ad_banner
ޚިދުމަތްދޭ ފަރާތުގެ ޝިޢާރަކަށް السَّلَامُ عَلَيكُم ހަދަމާތޯއެވެ!

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

6 ޖުލައި 2025

މާތް ﷲއަށް ޓަކައި ސަލާމްކުރާ ނަމަ އެއީ ގިނަގުނަ ސަވާބު ލިބެނިވި މަތިވެރި އަޅުކަމެކެވެ.

ސަލާމުގެ މާނައަކީ އަމާންކަމެވެ. السَّلَام މިއީ މާތް ﷲގެ މަތިވެރި އިސްމުފުޅެކެވެ. ސަލާމުގެ މާނައަކީ އަމާންކަމޭ ދެންނެވިޔަސް އެ ލަފުޒުގައި ވަރަށް ގިނަ މާނަ އެކުލެވޭކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. ﷲގެ ޒާތުފުޅަށް އެ ސިފަ ލިބިވޮޑިގެންވުމުން އެ ކަލިމައިގެ މާތްކަމާއި މަތިވެރިކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. އެހެނީ އެ ކަލާނގެއީ އެންމެ ހައި ފުރިހަމަ ސިފަތަކުން ސިފަލިބިވޮޑިގެންވާ އަދި އެންމެހައި އުނި ސިފަތަކާއި ޢައިބަކުން ހުސްދުރުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެ ކަލާނގެއާ އެހެން އެއްވެސް އެއްޗަކާ އަރައި އަރަފޯދިގެންނެއް ނުވެއެވެ.

މުސްލިމުންގެ ސަލާމަކީ السَّلَامُ عَلَيكُم ކަމަށް ޝަރުޢުގައި ވަނީ ކަނޑައަޅުއްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. }وَإِذَا حُيِّيتُمْ بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا{ (النساء:86) (ތިޔަބައިމިހުންނާ އެއްވެސް ކަހަލަ ސަލާމަކުން ސަލާމްކުރެވިއްޖެ ނަމަ، އެއައް ވުރެ ރިވެތި ސަލާމަކުން ތިޔަބައިމީހުން ސަލާމްކުރަށެވެ! ނުވަތަ އެ ސަލާމަށް ރައްދުދޭށެވެ!)

މީގެ މާނައަކީ ތިމާއަށް މީހަކު السَّلَامُ عَلَيكُم މި ފަދައިން ބުނެ ސަލާމްކޮށްފި ނަމަ، وَعَلَيكُم السَّلَامُ ورحمة الله މި ފަދައިން ބުނެ ޖަވާބު ދިނުމެވެ. السَّلَامُ عَلَيكُم ورحمة الله މި ގޮތަށް ސަލާމްކޮށްފި ނަމަ وَعَلَيكُم السَّلَامُ ورحمة الله وبركاته މި ފަދައިން ބުނެ ސަލާމަށް ރައްދުދިނުމެވެ. އެންމެ ކުޑަމިނުން ސަލާމްކުރި ޢިބާރާތާ އެއް މިންވަރަކަށް ޖަވާބުދިނުމެވެ. އެއީ وَعَلَيكُم السَّلَامُ މި މިންވަރެވެ.

އިސްވެ ދިޔަ އާޔަތުން އެނގޭ ގޮތުގައި ސަލާމަށް އިޖާބަދިނުމަކީ ވާޖިބެކެވެ. އެހެނީ އެއީ މާތް ﷲ ޞަރީޙަބަހުން ކުރައްވައިފައިވާ އަމުރުފުޅެކެވެ.

ސަލާމަށް އިސްނަގާ މީހާއަށް ލިބޭ ސަވާބު އެތައް ގުނައެއް އިތުރުވެގެންވެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ވާޖިބުވަނީ ސަލާމްކުރެވިއްޖެ ނަމަ، އެއަށް އިޖާބަދިނުންކަމަށް ވިޔަސް އިސްވެ ސަލާމްކުރުމަކީ މުހިންމުކަމެކެވެ.

ސަލާމްގައި ހިމެނިގެންވަނީ ލޯތްބާއި އޯގާތެރިކަމުގެ ކަލިމައެކެވެ. ހިތްހެޔޮކަމާއި އަމާންކަމުގެ ޝުޢޫރެވެ. މީހަކާ އިސްވެ ސަލާމްކޮށްފި ނަމަ، އޭގެ މާނައަކީ ތިމަންގެ ފަރާތުން އިނބަށް އޮތީ އަމާންކަމާއި ހިތްހަމަޖެހުމެވެ. ޖަވާބު ދެމުން ވެސް އެ ބުނެވެނީ ތިމަންގެ ފަރާތުން އިނބަށް ވެސް އެދެނީ އަމާންކަމާއި ﷲގެ ރަޙުމަތާއި ބަރަކާތެވެ.

