ad_banner
ހުދުހުދު (ފުނާގަނޑުދޫނި) ވާހަކަ (1)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

11 ޖޫން 2025

ފުނާގަނޑު ދޫންޏަކީ ވިސްނުން ތޫނު ދޫންޏެކެވެ.

މީލާދީން ދިހަވަނަ ސައްތައިގައި - އެވޭލާ ޒަމާނެއްގައި - އިރަށް ސަޖިދަކޮށް އަޅުކަންކުރަމުންދިޔަ ގައުމަކަށް ހިދާޔަތުދެއްވުމަށް ޓަކައި މާތް ﷲ އިރާދަކުރެއްވިއެވެ.

މާތް ﷲ އެ ކަމަށް ޓަކައި ވިސްނުންތޫނު ކުޑަކުޑަ ދޫންޏެއް ލެއްވިއެވެ.

ކުޑަކުޑަ ދޫންޏެކެވެ. ﷲ ތަޢާލާގެ ލަޝްކަރުގެ ޢަދަދު އެކަލާނގެ މެނުވީ ދެނެވޮޑިގެންނެއް ނުވެތެވެ.

އެއީ ހުދުހުދެވެ. ނުވަތަ ފުނާގަނޑުދޫންޏެވެ. މި ދޫންޏަށް ފެނުނު ކަންތައްތައް ވަރަށް ތަފުސީލުކޮށް ވަރަށް ސާފުކޮށް ސުލައިމާނު ނަބިއްޔާއަށް ދެންނެވިއެވެ. މި ވާހަކަތައް އެކަލޭގެފާނަށް އިވިވަޑައިގަތުމުން އެ ގައުމުގެ މީހުންނަށް ﷲގެ ދީން އުނގަންނައިދެއްވުމަށް ޓަކައި، އެބައިމީހުން އިސްލާންކުރެއްވުމަށް ޓަކައި، ހުރިހައި ތައްޔާރީއެއް ވެވަޑައިގަތެވެ. މި ކަމުގެ ސަބަބުން ޔަމަނުގެ ސަބައުގެ ރަނިކަމަނާއާއި އެ ކަމަނާގެ ގައުމު އިސްލާންވިއެވެ.

ކީރިތި ޤުރްއާން އަޅުގަނޑުމެންނަށް ޚަބަރުދީފައިވާ ގޮތުގައި ބަލްޤީސް ރަނީންނަށާއި އެ ކަމަނާގެ ގައުމުގެ މީހުންނަށް ހިދާޔަތްދެއްވުމަށް މާތް ﷲ މެދުވެރިކުރެއްވީ ކުޑަކުޑަ ހުދުހުދެކެވެ. އެ ގައުމުގެ މީހުން އުޅޭ ތަނާއި އެ މީހުންގެ ޙާލަތާއި އެ މީހުންގެ ވެރިކަމާއި އެ މީހުން ތިބި ފުރެދުންތެރިކަން ވަރަށް ރީތިކޮށް ސުލައިމާނުގެފާނަށް މި ދޫނި ދެންނެވިއެވެ. މި ކުޑަކުޑަ ހުދުހުދުގެ ސަބަބުން މުޖުތަމަޢެއް އެއްކޮށް އިސްލާންވިއެވެ. ﷲއަށް ޝަރީކުކުރުން ދުކޮށްލިއެވެ.

މި ޒަމާނުގައި ހުދުހުދަކަށް މި ފަދަ މުހިންމު މަސައްކަތެއް ކުރެވިދާނެބާވައެވެ!

