އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
5 ޖުލައި 2025
އެމެރިކާގެ ރައީސް ޓުރަންޕު ކިޔާހައި އެއްޗަކަށް ރަޝިއާ އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. އިއްޔެ (ހުކުރުދުވަހު) ޓުރަންޕު ފޯނުން ގުޅައިގެން ރޫސީވިލާތުގެ ރައީސް ވްލަޑްމީރު ޕޫޓިންނާ އެއް ގަޑި އިރު ދެއްކި ވާހަކަތަކުގައި ޕުޓިންގެ މައިގަނޑު ވާހަކައަކަށް ވީ ރޫސީވިލާތުން ޔޫކުރޭނާ ދެކޮޅަށް ޢަސްކަރީ ހަނގުރާމަ ފެށި [އަސްލު ސަބަބު] ނައްތައިނުލެވެނީހެއް އޭނާ ދުލެއްނުދޭނެކަމެވެ.
ހުކުރުދުވަހު ޓުރަންޕާއި ޕޫޓިންއާ ދެމެދު އެއްގަޑިއިރު ވަންދެން ދެއްކި ވާހަކައަށް ފަހު، ރޫސީވިލާތުގެ އޮފިޝަލެއްކަމަށްވާ ޔޫރީ އުޝަކޯފު ރިޕޯޓަރުންނަށް މަޢުލޫމާތު ދެމުން ވިދާޅުވީ [ރޫސީން އޮތީ ދޫދޭ ގޮތަކަށް] ނޫންކަމަށެވެ. އޭނާ އިތުރު ތަފުސީލުދެއްވަމުން ވިދާޅުވީ މި މައްސަލައަށް [ސިޔާސީ އަދި މަޝްވަރާގެ ޙައްލެއް] ހޯއްދަވާން ރައީސް ޕޫޓިން ބޭނުންފުޅުވިޔަސް ހުރަސްނުކުރައްވާނެ [ރަތް ރޮނގެއް] އޭނާ ވެސް ގެންގުޅުއްވާކަމަށެވެ.
[އަސްލު ސަބަބު]ކަމަށް ރޫސީވިލާތުން ކުރުކޮށް މި ބުނާ ސަބަބަކީ 2022ގައި ޔުކުރޭނަށް ޙަމަލާދިން އިރު ބުނާ ސަބަބެވެ. އެއީ ނޭޓޯއިން، ނޭޓޯގެ ހުޅަނގު އިއްތިހާދު ބޭނުންކޮށްގެން ރޫސީންނަށް ހަމަލާ ދިނުމަށް ޓަކައި ނޭޓޯގެ މެންބަރަކަށް ޔޫކުރޭން ހަދާން އުޅޭ އުޅުމެވެ. ނަމަވެސް ޔުކްރޭނާއި ޔޫކުރޭނުގެ ބައިވެރިން، މި ތުހުމަތުތަކަށް އިންކާރުކުރެއެވެ. ނަމަވެސް މި ތުހުމަތަށް ކޮންމެވެސް ވަރަކަށް ޓުރަންޕު ވެސް އެއްބަސްވެއެވެ.
ޕުޓިނާ ގުޅައިގެން އެއް ގަޑިއިރު ވާހަކަދެއްކުމަށް ފަހު، ޓުރަންޕު ބުނެފައިވަނީ ހަނގުރާމަ ހުއްޓުމާ ދިމާއަށް ޙަރަކާތްތެރިވާން [އެއްވެސް ކުރިއެރުމެއް] ނުލިބުނުކަމަށެވެ. ޔޫކުރޭނު ހަނގުރާމައާ މެދު އޭނާ [އުފާނުވާ]ކަމަށް ވެސް ބުންޏެވެ.
