ad_banner
އިސްލާމީ ކަލަންޑަރެއް ހަމަ ނޯންނަނީތޯއެވެ؟

އަލްއުސްތާޒު އަޙުމަދު މާޖިދު

9 ޖުލައި 2025

އިސްލާމީ ކަލަންޑަރު؟

މި މަހު ފެށުނު އިސްލާމީ އައު އަހަރުގެ މުނާސަބަތު ދުނިޔެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި މުސްލިމުން ފާހަގަ ކުރަމުން ދަނިކޮށް، އަޅުގަނޑުމެންގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އެކްސްގައި ޕޯސްޓެއްކުރެއްވިއެވެ. 28 ޖޫންގައި އެ މަނިކުފާނު ކުރެއްވި މި ޕޯސްޓްގައި އޮންނަނީ "މާފުކުރައްވާށެވެ! މި ފެށުނީއަކީ އިސްލާމީ އާ އަހަރެއް ނޫނެވެ. ހިޖުރީ އާ އަހަރެކެވެ. 1447އަކީ "ހިޖުރީ" އާ އަހަރެކެވެ. އިސްލާމީއޭ ބުނެވޭނީ ހަމައެކަނި ޤުރްއާނުން ނުވަތަ ސުންނަތުން ސާބިތުވާ ނުވަތަ ދެނެގަނެވޭ ކަންކަމަށެވެ." މި ބަސްފުޅުތަކެވެ.

އަޅުގަނޑަކީ ރައީސް މައުމޫން ފަދަ ދީނީ ޢިލްމުވެރިއެއް ނޫނެވެ. އެ މަނިކުފާނު ފަދައިން ކީރިތި ޤުރްއާނާއި ސުންނަތުގެ ޢިލްމުތަކުގެ ތެރެޔަށް ވަދެހުރި މީހެއް ވެސް ނޫނެވެ. ނަމަވެސް މުސްލިމެއްގެ ހައިސިއްޔަތުން ކީރިތި ޤުރްއާން ކިޔައި ހަދާ މީހެއްކަމުން، ރައީސް މައުމޫންގެ ޓުވީޓު ފެނުމުން ޤުރްއާނުގައި މައްސަރާއި ކަލަންޑަރާ ގުޅޭ އާޔަތްތަކެއް ހުންނަ ހަނދާން އައުވެ، ރައީސް މައުމޫންގެ ބެއްލެވުމުގެ ދަށުން ދިވެހިބަހުން ޝާއިޢުކުރެވުނު ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ހުޅުވައިގެން ބަލައިލައިފީމެވެ. އެއް އާޔަތަށް ވުރެ ގިނަ އާޔަތް ފާހަގަކުރެވުނެވެ. އޭގެ ތެރެއިން ވެސް، މުހިންމުކަން ބޮޑު އާޔަތެއްގެ ގޮތުގައި ފާހަގަކުރެވުނީ ސޫރަތުއް ތައުބާގެ 36 ވަނަ އާޔަތެވެ. ތިރީގައި މި ލިޔަނީ އެ އާޔަތާއި، ދިވެހި ތަރުޖަމާގައި އެ އާޔަތަށް ދީފައި އޮތް ތަރުޖަމާއެވެ. 

ތައުބާ ސޫރަތުގެ 36 ވަނަ އާޔަތުގެ މައްޗަށް ނަޒަރެއް:

إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَـٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ وَقَـٰتِلُوا۟ ٱلْمُشْرِكِينَ كَآفَّةً كَمَا يُقَـٰتِلُونَكُمْ كَآفَّةً وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ.

"ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ عدد އަކީ، اللَّهގެ حضرةގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، حرمةތެރި ވެގެންވެއެވެ. އެއީ حق ތެދު دين އެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ! އަދި އެންމެހާ مشركންނާ ތިޔަބައިމީހުން ހަނގުރާމަކުރާށެވެ! އެއުރެންވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަކުރާ ފަދައިންނެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوىވެރީންނާ އެކުގައިކަން، ތިޔަބައިމީހުން ދަންނާށެވެ!"

