ad_banner
"ފަރަގު" މީހުން (4): ކެޕްޓަން އިބްރާހީމް ޓްރައޮރޭ – ދުނިޔޭގެ ހިތްތައް ފަތަޙަކުރައްވައިފި.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

1 އޯގަސްޓް 2025

ޓްރައުރޭ (މެދުގައި) މައްމައާއި ބައްޕައާ އެކު ތުއްޕުޅު އިރު: ތުއްޕުޅު އިރު ވެސް އެއީ ވިސްނުންތޫނު ތޫނުފިލި، ހިތްއަލި މަޑުމައިތިރި ބޭފުޅެކެވެ.

ވިލާތުގެ ބައެއް ގައުމުތަކާއި އެމެރިކާގެ ޒަޢީމުން އެ ބޭފުޅަކާ މެދު އެންމެ ހިތްހަމަނުޖެހޭ އެއް ބޭފުޅަކީ އެފުރިކާގެ އެންމެ ފަގީރު ގައުމެއްކަމަށްވާ ބުރްކީނޯ ފާސޯގެ ވަގުތީ ރައީސް ކެޕްޓަން އިބްރާހީމް ޓުރައުރޭއެވެ. އެހެންނަމަވެސް އޭނާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ހިތްތަކާއި ސިކުނޑިތައް ފަތަޙަކުރައްވައިފައެވެ.

އިބްރާހީމް ޓްރައުރޭ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ބްރުކީނޯ ފާސޯގެ މައުހައުން ޕްރޮވިންސްގެ ބޮންޑޮކޫވްގެ ކޭރާ އަވަށުގައި 1988ވަނަ އަހަރު މާރިޗުމަހު 14ވަނަ ދުވަހުއެވެ. ނިކަމެތި ފަގީރު ޢާއިލާއަކަށެވެ. ނަމަވެސް އެ ނިކަމެތި ޢައިލާއިން ބޮންޑޮކޫވްގައި އޭނާއަށް ފަށާތަޢުލީމު ޙާޞިލުކޮށްދިނެވެ. އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ބޯބޯޑިއޮއުލައްސޯގެ ހައި ސުކޫލުން އިބްރާހީމް، މަތީ ސާނަވީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެނާއަކީ މަޑުމައިތިރި ވިސްނުންތެރި އަދި ތޫނުފިލި ކުއްޖެއްކަން މީހުންނަށް ފާހަގަކުރެވުނީ އެ ހިސާބުންނެވެ. އޭނާގެ މަތީތަޢުލީމުގައި ވެސް ޔުނިވަރސިޓީއިން ދަސްވެނިވެވަޑައިގަތީ ޝަރަފުވެރި ނަތީޖާއާ އެކީގައެވެ. (ވިތު އޮނާރސް).

 ޓްރައުރޭ: ތުއްޕުޅު އިރުގެ ޙާލަތު

އިސްކޫލު ދައުރުގައި ވެސް އޭނާ ވަނީ އޭނާގެ ލީޑަރޝިޕު ދައްކަވައިފައެވެ. މުސްލިމު ދަރިވަރުންގެ ޖަމުޢިއްޔާއާއި ދަރިވަރުންގެ މާކްސިސްޓް ގައުމީ ޖަމުޢިއްޔާގައި މުހިންމު ދައުރެއް އޭނާ އަދާކުރައްވައިފައެވެ.  އަދި ދަރިވަރުންގެ ކަންކަމުގައި އިސްވެ ވަކާލާތުކުރައްވާ މަންދޫބެއްގެ ގޮތުން އޭނާ މަސައްކަތްކުރެއްވިއެވެ.