މިއަދު ކިތައް މިލިއަން އިންސާނުން ޝިރުކުގެ މަތީގައި މަރުވެ، މި ދުނިޔެއާ ވަކިވެގެން އެބަ ދޭހެއްޔެވެ؟

މީގެ ތިން ހާސް އަހަރު ކުރިއަށް ގަޑީގެ ކަށި އަނބުރައިލަމާތޯއެވެ؟

މި ދޫނީގެ ބަހުރުވަ އިނގޭތޯއެވެ؟ މި ޒަމާނުގެ މީހުންގެ މަންޠިޤާއި ވިސްނުމާ ގުޅޭ ގޮތަށް މި ދޫނީގެ ބަސްތައް އަލުން ތަރުޖަމާކޮށްގެންނެވެ. ކީރިތި ޤުރްއާނުގެ މި މަތިވެރި މަންޒަރުގެ ޝަރަފުވެރި މެހެމާނަކީ މި ހުދުހުދެވެ. މި ޤުރްއާނަކީ ﷲ ޢައްޒަ ވަ ޖައްލަގެ ބަސްފުޅުކަން ހާމަކޮށްދިނުމަށް އެ ދޫނި ދައްކާ ދަލީލުތައް ދެނެގަތުމަށް ޓަކައެވެ.

ﷲ ތަޢާލާ ޤުރްއާނުގައި النمل ސޫރަތުގައި ވަޙީކުރެއްވިއެވެ.

}وَتَفَقَّدَ ٱلطَّيْرَ فَقَالَ مَا لِىَ لَآ أَرَى ٱلْهُدْهُدَ أَمْ كَانَ مِنَ ٱلْغَآئِبِينَ ﴿٢٠﴾‏ لَأُعَذِّبَنَّهُۥ عَذَابًا شَدِيدًا أَوْ لَأَا۟ذْبَحَنَّهُۥٓ أَوْ لَيَأْتِيَنِّى بِسُلْطَٰنٍ مُّبِينٍ ﴿٢١﴾‏ فَمَكَثَ غَيْرَ بَعِيدٍ فَقَالَ أَحَطتُ بِمَا لَمْ تُحِطْ بِهِۦ وَجِئْتُكَ مِن سَبَإِۭ بِنَبَإٍ يَقِينٍ ﴿٢٢﴾‏ إِنِّى وَجَدتُّ ٱمْرَأَةً تَمْلِكُهُمْ وَأُوتِيَتْ مِن كُلِّ شَىْءٍ وَلَهَا عَرْشٌ عَظِيمٌ ﴿٢٣﴾‏ وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ فَهُمْ لَا يَهْتَدُونَ ﴿٢٤﴾‏ أَلَّا يَسْجُدُوا۟ لِلَّهِ ٱلَّذِى يُخْرِجُ ٱلْخَبْءَ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ ﴿٢٥﴾‏ ٱللَّهُ لَآ إِلَٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ ۩ - އަދި އެކަލޭގެފާނު ދޫނިސޫފާސޫފި ހޯއްދަވައި ބެއްލެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް ހުދުހުދު މި ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އޭތި غيبވެގެންވީ ހެއްޔެވެ؟ (20) ހަމަކަށަވަރުން، (އޭތީގެ عذر އެއްގެ ގޮތުން) ފާޅުވެގެންވާ ހެތްކެއް އަހުރެންގެ ގާތަށް ނުގެނައި ނަމަ، އެ އެއްޗަށް ބޮޑުވެގެންވާ عقوبات އެއް އަހުރެން ދޭހުށީމެވެ. ނުވަތަ އޭތި ކަތިލާހުށީމެވެ. (21) ފަހެ، އެ ދޫނި މާދުރު ނޫން ތަނެއްގައި ކުޑަ އިރުކޮޅެއްވަންދެން އުޅެފައި (އަތުވެއްޖެއެވެ.) ދެން އޭތި ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންނުވާ ކަންތައްތަކެއް ތިމަންނާއަށް އެނގިއްޖެއެވެ. ކަލޭގެފާނުގެ އަރިހަށް ތިމަން މި އައީ، (يمن ކަރައިގެ) سبإއިން يقينވެގެންވާ خبرއަކާއިގެންނެވެ.  (22) އެ ތާނގެ މީހުންގެ މައްޗަށް ރަނިކަންކުރައްވާ ކަމަނާއަކު ހަމަކަށަވަރުން، ތިމަންދުށީމެވެ. ހުރިހައި އެއްޗެއް އެ ކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެ ކަމަނާއަށް ބޮޑުވެގެންވާ تختއެއް ވެއެވެ.  (23)  އެ ކަމަނާއާއި، އެ ކަމަނާގެ قوم ގެމީހުން، اللَّه ފިޔަވައި އިރަށް سجدة ކޮށް އުޅޭތީ ތިމަން ދުށީމެވެ. އަދި شيطانއާ އެއުރެންނަށް އެއުރެންގެ عملތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން އެއްކިބާކުރިއެވެ. ފަހެ، އެއުރެންނަކަށް ތެދުމަގެއް ނުލިބެއެވެ. (24)  އުޑުތަކާއި، ބިމުގައި ފޮރުވިފައިވާ ތަކެތި ނެރުއްވާ، އަދި ތިޔަބައިމީހުން ވަންހަނާކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވާ اللَّهއަށް سجدةނުކުރުމަށް شيطانއާ އެއުރެންނަށް ޒީނަތްތެރިކޮށްދިނެވެ. (25) اللَّهއީ، އެކަލާނގެ ފިޔަވައި حقވެގެން އަޅުކަމެއްވެވޭ إلهއަކު ނުވާ ރަސްކަލާނގެއެވެ. އެއީ މާތްވެގެންވާ عرشގެ ވެރިރަސްކަލާނގެއެވެ.{