އަދިވެސް ތަކުރާރު ކޮށްލަމެވެ. އަޅުގަނޑަކީ ޤުރްއާން ތަފުސީރު ކޮށް އޭގެ މައްޗަށް ބަޙުޘްކުރާ ވަރުގެ ޢިލްމުވެރިއެއް ނޫނެވެ. ނަމަވެސް އެއްޗެއް ކިޔައިލުމުން، އޭގައި އެކުލަވާ މާނަ ދޭހަވާ ވަރުގެ ބުއްދިއެއް ﷲގެ ރަޙުމަތްޕުޅުން ދެއްވައިފައިވާކަމަށް މި ހުންނަނީ ހީ ކޮށްގެންނެވެ. އަދި، ކީރިތި ޤުރްއާނަކީ ބޮޑު ޢިލްމުވެރިއަކަށް ނޫނީ އެ ފޮތުގެ އާޔަތްތަކުން އެއްވެސް އެއްޗެއް ދޭހަނުވާނޭ ފަދަ ބޮޑު ރާޒެއްކަމަށް ޤަބޫލު ކުރާން ވެސް ދަތި ވެއެވެ. ކޮންމެއަކަސް، މި އާޔަތް ކިޔައި އޭގެ މައްޗަށް ވިސްނައިލުމުން، އަޅުގަނޑަށް ދޭހަ ވާ އެއްޗެއް، ރައީސް މައުމޫން އެ ވިދާޅުވާ އެއްޗަކާ ފުށުއަރައެވެ. މި އާޔަތުން އަޅުގަނޑަށް ފެންނަނީ އިންސާނުން ޚަލްޤުކުރެއްވުމުގެ ވެސް މާ ކުރީން، އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެ – ސައެންސީ ޢިބާރާތަކުން ދަންނަވަންޏާ، މަސާހަތާއި ވަގުތު (space and time)ގެ މައްޗަށް އެކުލެވޭ ޒަވާހިރެއްގެ (phenomenon) ގޮތުގައި ކާއިނާތު (universe) ވުޖޫދަށް ގެންނެވި ހިނދުން ފެށިގެން – ﷲ ވަނީ އެކަލާނގެ ހެއްދެވި ކާއިނާތުގެ "ވަގުތު" – ޔަޢުނީ، ހިނދުކޮޅުތައް ފާއިތުވަމުން ޒަމާންތައް ވެއަތު ވަމުންދާ ދިޔުން – ގުނައި ހިސާބު ކުރުމަށް ބޭނުން ކުރެވޭނޭ ކަލަންޑަރީ ނިޒާމެއް އެކަށައަޅުއްވައިފައި ކަމެވެ. އެ ނިޒާމުގައި އަހަރެއްގައި ހިމެނެނީ ބާރަ މައްސަރުކަމަށް މި އާޔަތުގައި އެބަ އަންގަވައެވެ. މި އާޔަތުން ވެސް، އަދި ކީރިތި ޤުރްއާނުގެ އެހެން ބައެއް އާޔަތްތަކުން ވެސް، އެ މައްސަރުތަކަކީ ހަނދު މައްސަރުތަކެއް (lunar months) ކަން ސާފު ވެއެވެ. ހަނދު މައްސަރުތަކުން ގުނޭ އަހަރަކަށް ކިޔާނީ "ހަނދު އަހަރު" (lunar year) މިހެންނެވެ. ހަނދު އަހަރުގެ ކަލަންޑަރަކަށް ކިޔާނޭ ނަމަކީ "ހަނދު ކަލަންޑަރު" (lunar calendar) މި ނަމެވެ.

މި ހިސާބުން، މަތީގައި ވާ އާޔަތުގެ ތަފުސީރުގައި ޢައްލާމާ މުޙައްމަދު އަސަދު ފާހަގަ ކުރައްވައިފައި ވާ މުހިންމު ނުކުތާތަކެއް ވެސް، އަޅުގަނޑުގެ ޢިބާރާތުން، ދަންނަވައިލާނަމެވެ.

