އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
14 ޖުލައި 2025
އެއްވެސް މީހަކު ފޭލުވެ ނާކާމިޔާބުވާކަށް ބޭނުމެއް ނުވާނެއެވެ. އެހެނަސް ނާކާމިޔާބަކީ ދުޝްމަނެއްނޫނެވެ. އެއީ އެ ކަމާ ނުރުހުންވާން ޖެހޭ ނުބައި ކަމެއް ވެސް ނޫނެވެ. ނާކާމިޔާބަކީ ކާމިޔާބުވެރީންގެ ޙަޔާތުގެ ބައެކެވެ. ހަރުބަހެއް ބުނާގޮތުގައި 'ނާކާމިޔާބަކީ ކާމިޔާބުގެ ތަޅުދަނޑިއެވެ.' ކާމިޔާބު ވާނީ މަސައްކަތްކޮށްގެންނެވެ. ތުއްތުކުއްޖާފުޅު ވެސް ފުރަތަމަ އަޅާ ފިޔަވަޅުން ވެއްޓެއެވެ. އެހެނަސް އެ ކުއްޖާފުޅު ތެދުވެ، އަލުން ހިނގާން މަސައްކަތްކުރެއެވެ. މިއިން އެނގެނީ ޙަޤީޤީ ނާކާމިޔާބަކީ މަސައްކަތްނުކުރުން ކަމެވެ. އިންސާނާގެ ޙަޤީޤީ ޢަދުއްވަކީ މަސައްކަތްނުކުރުމެވެ. އޭނާގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދާން މަސައްކަތްނުކުރުމެވެ. އޭނާގެ ޤާބިލުކަން ބޭނުންނުކުރުމެވެ. އޭނާ އެދޭ އެދުންތައް ޙާޞިލުކުރުމަށް ޓަކައި ގަދައަޅައި މަސައްކަތްނުކުރުމެވެ. މާތްﷲ ވަޙީކުރެއްވިއެވެ.} وَأَن لَّيْسَ لِلْإِنسَٰنِ إِلَّا مَا سَعَىٰ ﴿٣٩﴾ وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ – النجم : 39-40- މާނައީ: އަދި އިންސާނާޔަށް އޭނާ ކުޅަ عمل އެއް (ގެ ޖަޒާ) މެނުވީ ނުވެއެވެ. އަދި ހަމަކަށަވަރުން، އޭނާ ކުޅަ عملއެއް ނިކަން ހުރެ އޭނާ ދެކޭނެތެވެ.{
ނާކާމިޔާބަކީ އެ ކަމާ މެދު ލަދުގަންނާން ޖެހޭ ކަމެއްނޫނެވެ. އެއީ ޤާތިލެއްނުމެނޫންމެއެވެ. އޭނާ މަރައިލާ ކަމަކީ އޭނާގެ ޙަޔާތުގައި ނުވަތަ އޭނާގެ ޙަޔާތަށް ޓަކައި ކަމެއް ނުކޮށް ހުރުމެވެ. ލަދުގަންނާން ޖެހޭ ކަމަކަށް ވާނީ ވެއްޓުނީމާ ނުތެދުވުމެވެ. ވެއްޓޭ އިރަށް ތެދުވާން މަސައްކަތްކުރާންވާނެއެވެ.
އަނާ ވިންޓަރ މަޝްހޫރު ވޯގު މަޖައްލާގެ އިސް އެޑިޓަރުކަމުގެ މަޤާމަށް އިސްވެވަޑައިގަތުމުގެ ކުރިން މަސައްކަތް ކުރެއްވީ "ހާޕާސް ބާޒާރު" ނަމަކަށް ކިޔާ ފެޝަން މަޖައްލާއެއްގައެވެ. މި މަޖައްލާގެ ފިކުރާ އޭނާގެ ފިކުރު ނުގުޅުމުން އޭނާ މި މަޖައްލާގެ ވަޒީފާއިން ވަކިކުރިއެވެ. އޭނާ މި ނާކާމިޔާބަށް އަމާންނުދެއްވައި މަސައްކަތްކުރެއްވުމުގެ ސަބަބުން ދުނިޔެއަށް މަޝްހޫރު ބޭފުޅަކަށް ވެގެންދިޔައެވެ.
ސޮލޮމަން ބްރަދަރޒް ކުންފުނީގައި މަސައްކަތްކުރައްވާން އުޅުއްވި މައިކަލް ބްލޫމްބަރގް އެ ކުންފުނިން ވަކިކުރިއެވެ. މި ކަމާހެދި އޭނާ މާޔޫސްވެވަޑައެއްނުގަންނަވައެވެ. މާލީ މަޢުލޫމާތުގެ މައިދާނުގައި މަޝްހޫރު ބްލޫމްބަރގް ކުންފުނި އުފަންވީ މި ނާކާމިޔާބަށް ފަހު، އަމާންނުދެއްވައި ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ.
ބްރިއަން ޗެސްކީއާއި ޖޯ ޖީބިޔާ، Airbnb މަޝްހޫރު ޤާބިލު ކުންފުންޏަކަށް ހެއްދެވީ އެތައް ޤުރުބާނީތަކެއް ވެވަޑައިގަންނަވައިގެންނެވެ. މި ކުންފުނި ފެށުނީ ތަނަވަސްކަމެއް ނެތް ވަރަށް ކުޑަކުޑަ ކުންފުންޏެއްގެ ގޮތުގައެވެ. ކުންފުންޏަށް ޚަރަދުކުރެއްވުމަށް ޓަކައި ހެދުނުގެ ނާސްތާއިން ބައެއް ވިއްކައިލައްވައިގެން ފައިސާ ހޯއްދެވިއެވެ. މި ބުރަތަކާ ހެދި އަމާނެއްނުދެއްވައެވެ. މިއަދު އެ ކުންފުންޏަކީ މެހުމާންދާރީގެ މައިދާނުގައި މަޝްހޫރު ބޮޑު ކުންޏެކެވެ. މި ކުންފުނީގެ ޚިދްމަތްތަކުގެ ސަބަބުން ފަތުރުވެރީންގެ ވިސްނުން ވަނީ ބަދަލުވެފައެވެ.
ވީމާ، ނާކާމިޔާބަކީ ކާމިޔާބުގެ ހަލިމަގެވެ. ނާކާމިޔާބުގެ މާނައަކީ ތިބާ އެބަ މަސައްކަތްކުރެއެވެ. ތިބާ އެބަ ދުވެއެވެ. ވެއްޓުނީމާ ތިބާ އެބަ ތެދުވެއެވެ.
ނާކާމިޔާބާމެދު ކަންބޮޑުނުވާށެވެ! ހާސްނުވާށެވެ! ނާކާމިޔާބުގެ ފޮޓޯތައް ކުރަހައި، ގިއުގަނޑަށް ލައި ތަންތާނގައި އެލުވާށެވެ! އެ ކަން ފާހަގަކުރާށެވެ! އެއީ ކުރިއަށް ދާން ލިބޭ ހިތްވަރަކަށް ހަދާށެވެ!