ބުރްކީނޯ ފާސޯގެ ސިފައިންގެ ޚިދުމަތާ އިބްރާހީމް ގުޅިވަޑައިގަތީ 2009ވަނަ އަހަރުގައެވެ. އަދި ނަމޯނޯ އަސްކަރީ އެކެޑަމީއިން ދަސްވެނިވެވަޑައިގަތެވެ. އދ.ގެ ސުލްޙަ ބަލަހައްޓާ ލަޝްކަރުތަކުގައި ވެސް އިބްރާހީމް މަސައްކަތްޕުޅުކުރައްވައިފައި ވެއެވެ. އޭނާ ވަނީ ޢަމަލީ މައިދާނުގައި ހަނގުރާމަކުރައްވައި އޭނާގެ ހިތްވަރުފުޅުގަދަކަމާއި ހުޝިޔާރުކަމާއި ޖެހިލުންކުޑަކަން ސާބިތުކޮށްދެއްވައިފައެވެ. މި ފަދަ އެތައް ސަބަބުތަކަކާ ހުރެ ލަފްޓިނެންޓެއްގެ މަގާމަށް، 2012ވަނަ އަހަރު އޭނާއަށް މަގާމުގެ ކުރިއެރުން ލިބިވަޑައިގަތެވެ.

މި ދުވަސްވަރު ސިފައިންނަށް ބޭނުންވާ މިންވަރަށް ސިފައިންގެ ތެރޭގައި ވަސީލަތް ނެތްކަމާއި އެހެން ނަމަވެސް ސިޔާސީން ރިޝްވަތުދިނުމަށް ޓަކައި [ފައިސާ ދަބަސް] ގެންގުޅޭކަން އޭނާއަށް ފާހަގަކުރެއްވުނެވެ. ފަހުން ސަރުކާރާ މެދު ހިތްހަމަ ނުޖެހި އުންމީދު ކެނޑިފައި ގައުމުގެ އުތުރުގައި ތިބި ސިގައިންގެ ފަރާތުން ސަރުކާރާ ވާހަކަދައްކާ ތަރުޖަމާނެއްގެ ދައުރު މަޑުމަޑުން ގޮސް އޭނާގެ މަސްއޫލިއްޔަތަކަށް ވިއެވެ. 2020ގައި އޭނާގެ މަގާމު ކެޕްޓަންކަމުގެ ދަރަޖައަށް ބަދަލުކުރެވުނެވެ. ތަފާތު ހަނގުރާމަތަކުގައި އޭގެ ފަހުން ވެސް ބައިވެރިވެވަޑައިގަތެވެ.

ކޮންމެއަކަސް ސަރުކާރުގެ ފަސާދައާއި ޚިޔާނާތް ސިފައިންނަށް ފާހަގަކުރެވި، ގައުމުގެ ވަސީލަތްތައް ވެރީންގެ މަންފާއަށް ޓަކައި ބިދޭސީ ގައުމުތަކަށް ދުކޮށްލައިގެން ބުރްކީނޯ ފާސޯގެ ރައްޔިތުން ފަގީރު ހާލުގައި ތިބޭ ތަން ފެނިފެނި ސިފައިންގެ ތެރޭގައި ސަރުކާރާ މެދު ހިތްހަމަނުޖެހުން އިތުރުވާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ސިފައިންގެ އިސްތިރާޖީ ރޭވުމުގެ ދަށުން ލޭ އޮހޮރުވުމެއް ނެތް އިންގިލާބަކުން ސަރުކާރު ބަދަލުކޮށްލެއްވުމުގައި ވެސް އިބްރާހީމްގެ ދައުރު ބޮޑެވެ.

ޓްރައުރޭ: ސިފައިންގެ ލެފްޓިނެއްގެ މަގާމުގައި

ކޮންމެއަކަސް ބުރްކިނާ ފާސޯގެ ވެރިޔާ އުމުރުން 37 އަހަރުގެ ކެޕްޓަން އިބްރާހިމް ޓްރައޯރޭއަކީ އެހެން މީހުންނަށް ނަމޫނާއެއްކަމަށް މިހާރު ބެލެވޭ ޢަމަލީ ބޭފުޅެކެވެ. ހުޅަނގުގެ އިމްބިރްޔާލިއްޔަތާއި އިސްތިޢުމާރިއްޔަތުގެ އަތްދަށުން އޭނާގެ ގައުމު މިނިވަންކުރައްވާން ވަނީ އަޒުމު ކަނޑައަޅުއްވައި، އެފުރިކާގެ ޤައުމީ ލީޑަރެއްގެ ހުނަރުވެރިކަން މުޅި ގައުމަށާއި ދުނިޔެއަށް ސާބިތުކޮށްދެއްވައިފައެވެ. މުޅި އެފުރިކާގެ އަދި ދުނިޔޭގެ އިންސާފަށް ލޯބިކުރާ ހުރިހައި ގައުމެއްގެ ލޯބި ޙާޞިލުކުރައްވައިފައެވެ.

