ad_banner
ޤިބުލަ ކަނޑައެޅުމުގައި ސުންނަތުގެ އިޢުޖާޒު

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

11 ޖުލައި 2025

ދެ ޤިބްލަ މިސްކިތް

ޤިބްލަ ހޯދުމަށް ޓަކައި މި ޒަމާނުގައި އަޅުގަނޑުމެން ބޭނުންކުރާނީ ސަމުގާއެވެ. ނުވަތަ ގޫގުލް އަރތު  ((Google Earth ޕުރޮގްރާމެވެ. ކަޢުބަތުﷲ ގެފުޅުން ދަމައިލެވޭ ސީދާ ރޮނގަކުން ޤިބްލަ އެނގިގެންދާނެއެވެ.

ނަބަވީ ޒަމާނުގައި މި ވަސީލަތް ތަނަވަސްވެފައެއް ނުވެއެވެ. ޗާޓުތައް ހެދިފައެއް ނުވެއެވެ. ކައު ރަސޫލާ ބިނާކުރެއްވި މަދީނާގެ އަލްމަސްޖިދުއްނަބަވީއާއި، ހިޖުރައިގެ ދަތުރުފުޅު މަތީގައި ބިނާކުރެއްވި ޤުބާ މިސްކިތާއި، ދެ ޤިބްލަ މިސްކިތުގެ ނަމުން މަޝްހޫރުވެފައިވާ މިސްކިތް ފަދަ މިސްކިތްތައް ހުރީ މައްކާގެ ކަޢުބަތުﷲ ގެފުޅާ ސީދާކޮށެވެ. ކީރިތި ރަސޫލާ e މި މިސްކިތްތައް ބިނާކުރެއްވީ ގެފުޅާ ކުރިމަތިނުވާ ގޮތަށް ކަން ސާބިތުކުރެވޭތޯ ތަފާތު ޒަމާންތަކުގައި މި ދީނުގެ ދުޝްމަނުން މަސައްކަތްކޮށްފައިވެއެވެ. ދެ ޤިބްލަ މިސްކިތުގެ ފުރަތަމަ ޤިބްލަ އަކީ އަލްމަސްޖިދުލްއަޤްޞާއެވެ. ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުރި މުސްލިމުންގެ މުޤައްދަސް މިސްކިތެވެ. ދެ ޤިބްލަ މިސްކިތުގައި ރަސޫލުﷲގެފާނު ނަމާދުފުޅުކުރައްވަނިކޮށް މާތް ﷲ އެކަލޭގެފާނަށް އައު ޤިބްލައަކީ ގެފުޅުކަން އެންގެވިއެވެ. އަދި އެކަލޭގެފާނު ގެފުޅާ ދިމާއަށް މޫނުފުޅު އަނބުރާލައްވައި ޤިބްލަ ހުރި ދިމާ މީސްތަކުންނަށް ބަޔާންކޮށްދެއްވިއެވެ.

