރުވާކުރެއްވި ޚިދުމަތްތެރި ބޭސްވެރިއެކެވެ. ތަފާތު އެހެނިހެން ބަލި ބައްޔަށް ބޭސްފަރުވާ ކުރައްވައި ބަލިމީހުންނަށް ހޭހަންކުރެއްވުމުގައި މުޅި ޙަޔާތް ހޭދަކުރެއްވި މަދަދުގާރެކެވެ. ރަށުތެރެ ސާފުކޮށް ކުނިކެހުމަކީ އަންހެނުންނަށް ކުރާންޖެހޭ، ލާޒިމުކަމެއްގެ ގޮތުގައި އޮތް ދުވަސްވަރު، އެ ކަމުގައި ޚިދުމަތް ކުރެއްވީ މަސައްކަތްތަކުގެ އިސް ސަރުދާރެއްގެ ގޮތުންނެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީކަމަށްވާ [މުތަޤައްދިމް ޕާޓީ]ގެ މެންބަރުކަން ކުރެއްވުމުގެ އިތުރަށް އަންހެނުން ކޮމިޓީގެ ޚަޒާންދާރުގެ މަޤާމް އަދާކުރައްވައި އަންހެނުންގެ މިސްކިތް ބިނާކުރެއްވުމުގައި އިސްދައުރެއް އަދާކުރެއްވި ޙަރަކާތްތެރިއެކެވެ.

މީގެ އިތުރަށް، މުޙަންމަދު އަމީންގެ ރަށްވެރިކަމުގެ ޒަމާނުގައި މަގުހެދުމަށް ޓަކައި ރުއްގަސް ކަނޑައިގެން މަގު ހެދުމާއި މަގުފާރު ރޭނުމުގެ މަސައްކަތް ޢަމަލީ ގޮތުން ކުރައްވައި ތަޖުރިބާ ލިބިލައްވައިފައިވެއެވެ. ސާފުތާހިރުކަމަށް އިސްކަންދެއްވި ޢަޒުމް ވަރުގަދަ ކެތްތެރި އިންސާނެކެވެ.

ފަހާފޮށި ޢާންމުނުވާ ޒަމާނުގައި އަތުންފަހާ ތިނޯހުން ރަށު މީހުންނަށް ލިބާސް ފަހައިދީ ފަށުވި ކިނާރީ ގަތައިދީ ބަގިޔާޖަހައިދީ އުޅުއްވި ހުނަރުވެރި ފަންނުވެރިއެވެ. ކާބޯތަކެތީގެ ބާވަތްތައް، ޚާއްޞަކޮށް ތަފާތު ބާވަތްތަކުގެ ރިހަކެއްކުމާއި ހެދިކާގެ ބާވަތްތައް ހެދުމުގައި އާދަޔާ ޚިލާފު ހުނަރުވެރިއެކެވެ. މި ފަދަ މަސައްކަތްތަކުގައި މީހުން ލަފާއަހައި އުޅުނު މަގުބޫލު މޮޅު ޝެފެކެވެ.

މި ހުރިހައި ޚިދުމަތެއް އަދާކުރައްވަމުން އާންމު މަސައްކަތެއްގެ ގޮތުން ބޮނބިތަޅައި ރޯނުވެށުމުގައި މުރާލި ކަނބަލެކެވެ. އާމްދަނީ ހޯދުމަށް ޓަކައި އިތުރު ކަމެއްގެ ގޮތުގައި ކުކުޅު ގެންގުޅުއްވިއެވެ. އަބަދު ވެސް ރަށުގެ ވަލުތެރޭގައި ދެތިން ކުކުޅު މޮއްވައިގެން ކޮއްޓަށް ލައްވައގެން ގެންގުޅުއްވައެވެ. ކުކުޅުތަކާއި ފިޔޮއްތަކަށް ކާންދެއްވާން ދެއިރު ދެދަޅައަށް ވަލުތެރެއަށް ދުރުވެއެވެ. ރަށުގެ އަންހެނުންގެ ޚާއްޞަ ހުނަރެއްކަމަށްވާ ތެލުލުމަށްޓަކައި ބަނބުކެޔޮ ކޮށުމާއި، އަދި ކަށިކެޔޮ ލިޔުމުގައި ވެސް އެއީ މާހިރެކެވެ.

