އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
7 ޖުލައި 2025
އަޅުގަނޑުމެން މި އުޅެނީ ކޮން ސައްތައެއްގައިތޯއެވެ؟ އަޅުގަނޑުމެން މި އުޅެނީ ކޮން ޖަންގައްޔެއްގެ ބޯހިޔާވަހިކަމެއްގެ ތެރޭގައިތޯއެވެ؟ ރަޙުމެއް ނެތް ވަލުޖަނަވާރުތަކުން ފުރިފައިވާ ޖަންގައްޔެކެވެ. ބާރުގަދަ އެތި ބޭނުންވާ އެއްޗަކަށް ޙަމަލާދީ އޭތީގެ މައްޗަށް ވެރިވެގަނެއެވެ. ހަތިޔާރުވެރިޔާ ނަސްލުހޭދުތައް ހިންގަނީއެވެ. ގަދަބަދަވި މީހާ ދެރަނިކަމެތި މީހާ ގެއިން ބޭރަށް ނެރެ މަގުމައްޗަށް އެއްލައިލަނީއެވެ. އޭނާގެ ގެދޮރު ތަޅައި ސުންނާފަތިކޮށް އޭނާގެ ބިމުން ފައްސައިލަނީއެވެ. އެންމެންގެ ކުރިމަތީގައި ގައުމެއްގެ ރައްޔިތަކު ބަނޑަށް ޖައްސައިފިއެވެ. ރައްޔިތަކު މަރައި ހުސްކޮށްފިއެވެ. ނޫނެކޭ ބުނެލާން ކެރޭވަރުގެ ދައުލަތެއް ވެސް މުއައްސަސާއެއް ވެސް ޖަމްޢިއްޔާއެއް ވެސް ޖަމާޢާތެއް ވެސް ނެތެވެ. ދަޢުވާކުރާ ގޮތުގައި އެ މީހުންނަކީ އިންސާނާގެ ޙައްޤުތައް ދިފާޢުކުރާ ބަޔެކެވެ. ކޮން އިންސާނެއްގެ ބާވައެވެ! އެމީހުން މި ޙިމާޔަތްކުރާ އިންސާނަކީ ކޮން އިންސާނެއްހެއްޔެވެ؟ އެހެންމީހުންނާ މުޢާމަލާތުކުރަނީ ކޮން މިންގަނޑަކުންހެއްޔެވެ؟ ޙަޟާރަތުގެ ވެރިންކަމަށް ފަންނިއްޔާތުގެ ވެރީންކަމަށް ޞިނާޢީ ވިސްނުންތޫނުކަމުގެ ވެރީންކަމަށް ދަޢުވާކުރާ މި ބައިމީހުންގެ ޢަމަލުތަކަކީ ބޯގޮވާ ފަދަ އަޖައިބުވަނިވި ޢަމަލުތަކެކެވެ. ބޮޑާވެގަތުމާއި ޙައްދުފަހަނަޅައިދިޔުމާއި ލާއިންސާނީކަމާއި އަނިޔާވެރިކަމުގެ ޙައްދެއް އިމެއް ނެތެވެ.