ދުނިޔޭގެ ބިމުގެ ޗާޓެއް ފުރަތަމަ ފަހަރަށް ހިޖުރައިން 550 އަހަރު ފަހުން (މީލާދީން 1154 ގައި) އިދްރީސީ ކުރެއްސެވި އިރު ޔަމަން ކުރައްސަވައިފައިވަނީ ޢަރަބިކަރައިގެ ދެކުނު އިރުމަތީ ފަރާތުގައެވެ.[1] ޢުމާން ކުރައްސަވައިފައިވަނީ ޢަރަބިކަރައިގެ އިރުމަތީ ފަރާތުގައެވެ. އެހެނަސް ޔަމަނުގައި ބިނާކުރެވުނު މިސްކިތް ބިނާކުރުމަށް ޓަކައި ރަސޫލުﷲގެފާނު ޤިބްލަ ބަޔާންކޮށްދެއްވައިފައިވަނީ ވަރަށް ފުރިހަމަކޮށެވެ. މިއީ ރަސޫލާގެ ރަސޫލުކަމުގެ ތެދުކަން ހާމަކޮށްދޭ ކަމެއްނޫންތޯއެވެ؟ މިއަދު މީހުންނަށް ރަސޫލާ ވިދާޅުވި ގޮތުން ޤިބްލައަށް މިސްކިތް ހުރިކަން ކަށަވަރުވިޔަސް، މީގެ  އެތައް ސައްތަ އަހަރެއް ކުރިން މުސްލިމުން ވަނީ އެކަލޭގެފާނުގެ ބަސްފުޅު ތެދުކޮށް ޤަބޫލުކޮށްފައެވެ. މުސްލިމުން ރަސޫލާގެ ބަސްފުޅާ ދެކޮޅަށް ޗުއްޕެއް ވެސް ނުބުނެ އެ ބަސްފުޅާ އެއްގޮތަށް ޢަމަލުކުރިއެވެ. ރަސޫލާގެ ބަސްފުޅުތަކަކީ ﷲ ތަޢާލާގެ ބަސްފުޅުކަން  މާތްﷲ ވަނީ ކީރިތި ޤުރްއާނުގައި އަންގަވައިފައެވެ. އެކަލޭގެފާނަކީ "އައްޞާދިޤުލްމަޞްދޫޤު" އެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (( وَمَا يَنطِقُ عَنِ ٱلْهَوَىٰٓ[2]- އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ.))

ކައު ރަސޫލާ e ވަބްރު ބުނު ޔުޙައްނަސުލް އަންޞާރީ އަށް ޞަންޢާއު (މިއަދު ޔަމަނުގެ ވެރިރަށް)ގެ ވާލީކަން ދެއްވައި ޞަންއާއުއަށް ފޮނުއްވަމުން ވިދާޅުވިއެވެ. ((ކަލޭގެފާނު އެބައިމީހުންނަށް އިސްލާންދީނަށް ގޮވައިލައްވާށެވެ! އެބައިމީހުން ކިޔަމަންގެންފި ނަމަ ނަމާދުކުރާން އަމުރުކުރައްވާށެވެ. އެބައިމީހުން ކަލޭގެފާނަށް ކިޔަމަންގެންފި ނަމަ ބާޛާން ބުސްތާނުގައި ޣަމްދާންގެ ފަރުބަދައިގެ ފުލުގެ ހިލައިން،  އެބައިމީހުންނަށް ޓަކައި މިސްކިތެއް  ބިނާކުރާން އަމުރުކުރައްވާށެވެ. އަދި "ޟިނީން" ނަމަކަށް ކިޔާ ފަރުބަދައާ ދިމާއަށް މި މިސްކިތް ބަހައްޓަވާށެވެ!))[3]

ނަބިއްޔާ صلى الله عليه وسلم މި ވަނީ މިސްކިތް ބިނާކުރާންވީ ތަން ވަރަށް ސާފުކޮށް ކަނޑައަޅުއްވައި ދެއްވައިފައެވެ. ޣަމްދާންގެ ފުލުގެ ހިގަނޑަށް މިއަދު ވެސް ކިޔަނީ "الصخرة الململمة – އައްޞަޚްރަތުލް މުލަމްލަމަތު"އެވެ. މިސްކިތް ޤިބްލައަށް ބެހެއްޓެވުމަށް ޓަކައި ވިދާޅުވީ ޟިނީން ނަމަކަށް ކިޔާ ފަރުބަދައިގެ ކަނާތް ފަރާތަށް ވާ ގޮތަށް މިސްކިތް ބަހައްޓާށެވެ. މިއީ ޞަންޢާއުއާ 30 ކީލޯމީޓަރު ދުރުގައި ހުންނަ ފަރުބަދައެކެވެ. ޞަންޢާއުއާ ގެފުޅާ ދެމެދުގައި 815 ކީލޯމީޓަރުގެ ދުރުމިނަށް ވާ އިރުގައި ވެސް ކައު ރަސޫލާ ޤިބްލަ މި ކަނޑައަޅުއްވައިދެއްވީ މިއަދުގެ ޒަމާނީ ފަންނިއްޔާތާ އެއް ފަދަ ގޮތަކަށް އެއްވެސް ކުށެއްގެ އިޙްތިމާލަކާ ނުލައެވެ.

