ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
12 ޖުލައި 2025
އިނގިރޭސިވިލާތުގެ އަސްކަރީ މާހިރަކު ބުނެފައިވާ ގޮތުގައި ޣައްޒާގައި އިންސާނުންގެ ލޯތަކަށް ނުފެންނަ ބާރުތަކެއް ވެއެވެ. ޙަމާސްގެ ހަނގުރާމަވެރީންނާ ދެކޮޅަށް، މި ހަނގުރާމަ ކުރިއަކަށް ނުގެންދެވޭނެއެވެ.
އެމެރިކާގެ އަސްކަރީ މާހިރަކު ބުނެފައިވާ ގޮތުގައި، އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން އިޒުރޭލަށް ހަތިޔާރު ފޯރުކޮށް ދިނުމަށް ޓަކައި އެތައް ބިލިއަން ޑޮލަރެއްގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި އިޒުރޭލަށް ފޮނުވައިފައިވާ ހަތިޔާރަށް ބަލާ އިރު، އެއީ ޣައްޒާއަށް ވުރެ ދިހަ ގުނަ ބޮޑު ސަރަހައްދެއް އެއްކޮށް ފަނާކޮށް ބިމާއި ހަމަކޮށްލުމަށް ފުދޭހައި ހަތިޔާރެވެ. އެއީ ގާތްގަނޑަކަށް ނިއުކުލިއަރު ހަ ބޮމާ އެއްވަރުގެ ހަތިޔާރެވެ. އަދި އެއީ ދުނިޔެ އަންދައި އަޅިޔަށް ހަދައިލައި، ދުނިޔެއަކީ އިންސާނުންނަށް އުޅެން އެކަށީގެންނުވާ ތަނަކަށް ހަދައި ލެވޭހާ ހަތިޔާރެވެ.]
އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި، [ޣައްޒާގެ ޖައްވުގައި ހުރިހައި ބާވަތެއްގެ ޖާސޫސީ މަތީންދާބޯޓުތަކުން ވަނީ ތޮއްޖެހިފައެވެ. އިޒުރޭލާއި، އެމެރިކާއާއި، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގެ މަތިންދާބޯޓުތަކުން ސައުވީސް ގަޑިއިރު ދަނީ ޣައްޒާގެ ބިމުގެ ކޮންމެ ޙަރަކާތެއް ވަރަށް ގާތުން، ވަރަށް ސާފުކޮށް، ފަންނީ ގޮތެއްގައި ބަލަމުންނެވެ.
އެކަމަކު، ޙަމާސްގެ ހަނގުރާމަވެރީން ނުކުމެ، އިޒުރޭލު ސިފައިންގެ ޓޭންކުތަކާއި، އުޅަނދުތައް ނައްތައިލައި، ސިފައިން މަރައި، ބަޑިޖަހައި، ގޮވާތަކެތި ހަރުކޮށް އިޒުރޭލު ސިފައިންގެ އުޅަނދުތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ވަނީ ނައްތައިލއިފައެވެ. އިޒުރޭލުގެ އެތައް ހާސް ސިފައިންނެއް މަރުވެ، އެތައް ހާސް ބަޔަކު ޒަޚަމްވެފައިވާ އިރު، ޖާސޫސީ މަތިންދާބޯޓުތަކަށް ފާހަގަކުރެވެނީ ވަރަށް މަދު ބައެއްގެ ޙަރަކާތްތަކެވެ.]
[ޣައްޒާގެ ސަރަޙައްދަކީ ގާތްގަނޑަކަށް 365 އަކަކިލޯމީޓަރެވެ. އާބާދީއާއި ބޯހިޔާވަހިކަމަށް، ޣައްޒާގެ ސަރަޙައްދުގެ %75 އާ އެއްވަރު ސަރަޙައްދެއް ބޭނުންކުރެވެއެވެ. މި ސަރަޙައްދަށް އިޒުރޭލުގެ ސިފައިން ވަނީ އެފް-15 އާއި، އެފް-35 އަދި އެޕާޗޭ ހެލިކޮޕްޓަރު ބޭނުންކޮށްގެން ޖައްވާއި، ބިމާއި އަދި ކަނޑު މަގުން އެތައް ހާސް މިސައިލާއި، އެތައް ހާސް ބޮމާއި، އަދި އާޓިލަރީ ޝެލްތަކުގެ އިތުރަށް އެތައް ޑްރޯން ޙަމަލާތަކެއް ދީފައެވެ. ދުނިޔޭގައި އުފައްދައިފައިވާ ހަތިޔާރަށް ބަލާ އިރު، ބޮޑެތި ޢަދަދުތަކުން އިޒުރޭލު ސިފައިން މި ހަނގުރާމައިގައި ބޭނުން ނުކުރާ އެއްވެސް ބާވަތެއްގެ ހަތިޔާރެއް މިހާރަކު ނެތެވެ.]