ހަގީގަތުގައި ސަލާމަކީ ދުޢާއެކެވެ. އަނެކާއަށް އަމާންކަމާއި ﷲގެ ރަޙުމަތާއި ބަރަކާތްލެއްވުން އެދި ކުރެވޭ ދުޢާއެކެވެ. ސުވަރުގޭގެ އަހުލުވެރީންގެ ތަޙިއްޔަތަކީ ވެސް ސަލާމެވެ.

ސަލާމްކުރުމަކީ ދޭދޭ ފަރުދުންގެ މެދުގައި ލޯތްބާއި ކުލުނު އުފެދޭ ކަމެކެވެ. ކައު އިތުރު ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. [لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ] (رواه مسلم)  ([ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ސުވަރުގެއަކަށް ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވެއްޖައުމަށް ދާންދެން ތިޔަބައިމީހުންގެ އީމާންކަން ފުރިހަމައެއްނުވާހުއްޓެވެ. އެ ކަމެއް ކުރުމުން ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭނެ ކަމެއް ތިމަންކަލޭގެފާނު އަންގަވައިދެއްވަމުހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ!] (އެބަހީ: ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް ސަލާންކުރުން އާދަކުރާށެވެ!)

ސަލާމަކީ އަމާންކަމުގެ ގޮވައިލުމެކެވެ. އަދި އަމާންކަމުގެ އަހުލުވެރިންގެ ޢަލާމާތެކެވެ. އޭގެ މާނަ އެނގިއްޖެ މީހާ އެއަށް ޤަދަރުކުރާނެއެވެ. އަދި އޭގެ ހަގީގަތާއި މަތިވެރިކަން އެނގިއްޖެ މީހާ އޭނާގެ ނަފުސު ޠާހިރުކޮށް، އޭނާގެ ސުލޫކު ރަނގަޅުކުރާނެއެވެ. އެ މުޖުތަމަޢެއްގައި ސަލާމް ފަތުރައިފި މުޖުތަމަޢެއް ބާއްޖަވެރިވާނެއެވެ.

މާތް ﷲ ތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. }فَإِذَا دَخَلْتُمْ بُيُوتًا فَسَلِّمُوا عَلَى أَنْفُسِكُمْ تَحِيَّةً مِنْ عِنْدِ اللَّهِ مُبَارَكَةً طَيِّبَةً{ (النور: 61) ([ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނަ އިރު، ﷲގެ ޙަޟުރަތުންވާ ބަރަކާތްތެރި، ރަނގަޅު ސަލާމަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ތިޔަބައިމީހުން ސަލާމްކުރާށެވެ!])

އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.

}يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ وَيُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَى صِرَاطٍ مُسْتَقِيمٍ{ (المائدة: 16) ([ﷲ، އެ ކަލާނގެ ރުއްސަވާ މަގަށް ތަބާވީ މީހަކަށް ސަލާމަތުގެ މަގަށް އެ ފޮތުން މަގު ދައްކަވަތެވެ. އަދި އެކަލާނގެ އިޛުނަފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް އެބައިމީހުން ނެރުއްވައެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެބައިމީހުންނަށް މަގުދައްކަވަތެވެ.])

ތިމާގެ ގެ ނޫން ގެޔަކަށް ވަންނަ ނަމަ ސަލާމް ގޮވައިލުމަށް ފަހު ހުއްދަ ވެސް ހޯދާން ވަނީ މާތް ﷲ އަމުރުކުރައްވައިފައެވެ. އެއީ އެއް ބަޔަކު އަނެއް ބަޔެއްގެ މައްޗަށް އޮންނަ އިތުބާރާއި ހިތްހެޔޮކަން ހާމަކޮށް އެ ކަން ދެމެހެއްޓުމަށް ޓަކައެވެ. އަޅުގަނޑުމެންނަށް އެންމެ ހެޔޮ ގޮތަކީ އެއީކަމަށް ވާތީއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. }يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا وَتُسَلِّمُوا عَلَىٰ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ{ ([އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ أهلވެރީންނަށް سلامކޮށް إذن ލިބިގެންފުމަށް ދާނދެން ނުވަންނާށެވެ! އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށް ޓަކައެވެ.]) (سورة النّـور:27)