އޭނާގެ އަޑުފުޅު އެފުރިކާގެ ކަންކޮޅުތަކާއި އެ ބައްރުން ބޭރުގައި ވެސް ގުގުމައިލައިފައިވާއިރު، އޭނާއަށް ތާއިދުކުރާ މީހުން ދެކެނީ އޭނާ އަކީ ބުރްކިނާ ފާސޯގެ ގައުމީ ބަޠަލެއްކަމަށްވާ  ތޯމަސް ސަންކާރާ ފަދަ، އެފުރިކާގެ ބަޠަލުންގެ ފިޔަވަޅުފުޅުމަތީގައި ހިންގަވާ ގައުމީ ބަޠަލެއްކަމަށެވެ. ބައެއް ފަހަރު "އެފުރިކާގެ ޗޭ ގުއެވާރާ"ގެ ނަމުން ވެސް އޭނާއަށް ނިސްބަތްކުރެއެވެ. ޗޭ ގުއެވާރާއަކީ މީގެ 27 އަހަރު ކުރީން ރައީސްކަމުގައި ހުންނަވަނިކޮށް، އޭނާގެ ޢުމުރުފުޅުން 37 އަހަރުގައި އަވަހާރަކޮށްލެވިފައިވާ ބޭފުޅެކެވެ.

"ޓްރައޯރޭގެ ތަގުރީރުތަކުގެ އަސަރަކީ މީހުންގެ ހިތްތަކަށް، ހިތްތަކުގެ ފުނަށް، ފޯރާ އެއްޗަކަށް ވެއްޖެއެވެ. ކެންޔާ [އިރުމަތީ އެފުރިކާގައި] ފަދަ ގައުމުތަކުގެ ސިޔާސީ ބޭފުޅުންނާއި ލިޔުންތެރީން ވެސް މިހާރު ބުނާ އަޑު އިވެއެވެ. "މިއީ  ހަމަ އެއެވެ. މީހަކީ އެއީއެވެ." އެހެން ގޮތަކަށް ދަންނަވާނަމަ މިއީ ފިސާރި މީހެކެވެ. ބައިނަލްއަގުވާމީ ކޮންސަލްޓެންސީ ކުންފުނީގެ އިސް ދިރާސާވެރިއެއްކަމަށްވާ ބެވަލީ އޮޗިއެންގް ބީބީސީއަށް ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވެފައި ވެއެވެ.

[އޭނާގެ މެސެޖުތަކުން ދައްކުވައިދެނީ އަޅުގަނޑުމެން މި އުޅެމުންދާ ޒަމާނާއި، ހުޅަނގާ އޮންނަ ގުޅުމާ މެދު، އެފުރިކާގެ ގިނަ ބަޔަކު ސުވާލު އުފައްދައި، މި ފަދަ، ވަސީލަތްތައް ގިނަ، މުއްސަނދި ބައްރެއްގައި މި ޒަމާނުގައި އަދިވެސް އެހާ ފަގީރުކަން މި އޮތީ ކީއްވެގެންތޯއެވެ؟] އޭނާ ބުނެފައި ވެއެވެ.

2022 ވަނަ އަހަރު ސެޕްޓެންބަރު މަހު ގެންނެވި އިންގިލާބަކުން ވެރިކަން ހޯއްދެވުމަށް ފަހު ޓްރައޯރޭގެ ވެރިކަމުން ކުރީގެ އިސްތިއުމާރީ ބާރުކަމަށްވާ ފަރަންސޭސިވިލާތް ފޭކޮށް ދުރަށް ޖައްސައި، ރޫސީވިލާތާ އެކު ވަނީ ވަރުގަދަ ގުޅުމެއް އުފައްދަވައިފައެވެ. މި ގުޅުމުގެ ތެރޭގައި ކަނާތުފިޔައިގެ އިގްތިސާދީ ސިޔާސަތުތައް ވަނީ ކަނޑައަޅުއްވައިފައެވެ.