އެމެރިކާގެ އަސްކަރީ އެހެން މާހިރަކު ބުނެފައިވެއެވެ. [ނުގޮވައި ހުންނަ ރޮކެޓްތަކާ ގައްޒާގެ ކުޑަކުދީން ކުޅެ އުޅޭ ވީޑިއޯތައް އަހުރެމެން ބަލައިފައި ވާނެއެވެ. އެއީ މުޢުޖިޒާތެކެވެ. އަހުރެމެންގެ ލޮލަށް ނުފެންނަ ހަނގުރާމަވެރީންތަކެއް އެ ތާނގައި އެބަ ތިއްބެވެ. އެއީ އިލާހީ ނިޢުމަތެކެވެ. ނިކަން ބަލައިބަލާށެވެ. އަހުރެމެންނަށް ފެންނަނީ ޙަމާސްގެ ހަނގުރާމަވެރިޔާ އެހާމެ ގަދަ ހިތްވަރާއި ޢަޒުމާއެކު، އިޒުރޭލުގެ އުޅަނދުތަކުގެ ކައިރިއަށް ގޮސް ބޮން ހަރުކޮށްފައިދާ ތަނެވެ. އެއީ ވަރަށް ނުރައްކާތެރި އަދި ވަރަށް ބިރުހުރި ކަމެކެވެ. ހަމާސްގެ ހަނގުރާމަ ވެރިޔާ ހަނގުރާމަކުރަނީ އެ ވަރުގެ ވަރުގަދަ ޢަޒުމަކާ އެކުގައިކަމަށްވާތީ، އާޚިރުގައި ކާމިޔާބު ލިބޭނީ އެ މީހުންނަށެވެ.]
[ޣައްޒާގެ ކުޑަކުދީން އެއްވެސް ބިރެއް ނެތި ރޮކެޓްތަކާ ކުޅޭ ގޮތް ނިކަން ދެކެބަލާށެވެ! އަހުރެމެންގެ ޤައުމުގައި ނުވަތަ ކުރިއަރައިފައިވާ އެއްވެސް ޤައުމެއްގައި ނަމަ، މި ފަދަ ހަތިޔާރެއް ފެނިއްޖެއްޔާ، އިންޖިނިއަރިންގ ފުލުހުންނާއި، ގޮވާތަކެތީގެ މާހިރުންނާ އެކު، ހަތިޔާރާ ބެހޭ ޚާއްސަ ޔުނިޓުތައް އެ ސަރަޙައްދަކަށް ޖަމާވެ، ސަލާމަތީ ސަބަބުތަކަށް ޓަކައި، އެ ތަނެއް ކޯޑަން ކުރާނެއެވެ.]
[ނިކަން ބުނެބަލާށެވެ! އެ ކުދީން ޙިމާޔަތްކުރަނީ ކާކުހެއްޔެވެ؟ އެއީ އިލާހީ ނިޢުމަތެވެ. އަދި ޙަމާސްގެ ހަނގުރާމަވެރީން ވަނީ، ނުގޮވައި ހުރި ރޮކެޓްތަކުގެ ތެރެއިން ބައެއް ރޮކެޓްތައް އަލުން ބޭނުންކުރެވޭ ގޮތް ހަދައި، އެންމެ ރޮކެޓެއް ބޭނުންކޮށްގެން އިޒުރޭލު ސިފައިންގެ އެތައް އުޅަނދެއް ގޮއްވައިލުމުގައި ކާމިޔާބު ހޯދައިފައެވެ.]
[މިއީ އަހުރެމެން ކަހަލަ އާދައިގެ އިންސާނުންނެއް ނޫނެވެ. އެ މީހުންނަށް މި ތަފާތު، އަދި އާދަޔާ ޚިލާފު ތަމުރީނުތައް ލިބުނީ ކޮންތާކުންހެއްޔެވެ؟ އިޒުރޭލުން އެ ވަނީ އެ މީހުންނަށް ކާމިޔާބުނުކުރެވޭނެ ހަނގުރާމައެއްގެ ތެރެއަށް ވަދެފައެވެ. އިޒުރޭލަށް އިންސާނީ ގޮތުންނާއި، ނަފުސާނީ ގޮތުން ލަޝްކަރެއް ބިނާކުރުމަށް އެތައް ދަހަރެއް ބޭނުންވާނެއެވެ. އެކަމަކު، ޣައްޒާގެ އުސްޠޫރީ ހަނގުރާމަވެރީންގެ ކިބައިގައި އެ ހުންނަ ފަދަ ހަނގުރާމައިގެ ރޫޙެއް އުފެއްދުމަކީ މުސްތަހީލު ކަމެކެވެ.]