1.     ޢައްލާމާ އަސަދު ވިދާޅުވާ ގޮތުން – އަދި ފަލަކީ ހިސާބުގެ އެންމެ އާދައިގެ މަފުހޫމުތަކާއި ހަމަތައް ދަންނަ މީހަކަށް ވެސް ވިސްނައިލީމާ އެނގޭނޭ ފަދައިން – ހަނދު މައްސަރަކީ ފަސޭހައިން މުލާހަޒާ (observe) ކުރެވޭ، ފަސޭހައިން ހިސާބު ކުރެވޭ، ޠަބީޢީ ޤާނޫނުގެ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވޭ މައްސަރެކެވެ. ސަބަބަކީ ހަނދަކީ ކޮންމެ ތިރީހަކަށް ދުވަހުން އޭގެ ޙަރަކާތީ ނަމުތެއް (movement pattern) ފުރިހަމަވަމުންދާ އެއްޗަކަށް ވުމެވެ. ހަނދު މަހަކީ، އިރު މައްސަރު (solar month) ފަދައިން އެ މައްސަރުގެ ފެށުމާއި ނިމުން އަޅުގަނޑުމެން އަމިއްލަ އިޚުތިޔާރުގައި، "އާރބިޓްރަރީކޮށް"، ކަނޑައެޅި ދުވަހަކަށް ފެއްތޭނޭ އެއްޗެއް ނޫނެވެ. ހަނދު، މައްސަރުގެ ދުވަސްތައް ބަދަލުވަމުން ގޮސް މަހެއް ފުރިހަމަވާ މަންޒަރު ލޮލަށް ރީތިކޮށް ދައްކައެވެ. ހަނދު ބަލައިގެން، މައްސަރުތަކުގެ ފެށުމާއި ނިމުން އެބަ ފެނެއެވެ. އެނގެއެވެ. ޔަޤީނީ ދަރަޖައިގައެވެ. ވީމާ، ފަލަކީ ޒަވާހިރުތަކާއި (astronomical phenomena) ކައުނީ ޖިސްމުތަކަށް (heavenly bodies) ފަލަކީ ޢިލްމުގެ ނަޒަރުން ބަލައި ހޯދުމުން، މައްސަރު ބަލާކަށް ހަނދަށް ވުރެ ރަނގަޅު އެހެން އެއްވެސް އެއްޗެއް ނުވަތަ ޒަވާހިރެއް ނުފެނެއެވެ. މަތީގައި ވާ އާޔަތުގައި ﷲ އަންގަވަނީ، މި ގޮތުގެ މަތީން ހަނދަށް ބަލައިގެން މައްސަރު ކަނޑައެޅުމަކީ "ދެ ޒަމާނަކު ދެ ގޮތް ވުމެއް ނެތްﷲ ގެ ދީން" ކަމުގައެވެ.

2.     ޖާހިލިއްޔަ ޒަމާނުގެ ޢަރަބީން ވެސް ޙުރުމަތްތެރި މައްސަރުތަކެއް ކަމަށް ބަލަމުން އައީ، މި އާޔަތުން ޙުރުމަތްތެރިކަން ދެއްވައިފައި ވާ ހަތަރު ހަނދު މައްސަރެވެ. އާދެ، ޢަރަބީންގެ ތެރޭގައި އޮތް ހަނދު ކަލަންޑަރުން ހަތަރު މައްސަރެވެ. އެއީ މުޙައްރަމް، ރަޖަބް، ޛުލްޤަޢިދާ، އަދި ޛުލްޙިއްޖާ މި ހަތަރު މަހެވެ.