ޤަދީމީ ތާރީޚުގެ ޒަމާނުގައި މި ބިން ފަސާދަކޮށް ބޮޑާވެގެންފައިވާ ގައުމުތަކެއް އުޅުނެވެ. އެމީހުންނަށް ވީ ކިހިނެއްހެއްޔެވެ؟ އެ މީހުންނާ މެދު ޖައްބާރުވަންތަ ރަސްކަލާނގެ ﷲތަޢާލާ ޢަމަލުކުރެއްވީ ކިހިނެއްހެއްޔެވެ؟ މާތް ﷲ ވަޙީކުރެއްވިއެވެ. }فَأَمَّا عَادٌ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَقَالُوا۟ مَنْ أَشَدُّ مِنَّا قُوَّةً ۖ [1]- ފަހެ، عاد ބާގައިމީހުން ދަންނާށެވެ! އެއުރެން حق އަކާ ނުލައި ބިމުގައި ބޮޑާވެގަތޫއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކުހެއްޔެވެ؟{
މި ގޮތަށް ބޮޑާވެގަތް މީހުންގެ ތެރޭގައި ފިރުޢައުނު ވިއެވެ. އޭނާއާ ބެހޭ ގޮތުން އަރަހުށި މާތް ﷲ ވަޙީކުރެއްވިއެވެ. }وَقَالَ فِرْعَوْنُ يَٰٓأَيُّهَا ٱلْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَٰهٍ غَيْرِى[2] - فرعون ބުންޏެވެ. އޭ (އަހުރެންގެ قوم ގެ) ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެތެވެ.{ ކަލާނގެއެއް ކަމަށް ދަޢުވާކުރަމުން އޭނާގެ ބޮޑާކަމާއި ބާރުގަދަކަން ދެއްކުމުގެ ގޮތުން ބުންޏެވެ. }وَنَادَىٰ فِرْعَوْنُ فِى قَوْمِهِۦ قَالَ يَٰقَوْمِ أَلَيْسَ لِى مُلْكُ مِصْرَ وَهَٰذِهِ ٱلْأَنْهَٰرُ تَجْرِى مِن تَحْتِىٓ ۖ أَفَلَا تُبْصِرُونَ [3]- އަދި فرعون އޭނާގެ قوم ގެ މީހުންގެ ތެރޭގައި ހުރެ ގޮވައިލިއެވެ. އޭނާ ބުންޏެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! مصر ގެ ވެރިކަންވަނީ ތިމަންނާއަކަށް ނޫންހެއްޔެވެ؟ އަދި މި ކޯރުތައް ތިމަންގެ ދަށުން ހިނގަހިނގާ ހުރެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟{
މި ފަދަ އަނިޔާވެރީން ޖައްބާރުވަންތަ ﷲ ހަލާކު ކުރެއްވީ އިންޒާރު ދެއްވުމުގެ ގޮތުންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. }فَكُلًّا أَخَذْنَا بِذَنۢبِهِۦ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ ٱلصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ ٱلْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ [4] - އަދި އެއިން ކޮންމެ ބަޔަކުވެސް، އެބަޔެއްގެ ކުށުގެ ސަބަބުން ތިމަންރަސްކަލާނގެ ގެންދެވީމެވެ. ފަހެ، ތަންތަން ހަލާކުކުރަނިވި ގަދަ ވަޔެއް ތިމަންރަސްކަލާނގެ އެބަޔެއްގެ މައްޗަށް ފޮނުއްވި މީހުން އެއުރެންގެ ތެރެއިންވޫއެވެ. އަދި عذاب ގެ ގަދައަޑެއް ފޮނުއްވައި ގެންދެވި މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އަދި އެއުރެންނާއެކު ބިންގަނޑު ގަންބަވައިގަތް މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އަދި (ކަނޑުލައްވައި) غرق ކުރެއްވި މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އެއުރެންނަށް އަނިޔާކުރެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ نفس ތަކަށް ހަމަ އެއުރެން އަނިޔާކުރި ކަމުގައިވިއެވެ.{