މާތް ﷲ ރަޙްމަތްލެއްވި އައްޝައިޚު ޢަބްދުއްރަޙްމާނުއްޒިންދާނީ ކައު ރަސޫލާގެ  މި މުޢުޖިޒާތް އޯޑިއޯއާއި ވީޑިއޯއިން ބަޔާންކޮށްދެއްވަމުން ވިދާޅުވިއެވެ. "ޞަލަވާތާއި ސަލާމްލެއްވި ﷲގެ ރަސޫލާ ޔަމަނަށް ދަތުރުފުޅެއް ނުކުރައްވައެވެ. ޟިނީން ފަރުބަދަ ދެކެވަޑައެއްނުގަންނަވައެވެ. ބާޛާން ބުސްތާން ދެކެވަޑައެއް ނުގަންނަވައެވެ. މުލަމްލަމު ހިލަގަނޑު ދެކެވަޑައެއް ނުގަންނަވައެވެ. އެ ޒަމާނުގެ މީހުންނަށް މައްކާއާއި ޞަންޢާއާ ދެމެދުގައިވާ ދުރުމިނެއް ނޭނގެއެވެ. ރަސޫލާގެ މި ބަސްފުޅު ފަދަ ބަހެއް ބުނާން އެނގޭނެ އިންސާނަކު އޭރު ދުނިޔެއަކު ނެތެވެ. އެއީ އިލާހީ ވަޙީބަސްފުޅެވެ. އެއީ ﷲގެ ޢިލްމުފުޅެވެ. މާތްﷲގެ ބަސްފުޅު ((وَمَا يَنطِقُ عَنِ ٱلْهَوَىٰٓ[4]- އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ.))ގެ ތެދުކަމާއެވެ!"

އެބައިމީހުން މި މިސްކިތް ބިނާކުރި އިރު މިސްކިތް ބެހެއްޓީ ޟިނީން ފަބަދައާ ދިމާއަށެވެ. ކީރިތި ރަސޫލާ ސިފަކޮށްދެއްވި ގޮތަށެވެ. މި ޒަމާނުގައި ކުރިއަރައިފައިވާ ފަންނިއްޔާތުގެ ވަސީލަތްތައް ބޭނުންކޮށްގެން ހެދިހަނދުގެ ޒަރީޢާއިން ޟިނީން ފަރުބަދައިގެ ފުލުން ގެފުޅުގެ ރުކްނާއި ޙަޖަރުލްއަސްވަދާ ދެމެދުގެ ބިތްކޮޅާ ހަމައަށް ރޮނގެއް ކުރެހުމުން މި ރޮނގު ސީދާ ތެދުރޮނގަކަށް ވިއެވެ. އެއްވެސް ކަތިކަމެއް ގުދުލުމެއް ނެތިއެވެ. މިއީ ނަބަވީ ސުންނަތުގެ މުޢުޖިޒާތެއް ނޫންތޯއެވެ؟ ޤުރްއާން ޤަބޫލުކުރާ ގޮތަށް ސުންނަތް ވެސް ޤަބޫލުކުރާން ޖެހޭނެކަން ނޭނގޭތޯއެވެ؟ މުޙައްމަދު ރަސޫލުﷲ eއަކީ ރަސޫލެއް ނޫނޭ ބުނެވެން އެބަ އޮތްހެއްޔެވެ؟

މަރުޖާ:

[1]  - މި ކުރެހުން ރަނގަޅެއްނޫނެވެ.

[2]  - النجم:3 

[3]  - رواه الطبراني في المعجم، وحسن إسناده الهيثمي في مجمع الزوائد عن وبْر بن يُحَنَّس الخزاعي 

[4]  - النجم:3 

ކޮމެންޓު