މި ދަންނަވައިލީ ލ. މާވަށު ދުންފިނިގޭ އާއިޝަތު އަޙުމަދު (މާލެއާއި އައްޑޫގައި މަޝްހޫރު ނަމުންނަމަ: ދޮންކަމަނައައްތަ، މާވަށު މީހުން ކިޔާ ގޮތުން ނަމަ، ފޫޅުމާ އައިސަދައިތަ ނުވަތަ ކިޔަވަން ދައިތަ) (ރަޙިމަހަﷲ)ގެ އިޖުތިމާޢީ ޚިދުމަތުގެ ކުޑަ މިންވަރެކެވެ.

 ޢާއިޝަތު އަޙުމަދު (ވ) އާއި އޭނާގެ މުނިމާމަ ދަރިކަލެއްކަމަށްވާ ޢީސާ އަލޫފު

އަދޭހެވެ! އަލްފާޟިލާ ޢާއިޝަތު އަޙުމަދަކީ މާވަށު މަޝްހޫރު ޢާއިލާއެއްކަމަށްވާ [ދަގަނޑަގޭ] އާމިނަތު އަޙުމަދު (އައިމިނަ)އާއި އައްޑޫ މީދޫ ތަޢުލީމީ ޢާއިލާއެއްކަމަށްވާ ލިޔާމާލިމީގެ ޢާއިލާގެ އަޙުމަދު (ދޮންފުތު ނުވަތަ ދޮންބޭބެ) ކާވެނިކުރައްވައިގެން ލިބިލައްވައިފައިވާ ދަރިފުޅެކެވެ. ޢުމުރުން ހަތަރު މަހުގައި މާލެ ގެންދިޔަ ގޮތަށް ބޮޑުވެ، ތަޞައްރަފުފުދި މީހަކާ ކާވެނިކުރައްވަންދެން ވެސް އުޅުއްވީ އައްޝައިޚު ޙުސައިން ޞަލާހުއްދީނުގެ އަރިހުގައި  މ. ބަގީޗާގޭގައެވެ. ޙުސައިން ޞަލާހުއްދީނުގެ ދަރިކަލެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ޝިހާބާ ހަމަ އެއް ޢުމުރެއްގެ [ކުއްޖެއް]ކަމަށްވާތީ ތަޢުލީމާއި ތަރުބިއްޔަތު ލިބިލެއްވީ ސީދާ ޙުސައިން ޞަލާޙުއްދީނުގެ އަރިހުން އިބްރާހީމް ޝިހާބާ އެކީގައެވެ. އޭގެ ފަހުން އޭނާގެ ޢާއިލާގެ ބޭފުޅެއްކަމަށްވާ އައްޝައިޚުލްޙާއްޖަ ޢަބްދުއްރަޙުމާނުލް އަޒުހަރީ (ޙާޖީ ޢަބްދުއްރަޙުމާނު)ގެ އަރިހުން ވެސް ދަރިވަރުވެލެއްވިއެވެ. ހިސާބަކަށް ޢަރަބި ކަލާމު ދަސްވެލެއްވީ އެ މާޙައުލުންނެވެ.