މި ގުޅުމުގެ ތެރެއިން ޓެރައުރޭ ވަނީ މަޢުދަން ނަގާ ގައުމީ ކުންފުންޏެއް އުފައްދަވައިފައެވެ. އަދި ރައްޔިތުންނަށް ތަމްރީނާއި ހުނަރު ލިބޭނެ މަގު ވަނީ ފަހިކުރައްވައިފައެވެ.

ޓްރައޯރޭ ވިދާޅުވާ ގޮތުން "އިންގިލާބު"ގެ ނަތީޖާއެއްގެ ގޮތުން، ބުރްކިނާ ފާސޯއަށް އެ ގައުމުގެ މައުދަނީ މުއްސަނދިކަމުން ފައިދާ ހޯދުމަށް ޓަކައި ސަރުކާރުން ގެންދަނީ ރަން ސާފުކުރާ ކުންފުންޏެއް ހައްދަވައި، ގައުމުގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ގައުމީ ރަން ރިޒާވެއް ގާއިމުކުރެއްވުމުގެ މަސައްކަތްކުރައްވަމުންނެވެ.

ނަމަވެސް ޓްރައުރޭގެ މި ފަދަ ފިޔަވޅުތަކުން ހުޅަނގުގެ ކުންފުނިތަކަށް ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ. ބިމުގެ މައުދަން ހޯދުމުގެ މަސައްކަތްކުރަމުން އައި އޮސްޓްރޭލިއާގެ ކުންފުންޏަކަށް ދީފައިވާ އެ ކަމުގެ ލައިސަންސް ބާޠިލުކުރުމާ ގުޅިގެން 2024ވަނަ އަހަރުގެ ފަހުކޮޅު ބުރްކިނާ ފާސޯއާ ދެކޮޅަށް އާބިޓްރޭޝަނަށް މައްސަލަ ވެސް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރަށް ކުރިން ލަންޑަންގައި ލިސްޓްކޮށްފައިވާ އިނގިރޭސި ކުންފުންޏެއްގެ ދެ ރަން މައިން ވެސް ޓްރައުރޭގެ ސަރުކާރުން ވަނީ ގައުމީކުރައްވައި، ބޭރުގެ އިތުރު މައިންތައް ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް މިދިޔަ މަހު ވިދާޅުވެފައެވެ.

ދެކުނު އެފުރިކާގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ ސްޓަޑީޒްގެ ދިރާސާވެރިއެއްކަމަށްވާ އެނޯކް ރެންޑީ އައިކިންސް ބީބީސީއަށް ދިން ބަސްދީގަމުމެއްގައި ބުނެފައިވަނީ ޓްރައޯރޭގެ އަވަސް އަދި ގައުމީ އިސްލާހުތަކުގެ ސަބަބުން އެފުރިކާގައި އޭނާގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ.

[މިހާރު އޭނާއަކީ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އެފުރިކާ ބައްރުގެ އެންމެ މަގުބޫލު ރައީސް،] މިސްޓަރ އައިކިންސް ވިދާޅުވި އެވެ.

ތާރީޚުގައި މަޤުބޫލު ވެރީންކަމަށް ވާ ޚަލީފާ ހާރޫނުއްރަޝީދާއި، ސައިފު ރަސްގެފާނާ ބެހޭ ގޮތުން ވެސް މީހުން މާ ބޮޑުކޮށް ވާހަކަތައް ހަދައިފައިވާ ފަދައިން ޓްރައުރޭގެ މަގުބޫލުކަމާއި އޭނާގެ އިންގިލާބީ ތަސައްވުރު ވަރުގަދަކުރުމުގެ މަގުސަދުގައި ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ގިނަ ވީޑީއޯތަކާއި ޕޯސްޓުތައް ޝާއިޢުކޮށްފައެވެ. އެއީ އޭނާގެ މަގުބޫލުކަން އިތުރުވުމުގެ ސަބަބުން އޭނާއަށް ތާއީދުކުރާ އެކި މީސްމީހުން ކުރާ ކަންކަމެވެ.

