އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
18 ޖޫން 2025
(11.06.2025ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
ސުލައިމާނުގެފާނަށް އެނގިވަޑައިނުގަންނަވާ ކަމެއް ހުދުހުދަށް މި ވަނީ އެނގިފައެވެ. އަރަބިކަރައިގެ އެންމެ ދެކުނު ސަރަޙައްދުން ގެނައި މަޢުލޫމާތުތަކެކެވެ. ސަބައު ރަސްކަމުގެ ޚަބަރެވެ. ސުލައިމާނުގެފާނަށް ހުދުހުދު އެރުވީ ކަށަވަރު ޚަބަރުތަކެކެވެ. އެ ރަސްކަމުގައި ވެރިކަންކުރަނީ އަންހެނެކެވެ. އެއީ ވަރަށް މުއްސަނދި ތަނަވަސް ވެރިކަމެކެވެ. އެކަމަނާގެ ޢަރުޝި (ތަޚުތު) ވަރަށް ރީތިވެފައި ވަރަށް ބިޔައެވެ. މި ގައުމުގެ މީހުން ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރާތީ ހުދުހުދު އެ ކަމާ ދެކޮޅުހެދިއެވެ. މި ގައުމުގެ މީހުންގެ ވާހަކަތައް ސުލައިމާނުގެފާނަށް ހުދުހުދު ދެންނެވީ ވަރަށް ރިވެތި ބަސްމަގަކުންނެވެ. ނޫސްވެރިއެއް ކަހަލައެވެ. މީޑިޔާގައި މަސައްކަތްކުރާ އެ ކަމުގެ ތަޖްރިބާކާރެއް ފަދައެވެ. ވަރަށް ރަނގަޅަށް ޙާލަތު ބަޔާންކޮށްދީ ތަންގީދީ ގޮތަކަށް ފާޑުކިޔެވެ.
ހުދުހުދުގެ ބަސް ސުލައިމާނުގެފާނު ޤަބޫލުފުޅުކުރެއްވުމަށް އަވަސްވެވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނު ވަގުތުން ފިޔަވަޅެއް ނާޅުއްވައެވެ. އެ މަސްއަލަ ރަނގަޅަށް ތަޙުޤީޤު ކުރެއްވިއެވެ. މިއީ ދޮގު ޚަބަރު ފަތުރާ މީހުންނަށް ދެއްވި ރަނގަޅު މެސެޖެކެވެ. ސުލައިމާނު ހުދުހުދަށް ވިދާޅުވިއެވެ. 27ވަނަ އާޔަތާއި 28ވަނަ އާޔަތަށް ބަލާށެވެ! }قَالَ سَنَنظُرُ أَصَدَقْتَ أَمْ كُنتَ مِنَ ٱلْكَٰذِبِينَ ﴿٢٧﴾ ٱذْهَب بِّكِتَٰبِى هَٰذَا فَأَلْقِهْ إِلَيْهِمْ ثُمَّ تَوَلَّ عَنْهُمْ فَٱنظُرْ مَاذَا يَرْجِعُونَ- އަހުރެންގެ މި ސިޓީ ހިފައިގެންގޮސް އެއުރެންގެ ގާތަށް އެ އެއްލާށެވެ! ދެން އެއުރެންނާ ދުރަށް ޖެހި (ޖަވާބުގައި) އެއުރެން ރައްދުކުރަނީ ކޮންއެއްޗެއްތޯ ބަލާށެވެ!{
ސުލައިމާނުގެފާނުގެ އަމުރުފުޅަށް ހުދުހުދު މި ފަހަރު ބަލްޤީސް ރަނީންގެ ގަނޑުވަރަށް ދިޔައީ ޖާސޫސީ މަސައްކަތެއްގައެވެ. ޙިކްމަތްތެރިކަމާ އެކު ވަރަށް ގާތުން ކަންތައް ބެލުމަށް ޓަކައެވެ. ހުދުހުދު ގޮސް ސުލައިމާނުގެފާނުގެ ސިޓީފުޅު ބަލްޤީސް ރަނީންގެ އުނގުފުޅު މައްޗަށް ވައްޓައިލައިފައި ދުރަށް ދިޔައެވެ. އެއްވެސް މީހަކަށް ނޭނގޭ ގޮތަށް ހުދުހުދު ފިލައި އިނދެ ބަލްޤީސް ކަންތައްކުރައްވަމުން ދިޔަ ގޮތް ބަލަމުން ދިޔައެވެ.