މި އާޔަތްތަކުގައި މި ވަނީ ސުލަމާނުގެފާނުގެ ވާހަކައިގެ ތަންކޮޅެކެވެ. އެކަލޭގެފާނަކީ ޢިސާގެފާނު ދިހަ ސައްތަ އަހަރު ކުރީން އުޅުއްވި ރަސޫލުބޭކަލެކެވެ. މާތްﷲ އެހެން މީހަކަށް ނުދެއްވާ މަތިވެރި ރަސްކަމެއް އެކަލޭގެފާނަށް ދެއްވިއެވެ. މާތް ﷲ އެކަލޭގެފާނުގެ ޚިދުމަތުގައި ޖިންނިއާއި ވައިރޯޅިއާއި ދޫނިސޫފާސޫތްޕާއި ޖަނަވާރުތަކާއި ފަނިފަކުސަތައް ލެއްވިއެވެ. ދޫނިތަކާ އެކު، ޖަނަވާރުތަކާ އެކު، ވާހަކަދައްކައި މުޢާމަލާތުކުރާނެ ބަސްތައް ދެނެގަތުމަށް އިންސާނުން މިއަދު މަސައްކަތްކުރަމުންދެއެވެ. މާތްﷲ ސުލައިމާނުގެފާނަށް ދޫނިތަކުގެ ބަސްތަކާއި ހިނި ފަދަ ކުދިކުދި ސޫފިތަކުގެ ބަސްތައް ދަސްކޮށްދެއްވިއެވެ.

ހުދުހުދަކީ މި ދޫނިތަކުގެ ތެރެއިން ދޫންޏެކެވެ. އެއީ ދޫނިތަކުގެ ތެރެއިން މެދު ސައިޒުގެ ދޫންޏެކެވެ. މި ދޫނި އެވުރެޖު ގޮތެއްގައި ބޮޑުވަނީ 30 ސެންޓިމީޓަރަށެވެ. މިއީ ފައި ކުރު ފައިތިލަ ފުޅައު ވަކިތައް ވަރުގަދަ ދޫންޏެކެވެ. އޭގެ ތުން ދިގުވެފައި ތުބުގެ ކޮޅު ކުޑަކޮށް ގުދުވާނެއެވެ. ބޮލުގެ ކެޔޮފޮތި ރީތިކަމުން އެއީ ތާޖެއް ފަދައެވެ. ގައިގެ ފަތްތަކުގައި ކަޅާއި ހުދުގެ ބޮޑެތި ރީތި ލައްތަކަކުން ޖަރީވެފައިވެއެވެ. ހުދުހުދުގެ ފިޔަގަނޑު ނިސްބަތުން ފުޅަލެވެ. ހުދުހުދުގެ އަޑު ވަރަށް މިޔުޒިކީ ވެފައި ރީއްޗެވެ.