މިސް އޮޗިއެންގް ވިދާޅުވީ ޓްރައޯރޭއަށް އެންމެ ފުރަތަމަ އެފުރިކާ މީހުންގެ ސަމާލުކަން ލިބުނީ 2023ވަނަ އަހަރު ރަޝިޔާ-އެފުރިކާ ސަމިޓުގައި ވާހަކަދައްކެވުމުންކަމަށާއި އެފުރިކާގެ ލީޑަރުންނާ މުޚާޠަބުކޮށް އޭނާ ވިދާޅުވެފައިވަނީ ހުޅަނގުން އެ މީހުންގެ މުއްސަނދިކަން ފޭރިގަތުމުން ޕަޕެޓްތަކެއް ފަދައިން އުޅުން ހުއްޓާލުމަށެވެ.

މި ތަގުރީރު ރަޝިޔާގެ މީޑިއާތަކުން ވަރަށް ބޮޑަށް އާންމުކުރި އިރު، އެ މީޑިއާ ވަނީ ޓްރައޯރޭގެ އިފުރިކާ ގައުމީވަންތަ ތަޞައްވުރު އިޝްތިހާރުކުރުމުގެ މުހިންމު ދައުރެއް އަދާކޮށްފައިކަމަށް ހުޅަނގުން ތުހުމަތުކުރެއެވެ.

ކެޕްޓަން އިބްރާހީމް ޓްރައުރޭ: ބުރްކީނޯ ފާސޯގެ އަދުގެ ޒަޢީމް

ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަނުގެ މައްޗަށް ރޫސީން ހޯދި ކާމިޔާބީއަށް 80 އަހަރު ފުރުމުގެ ޒިކުރާގައި މިދިޔަ ހަފުތާގައި ރަޝިޔާގައި ބޭއްވި ޖަލްސާތަކުގައި ޓްރައޯރޭ ބައިވެރިވެވަޑައިގަތެވެ. އެއަށް ފަހު އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާ އަވަށްޓެރި މާލީއާއި ނައިޖަރުގެ އަސްކަރީ އިސްވާރުންގެ ކާމިޔާބީއިން އޭނާ އިލްހާމު ލިބިގަތީ، ހުޅަނގުން އެފުރިކާ އަޅުވެތިކޮށް ބިރުދައްކަމުން ގެންދާ ގެންދިޔުމުން ސަލާމަތްވުމަށް ޓަކައި ކުރާ ހަނގުރާމަ ކޮންމެ އަގެއްގައި ވެސް ކާމިޔާބު ކުރެއްވުމަށް ޓަކައިކަމަށެވެ.

ޓްރައުރޭގެ އަސަރުގަދަ ގައުމީ ތަގުރީރުތަކާއި މީސްމީޑިއާ ކެމްޕޭނެއްގެ ސަބަބުން އޭނާއާ މެދު ދުނިޔެ ޝައުޤުވެރިވުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާކަމަށާއި އޭގެ ތެރޭގައި އެފުރިކާގައި އުޅޭ އެމެރިކާ މީހުންނާއި ކަޅު އިނގިރޭސީން ވެސް ހިމެނޭކަމަށް މިސް އޮޗިއެންގް ފާހަގަކުރިއެވެ.

[ނަސްލީ ތަފާތުކުރުމާއި އިސްތިއުމާރީ އަދި އަޅުވެތިކަން ތަޖުރިބާކޮށްފައިވާ ކޮންމެ މީހަކަށް ވެސް އޭނާގެ މެސެޖުތަކާ ގުޅުން ހުންނާނެއެވެ.] އެފުރިކަން އެމެރިކާގެ ރެޕަރު މީކް މިލް މިދިޔަ އަހަރުގެ ފަހުކޮޅު އެކްސްގައި ޓްރައުރޭއާ ބެހޭ ގޮތުން ޕޯސްޓްކުރިކަން ފާހަގަކޮށް އޮޗިއެންގް ބުނެފައިވެއެވެ.

ކެޕްޓަން ޓްރައުރޭ ވިދާޅުވަނީ އޭނާއަކީ ބަޠަލެއް ނޫންކަމަށާއި އޭނާއަކީ އޭނާގެ އުފަން ގައުމުގެ ރައްޔިތުންނަށް އެ މީހުންނަށް ޙައްގު ނަޒާޙަތާއި ކަރާމާތް ހޯދައިދޭން މަސައްކަތްކުރައްވާ އެ ފަސްގަނޑުގެ ދަރިއެއްކަމަށެވެ.

