ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
13 ޖުލައި 2025
ދަޝްރަތު މާންޖީއަކީ އިންޑިޔާގެ ބިހާރު ސުޓޭޓުގެ ގާޔާއޭ ކިޔޭ ރަށު ކައިރީގައި އޮންނަ އަވަށެއްކަމުގައިވާ ގެހެލައުރުގެ މީހެކެވެ. އޭނާ އުފަންވީ 1934ވަނަ އަހަރުއެވެ. ނިޔާވީ 2007ވަނަ އަހަރުގައި އުމުރުން 73 އަހަރުގައެވެ. އޭނާ މަޝްހޫރުވެފައި ވަނީ 'ފަރުބަދައެއް ގުޑުވާލި' މީހާގެ ނަމުންނެވެ. އާދޭހެވެ! އޭނާގެ އަވަށުން ސިއްހީ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތައް ފަސޭހައިން ލިބޭން އޮންނަ މައި ރަށަށް ދިޔުމުގެ މަގު ކުރުކޮށްލުމުގެ ގޮތުން، އެކަނިމާއެކަނި، ފަރުބަދައެއް ކަނޑައިގެން އޭނާ މަގެއް ހެދިއެވެ.
ދަޝްރަތު މާންޖީ ކުޑައިރު އޭނާގެ އަވަށް ދޫކޮށްލައިފައި އެކި ތަންތަނުގައި މަސައްކަތްކުރިއެވެ. ފަރުބަދަތަކުން ދެލި ކެނޑުމުގައި އޭނާގެ ކުޑައިރުގެ ދުވަސްތައް ހޭދަކޮށްލުމަށް ފަހު، އެނބުރި އޭނާގެ އަވަށްކަމުގައިވާ ގެލަހޫރަށް އައިސް ކައިވެނިކުރިއެވެ. އޭނާގެ އަވަށަކީ ހަމަ ބިމުގެ އަވަށެއް ކަމުގައި ވިޔަސް އެ އަވަށުގެ ވަށައިގެން ފަރުބަދަ އޮވެއެވެ. އެހެންވެ، އެ އަވަށާ އެންމެ ކައިރީގައި އޮންނަ މައި ރަށް ކަމުގައިވާ ވަޒީރުގާންޖަށް ދިޔުން އެހައި ފަސޭހައެއްނޫނެވެ. ކައިރީގައި އޮތް ސިޓީއަށް ސިއްޙީ ޚިދުމަތް ލިބިގަތުމަށާއި ތައުލީމު ޙާޞިލުކުރުމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ޓަކައި ދިޔުމަށް ހުރަސްއެޅި އެކަހެރިވެފައި އެ އަވަށް އޮންނާން ޖެހެނީ ވަށައިގެންވާ 300 ފޫޓުގެ އުސް ފަރުބަދަތަކެވެ.
ދަޝްރަތު މާންޖީ ދަނޑުވެރި މަސައްކަތު މީހެއްގެ ގޮތުގައި މަސައްކަތްކުރިއެވެ. އެ ގޮތުގައި ދިރިއުޅެމުން ގެންދިޔައެވެ. ދެން، އެއް ދުވަހަކު، އޭނާ އަންހެނުން މަސައްކަތުގައި ފަރުބަދަމަތީ އުޅެނިކޮށް ވެއްޓި އަނިޔާވިއެވެ. ބުނެވޭ ގޮތުގައި އަންހެނުން ވެއްޓެން ދިމާވީ ދަޝްރަތަށް ފެނާއި ކާ އެއްޗެހި ހިފައިގެން ފަރުބަދަ މަތީން، ހަނި މަގަކުން ދާން ޖެހުމުގެ ސަބަބުންނެވެ. އަދި ބައެއް ޚަބަރުތައް ބުނާ ގޮތުގައި މި ކަން ދިމާވީ ކޮންމެވެސް އެހެން މީހަކަށެވެ. އެ ކަން ދިމާވީ ކޮންމެ މީހަކަށްކަމުގައި ވިޔަސް އެ މީހަކަށް ބޭނުންވާ ސިއްހީ ފަރުވާދޭން، ފަސޭހައިން ދެވޭނޭ ރަށެއް ކައިރިއަކު ނެތެވެ. ދެން، ދަޝްރަތު މާންޖީ ނިންމީ ފަރުބަދަ ކަނޑައި މަގެއް ހަދާށެވެ. ދަޝްރަތު މާންޖީގެ އަވަށުގެ މީހުންނަށް ބޭނުން ޖެހޭ ކަންކަން ފުއްދުމަށް ކައިރީގައި އޮންނަ ރަށަކަށް ފަސޭހައިން ދިޔުމުގެ މަގު ފަހިކޮށްދިނުމަށް ޓަކައެވެ.