ސުލައިމާނުގެފާނުގެ އަމުރުފުޅަށް އެކަލޭގެފާނުގެ ބިޔަ ލަޝްކަރުގައި ހިމެނޭ ޖިންނީންނާއި އިންސީންނާއި ދޫނިތައް ޖަމާވިއެވެ. ދޫނިތަކުގެ ސަފުތައް ބައްލަވައިލެއްވި އިރު އެކަލޭގެފާނަށް ހުދުހުދު ފެނިވަޑައެއްނުގެތެވެ. އެ ސޮރަށް ޢުޒުރެއް ލިބިގެންނުވާ ނަމަ، ވަރުގަދަ އަދަބެއް ދެއްވާނެކަމަށް ސުލަމާނުގެފާނު ވިދާޅުވިއެވެ. މި މަންޒަރު ސިފަކޮށްދޭ ކީރިތި ޤުރްއާނުގެ މި އާޔަތުން އެ ކަލޭގެފާނަކީ ވަރަށް ނަމޫނާ ކޮމާންޑަރެއްކަން އެނގެއެވެ. ދީންވެރި ޢަދުލުވެރި ވަރަށް ހުޝިޔާރު އިސްވާރެކެވެ. އެކަލޭގެފާނުގެ މި ބިޔަ ލަޝްކަރުގެ ސަފުތަކުގައި ތިބި ތަފާތު ބާވަތްތަކުގެ ސިފައިން ހޯއްދަވައި ބެއްލެވި އިރު، އެކަލޭގެފާނަށް މި ކުޑަކުޑަ ހުދުހުދު އޭތީގެ މަގާމުގައި، އެ ތާނގައި ވަނިކޮށް ފެނިވަޑައެއް ނުގެންނެވިއެވެ. ހުއްދަ ނުހޯދައި ހުދުހުދު ގޮސްގެން ނުވާނެއެވެ. މި ގޮތަށް ސިފައިން ހުއްދަނުހޯދައި ލަޝްކަރުން ވަކިވުމަކީ ލަޝްކަރުގެ އިންތިޒާމު ގެއްލިގެން ހިނގައިދާނެކަމެކެވެ.

މާ ގިނަ އިރުތަކެއް ނުވަނިސް ހުދުހުދު ސުލައިމާނުގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. އޭތި ލަސްވި ސަބަބު ދެންނެވިއެވެ. }أَحَطْتُ بِمَا لَمْ تُحِطْ بِهِ وَجِئْتُكَ مِنْ سَبَإٍ بِنَبَإٍ يَقِينٍ - ކަލޭގެފާނަށް އެނގިވަޑައިގެންނުވާ ކަންތައްތަކެއް ތިމަންނާއަށް އެނގިއްޖެއެވެ. ކަލޭގެފާނުގެ އަރިހަށް ތިމަން މި އައީ، (يمن ކަރައިގެ) سبإއިން يقينވެގެންވާ خبرއަކާއިގެންނެވެ.{ ހުދުހުދު ސުލައިމާނުގެފާނާ މުޚާޠަބުކުރި ގޮތަށް ނިކަން ބަލައިބަލާށެވެ! އެކަލޭގެފާނަކީ މާތް ﷲ ޢިލްމާއި ބާރާއި ޙިކްމަތްތެރިކަން ދެއްވި ރަސޫލެކެވެ. މާތްﷲއަށް ޝުކުރުވެރި ޒާހިދު ރަސްކަލެކެވެ. އެހެނަސް މާތް ﷲ ކޮންމެ އެއްޗަކަށް ޢިލްމު ދެއްވިއެވެ. ތަފާތު މަސައްކަތް ދަސްކޮށްދެއްވިއެވެ. އިންސާނަކު ކިތަންމެ ޢިލްމުވެރި ވިޔަސް  އޭނާއަށް ނޭނގޭ އެއްޗެހި ހުންނާނެއެވެ. ކިތަންމެ ބާރާއި އާރު ދެއްވިޔަސް އޭނާއަށް ނުދެއްވާ ބާރެއް އެހެން މީހަކަށް ދެއްވައިފާނެއެވެ.  (ނުނިމޭ)   

ކޮމެންޓު