ހުދުހުދު ފުރަތަމަ ބެލީ މި ރާނީގެ ސިޔާސީ ނުފޫޒާއި އާރާއިބާރު ހުރި މިންވަރެވެ. ރައްޔިތުން އެ ކަމަނާއަށް ކިޔަމަންގަންނަމުންދާ ގޮތެވެ. މި ރާނީއާއި އޭނާގެ ރައްޔިތުން އިރަށް އަޅުކަންކުރާތީ ހުދުހުދު އަޖައިބުވިއެވެ. އޭތީގެ ފިޠުރަތު އެ ކަމާ އިންކާރުކުރާތީއެވެ. ހުދުހުދުގެ ވާހަކަ އަހާށެވެ! މާތް ﷲ ވަޙީކުރެއްވިއެވެ. }وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ فَهُمْ لَا يَهْتَدُونَ ﴿٢٤﴾ أَلَّا يَسْجُدُوا۟ لِلَّهِ ٱلَّذِى يُخْرِجُ ٱلْخَبْءَ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ - އެ ކަމަނާއާއި، އެ ކަމަނާގެ قومގެ މީހުން، اللَّه ފިޔަވައި އިރަށް سجدة ކޮށް އުޅޭތީ ތިމަން ދުށީމެވެ. އަދި شيطانއާ އެއުރެންނަށް އެއުރެންގެ عملތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން އެއްކިބާކުރިއެވެ. ފަހެ، އެއުރެންނަކަށް ތެދުމަގެއް ނުލިބެއެވެ. ( (24 އުޑުތަކާއި، ބިމުގައި ފޮރުވިފައިވާ ތަކެތި ނެރުއްވާ، އަދި ތިޔަބައިމީހުން ވަންހަނާކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވާ اللَّهއަށް سجدة ނުކުރުމަށް شيطانއާ އެއުރެންނަށް ޒީނަތްތެރިކޮށްދިނެވެ{.
ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ މަތިވެރިކަން ހުދުހުދު ބަޔާންކޮށްދިން ގޮތް ނިކަން ދެކެބަލާށެވެ. ހުދުހުދަކީ ވަރަށް ލޯ ތޫނު ދުރު ފެންނަ އެއްޗެކެވެ. އޭއްޗަށް ބިމުގެ ފަސްގަނޑުގެ ދަށުގައި ފެން ދުވާ ތަން ފެނެއެވެ. އެ ފެން ހުންނަ ތަންތަން ވެސް އޭއްޗަށް އެނގެއެވެ. އިބްނު ޢައްބާސްގުފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި ސުލައިމާނުގެފާނާއި އެކަލޭގެފާނުގެ ލަޝްކަރު ހަނަފަސް ސަހަރާތަކުގައި ދަތުރުކުރާއިރު ފެން ހުރި ތަންތަން ހޯއްދެވުމަށް ހުދުހުދު ފޮނުއްވައެވެ. ފެން ހުރި ތަނެއް ދައްކައިފި ނަމަ ލަޝްކަރުގެ ސިފައިން އެ ތަން ކޮނެ ފެން ނަގައި ބޭނުންތައް ފުއްދައި ހަންތައް ފެނުން ފުރައިލައެވެ. ހުދުހުދުގެ ޙުއްޖަތް ވަރުގަދަކުރުމަށް ޓަކައި އޭތި ބުނީ }الَّذِي يُخْرِجُ الْخَبْءَ فِي السَّمَاوَاتِ وَالْأَرْضِ – އެކަލާނގެއީ އުޑުތަކާއި، ބިމުގައި ފޮރުވިފައިވާ ތަކެތި ނެރުއްވާ ރަސްކަލާނގެއެވެ.{
ބަލްޤީސް ރަނިކަމަނާއާއި އެ ކަމަނާގެ ގައުމުގެ ބޮޑުންނާ ދެމެދުގައި ދެކެވުނު ވާހަކަތައް، މި ހުދުހުދު ސުލައިމާނުގެފާނަށް ވަރަށް ފުރިހަމަކޮށް ނަޤުލުކުރިއެވެ. ސުލައިމާނުގެފާނުގެ ޚަބަރު ބެލުމަށް ޓަކައި ހަދިޔާއެއް ފޮނުވުމަށް އެމީހުން ނިންމިއެވެ. މި ރޭވުންތައް ސުލައިމާނުގެފާނަށް އެނގިވަޑައިގަތުމުން އެ ކަމަށް ބޭނުންވާ އިދިކޮޅު ފިޔަވަޅުތައް އެޅުއްވިއެވެ. ނަތީޖާއަކަށް ވީ އެ ކަމަނާ އިސްލާންވެވަޑައިގަތުމެވެ.