2022ވަނަ އަހަރު ސެޕްޓެންބަރު މަހު ގެންނެވި އިންގިލާބަކުން ވެރިކަން ހޯއްދެވުމުން އޭނާއާ އިދިކޮޅަށް ދުނިޔެ ކެކިގަތެވެ. ނަމަވެސް އޭނާ އަނެއް ދުވަހު ރައްޔިތުންނާ މުޚާޠަބުކޮށް ވިދާޅުވީ އޭނާ އިންގިލާބުން ވެރިކަން ހޯއްދެވީ ބާރުހޯއްދަވާކަށް ނޫންކަމަށެވެ. އޭނާ ވަޑައިގަތީ ރައްޔިތުން ތިބި އަޅުވެތިކަމުން މިނިވަންކަން ހޯއްދަވައިދެއްވާން ކަމަށެވެ. އޭނާގެ ގައުމު ވެއްޓިފައި އޮތް ވަޅުގަނޑުން ނަންގަވައި ފުދުންތެރި ގައުމަކަށް ހައްދަވާށެވެ. ނިކަމެތި ފަގީރު ހާލުގައި ތިބި ރައްޔިތުންނަށް ތަނަވަސްކަން ހޯއްދަވައިދެއްވާށެވެ! މަދަނީ ހަނގުރާމަތައް ހުއްޓުވައި އަމާންކަން ގާއިމުކުރައްވާށެވެ!

ކުރީން ބަޑި ހިފައިގެން ހަނގުރާމަކުރާން ތިބި ޖިހާދީން މިއަދު ތިބީ ހަތިޔާރުތައް އެއްލައިލުމަށް ފަހު، ދަނޑުވެރިކަމުގެ ސާމާނު ހިފައިގެން ދަނޑުވެރިކަން ކުރާށެވެ! ހަނގުރާމައިގެ މައިދާންތައް މިއަދު ވަނީ ފެހި ދަނޑުތަކަކަށް ހައްދަވައިފައެވެ. ކުރީން ހުރި ޗެކް ޕޯސްޓުތައް މިއަދު ވަނީ ދަނޑުވެރިކަމަށް އެހީވާ މަރުކަޒުތަކަކަށް ބަދަލުކުރައްވައިފައެވެ.

ބަނޑުހައިހޫނުކަމާ އެކު ކުރާނެކަމެއް ނެތިގެން މަގުމަތީގައި އުޅުނު ކުޑަކުދީން މިއަދު ތިބީ، މީރު ކާނާ ކައިގެން އިސްކޫލުތަކުގައި ހަމަޖެހިލައިގެން ތަޢުލީމު ޙާޞިލުކުރާށެވެ. ކޮންމެ މީހަކަށް ވެސް މިއަދު ކުރާނެ ކަމެއް އެބަ އޮތެވެ. ޝަރަފުވެރިކަމާ އެކު ބަނޑުފުރާނަ މުއްތިކުރުމުގެ ހިތްހަމަޖެހުން ރައްޔިތުންނަށް ހޯއްދަވައިދެއްވައިފިއެވެ. އެތައް ކާރުޚާނާއެއް ހައްދަވައިފިއެވެ. ދަނޑުވެރިކަން ކުރާ މީހުން އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދެއްވައިފިއެވެ. މި ފަދަ ތަކެއްޗަށް އަގުއެއްކުރައްވައިގެން ގައުމުން ބޭރަށް އެކްސްޕޯޓުކުރައްވާން ފައްޓަވައިފިއެވެ. ބިނާރުތައް ގާއިމުކުރައްވައިފިއެވެ. އެތައް އިސްކޫލަކާއި ހޮސްޕިޓަލެއް ބިނާކުރައްވައިފިއެވެ. ދަތުރުފަތުރުގެ ނިޒާމު ތަރައްގީކުރައްވައިފިއެވެ.