3.     ހަނދު މައްސަރު ޠަބީޢީ ޤާނޫނާ އެއްގޮތަށް ހިނގާ ހިނގުމާއި، އިރާއި ދުނިޔެ އެކަތި އަނެކަތީގެ  ނިސްބަތުގައި ހުންނަ މަޤާމާ ގުޅިގެން އަންނަ މޫސުންތައް ފެށި ނިމޭ ގޮތާ ދިމާ ނުވުމުން، ދިމާ ވާ ބައެއް ކަހަލަ މައްސަލަތަކަށް ޙައްލު ހޯދުމަށް ޓަކައި، ޖާހިލިއްޔަ ޒަމާނުގެ ޢަރަބީން އެމީހުންގެ ހަނދު ކަލަންޑަރުން ކޮންމެ އަށް އަހަރެއްގެ ބުރުގެ ތިންވަނަ، ހަވަނަ، އަދި އަށްވަނަ އަހަރަށް ތޭރަވަނަ މައްސަރެއް ލައިއުޅުނެވެ. މިކަން ކީރިތި ޤުރްއާނުގައި ވަނީ މަނާ ކުރައްވައިފައެވެ. އާދެ، ހަނދު ކަލަންޑަރާ ކުޅެ މައްސަރުތައް ގިނަ ނުވަތަ މަދު ކޮށް، ދުވަސްތައް ބަދަލު ކުރުން ވަނީ މަނާ ކުރައްވައިފައެވެ. ޢައްލާމާ އަސަދު ވިދާޅުވާ ގޮތުން، އާޔަތުގައި "ﷲ ކަނޑައެޅުއްވި މައްސަރުތަކާ ގުޅޭގޮތުން ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ފާފަވެރިކަން ނުގެންނާށޭ" ވަޙީ ކުރައްވާ ބަސްފުޅުގެ މުރާދަކީ، މައްސަރުތަކާ ކުޅެ ދުވަސްތަކާއި  މައްސަރުތައް އުނިކޮށް އިތުރު ކޮށް ބަދަލު ގެނައުމުގެ ފާފައިގެ ވާހަކައެވެ. – މި ގޮތުގެ މަތީން، ހަނދު ކަލަންޑަރާ ކުޅެ، އެ ކަލަންޑަރު ފާސިދު ކޮށް، އޭގެ އަޞްލު އޮޅުވައިލުން ﷲ މަނާ ކުރެއްވީ ކީއްވެގެން ބާވައެވެ! މި އާޔަތުގެ ޞަރީޙަ ނައްޞުން ވެސް އެނގޭ ފަދައިން، އެ ކަލަންޑަރަކީ ކާއިނާތުގެ މަސާހަތު-ވަގުތު (space-time) ގެ ފެށުމާ އެކު، އެކަލާނގެ ކަނޑައަޅުއްވައިފައި ވާ ކަލަންޑަރަކަށް ވާތީ ނޫންބާވައެވެ!

ކޮން ކަލަންޑަރެއްގެ ވާހަކައެއްކަން ސާފު:

މަތީގައި ދެންނެވި ވާހަކަތަކުން ވެސް، ތައުބާ ސޫރަތުގެ 36 ވަނަ އާޔަތުގައި އެ އަންގަވަނީ ޢަރަބީން ބޭނުން ކޮށްއުޅުނު ހަނދު ކަލަންޑަރުގެ ވާހަކަކަން ސާފެވެ. އެ ކަލަންޑަރަކީ ކާއިނާތު ހެއްދެވީއްސުރެ ﷲގެ ޙަޟުރަތުގައި ކަނޑައެޅިގެން ވާ ކަލަންޑަރުކަން ޤުރްއާނުން މި އޮތީ ފެންނާށެވެ. ﷲ ގެ ޙަޟުރަތުގައި ކަނޑައެޅިގެން ވާ، އެކަލާނގެ އެކަށައެޅުއްވި، އަދި އެކަލާނގެ ޤުރްއާނުގައި އެ ކަލަންޑަރެއްގެ ވާހަކަ މި ދެންނެވި ގޮތުގެ މަތީން ބަޔާން ކުރެއްވި ކަލަންޑަރެއް "އިސްލާމީ ކަލަންޑަރަކަށް" ނުވާނެޔޭ ރައީސް މައުމޫން އެ ވިދާޅުވީ ކީއްވެގެން ބާވައެވެ! 