މިއީ ޓުރަންޕު ދެވަނަ ފަހަރަށް އެމެރިކާގެ ރައީސުކަމާ ޖަނަވަރީމަހު ހަވާލުވި ފަހުން ރޫސީ ރައީސް ޕޫޓިނާ އެކު ކުރި ހަވަނަ ފޯނުކޯލެވެ. ފުރަތަމަ ކޯލުކުރީ އެމެރިކާއިން ޖޯބައިޑްނަ ދުވަސްވަރު ޔޫކުރޭނަށް ފޮނުވާން ވަޢުދުވެފައިވާ އަސްކަރީ ބައެއް ސާމާނު ފޮނުވުން ހުއްޓައިލިކަމަށް އެމެރިކާގެ ދިފާޢީ އިދާރާ [ޕެންޓަގަނުން] އިޢުލާނުކުރުމަށް ފަހުގައެވެ.
[މި ފަހަރުގެ ފޯނުކޯލުގައި ޔޫކުރޭނަށް ދޭ އެހީއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. ޓުރަންޕު ހަމައެކަނި ބޭނުންވީ ހަނގުރާމަ ހުއްޓާށެވެ.] ޔޫރީ އުޝަކޯފު ވިދާޅުވިއެވެ.
ޔޫރީ އުޝަކޯފު ވިދާޅުވި ގޮތުގައި ދެ ރައީސުންގެ ސިދާސީދާ (ޖިސްމާނީ) ބައްދަލުވުމަކާ މެދު ވާހަކައެއް ނުދެކެވެއެވެ. ނަމަވެސް [ވާހަކަދެއްކުން އަދިވެސް ކުރިއަށް ގެންދާން] ދެ ރައީސުން އެއްބަސްވެވަޑައިގަތެވެ.
ޔޫކުރޭނާއި ރޫސީ ހަނގުރާމަ ހުއްޓުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރާން ޓުރަންޕު ބޭނުންވިޔަސް އެ ކަމުގައި އޭނާއަށް ލިބިފައިވަނީ ވަރަށް ކުޑަ ކުރިއެރުމެކެވެ. [އެއްވެސް ޝަރުޠެއް ނެތި] ހަނގުރާމަ ހުއްޓާން ޓުރަންޕު ހުށަހަޅާ ހުށަހެޅުން ރޫސީވިލާތަކުން ގަބޫލެއް ނުކުރާނެއެވެ.
ނަމަވެސް ޔޫރީ އުޝަކޯފު ވިދާޅުވި ގޮތުގައި ރޫސީވިލާތް އަބަދު ވެސް އޮންނާނީ ސުލްހައިގެން ވާހަކަތައް އެމެރިކާއާ އެކު ދައްކާން ހުޅުވައިލެވިފައެވެ.
ހުކުރުދުވަހު ޓުރަންޕާ ޕޫޓިންގެ ފޯނުކޯލަށް ފަހު ރޫސީވިލާތުން ރެކޯޑު ޢަދަދަކަށް ޔޫކުރޭނަށް ޑުރޯނު ޙަމަލާތަކެއް ވަނީ ދީފައެވެ. ޔޫކުރޭނުން ޚަބަރުދޭ ގޮތުގައި މިއީ ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ވެސް ރޫސީވިލާތުން ދިން އެންމެ ނުރައްކާތެރި އެއް ޙަމަލާއެވެ. ނަމަވެސް މި ޙަމަލާތަކުގައި މަރުވެފައިވާކަމަށް ޚަބަރު ލިބެނީ އެންމެ މީހެކެވެ. އެހެނީ ރޭ ހަތަރުދަމު ޔޫކުރޭނު ގިނަ ރައްޔިތުން ހޭދަކުރީ އެކި ބިންގަރާސްތަކުގައެވެ. އަޑިބުރީގައި ކާރު ޕާކުރާ ތަންތަނާއި ރޭލުވޭ އިސްޓޭޝަންތަކުގެ ބިންގަރާސްބުރީގައެވެ.
ރޫސީވިލާތުން މި ދަނޑިވަޅުގައި މި ޙަމަލާދިނުމުގެ ބޭނުމަކީ ރޫސީން އޮތީ [އަސްލުސަބަބު] ނައްތައިނުލެވެނީސް ދޫދޭ ގޮތަކަށް ނޫންކަން އެމެރިކާއާއި ޔޫކުރޭނަށް ދެއްކުންކަމަށް ގަބޫލުކުރެވެއެވެ.