އަޙުމަދު ފަޔާޒު ޙަސަން
10 ޖުލައި 2025
(ކުރީގެ ޢަދަދާ ގުޅޭ)
ސޫރަތުލްޖުމުޢާގެ އެންމެ ފަހު ބަޔަކީ ހުކުރު ނަމާދާއި އެ ނަމާދުގެ މުހިންމުކަމެވެ. މި ބައި މި ނިންމަވަމުން ﷲ ފާހަގަކުރައްވަނީ އެކަލާނގެ ފަޟުލުވަންތަކަމުގެ ބޮޑުކަމެވެ. އަދި ޢެކަލާނގެ ފަޟުލުވަންތަކަމަށް އެދި މަސައްކަތްކުރާއިރު ވެސް ﷲ ހަނދުމަކުރުމަށެވެ. ހުކުރު ނަމާދުގެ ކުޑަ ވަގުތުކޮޅަށް ފަހު ދެން އޮތީ މި ދުނިޔޭގެ ބާއްޖަވެރިކަން ހޯދާން މަސައްކަތްކުރުމެވެ. މި މަސައްކަތް ހުއްދަ ގޮތުގައި ނުވަތަ ރަނގަޅު ގޮތުގައި ކުރެވޭނީ ﷲ ހަނދުމަކުރާ މީހުންނަށެވެ. އެހެންކަމުން ﷲ މި ވާހަކަ ބަޔާންކުރައްވައެވެ.
ސޫރަތުލްޖުމުޢާގެ ދިހަވަނަ އާޔަތުގައި ﷲ ބަޔާންކުރައްވަނީ ހުކުރު ނަމާދު ފުރިހަމަކުރުމަށް ފަހު، ވިޔަފާރިއާއި އެ ނޫން ވެސް ދިރުއުޅުމުގެ ކަންކަމާ މަޝްއޫލުވުމުގެ ވާހަކައެވެ. [ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ. (އެބަހީ ދިރިއުޅުމުގެ ކަންކަމާ މަޝްޢޫލުވާށެވެ!) އަދި ތިޔަބައިމީހުން ﷲ ގެ ފަޟުލުވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބުލިބިގަތުމަށްޓަކައެވެ.]
މި އާޔަތުގައި ވެސް ﷲ އަންގަވަނީ އެކަލާނގެ ހަނދުމަކުރުމުގެ މުހިންމުކަމުގެ ބޮޑުކަމެވެ. ދިރިއުޅުމަށް ޓަކައި ކުރާ މަސައްކަތުގެ ސަބަބުން ނުވަތަ ދުނިޔަވީ ހަޔާތް ބާއްޖަވެރިކުރާން ކުރާ މަސައްކަތުން ﷲ ހަނދާން ނައްތާލައިގެން ނުވާނެކަން މި އާޔަތުން ކަށަވަރުވެއެވެ. ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް ﷲ އެންގެވި ގޮތަށް އުޅެ ﷲ މަތީން ގިނަގިނައިން ހަނދާންކުރުމަކީ މުސްލިމުން ކަންކުރާންޖެހޭ ގޮތްކަން މި އާޔަތުން އެނގެއެވެ.
ސޫރަތުލްޖުމުޢާގެ އެންމެ ފަހު އާޔަތް ނުވަތަ އެގާރަ ވަނަ އާޔަތުގައި ﷲ ހަނދާންކޮށްދެއްވަނީ އެކަލާނގެ ޙަޟުރަތުގައިވާ ދަރުމައިގެ ބޮޑުކަމެވެ. ވިޔަފާރިއާއި ކުޅިވަރަށް ދީލައިލުމަށް ވުރެ މޮޅީ ﷲގެ މަގަށް އައުންކަން މި އާޔަތުން އެނގެއެވެ. [އެއުރެންނަށް ވިޔަފާރިއެއް ނުވަތަ ކުޅިވަރެއް ފެނިއްޖެ ނަމަ، ކަލޭގެފާނު ކޮޅަށް ހުންނެވުމަށް ދޫކޮށްލައި، އެ މީހުން އެ ކަންތަކާ ދިމާއަށް ދުވެދެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކުޅިވަރާއި ވިޔަފާރިއަށް ވުރެ، ﷲ ގެ ޙަޟުރަތުގައިވާ ދަރުމަ، ހެޔޮކަން ބޮޑެވެ. އަދި ﷲއީ، ރިޒުޤުދެއްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ.]