އިސްވެދިޔަ އުންމަތްތައް ހަލާކުކުރެއްވި ސަބަބުތަކުގެ ތެރޭގައި ބޮޑާވެގަތުން ވެއެވެ. އަނިޔާވެރިކަމުގައި ޙައްދުފަހަނަޅައިދިޔުންވެއެވެ. } إِنَّ فِرْعَوْنَ عَلَا فِى ٱلْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَآئِفَةً مِّنْهُمْ يُذَبِّحُ أَبْنَآءَهُمْ وَيَسْتَحْىِۦ نِسَآءَهُمْ [5]- ހަމަކަށަވަރުން، فرعون، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ أهل ވެރިން ބައިތަކަކަށް ބަހައިލިއެވެ. އޭގެތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެން ދަރިން قتل ކޮށް، އެއުރެންގެ އަންހެންދަރިން ދޫކޮށްލިއެވެ.{
ފިރުޢައުނަށް ފަހު މިއަދު ދުނިޔެ ދެކެމުންދާ އަނިޔާވެރި ގައުމުތަކުގެ ފިރުޢައުނުވަންތަކަން ކުޑައެއްނޫނެވެ. އެ ގައުމުތަކުން ބުނަމުންދަނީ އަދި އެމީހުންގެ މީޑިއާތަކުން ފަތުރަމުންދަނީ [އަހުރެމެންނަށް ވުރެ ހަތިޔާރު ގިނައީ ކާކު އަތުގައިހެއްޔެވެ؟ ސައެންސާއި މުއްސަނދިކަމާއި ފަންނިއްޔާތުގައި އަހުރެމެންނަށް ވުރެ ބާރުގަދައީ ކާކުހެއްޔެވެ؟ ޖައްވާއި ކަނޑާއި އެއްގަމުގައި އަހުރެމެންނަށް ވުރެ ނުފޫޒު ގަދައީ ކާކުހެއްޔެވެ؟ ހަވާގައި ވެސް އަހުރެމެންނަށް ވުރެ މޮޅު ފަރާތަކީ ކޮބައިހެއްޔެވެ؟ މި ފަދަ ބޮޑާ މީހުންނަށާއި ގައުމުތަކަށް މާތް ﷲ އެންގެވިއެވެ. }لَا يَغُرَّنَّكَ تَقَلُّبُ ٱلَّذِينَ كَفَرُوا۟ فِى ٱلْبِلَٰدِ [6]- كافر ވި މީހުން ރަށްތަކުގައި އެގޮތްމިގޮތަށް އުޅޭއުޅުން ކަލޭގެފާނު ހެއްލުންތެރި ކުރިއަ ނުދޭހުށިކަމެވެ!{
މިއަދުގެ ދުނިޔޭގައި ނަމްރޫދާއި ފިރުޢައުނުގެ ދައުރު އަދާކުރާ އެމެރިކާއާއި އެމެރިކާގެ ބައިވެރީން ބޮޑާކަމުގެ ދަށުން، އެމީހުންނާ އެއްވެސް ގުޅުމެއްނެތް އަދި އެމީހުންނަށް އެއްވެސް ގޯނާއެއް ނުކުރާ ޣައްޒާގެ ރައްޔިތުން ޙިޞާރުކޮށް ބަނޑަށް ޖެއްސުމުގެ ހުއްދަ ވަނީ ފަލަސްޠީނުގެ ބިމަށް ވެރިގެންފައިވާ ޞިހުޔޫނީ ކިޔާނަށް ދީފައެވެ. ޤަތުލު އާންމުތައް ހިންގުމަށާއި ނަސްލުހޭދުކުރުމަށް ހިތްވަރުދީ އެ ކަންކަމުގައި ލަދެއްނެތި ދަނީ ބައިވެރިވަމުންނެވެ. ހުރިހައި ޤާނޫނުތަކަކާއި ބައިނަލްއަޤްވާމީ ޗާޓަރުތަކެއް ވީދައި އެއާ ޚިލާފަށް ނިރުބަވެރި ޢަމަލުތައް ހިންގަމުންނެވެ. މި ޖަރީމާތައް ހިންގަނީ އެންމެންނަށް ފެންނަ ގޮތަށެވެ. އިވޭ ގޮތަށެވެ.
ﷲގެ މަތިވެރިކަމާއެވެ! އަނިޔާވެރީންނަށް އެކަލާނގެ އިމްހާލުކުރެއްވިޔަސް އެމީހުން އިހްމާލެއްނުކުރައްވަތެވެ. ﷲގެ ބަސްފުޅުތައް ކިޔާށެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. }وَكَذَٰلِكَ أَخْذُ رَبِّكَ إِذَآ أَخَذَ ٱلْقُرَىٰ وَهِىَ ظَٰلِمَةٌ ۚ إِنَّ أَخْذَهُۥٓ أَلِيمٌ شَدِيدٌ [7]- ރަށްތައް (އެބަހީ: ރަށްތަކުގެ أهل ވެރިން) އަނިޔާވެރިވެގެންވާ حال، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެ ރަށްތައް ހިއްޕަވާހިނދު، އެކަލާނގެ ހިއްޕެވުންއޮތީ، އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެ ހިއްޕެވުމަކީ، ވޭންދެނިވި، ގަދަފަދަ ކަމެކެވެ.{
އެ ހިނދު ]އެސްފިޔަ ޖަހައިލާ ހައި ހިނދުކޮޅެއްގެ ތެރޭގައި[ ބޮޑާކަމުގެ ބުދުތައް ވެއްޓިގެން ތެޅިގެން ނެތިގެން ހިނގައިދާނެއެވެ.
މާލިކު ބުނު ނަބިއްޔު ވިދާޅުވިއެވެ. ]ﷲގެ ފިޠުރަތަކީ ހަމަވިސްނުން އޮއްސިއްޖެ ނަމަ، ބުދު ފާޅުވުމެވެ.[