އާދޭހެވެ! މި ކުރު މުއްދަތުގެ ތެރޭގައި ތަރައްގީގެ އެތައް މަޝްރޫޢޫތަކެއް ފައްޓަވައިފިއެވެ. ރައްޔިތުން ހެއްވައިލައްވައިފިއެވެ. އޭނާގެ ޢަޒުމު ވަރުގަދައެވެ. އޭނާ ވިދާޅުވެފައިވެއެވެ. [އެފްރިކާގައި މިނިވަން 54 ގައުމު އެބަ އޮތެވެ. އޭގެ މާނައަކީ 54 ސަރުކާރާއި 54 ރައީސުންނާއި 54 ގައުމީދިދަ ލިބިފައި އެބަ ވެއެވެ. އެހެންކަމުން އަހަރެމެން އެއްބައިވެއްޖެ ނަމަ . . . ﷲ ގަންދީ ބުނަމެވެ. ﷲ ފިޔަވައި، އަހަރެމެން ހުއްޓުވޭނެ ބާރެއް މި ބިންމައްޗަކު ނުވެއެވެ.] އޭނާގެ ނަޒަރުގައި [މިނިވަންކަމަކީ ހަމަ އެކަނި މިނިވަން ދިދައެއް ނޫނެވެ. އެއީ ހަމައެކަނި ގައުމީ ސަލާމެއް ނޫނެވެ. އެއީ އަހަރެމެން އަމިއްލައަށް މަގުތައް ހެދުމެވެ. އެއީ އަހަރެމެންގެ މުއްސަނދިކަމާއި ވަސީލަތްތައް އަހަރެން އަމިއްލައަށް ކޮންޓްރޯލްކުރުމެވެ. އަހަރެމެންގެ އަމިއްލަ ތާރީޚު ކިޔަވައިދިނުމެވެ. އަހަރެމެންގެ މުއްސަނދި ވަސީލަތްތައް ފޭރިގަނެ އަހަރެމެން މުއްސަނދިވިޔަނުދީ އެހެން ގައުމުތަކުން ބޭނުންކުރާތާ މާ ގިނަ ދުވަސްވެއްޖެއެވެ. އެފްރިކާއަކީ ފަގީރު ބައްރެއް ނޫނެވެ. އަހަރެމެން ތެދުވެ ހިންދެމިލަމާ ހިނގާށެވެ!]

ވޭތުވެ ދިޔަ ދިގު ތާރީޚުގައި އެ ގައުމުގެ ގުދުރަތީ މުއްސަނދިކަން ބޭނުންކުރަމުން އައީ ހުޅަނގުގެ ބާރުތަކުންނެވެ. ތެލާއި ރަނާއި މަޢުދަނުގެ އެހެން ބާވަތްތަކެވެ. އެހެންކަމުން އޭނާ ތެދުވެވަޑައިގެން އެ ހުންނެވެވީ އެ ބާރުތައް ފައްސައިލައްވައި އޭނާގެ ގައުމު އަމިއްލަ ފައިމައްޗަށް ކޮޅަށް ނަންގަވާށެވެ.

މިއީ ހުޅަނަގަށް ބަލައިގަންނާން މާ ފަސޭހަ ކަމެއް ނޫނެވެ. އެ ގައުމުގެ މުއްސަނދިކަމުން ނާޖާއިޒު ފައިދާ ނަގަމުން ގެންދިޔަ، ފަރަންސޭސީންނާއި އިނގިރޭސީންނާއި އަދި ވެސް އެހެނިހެން ބާރުތައް މި ކަމާ ތިބީ ވަރަށް ރުޅި އައިސްފައެވެ. އެހެންކަމުން ގައުމުގެ އެތެރޭގައި ނުފޫޒު ފަތުރައިގެން އޭނާ އަވަހާރަކޮށްލާން ވެސް ކިތަންމެ ފަހަރަކު މަސައްކަތްކޮށްފިއެވެ. ރިޔާސީ ގަނޑުވަރަށް ވަދެ ޙަމަލާ ވެސް ދިފިއެވެ. ނަމަވެސް އޭނާގެ ޢަޒުމަކަށް ބަދަލެއް ނާދެއެވެ.

