އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
8 ޖުލައި 2025
ދުނިޔޭގެ އެތަން މިތާނގައި ފޮތް މަޢުރަޒުތައް ވަރަށް ގިނައިން ބޭއްވެއެވެ. އިންޓަނެޓުގެ ޚިދުމަތްތައް ކުރިއަރައިފައިވާ މި ޒަމާނުގައި އޮންލައިން ކުތުބުޚާނާތައް ތަނަވަސްވެފައި ހުންނަ އިރުގައި ވެސް ޙަޤީޤީ ފޮތުން ކިޔާން ބޭނުންވާ މީހުން އަދިވެސް އެބަ އުޅެއެވެ. އެމީހުން ބޭނުންވާ ގޮތަށް އޮންލައިންކޮށް ފޮތްތައް ޝާއިޢުނުކުރާނަމަ ތިބާ ވާނީ ފޭލުވެ ނާކާމިޔާބުވެފައިވާ މީހަކަށެވެ. ތިބާއަކީ ކަޓުމުއްލާ ބޯދާ މީހެއް ކަމަށް އެމީހުން ތުހުމަތުކުރާނެއެވެ.
މިޞްރުގެ މަޝްހޫރު ލިޔުންތެރިއެއް އަދި އަދީބެއްކަމުގައި ވާ މަޙްމޫދު ދަރްވީޝް ވިދާޅުވިއެވެ. [އަހަރެމެން ބޭނުންވާ ހައި އެއްޗެއް ނުލިޔަމެވެ. އަހުރެމެން މަސައްކަތްކުރަނީ އަނދިރިކަމަށް އަލިކޮށްދޭނެ އެއްޗެއް ލިޔެވޭތޯއެވެ؟]
މުންނާރަކީ ހަމައެކަނި މާއްދީ ދައުރެއް އަދާކުރާ މަލައެއްނޫނެވެ. އޭގެ މަޖާލުގައި މާނަވީ ، ނަފްސާނީ، ފިކްރީ އަޚްލާޤީ އެތައް ދާއިރާތަކެއް ހިމެނެއެވެ.
މި ވާހަކައިން ލިޔުންތެރީން ނައްސިވާކަށް ނުޖެހޭނެއެވެ. އަދި ނައްސި ކަންކަން ބަލައިގަންނަ ބަޔަކަށް ވާކަށް ވެސް ނުޖެހޭނެއެވެ. ކިޔުމުގެ ޢާލަމުތަކަށް އެމީހުން ގެންގޮސްދޭ މުންނާރުތަކަކަށް ލިޔުންތެރީން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ކިޔުމަށް ހިތްވަރުދޭ މުންނާރުތަކަކަށް ނުވަންވީ ކީއްވެގެން ހެއްޔެވެ؟
ޙަޤީޤަތުގައި މުންނާރަކީ އޭގެ ޒާތަށް އަލިކޮށްދޭ އެއްޗެއްނޫނެވެ. އެހެނަސް އެ އަލިކޮށްދެނީ އެހެން އެއްޗެއްސަށެވެ.މުންނާރަކީ ޙަޤީޤަތެކެވެ. ބިލާހެއްނޫނެވެ.އަހުރެމެންގެ ކޮންމެ މީހަކަށް އޭނާގެ އަނދިރިކަމަށް އަލިކޮށްދޭ ތަފާތު މުންނާރުތަކެއް ވެއެވެ.
މުންނާރަކީ ތިބާގެ ޙަޔާތުގައި ތިބާގެ މަގުހިނގުމުގައި ތިބާއަށް ކުރިއަށް ދިޔުމަށް ވާގިވެރިވާ ބަހާތަކެކެވެ. އެކަން ޙަޤީޤަތަކަށް ވުމަށް ތިބާ ދެކޭ ހުވަފެންތަކެއް އޮތްނަމައެވެ. ޙާޞިލުކުރަން ބޭނުންވާ އުންމީދުތަކެއް އޮތްނަމައެވެ.
އިޖްތިމާޢީ ގުޅުންތަކުގެ މައިދާނުގައި މުންނާރުގެ ދައުރު އަދާކުރާ ފަރާތަކީ އިންސާނީ ގިޔަމުތަކެވެ. ގުޅުންތައް ވާޞިލުކޮށްދީ އިތުބާރު ހަރުދަނާ ކުރެއެވެ. ދާއިމީ ރަނގަޅު ގުޅުންތައް ޤާއިމުކޮށްދެއެވެ.
އަވަސް ފިޔަވަޅުތަކެއްގެ މަތީގައި ބާރު ދުވެއްޔެއްގައި ބަދަލުވަމުންދާ ދުނިޔޭގައި މުންނާރުތަކަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ގޮންޖެހުންތަކާ ކުރިމަތިލުމަށް ޓަކައި އިންސާނާއަށް ލިބިފައިވާ ބާރަކީ މި މުންނާރުތަކެވެ. ރަނގަޅު ގުޅުންތަކާއި މާތް ގިޔަމުތަކުގެ މަތީގައި މުޖްތަމަޢު ބިނާކުރުމަށް ވާގިވެރިވާ މަދަދުގާރަކީ މި މުންނާރުތަކެވެ.
ހެޔޮ ނަމޫނާ ( މައިންބަފައިންނާއި މުރައްބީންނާއި ރަނގަޅު ޝަޚްޞިއްޔަތުތައް ) އަކީ އިންސާނާގެ ޙަޔާތުގެ ރާސްތާގައި އޭނާއަށް ކަންކަން އިލްހާމުކޮށްދޭ މުންނާރެކެވެ.