އާޔަތުގައި އެވަނީ ޢަރަބީން އިހުއްސުރެ ގެންގުޅުނު؛ މުޙައްރަމް މަހުން ފެށޭ އަދި ޛުލްޙިއްޖާ މަހުން ނިމޭ؛ ޙުރުމަތްތެރި ހަތަރު މައްސަރުގެ ގޮތުގައި މުޙައްރަމާއި ރަޖަބާއި ޛުލްޤަޢިދާ އާއި ޛުލްޙިއްޖާ ހިމެނޭ؛ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ކަލަންޑަރަކަށް ތަބަޢަ ވެވަޑައިގެންނެވި؛ އަދި އެއިރުއްސުރެ އިސްލާމީ ކަލަންޑަރުގެ ގޮތުގައި މުސްލިމުން ބަލައިގަނެގެން މި ތިބޭ ކަލަންޑަރު ކަމުގައި ނުވަންޏާ، ދުނިޔޭގައި އެކިއެކި ޙަޟާރަތްތަކާއި ޤައުމުތަކުގައި ބޭނުން ކުރަމުން އަންނަ އެތައް ކަލަންޑެއްގެ ތެރެއިން، އާޔަތުގައި އެވަނީ ކޮން ކަލަންޑަރެއްގެ ވާހަކަ ބާވައެވެ! ހިންދުސްތާނުގެ "ޕަންޗާންގާ ކަލަންޑަރުގެ" ވާހަކަ ބާވައެވެ! ސީނީ ހަނދު ކަލަންޑަރުގެ ވާހަކަ ބާވައެވެ؟ ޔަހޫދީންގެ "ލުނިސޯލަރ" ކަލަންޑަރުގެ ވާހަކަ ބާވައެވެ! ރޯމަނުންގެ މުސްކުޅި ކަލަންޑަރުގެ ވާހަކަ ބާވައެވެ! ރޯމަން ޖޫލިއަން ކަލަންޑަރުގެ ވާހަކަ ބާވައެވެ! ނުވަތަ ޖޫލިއަން ކަލަންޑަރު އަދާހަމަ ކޮށް އިޞްލާޙު ކޮށްގެން، "ކްރިސްޓެންޑަމް" ގެ ކަލަންޑަރެއްގެ ގޮތުގައި، ރޯމަން ކެތަލިކް ފައްޅީން ތަޢާރަފު ކޮށް ކްރިސްޓިއަން ޔޫރަޕުގައި ބޭނުން ކޮށް، އިސްތިޢުމާރުގެ ބާރުގައި އެމީހުން މުޅި ދުނިޔެއަށް ފަތުރައި ފައްތައިފައި ވާ ޢީސާއީ މީލާދީ ކަލަންޑަރުގެ ވާހަކަ ބާވައެވެ! ނުވަތަ އަދި އެހެން ކަލަންޑަރެއްގެ ވާހަކަ ބާވައެވެ! އިންސާނުން ނުދަންނަ، އެ ކަލަންޑަރެއްގެ ވާހަކަ ސޫރަތުއް ތައުބާގެ 36 ވަނަ އާޔަތުގައި އަންގަވައިފައިމެ، އެ ކަލަންޑަރެއްގެ ހުރިހައި ޢިލްމެއް ﷲ ސިއްރު ކުރެއްވި، ފޮރުވިފައި ވާ ކަލަންޑަރެއްގެ ވާހަކަ ބާވައެވެ!

މި ސުވާލުތަކުގެ ޖަވާބު، ރައީސް މައުމޫން ދެއްވާން ޖެހިވަޑައިގަންނަވާ ކަމަށް ދެކެމެވެ.

ޢަރަބީންނަށް ކަލަންޑަރު އެނގުނީ ކިހިނެއް؟

ޢަރަބީން ބޭނުންކުރަމުން އައީ، އާޔަތުގައި އެ ކަލަންޑަރެއްގެ ވާހަކަ އޮތް ކަލަންޑަރުކަމުގައި ވަންޏާ، އެ މީހުންނަށް އެ ކަލަންޑަރާ ބެހޭ ޢިލްމު ލިބުނު ގޮތެއްގެ ވާހަކަ ދައްކައިލާން ޖެހެއެވެ. އަނެއްކާ ވެސް، އަޅުގަނޑަކީ ރައީސް މައުމޫނު ފަދައިން ދީނީ ޢިލްމުތަކާއި ފަލަކިއްޔާތާއި ފަލަކީ ޢިލްމުގެ ތާރީޚުގެ މާހިރެއް ނޫނެވެ. ނަމަވެސް ގަބޫލުކުރެވިފައި އޮންނަ ގޮތް ދަންނަވައިލާނަމެވެ.