ސަލާމްކުރުމުގެ މާތްކަމާއި އެ ކަމުގެ ދަރުމަ އެނގިވަޑައިގެން ތިއްބެވީތީ މާތް ޞަޙާބީން ހަމައެކަނި ސަލާމްކުރެއްވުގެ ބޭނުންފުޅުގައި ބާޒާރުމައްޗަށް ނުކުމެވަޑައިގެން ސަލާމްކުރައްވާކަމަށް ވެއެވެ. އެހެނީ މުސްލިމުން އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ލޯބިއިތުރުކޮށްދޭ ކަންކަމުގެ ތެރޭގައި އެބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވުމުން އަތާ އަތްޖޯޑުކޮށް ސަލާމްކުރުން ހިމެނެއެވެ. މިއީ މާތް ޞަޙާބީ ބޭކަލުން މި އުންމަތަށް ދައްކަވައިފައިވާ ރީތި ނަމޫނާގެ ތެރޭގައި ހިމެނޭ ވަރަށް މަތިވެރި ސުންނަތެކެވެ. އަދި ކައު ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ މި ފަދައިން ސަލާމްކުރުމުން ލިބޭނެ މަތިވެރި އަޖުރުގެ ވާހަކައިން މި އުންމަތަށް ޚަބަރު ދެއްވައިފައެވެ. ކައު އިތުރު ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ. [مَا مِنْ مُسْلِمَيْنِ يَلْتَقِيَانِ فَيَتَصَافَحَانِ إِلَّا غُفِرَ لَهُمَا قَبْلَ أَنْ يَفْتَرِقَا" (رواه أبو داود) ([ދެ މުސްލިމަކު ބައްދަލުވެ އަތާއަތްޖޯޑުކޮށް ސަލާމްކޮށްފި ނަމަ، އެ ދެ މީހުން ވަކިވުމުގެ ކުރީން އެ ދެމީހުންގެ ފާފަ ފުއްސެވޭނެއެވެ.])

ސަލާމް ގޮވައި އުޅުމުގެ އެންމެ ރަނގަޅު ގޮތަކީ، ކުޑަކުދިން ބޮޑެތި މީހުނަށް، އަދި (ތަނެއްގައި) އިށީންދެ އިން މީހަކަށް ހިނގައިފައި ދާ މީހާ، މަދު މީހުން ގިނަ މީހުންނަށް ސަލާމްކުރުމެވެ. މިއީ ސަލާމްކުރުމުގެ އަދަބުވެރި ގޮތެވެ. އަންނަނިވި ޙަދީސުން އެ ކަން ސާފުވެއެވެ.

عَنْ أَبِيْ هُرَيْرَةَ رَضِيَ الله عَنْهُ قَالَ : قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّمَ : (( يُسَلِّمُ الصَّغِيْرُ عَلَى الكَبِيْرِ، وَالمَارُّ عَلَى القَاعِدِ، وَالقَلِيْلُ عَلى الكَثِيْرِ)). (مُتَّفَقٌ عَلَيْهِ) ([މާތް ރުއްސުންލެއްވި އަބޫހުރައިރާ ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީސްކުރެއްވިއެވެ. "ކުޑަކުދީން ބޮޑެތިމީހުނަށް ސަލާމްގޮވާށެވެ. އަދި (ތަނެއްގައި) އިށީނދެ އިން މީހަކަށް ހިނގައިފައިދާ މީހާ ސަލާމްގޮވާށެވެ. އަދި މަދު މީހުން ގިނަމީހުންނަށް ސަލާމް ގޮވާށެވެ."])

މި ޙަދީސުން ސާބިތުވަނީ ސަލާމްކުރުމާއި ބަލައިގަތުމުގައި ވެސް އިސްލާމްދީނުގައި އަދަބުތަކެއް ކަނޑައެޅިފައި އޮތްކަމެވެ. ނަމަވެސް އަނެކަކު ސަލާންކުރަންދެން ކޮންމެހެން ތިމާ މަޑުކުރާކަށް ނުޖެހެއެވެ. ސަލާމަށް ތިމާ އިސްނެގުމަކީ ތިމާއަށް ސަވާބު އިތުރުވާނޭ ކަމެކެވެ.

ޚިދުމަތްދޭ އިދާރާތަކަށް ޚިދުމަތް ހޯދާން އަންނަ މީހާ އިސްވެ ސަލާންކުރަންދެން ޚިދުމަތްދޭ މީހާ މަޑުނުކޮށް އިސްވެ ސަލާންކުރުމަކީ އެ މުއައްސަސާއަކާ މެދު، ޚިދުމަތް ހޯދާ މީހުންގެ ހިތްތަކުގައި ލޯބި އިތުރުވާނޭ ކަމެކެވެ. ވީމާ، މުއައްސަސާތަކުގައްޔާއި ޢާންމު ތަންތާނގައި ވެސް ސަލާމް ފަތުރާން އާދަކުރަމާތޯއެވެ! ކޮންމެހެން ރައްޓެހީންނަށް އެކަންޏެއް ނޫނެވެ. ކޮންމެ މުސްލިމަކު އަނެއް މުސްލިމަކަށެވެ.

ކޮމެންޓު