- ދޫނިސޫފާ ބެހޭ ސައެންސީ ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި ޖާސޫސީ މަޢުލޫމާތުތައް ހޯދުމަށް ޓަކައި ބޭނުންކުރާން އެންމެ ޤާބިލު ދޫންޏަކީ ހުދުހުދެވެ. ކުރީ ޒަމާންތަކުގައި ރަސްރަސްކަލުން ސިޓީތަކާއި ފަތްކޮޅުތައް ފޮނުއްވަން ބޭނުންކުރައްވައިފައި ވަނީ ޒާޖިލު ކޮތަރެވެ. ނުވަތަ ފަސިންޖަރު ކޮތަރެވެ. މި ޒަމާނުގެ ސައެންސީ ދިރާސާތައް ބުނާ ގޮތުގައި ކޮތަރަށް ވުރެ ހުދުހުދު މި ކަމަށް މާ ކުޅަދާނައެވެ. ހުދުހުދުގެ ދުވެލި މާ ބާރެވެ. އަދި ހައިހޫނުކަން ތަޙައްމުލުކުރުމުގެ ބާރު ވެސް މާ ގަދައެވެ. ދުޝްމަނުންގެ ލޯތަކަށް ވަންހަނާވެ ގަތުމުގެ ހުނަރު ވެސް ހުދުހުދަށް ލިބިފައިވާލެއް މާ ބޮޑެވެ.
- ހުދުހުދު ބިންމަތީގައި ވަރަށް ބާރަށް ހިނގައި އުޅެއެވެ. އަދި ދުވެވެސްހަދައެވެ. އާންމު ގޮތެއްގައި ހުދުހުދު އުޅެނީ ހާމަ ތަންތާނގައެވެ. ގިނައިން ފެންނާނީ އެކަނިމާ އެކަނި އުޅެނިކޮށްނެވެ. ނުވަތަ ޖޯޑުޖޯޑަށެވެ. ބައިގަނޑުގަނޑަށް ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. ހުދުހުދަކީ ވަރަށް ބާރަށް އުދުހޭ ދޫންޏެކެވެ. އަދި ވަރަށް ކުއްލި ގޮތަކަށް މައްޗަށް އަރައިގެންދެއެވެ.
- ހުދުހުދަކީ ނިޔަމިކަމުގެ މާހިރެކެވެ. ބިމުގެ ދަގަތްފާނު ދަނޑުތަކުގެ ޒަރީޢާއިން އޭތި މިސްރާބުތައް ދެނެގަނެއެވެ. އޭތި ދަތުރުކުރަމުންދާ އިރު އޭގެ ދަތުރުގެ ޗާޓުތައް، ފެނުމާއި އިވުމާއި ވަހުން ކުރަހަމުންދާނެއެވެ. މީގެ ތުނބުގައި ކުދިކުދި ދަގަތްފާނުކޮޅުތަކެއް ހުރެއެވެ. ކުރީން ދެންނެވި ފަދައިން ފެން ހުންނަ ތަންތަން ދެނެގަތުމުގެ ޚާއްޞަ ބާރެއް ހުދުހުދަށް ލިބިގެންވެއެވެ.
- ސުލައިމާނުގެފާނު ހުދުހުދާ ޙަވާލުކުރެއްވީ ވަރަށް ބުރަ މަސައްކަތެކެވެ. އެއީ ހަމައެކަނި ސިޓީއެއް ގެންގޮސްދިނުމެއްނޫނެވެ. އެކަލޭގެފާނު ބޭނުންފުޅުވި މަސައްކަތްތައް ކުރުމަށް އެންމެ ޤާބިލު ދޫންޏަކީ ހުދުހުދެވެ. ނުރައްކަލުން ފުރިފައިވާ ޖާސޫސީ މަޢުލޫމާތުތަކެއް ހޯދައިގެން ގެނައުމަށް ސުލައިމާނުގެފާނު ހުދުހުދާ ހަވާލުކުރެއްވިއެވެ. ނުރައްކަލުން ފުރިފައިވާ މި މަސައްކަތް އެހެން ދޫންޏަކަށް ނުކުރެވޭނެކަން ސުލައިމާނުގެފާނަށް އެނގިވަޑައިގަންނަވައެވެ.