މި ޒަމާނަށް ބަލާއިރު ފަންނިއްޔާތަކީ މުންނާރެކެވެ. އެއީ މާރިފާއި ޢިލްމާއި ފިކްރުގެ މުންނާރެކެވެ. އޭގެ ސަބަބުން ތަރައްޤީގެ މަގުގައި ، ޙަޟާރަތާއި ތަހުޒީބުގެ މަގުގައި ކުރިއަށް ދިޔުމަށް ވާގިލިބޭތީއެވެ.
މުންނާރުތަކަކީ އިންސާނާގެ ޙަޔާތުގައި ކުރިމަތިވާ ކޮޅިގަނޑުތަކުން އޭނާ ޙިމާޔަތްކޮށްދޭ މައިތިރިއެކެވެ. އެއީ ދަތި ވަގުތުތަކުގައި ރަނގަޅު މަގު ދައްކައިދޭ މުރްޝިދެކެވެ.
ފަރްދުންނަށް ބަލާއިރު މާޙައުލު އަލިކޮށްނުދޭ މުންނާރަކީ ޙަޤީޤީ މުންނާރެއްނޫނެވެ. ކޮންމެ ފަރްދެއްގެ ޒާތުގައި އީމާންކަމާއި އަޚްލާޤާއި ގިޔަމާއި މާރިފުގެ މުންނާރުތަކެއް ވެއެވެ.
އިންސާނާއަށް ހޭލުންތެރިކަމާއި ހެޔޮވިސްނުން ގެނެސްދޭ މުންނާރުތަކުގެ ތެރޭގައި ޤަޟާ ޤަދަރު ވެއެވެ. އެއީ އޭނާގެ ވެރިރަސްކަލާނގެ ﷲއާ އެކު އިތުބާރު ޤާއިމުކޮށްދޭ އާލަތެވެ. އެއްވެސް ވަގުތެއްގައި މި މުންނާރުގެ އަލިކަން ނިވިގެން ދިޔަދީގެން ނުވާނެއެވެ. މި މުންނާރު ނިވިއްޖެނަމަ ޙަޔާތް ބަރުބާދުވެދާނެތެވެ. އިންސާނާއަށް މަގުއޮޅި ނުބައި އަތަށް ކަސިޔާރުވެދާނެއެވެ. އިންސާނާއަށް އަބަދުވެސް ހިތްހަމަޖެހުމާއި ހަމަޖެހުން ގެނެސްދޭނެ ބާރަކަށް ބޭނުންވެއެވެ. މިއީ ޤަޟާޤަދަރަށް އީމާންވުމުގެ މުންނާރުން ލިބޭ ބާރެކެވެ.
ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ގޮންޖެހުންތަކުގެ ކުރިމަތީގައިވާ އުންމީދަކީ މި މުންނާރެވެ. އިންސާނާގެ ޙަޔާތުގައި ނާރެހުގެ ދައުރު ކުޅޭ މުންނާރަކީ އީމާންކަމެވެ. ﷲއަށް އީމާންވުމުގެ މުންނާރެވެ. އެއީ ދެ ދުނިޔޭގެ ސަލާމަތެވެ.
މުންނާރުތައް ވަރަށް ގިނައެވެ. ޢާލިމުންނަކީ އުންމަތްތަކުގެ މުންނާރުތަކެވެ. މަންމައަކީ ޖީލުތަކުގެ މުންނާރެވެ. މުންނާރަކީ ކަނޑުގައި ދަތުރުކުރާއިރު ރަނގަޅު މަގު ދައްކައިދޭ ސަމުގާއެއް އެކަންޏެއްނޫނެވެ. އެއަށްވުރެ މުންނާރުގެ ބާވަތްތައް ގިނައެވެ. ބޭނުންތައް ބޮޑެވެ. ފައިދާތައް ގިނައެވެ. ކޮންމެ އިންސާނެއްގެ ހިތުގައި ފިޠުރަތުގެ ސާފު މުންނާރު ވެއެވެ. މި މުންނާރުގެ އަލިކަން ކަނިކޮށް ބޮޑުކޮށް ހަދާ ބަޔަކީ މައިންބަފައިންނާއި މުޖްތަމަޢުގެ ފަރްދުންނެވެ. މަދަރުސާއާއި ތަރްބަވީ މަރްކަޒުތަކެވެ.
މި ނޫރު ލިބިގެންނުވާ މީހާ ދުނިޔޭގެ އަނދިރިކަމުގެ ތެރޭގައި ހަފައި ކައި ހުސްވެގެން ހިނގައިދާނެއެވެ. މަތް ﷲ ވަޙީކުރެއްވިއެވެ. (( وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًا فَمَا لَهُۥ مِن نُّورٍ - النور : 40 - ފަހެ، އެމީހަކަށް اللَّه އަލިކަމެއް ލައްވާފައި ނުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާޔަށް އެއްވެސް އަލިކަމެއް ނުވެއެވެ.)) ތެދުމަގު ދައްކައިދޭ އެންމެ ވަރުގަދަ ނޫރަކީ ﷲ ތަޢާލާގެ ނޫރުފުޅެވެ.
މުންނާރުތަކަކީ ޙަޔާތުގެ ތަފާތު މަގުތަކަށް އަލިކޮށްދޭ ވޮށްތަކެވެ. އެހެން މީހުން ހޯދުމަށް މަސައްކަތްކުރާ މުންނާރު ކަމުގައި ތިބާވާށެވެ!