އޭނާގެ ހުއްޓުމެއް ނެތް މަސައްކަތްޕުޅުގެ ސަބަބުން، އަހުލީ ހަނގުރާމަ ހިނގަމުން ދިޔަ ބުރްކީނޯ ފާސޯއަކީ މިއަދު އަމާން ގައުމެކެވެ. އަހުލީ ޢަދާވަތްތެރިކަން އުފެދިފައި އޮތް ގައުމަކީ މިއަދު އެކުވެރި އުފާވެރި ސުލްޙަވެރި ރައްޔިތަކު ދިރިއުޅޭ ގައުމެކެވެ. ނަތީޖާއެއްގެ ގޮތުން ނޯބަލް ސުލްޙައިގެ އިނާމަށް އޭނާގެ ނަންފުޅުވަނީ ހުށަހެޅި އެންމެ ފަހުގެ ފަސް ނަމުގެ ލިސްޓުގައި ހިމެނިފައެވެ.

މި ޚަބަރުން ދުނިޔެއަށް [ޝޮކެއް] ލިބުނު ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި އެއީ އިބްރާހީމް ޓްރައުރޭއަށް ޙައްގު އިނާމެކެވެ. އެކި ގައުމުތަކުގެ ވެރީން ވަކިވަކީން، ސަބަބު ބަޔާންކުރައްވައި ފައްސި ޚިޔާލު ފާޅުކުރައްވައިފައި އެބަ ހުއްޓެވެ. އިބްރާހީމަށް ތަޢުރީފުކުރައްވައި ތަހުނިޔާ ދަންނަވައިފައި އެބަ ހުއްޓެވެ.

އެކަމަކު ފުރާންސްގެ ރައީސްއަކީ އިބްރާހީމަށް ތާއީދުކުރައްވާ ބޭފުޅެއް ނޫނެވެ. ވާނީ ވެސް އެހެންތާއެވެ. ބުރްކީނޯ ފާސޯގެ ގުދުރަތީ ޚަޒާނާ ފޭރެމުން ދަނިކޮށް އެ ތަނުން އެ މީހުން ބޭރުވާން ޖެހުނީ އިބްރާހީމްގެ ސަބަބުންނެވެ. އެހެންކަމުން އެމަނުއެލް މެކްރޯން، އިބްރާހީމް ޓްރައޯރޭ ސިފަކުރައްވަނީ "އަމިއްލައަށް އެފުރިކާގެ ވަޠަނީ މީހުންކަމަށް ބުނާ މީހުންނާއި އިމްބިރްޔާލިއްޔީނާ ދެމެދު ބައިބައިކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.  އަދި އެއީ ބާޣީއެއްކަމަށާއި އެއީ ޚުދުމުޚުތާރު ވެރިއެއް]ކަމަށެވެ.

ފަރަންސޭސީން ކޮންމެ ގޮތަކަށް ދުށްޓަސް މިއަދު ބުރްކީނޯ ފާސޯގެ ރައްޔިޔުންގެ ނަޒަރުގައި އިބްރާހީމް ޓްރައުރޭއަކީ އެ ގައުމުގެ އުންމީދެވެ. އެއީ ހަގީގީ ގައުމީ ބަޠަލެކެވެ. ރައްޔިތުން ދެކެ ލޯބިފުޅުވާ ވެރިއެކެވެ. އޭނާ، ރައްޔިތުންނަށް ޔަގީންކަމާއި ފާގަތިކަން ގަނެސްދެއްވައިފިއެވެ. ރައްޔިތުންގެ ދުލުން އިބރާހީމަށް އޮހެނީ ތަޢުރީފާއި ތަޝައްކުރާއި ޝުކުރުގެ ޝުޢޫރުތަކެވެ. ކުރީން ބުރްކީނޯ ފާސޯ ކިޔާ ގައުމެއް ދުނިޔޭގައި އޮންނަކަން އެނގޭނީ މަދު މީހަކަށެވެ. އަދި އިބަރާހީމް ޓްރައުރޭގެ ނަން އެފްރިކާއިން ބޭރަކަށް ނުދެއެވެ. ނަމަވެސް މިހާރު އެއީ މުޅި ދުނިޔެއަށް ނަމޫނާ އިދާރިއްޔަތެކެވެ. މަޝްހޫރު، ޤައުމެކެވެ. މަޤުބޫލު ޝަޚުޞިއްޔަތެކެވެ.

 

ކޮމެންޓު