އަޅުގަނޑަށް ގަބޫލުކުރެވިފައި އޮންނަ ގޮތުން، ޢަރަބީންނަށް އެ މީހުން ތަބަޢަވަމުން އައި ހަނދު ކަލަންޑަރުގެ ކަންކަން އެނގިފައި ވަނީ ޢަރަބިކަރަ އާއި ޝާމުކަރައާއި ޢިރާޤާއި މިޞްރު ފަދަ ބިންތަކުގައި އޮތް ޤަދީމީ ޙަޟާރަތްތަކުންނެވެ. އެ ކަލަންޑަރުގައި ހިމެނޭ ދީނީ ރަސްމުތަކާއި ޙުރުމަތްތެރި މައްސަރުތަކާ ބެހޭ ޢިލްމު އެމީހުންނަށް ވާރުތަ ވެފައި ވާނީ إِبْرَاهِيمُ (عليه الصلاة والسلام)ގެ ތަޢުލީމާތުގެ ތެރެއިންނެވެ. ޙައްޖުވާންވީ ދުވަހާއި، ޙުރުމަތްތެރި މައްސަރުތައް އެމީހުންނަށް ރަނގަޅަށް އެނގިފައި އޮންނާނީ އެހެން ވެގެންނެވެ. ދެން، ޢަރަބިކަރަ އާއި ޝާމުކަރަ އާއި ޢިރާޤާއި މިޞްރު ފަދަ ބިންތަކުގައި އޮތް ޤަދީމީ ޙަޟާރަތްތަކަށް، އިލާހީ އަމުރުފުޅުން ކަނޑައެޅުއްވި ކަލަންޑަރެއްގެ ޢިލްމު ލިބުނީ ކިހިނެއްހެއްޔޭ ވެސް ސުވާލު ކުރާން ޖެހެއެވެ. އެ ސުވާލުގެ ޖަވާބު ވެސް ބުއްދީގެ އަލީގައި ލިބޭ ކަމަށް ފެނެއެވެ. އެ ޙަޟާރަތްތަކަށް ކަލަންޑަރުގެ ޢިލްމު ލިބިފައި ވާނީ آدَم (عليه الصلاة والسلام) އާއި نوح (عليه الصلاة والسلام) ފަދަ ނަބީރަސޫލުންނާއި އެ ބެއިފުޅުންގެ ދަރިވަރުންގެ ފަރާތްޕުޅުންކަމުގައި ވުމަކީ ޢިލްމީ ގޮތުން އެންމެ ބުރަދަން ބޮޑު ރައުޔުކަމަށް ދެކެމެވެ. އެ ކަލަންޑަރުތަކަށް ޤަދީމީ ޙަޟާރަތްތަކުގެ ދުވަސްވަރު އެކިއެކި ބަދަލުތައް ގެނެވި ފާސިދު ކުރެވުނަސް، ނަބީ ރަސޫލުންގެ ތަޢުލީމާތުން އޭގެ އަޞްލު ދަމަހައްޓަވައިފައި ވާކަމަށް ވެސް ބެލެވެއެވެ.

ސުންނަތުގެ ކަލަންޑަރު

އިސްވެ ދެންނެވިފައި ވާނޭ ފަދައިން، ކީރިތި މާތް ނަބިއްޔާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ތަބަޢަވެވަޑައިގަތީ، ޢަރަބީންގެ ތެރޭގައި އޮތް، އެ ކަލަންޑަރެއްގެ ވާހަކަ މި ދަންނަވާ ހަނދު ކަލަންޑަރަށެވެ. އާދޭހެވެ! ތައުބާ ސޫރަތުގެ 36ވަނަ އާޔަތާއި ކީރިތި ޤުރްއާނުގެ އެހެން އެތައް އާޔަތެއްގައި އެ ކަލަންޑަރެއްގެ ވާހަކަ ބަޔާން ކުރައްވާ ކަލަންޑަރަށެވެ. ޢަރަބީން އެ ކަލަންޑަރަށް ގެނެސްފައި ހުރި ފާސިދުކަން ފިލުއްވަވައި، އެމީހުން ގެނެސްގެން އުޅުނު ގޯސް ބަދަލުތައް އެއްފަރާތް ކުރައްވައި، ކަލަންޑަރުގެ އަޞްލަށް ރުޖޫޢަ ވެވަޑައިގެންނެވެ. އިތުރު އެކަލޭގެފާނަށް ޔަހޫދީންގެ ކަލަންޑަރު ވެސް ބޭނުންފުޅު ކުރެއްވުނީހެވެ. އެއިރު ރޯމަނުންނާއި ޙަބަޝީންނާއި މިޞްރީން ފަދަ ޤައުމުތަކުގައި ބޭނުން ކުރެވެމުން ދިޔަ ނަޞާރާއިންގެ ކަލަންޑަރު ވެސް ބޭނުންފުޅު ކުރެއްވުނީހެވެ. ބައެއް ކަންކަމުގައި، ޢަރަބީންގެ ފާސިދު އަދި ބާޠިލު އާދަކާދަތައް ދޫ ކުރައްވައި، އަހުލުކިތާބީންގެ ޢުރުފާ އެކަލޭގެފާނު ގާތް ވެވަޑައިގަތް ކަމަށް، ނުވަތަ އެމީހުންގެ ޢުރުފު "އިސްލަމައިޒް" ކުރައްވައިގެން އެކަން ކުރެއްވިކަން ވެސް އެނގެއެވެ. މިސާލަކީ، ޢާޝޫރާ ދުވަހު ރޯދަ ހިއްޕެވުމެވެ. ވީ އިރު، އެހެން އެއްވެސް ބައެއްގެ ކަލަންޑަރަށް ތަބަޢަ ވެވަޑައިނުގެން، ޢަރަބި މުސްކުޅި ކަލަންޑަރަށް އެކަލޭގެފާނު ތަބަޢަ ވެވަޑައިގެން، ﷲ ގެ އަމުރުފުޅާ އެއްގޮތަށް އެ ކަލަންޑަރު އިޞްލާޙު ކުރެއްވުމުން، ދެންވެސް އެއީ "ސުންނަތުން ސާބިތު ވާ ކަލަންޑަރަކަށް" ނުވަނީހެއްޔެވެ؟

ކައުނަބިއްޔާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَގެ ތަޢުލީމާތުގައި، ޤުރްއާން ބާވައިލެއްވުނު މަހެއް ކަމުގައި ﷲ އަންގަވަނީ ޢަރަބި ހަނދު ކަލަންޑަރުގެ މަހެކެވެ. އިސްލާމް ދީނުގައި ރޯދަ ހިފުމުގެ ދުވަސްވަރު ކަނޑައެޅިފައި ވަނީ އެ ކަލަންޑަރުގެ މައްޗަށެވެ. ޙައްޖު ވާން ޖެހެނީ އެ ކަލަންޑަރަށް ބަލައިގެންނެވެ. އިސްލާމް ދީނުގެ ޢީދުތައް އަންނަނީ އެ ކަލަންޑަރުގެ ނިޒާމުންނެވެ. މިހެން ގޮސް އެތައް އެތައް ކަމެކެވެ! މިއިން އެއްވެސް ކަމަކުން، އެ ކަލަންޑަރަކީ "ސުންނަތުން ސާބިތު ވާ، ސުންނަތުގެ ކަލަންޑަރު" ކަމުގައި ހަމަ ނުވަނީތޯއެވެ؟  

ފަހުބަސް

ކީރިތި ޤުރްއާނާއި ސުންނަތުގައި ކަލަންޑަރެއްގެ ވާހަކަ މި ދެންނެވިހައި ސާފުކޮށް އައުމުން ވެސް، އެ ކަލަންޑަރު "އިސްލާމީ ކަލަންޑަރަކަށް" ނުވަންޏާ، ދެން ކަލަންޑަރެއް އިސްލާމީ ކަލަންޑަރަކަށް ވަނީ ކޮން ގޮތަކުން ބާވައެވެ! ކީރިތި ޤުރްއާނާއި ސުންނަތުގައި "ކަލަންޑަރެއް" އައުން ކަމުގައި ވާނީ، އިތުރު ކޮން ކަމެއް ފުރިހަމަ ވެގެން ބާވައެވެ!