ދަޝްރަތު މާންޖީ ފަރުބަދަ ކެނޑުމުގެ މަސައްކަތް ފެށީ އޭނާގެ އަމިއްލަ އަތުންނެވެ. މަރުތޭލައަކާއި ވަޑާން ކައްޓެއް ބޭނުން ކޮށްގެންނެވެ. އަދި ބާވީސް އަހަރު ދުވަހުގެ ތެރޭގައި ސަތޭކަ ދިހަ މީޓަރު ދިގު، (ބައެއް ހިސާބު ހިސާބުގައި އަށެއްކަ މީޓަރު ފުން)، ނުވަ މީޓަރު ފުޅާ މަގެއް، ފަރުބަދަ ކަނޑައި، ހެދިއެވެ. މި މަސައްކަތް އޭނާ ފެށީ 1960 ވަނަ އަހަރުއެވެ. ނިންމައިލެވުނީ 1982ވަނަ އަހަރުއެވެ. ބާވީސް އަހަރަށް ފަހު، އޭނާގެ މަސައްކަތް ނިންމައިލުމުން، އޭނާގެ އަވަށުން ވަޒީރުގާންޖަށް ދާން ކުރާން ޖެހޭ ދަތުރުގެ ދިގުމިން 55 ކިލޯ މީޓަރުން 15 ކިލޯމީޓަރަށް ކުރުވެގެން ދިޔައެވެ.
އަމިއްލަ އަތުން ފަރުބަދަ ކަނޑައިގެން މަގެއް ހެދުމުގެ މި މަސައްކަތް ފެށުމުން އޭނާއަކީ ބުއްދި ގޯސްވެފައިވާ މީހެއްކަމުގައި އޭނާގެ އަވަށުގެ މީހުން ދުށްޓެވެ. އާދޭހެވެ! މަރުތޭލައަކާއި ވަޑާން ކަށްޓެއް ހިފައިގެން ފަރުބަދައެއް ކަނޑާން އުޅޭނީ، އާންމުންގެ ނަޒަރުގައި، މޮޔައެއްތާއެވެ! އޭނާއަށް މީހުން ކުރި މަލާމާތަކީ އޭނާގެ މަސައްކަތް ހުއްޓައިލާން ޖެހޭ ސަބަބެއްކަމަކަށް އޭނާއެއް ނަހަދައެވެ. އަދި ކިއެއް ހެއްޔެވެ؟ އެ ކަންވީ އޭނާއަށް އިތުރު ހިތްވަރެއް ލިބުނު ކަމަކަށެވެ. އޭނާގެ އަޒުމު އެކަތައަށް ހަދައިލި ކަމެއްކަމުގައެވެ.
ފަހުން، އޭނާގެ މަސައްކަތް ކާމިޔާބީއާ އެކު، ނިންމައިލައި، ފަރުބަދަ ކަނޑައިގެން މަގެއް ހެދުމުން، ދަޝްރަތު މާންޖީގެ މަސައްކަތުގެ އަގު ވަޒަންކޮށް އިނާމު ދެވުނެވެ. އަދި، ކުރީން، އޭނާ މަސައްކަތްކުރަމުން ދިޔައިރު، ބައެއް މީހުން އޭނާއަށް އެހީވެދިނެވެ. ކާނޭ އެއްޗެހި ގެނެސް، އޭނާ ބޭނުންވި ބައެއް މަސައްކަތު ސާމާނު ވެސް، ގަނެދިނެވެ. މީގެ އިތުރަށް، ބިހާރު އިސްޓޭޓުން އޭނާގެ މަސައްކަތުގެ އަގު ވަޒަންކޮށް އިނާމު ވެސްދެވުނެވެ. އަދިވެސް މީގެ އިތުރަށް، އޭނާގެ ނަމުގައި އިސްޓޭމްޕެއް ވެސް ނެރެވުނެވެ.
ދަޝްރަތު މާންޖީގެ ވާހަކައިން ލިބޭ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ ނުގުޑާނޭ އަޒުމަކާ އެކު، ކެރިގެން މަސައްކަތްކޮށްފި ނަމަ، ފަރުބަދަފަރުބަދަ ވެސް ގުޑުވައިލެވިދާނޭކަމެވެ! އާދޭހެވެ! ނުކުރެވޭނޭ ވަރު ކަމެއް ނޯންނާނޭކަން ދަޝްރަތު މާންޖީގެ ސިޔަރަތާއި އޭނާގެ އަމަލުން އެނގެއެވެ.