މި އާޔަތް ގުޅިފައިވަނީ ރަސޫލުﷲ ﷺ ގެ ހަޔާތްޕުޅުގައި ހިނގައިފައިވާ ހާދިސާއަކާއެވެ. އެއް ފަހަރަކު އެކަލޭގެފާނު ހުކުރު ޚުޠުބާދެއްވަނިކޮށް ޝާމުކަރައިން ވިޔަފާރި ގާފިލާއެއް މަދީނާއަށް އައެވެ. ވިޔަފާރި ގާފިލާގައި އާންމުކޮށް ހުންނަނީ ޖަމަލާއި ހިމާރުފަދަ ޖަނަވާރުތަކެވެ. އެ ސޮރުމެންގެ ބުރަކަށީގައި ހުންނަނީ ވިޔަފާރި މުދަލެވެ. މުދަލުގެ ތެރޭގައި ކާބޯތަކެތި ވެސް ހިމެނެއެވެ. މި ތަކެތި ވިއްކުމަށް ޓަކައި ވިޔަފާރި ގާފިލާގައި ކުޅިވަރުގެ އިންތިޒާމްތައް ހުރެއެވެ. ބެރާއި ލަވަޔާއި ޗަރުކޭހުގެ ހަރަކާތްތަކުން މީހުން ގާފިލާއަށް ޖަމާކުރެއެވެ. ކޮންމެއަކަސް ވިޔަފާރި ގާފިލާގެ އަޑުއިވުމާ އެކު ޚުޠުބާ ދޫކޮށްލުމަށްފަހު މީހުންތައް އެދިމާއަށް ދުވެ ދިޔައެވެ. ބުނެވޭ ގޮތުގައި ޚުޠުބާ އަޑުއަހާން މިސްކިތުގައި މަޑުކޮށްގެން ތިބީ ބާރަވަރަކަށް މީހުންނެވެ. ބުނެވޭ ގޮތުގައި މި ކަން ދޭއް ނުވަތަ ތިން ފަހަރު ތަކުރާރުވިއެވެ. މާނަޔަކީ ރަސޫލުﷲ ﷺ ޚުޠުބާދެއްވަނިކޮށް ދެ ފަހަރަކު ތިން ފަހަރަކު މީހުންތައް ވިޔަފާރި ގާފިލާތަކަށް ދުވެ ދިއުމެވެ. ﷲ މި އާޔަތް ބާވައިލެއްވީ ރަސޫލުﷲ ﷺ ވިދާޅުވަމުން ގެންދެވި ޚުޠުބާދޫކޮށް މީހުންތައް ވިޔަފާރިއާއި ކުޅިވަރަށް ދުއްވައިގަތުމާ ގުޅިގެންނެވެ.
މި އާޔަތުން އަންގައިދެނީ މުސްލިމުންނަށް ރަސޫލުﷲ ﷺ ދޫކޮށްފައި ނުދެވޭނެކަމެވެ. އަދި އެކަލޭގެފާނު ދެއްވާ ނަސޭހަތުގެ އަޑު އެހުމުން ހުރި މަންފާއާއި ފައިދާގެ ބޮޑުކަން މި އާޔަތުން އަންގައިދެއެވެ. އަދި ހުރިހައި ކަމަކަށް ވުރެ ބޮޑުކަމަކީ ތެދުމަގު ލިބުންކަން މި އާޔަތުން ކަށަވަރުވެއެވެ. އަދި އެކަލޭގެފާނުގެ އެންމެ އަރިހުގައި ތިބޭ މީހުން އެކަލޭގެފާނަށް މާބޮޑަށް ބަލާންޖެހޭކަން ވެސް މި އާޔަތުން އެނގެއެވެ. އެކަލޭގެފާނަށް އިހުތިރާމްކޮށް އެކަލޭގެފާނަށް ބެލުމަކީ ކޮންމެހެން ކުރާންޖެހޭ ކަމެއްކަން ވެސް މި އާޔަތުން އަންގައިދެއެވެ.
އަދުގެ ހާލަތަށް ބަލާ އިރު މިއަދު މިސްކިތުގައި ހުރެ ޚުޠުބާ ދޫކޮށް ދެވެއެވެ. ތިމާ އަތުގައި އޮންނަ މޮބައިލް ފޯނުން ތިމާއަށް ޚުޠުބާއާ މުޅީން ވަކިވެވެއެވެ. މި އާޔަތުން އަންގައިދެނީ ހުރިހައި ކަމެއް ދޫކޮށްލުމަށް ފަހު ޚުޠުބާއަށް ސަމާލުކަން ދީ އަޑުއަހާންޖެހޭނެ ކަމެވެ. ޚުޠުބާ އަޑުއެހުމަކީ މުސްލިމުންނަށް އޮތް އިޚުތިޔާރެއްނޫނެވެ. އެއީ އެމީހުން ކޮންމެހެން ކުރާންޖެހޭ ކަމެކެވެ. ހުކުރު ނަމާދަށް ދާ މީހާ ހުކުރު ޚުޠުބާ ފެށުމުގެ ކުރީން މިސްކިތުގައި ހުންނާންޖެހެނީ އެހެންވެގެންނެވެ.
މިސްކިތުގައި ހުރެ ޚުޠުބާ ފެށުމުން ފޯނު ކޮއްޓާން ފެށުމުން ތިމާއަށް ޚުޠުބާ ދޫކޮށްލެވުނީއެވެ. ޖުމުޢާ ސޫރަތުގައި ﷲ ބާރު އަޅުއްވަނީ އެ ފަދައިން ކަންތައް ނުކުރުމަށެވެ. ހުކުރު ނަމާދަށް ދާ މީހާގެ މުޅި ސަމާލުކަމާއި ފޯކަސް އޮންނާންޖެހެނީ ހަމައެކަނި ހުކުރު ނަމާދަށެވެ. ހުކުރު ނަމާދުގެ އެއް ބަޔަކީ ޚުޠުބާއެވެ. އެހެންވެ ޚުޠުބާ ދޫކޮށްލުމަކީ ކުރެވޭނެ ކަމެއްނޫނެވެ.
އަޅަމެންނަކީ ޖަމާޢަތުގެ ދުވަހު ޖަމާޢަށް ހާޒިރުވެ ޖަމާޢާތުގައި ފުރިހަމައަށް ބައިވެރިވާ މީހުން ކަމުގައި ލައްވާށިއެވެ. އާމީން!