އަދި އެއް ވާހަކައެވެ. "ސޫރުދަ ކަލަންޑަރަކީ" (Solar Calendar) އިސްލާމް ދީން ބަލައިގަންނަ ކަލަންޑަރެއް ކަމުގައި ބުނެވިދާނެއެވެ. ކީރިތި ޤުރްއާނުގައި، ސޫރަތުލް ކަހްފުގައި، ކަހްފު ބާގައިގެ ޒުވާނުން ހޮހަޅައިގައި ނިދައިފައި ތިބި މުއްދަތުގެ ވާހަކަ ބަޔާން ކުރައްވާ އިރު، ދެ ޢަދަދެއް އޮވެއެވެ. އެއް ޢަދަދަކީ 300 އެވެ. އަނެއް ޢަދަދަކީ 309 އެވެ. ޝައުޤުވެރި ނުކުތާއަކީ – ކީރިތި ޤުރްއާން ބާވައިލެއްވުނު ދުވަސްވަރު، މި ދެ ޢަދަދުގެ ޢިލްމީ އަދި ސައެންސީ ޙަޤީޤަތް ނޭނގި އޮތަސް، މިއަދު އެ ޙަޤީޤަތް އެނގިފައި ވާތީ –، ސޫރުދަ ކަލަންޑަރުން 300 އަހަރަކީ، ހަނދު ކަލަންޑަރުން 309 އަހަރުކަމެވެ. ސޫރުދަ ކަލަންޑަރުން 300 އަހަރަކީ އެކު ޖުމުލަ 109،575 ދުވަހެވެ. ހަނދުމަހުން 309 އަހަރަކީ އެކު ޖުމުލަ 109،574.5 ދުވަހެވެ. ދެ ޢަދަދުގެ ތަފާތަކީ އެންމެ ބައިދުވަހެވެ. – މިއީ ކީރިތި ޤުރްއާނުގެ ސައެންސީ މުޢުޖިޒާއެއް ކަމުގައި ވެސް ބެލެވިދާނެއެވެ – ކޮންމެއަކަސް، ކީރިތި ޤުރްއާނުގައި މި ގޮތަށް ކަހްފު ބާގައި މީހުން ހޮހަޅައިގައި ތިބި މުއްދަތު ބަޔާން ކުރެއްވުމުން، ދެ ގޮތަށް އަހަރު ގުނުން ޞައްޙަ ކުރައްވާ ކަމުގައި ބުނެވިދާނެއެވެ. މޮޅަށް ދެނެވޮޑިގެން ވަނީ ﷲ އެވެ. އެހެން އެކަން ވިޔަސް، ތައުބާ ސޫރަތުގެ 36 ވަނަ އާޔަތުން އެނގި ސާބިތު ވަނީ، އިސްލާމީ ކަލަންޑަރަކީ، ނުވަތަ މުސްލިމުން ބޭނުން ކުރާން ޖެހޭ އަސާސީ ކަލަންޑަރަކީ ޢަރަބީންގެ ތެރޭގައި އޮތް ހަނދު ކަލަންޑަރުކަމެވެ.

ޝައްކެއް ނެތެވެ! ފަޟީލަތުއްޝައިޚުލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަށް އަޅުގަނޑަށް ވުރެ މާ ރަނގަޅަށް ދިނާއި، ޤުރްއާނާއި، ޢަރަބި ބަހާއި، ފަލަކިއްޔާތާއި ކަލަންޑަރުގެ ކަންކަން އެނގިވަޑައިގަންނަވާނެއެވެ. ނަމަވެސް "ހިޖުރީ ކަލަންޑަރަކީ" އިސްލާމީ ކަލަންޑަރެއް ނޫނޭ އެމަނިކުފާނު ވިދާޅުވީމާ، އަޅުގަނޑުގެ ވިސްނުން ކޮށި އަރައި، ސުވާލާއި ޝައްކު އުފެދި، ހިތަށް އައި އެއްޗެތިތަކެއް ޙިއްޞާ ކޮށްލީއެވެ. ވިދާޅުވި އެއްޗެއް، އަޅުގަނޑުމެން ކަހަލަ މީހުންގެ ހިތުގައި އުފެދޭ މި ދެންނެވި ސުވާލުތަކަށް ޖަވާބު ލިބޭނޭހެން ތަފުޞީލުކޮށްދެއްވާނެ ނަމަ ވަރަށް ރަނގަޅެވެ. އަޅުގަނޑުމެންނަށް ހީވެފައި މި އޮތް ގޮތްތަކަކީ ކުށްކަމުގައި ވަންޏާ، އެ ކަން ވެސް ސާފުކޮށްދެއްވުން އެދެވެއެވެ. އެކަމަކު، އެހެން ވިދާޅުވީ، އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތުން، އިސްލާމީ ދުނިޔޭގެ ލީޑަރުން 20 ވަނަ ޤަރުނާއި 21ވަނަ ޤަރުނުގެ ތެރޭގައި އިސްލާމީ ކަލަންޑަރު ދޫކުރައްވައި، އިސްލާމީ ޤައުމުތަކުގެ ކަލަންޑަރުގެ ނިޒާމު ޢަލްމާނީ(secular) ކުރައްވައި "ޔޫރަޕިއަނައިޒް"ކުރައްވައިގެން ތިއްބެވި ތިއްބެވުން ތަބްރީރު ކުރައްވާންކަމުގައި ވަންޏާ، ހިތާމައިގެ ކޮޅެއްވެސްނެތެވެ.

ކޮމެންޓު