އެހާ ތުއްތު އިރުއްސުރެ ޢައިޝަތު އަޙުމަދު (ދޮންކަމަނަ)އަށް ބާގީޗާގޭގައި އުޅުއްވައި ބޮޑުވާން ދިމާވީ ކީއްވެތޯ ތިޔަ ބޭފުޅުންގެ ހިތްޕުޅުގައި ސުވާލު އުފެދިދާނެއެވެ. ސަބަބަކީ ދޮންކަމަނަގެ މާމައަކީ ޙުސައިން ޞަލާޙުއްދީނުގެ ޢާއިލާގެ ބޭކެނބިދައިތައެވެ.  ހުސައިން ޞަލާޙުއްދީނާއި އެގޭ ބޭފުޅުން ކިޔާ ގޮތުން އެއީ ފާތުން މުންނައެވެ. އެހެންކަމުން ފާތުން މުންނަގެ މާމަ ކުއްޖަކަށްވާތީ އެ ގޭގައި  އުޅުއްވައި ބޮޑުވެލެއްވީ ވަރަށް ލޯތްބާއި އޯގާތެރިކަމާ އެކު، ޢިލްމީ މާޙައުލެއްގައި މާމަގެ ލޯބިވެތި އުނގުގައެވެ. (ޞަލާހުއްދީނު ތުއްޕުޅުއިރުއްސުރެ ކިޔަވައިވިދާޅުވާން އުޅުއްވީ ސ. މީދޫގައިކަމަށްވާތީ، މީދުވާއި އެ މަނިކުފާނާ ދެމެދު އުފެދިފައި އޮންނާނޭ ގުޅުމަކީ ވަންހަނާވެފައި އޮންނާނެ ކަމެއް ނޫނެވެ.) ޞަލާޙުއްދީނު އަވަހާރަވަންދެން ވެސް ޢާއިޝަތު އަޙުމަދުގެ ޙާލުބައްލަވައި އުޅުއްވިއެވެ. (ޞަލާޙުއްދީނު ލިޔުއްވި ދޮންބީފާނު ވާހަކަ މާވަށަށް ޚާއްޞަކުރެއްވީ ކީއްވެގެންކަން މިހާރު ކޮންމެވެސް ވަރަކަށް އެނގިވަޑައިގެންފާނެއެވެ.)

ޢުމުރުން 15 ފުރުމުން މާލޭ ގަދަރުވެރި ބޭކަލަކާ ކާވެނިކުރެއްވިއެވެ. އެ ބޭކަލަކީ އޭރު މާލޭގައި ތިއްބެވި އިނގިރޭސިބަސް ދެނެލައްވާ މަދު ބޭކަލުންގެ ތެރެއިން އެކެކެވެ. ބޭރުގެ މަނަވަރުފަހަރުން އަންނަ ބިދޭސީންގެ ތަރުޖަމާނަކަށް ވެސް އުޅުއްވިއެވެ. އެހެންކަމުން އޭނާ، އޭނާގެ އަނބިކަނބަލުންނަށް އިނގިރޭސިބަސް ކިޔަވައިދެއްވާން ފެއްޓެވިއެވެ. މި ޚަބަރަކީ ޢައިޝަތު އަޙުމަދުގެ ބައްޕައަށް އުފާވެރި ޚަބަރަކަށް ނުވިއެވެ. ފަރަންޖީ ބަސް ކިޔަވައިގެން ފަރަންޖީވަނީކަމަށް ދެކެލައްވައި މާލެ ދުރުވެ، އެ ދެމަފިރީންގެ ރުހުމުގައި ވަރިކުރައްވައިގެން ރަށަށް ގެންދެވީއެވެ.

ރަށަށް ދުރުވެ ދެ ކައިވެންޏެއް ކުރެއްވި ނަމަވެސް ހަރުދަނާ ދިރިއުޅުއްވުމެއް ފައްޓަވައި ޒަވާޖީ ޙާޔާތެއް ހޭދަކުރެއްވީ އަދި ކުދީން ލިބިލެއްވީ މާވަށު މަޝްހޫރު ޚަޠީބު ދޮން ޢަލީގެ އާދަމްފުޅުގެ އަބޫބަކުރުފުޅާ ކާވެނިކުރައްވައިގެންނެވެ. މި ދެކަނބަލުންނަށް 10 ދަރީން ލިބިލެއްވިޔަސް ދުނިޔޭގައި މިހާރު ތިބީ އެންމެ ތިން ދަރީންނެވެ. އެންމެ ކުއްޖެއް ފިޔަވައި އެހެން ހުރިހައި ދަރީން ނިޔާވީ ވަރަށް ޅަފަތުގައެވެ.