- ކީރިތި ޤުރުއާން ފިޔަވައި ބާވައިލެއްވި އެހެން އެއްވެސް ފޮތެއްގައި ސުލައިމާނުގެފާނާއި ހުދުހުދުގެ ވާހަކަ އައިސްފައެއް ނުވެއެވެ. އެހެންކަމުން މިއީ ޤުރްއާން އިސްވެ އިޝާރަތްކޮށްފައިވާ ސައެންސީ މަޢުލޫމާތުތަކެކެވެ. މި ފަދަ މަސައްކަތްތަކަށް މި ދޫނި ބޭނުންކުރުމާ ބެހޭ ގޮތުން ޤުރްއާނުގެ ބަސްފުޅަކީ [އިސްބަސްފުޅު]އެކެވެ. މިއިން އެނގެނީ ޤުރްއާނަކީ ﷲގެ ކަލާންފުޅުކަމެވެ.
- މިއީ މި ވާހަކައިގެ ސައެންސީ މަންޠިގެވެ. ދެން ބަލައިލާނީ މި ވާހަކައިގެ ޢަދަދީ މަންޠިޤަށެވެ. ޢަދަދުގެ ވާހަކައަށް ދިޔުމުގެ ކުރިން ޖާސޫސީ މަސައްކަތްތައް ތަރައްޤީވެފައިވާ މި ޒަމާނުގައި ހުދުހުދަށް މި ޖާސޫސީ މަސައްކަތް ކުރެވިދާނެތޯ ސުވާލުކޮށްލާން ޖެހެއެވެ. މީގެ ތިން ހާސް އަހަރު ކުރީން ކުޑަކުޑަ ހުދުހުދެއް ކޮށްފައިވާ މަސައްކަތްތަކެއްގެ ސަބަބުން ގައުމަކަށް މި ވަނީ ﷲގެ ހިދާޔަތު ލިބިފައެވެ. ޝިރުކުގެ އަނދިރިކަމުން އިސްލާންދީނުގެ އަލިކަމަށް މި ވަނީ ނުކުމެފައެވެ.
- ހުދުހުދުގެ ވާހަކަކޮޅުގެ ޚުލާޞާއަކީ }أَحَطْتُ بِمَا لَمْ تُحِطْ بِهِ وَجِئْتُكَ مِنْ سَبَإٍ بِنَبَإٍ يَقِينٍ (22) إِنِّي وَجَدْتُ امْرَأَةً تَمْلِكُهُمْ وَأُوتِيَتْ مِنْ كُلِّ شَيْءٍ وَلَهَا عَرْشٌ عَظِيمٌ (23) وَجَدْتُهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِنْ دُونِ اللَّهِ وَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَنِ السَّبِيلِ فَهُمْ لَا يَهْتَدُونَ (24) أَلَّا يَسْجُدُوا لِلَّهِ الَّذِي يُخْرِجُ الْخَبْءَ فِي السَّمَاوَاتِ وَالْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ (25) اللَّهُ لَا إِلَهَ إِلَّا هُوَ رَبُّ الْعَرْشِ الْعَظِيمِ { އެވެ. މިއީ النمل ސޫރަތުގެ 23ވަނަ އަޔަތުން ފެށިގެން 26ވަނަ އާޔަތުގެ ނިޔަލަށެވެ.
- ހުދުހުދުގެ ވާހަކަކޮޅުގެ ކަލިމަތަކުގެ ޢަދަދަކީ 60 އެވެ.
- ހުދުހުދުގެ ވާހަކަކޮޅު އައިސްފައި މި ވަނީ ފަސް އާޔަތެއްގައެވެ. މި އާޔަތްތަކުގެ ތަރުތީބީ ވަނަތަކުގެ ޖުމްލައަކީ: 22+ 23+24+25+26 =120 އެވެ. މިއީ 60 + 60 އެވެ.
- ހުދުހުދުގެ ވާހަކަކޮޅުގައި ހިމެނެނީ 240 އަކުރެވެ. އެއީ 60 + 60 + 60 + 60
- މި އަކުރުތަކުގައި ހިމެނޭ ނުކުތާގެ ޢަދަދަކީ 120އެވެ. އެއީ 60 + 60 އެވެ.
(ނުނިމޭ)