މިއީ، ދަރީންނަށް ލޯބިދެއްވައި އަޅައިލެއްވުމާއި ދަރީން ތަރުބިޔަތު ކުރެއްވުމުގައި ވެސް ގޮތްހުރި ހަދުދަނާ އޯގާތެރި މަންމައެކެވެ. ފިރކަލުންނަށް އޯގާތެރި ވާފާތެރި މަދަދުގާރެކެވެ. ތިމާގެކަމުގެ ގުޅުން ދެމެހެއްޓެވި ދައްތައެކެވެ.

ޢާއިޝަތު އަޙުމަދު ނުވަތަ މާވަށު މީހުންގެ ފުޅުމާ އައިސަދައިތައަކީ އެންމެންގެ ލޯތްބާއި އިޙުތިރާމް ލިބިލެއްވި ހަރުދަނާ ޝަޚުޞިއްޔަތެކެވެ. ސާފުތާހިރުކަމަށް ލޯބިކުރެއްވި، އުޅުންތެރި ގޮތް ހުރި ހަރުދަނާ ޝަޚުޞިއްޔަތެކެވެ. މައުލޫމާތު މުއްސަނދި، އަދި ނަސަބުގެ ޢިލްމަށް އަރައިހުންނެވި ހަރުދަނާ ކަނބަލެކެވެ. މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ ކަންކަން އަމިއްލައަށް ކުރައްވައި އަމިއްލަ ފައިމައްޗަށް ތެދުވަންނަވައި ހަރުދަނާ ދިރިއުޅުއްވުމެއް ބިނާކުރެއްވި ގަދަރުވެރި ކަނބަލެކެވެ. ޚުލްޤުހުރި ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި ޚިދުމަތްތެރި މުރައްބީއެކެވެ. އެއީ ހުރިހާ ޒަމާނެއްގެ އަންހެނުންނަށް ވެސް ފުރިހަމަ ނަމޫނާއެއް ދެއްކެވި ލާމަސީލު ހަރުދަނާ ޝަޚުޞިއްޔަތެކެވެ.

ކީރިތިވަންތަ މާތް ﷲ މި ޚިދުމަތްތެރި ހެޔޮލަފާ މަރުޙޫމާއަށް ފާފަފުއްސަވައި ލަޙުމަތްލައްވައި ސުވާރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ!

(ނޯޓު: އަޅުގަނޑުގެ ނަމުގައި މި ލިޔުން އޮތަސް މި ލިޔުމުގެ ބޮޑުބައި ފުރިހަމަކޮށްދެއްވީ ޢާއިޝަތު އަޙުމަދުގެ މާމަ ދަރިކަނބަލެއްކަމަށްވާ އަލްފާޟިލާ މަރިޔަމް ރަފީޢެވެ. އަދި އެއް ވާހަކައެއް ދަންނަވައިލާނަމެވެ. ޢާއިޝަތު އަޙުމަދަކީ އަޅުގަނޑުގެ އޯގާތެރި އަދި ލޯބިވާ މަންމައެވެ.)

 

ބައެއް ލަފުޒުގެ މާނަ:

ހަރުދަނާ     ނއ.   (1) ރަނގަޅު އުސޫލެއްގައި ސާބިތުވެހުންނަ. (2) އުޅުމުގެ ޤަވާޢިދުތައް ރަނގަޅު.

މޮވުން      މ.    (1) ދޫނިސޫފާސޫފި ނުވަތަ ބިސްއަޅާ ޖަނަވާރެއްގެ ބިހުން އޭގެ ޅަ އެތި ނުކުތުން. (2) ފިޔޮއް ނުވަތަ ޅަ އެތި ނުކުތުމަށް ޓަކައި ބިހުގެ އެތެރެއިން ބިސް ތުއްވުން.

މޮއްވުން     މ.    'މޮވުން' މި ލަފުޒު، ކުރުވުމުގެ މާނައިގެން ބޭނުންކުރާ ގޮތް.

ލާމަސީލު    ނއ.   އެވަރެއް ނެތް

ކޮމެންޓު