ad_banner
ހުކުރު ނަމާދަކީ ކޮންމެ ހަފުތާއަކު ޤިޔާމަތް ދުވަސް ހަނދާންކޮށްދޭ އަޅުކަމެއް: ސޫރަތުލް ޖުމުޢާއިން ލިބިދޭ މެސެޖުތައް (3)

އަޙުމަދު ފަޔާޒު ޙަސަން

14 ޖޫން 2025

ހުކުރު ނަމާދަކީ ކޮންމެ ހަފުތާއަކު ޤިޔާމަތް ދުވަސް ހަނދާންކޮށްދޭ އަޅުކަމެކެވެ.

ދުނިޔޭގައި މީހަކު މިހައި ތަނަށް ގެނައި އެންމެ ބޮޑު ބަދަލު ނުވަތަ ޓްރާންސްފޮމޭޝަން ގެންނެވީ ރަސޫލުﷲ އެވެ. އެކަލޭގެފާނު ބަދަލުގެންނެވި މަގު މި އާޔަތުން ދައްކައެވެ. ފުރަތަމަ އެކަލޭގެފާނުކުރެއްވި ކަމަކީ ﷲ ގެ އާޔަތްތައް ކިޔަވައިވިދާޅުވެދެއްވުމެވެ. [އައްތިލްވޫ] މި ބަސް އަރަބީން ބޭނުންކުރީ މައި ޖަނަވާރުގެ ފަހަތުން ދާ ޅަދަރި ޖަނަވާރުތަކަށެވެ. ސަލާމަތާއި ރައްކާތެރިކަން ހޯދާން ޅަދަރި ޖަނަވާރުތައް މައި ޖަނަވާރުގެ ފުލުގައި ތިބެ ދަތުރުކުރުމަކީ އާންމު ކަމެކެވެ. ހަގީގަތުގައި ރަސޫލުﷲ ކުރެއްވި ކަމަކީ ލިޔެފައިވާ އެއްޗެއް ބަލައިގެން ކިޔަވާ ވިދާޅުވުމެއްނޫނެވެ. އެކަމަކު އެކަލޭގެފާނު ކުރެއްވި ކަމަކީ އެކަލޭގެފާނުގެ އުސްތާޛު ޖިބުރީލް ޢަލައިހިއްސަލާމް ކިޔަވައި ވިދާޅުވުމުން އެކަލޭގެފާނުގެ ފަހަތްޕުޅުން ކިޔަވައި ވިދާޅުވުމެވެ. އަދި އެ އާޔަތްތައް އެކަލޭގެފާނުގެ ހިތްޕުޅުގައި ބިންވަޅުނެގުނެވެ. އަދި އެ އާޔާތްތައް އަމާޒުކުރެވުނީ މުޅި އިންސާނިއްޔަތަށެވެ. އެއީ މުޅި އިންސާނިއްޔަތަށް ތެދުމަގުދެއްކެވުމަށެވެ.

އާޔާތު މި ބަހުގެ މާނައިގެ އެންމެ ފުނަށް ދަތުރުކުރުމުން މި ލަފުޒުގެ މާނައިގެ ތަނަވަސްކަން ފެނެއެވެ. އާޔާތުގެ އެއް މާނަޔަކީ އެއްޗެއްގެ ސާފުކަމުގެ ސިފައެވެ. ތައައްޔަތުގެ މާނަޔަކީ މަގުސަދެއް ނުވަތަ މިސްރާބެއް އޮތުމެވެ. އާޔާތުގެ އެއް މާނަޔަކީ އޭގައި ބޮޑު އަގެއް ހުރުމެވެ. އާޔާތުގެ އަނެއް މާނަޔަކީ ޝައުގުވެރިކަން ހުރުމެވެ. އާޔާތުގެ އަނެއް މާނަޔަކީ [އޭ މީހާ]އެވެ. މާނަޔަކީ މީހަކަށް ގޮވައިލެވޭ ގޮވައިލުމެވެ. އާޔާތުގެ އަނެއް މާނަޔަކީ މަގުދައްކާ ނިޝާނެވެ. އާޔަތުގެ އެއް މާނަޔަކީ [ހެކި ނުވަތަ ދަލީލު]ވެ. އާޔާތުގެ އަނެއް މާނަޔަކީ ރީތިކަމެވެ. އަހަރެމެން އަހަރެމެންގެ ފަރުދީ ކުރިއެރުމަށް ޓަކައި އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ ﷲގެ އާޔާތު އުނގެނި ދަސްކޮށް އެ އާޔާތު މީސްތަކުންނަށް ކިޔައިދީ އުނގަންނައިދިނުމެވެ. ދުނިޔެއަށް އެންމެ ބޮޑު ބަދަލުގެންނެވި ސާހިބާ ކުރެއްވި އެންމެ ފުރަތަމަ މަސައްކަތްޕުޅަކީ ﷲގެ އާޔާތު ބަނޑުން ނިކުތް ގޮތަށް ތިބި މީހުންނަށް ކިޔަވައިވިދާޅުވެ ދެއްވައި އުނގަންނައިދެއްވުމެވެ. އެ އާޔާތަކީ ﷲ ވޮޑިގެންވާކަމުގެ ހެކިތަކާއި ﷲގެ އެއްކައުވަންތަކަމުގެ ހެކިތަކެވެ. މި ދަލީލުތަކުގެ މައިގަނޑު ބޭނުމަކީ އިންސާނާއަށް ތެދުމަގުދެއްކުމެވެ. އެއީ އެ މީހުން ނަރަކައިން މިންޖުކުރުމަށް ޓަކައެވެ.  

ޔުޒައްކީ މި ލަފުޒުގެ އަސްލަކީ [ޒާ ކާފު ވާވު]އެވެ. އަލްޒަކާގެ މާނަޔަކީ ހިރި އަދަދެއް ނުވަތަ އަދަދެކެވެ. ޒަކިއްޔާގެ މާނަޔަކީ ދުޅަހެޔޮކަމެވެ. ޒަކާގެ މާނަޔަކީ ހެދިބޮޑުވުމެވެ. ޒަކާތުން ކުރާ ކަމަކީ މީހާގެ މުދާ ޠާހިރުކުރުމެވެ. ޒަކާތުގެ އެއް މާނަޔަކީ ހެދިބޮޑުވުން ނުވަތަ ކުރިއެރުމެވެ. ޒައްކާގެ މާނަޔަކީ ކަމެއް ރަނގަޅުކުރުން ނުވަތަ ހައްލުކުރުމެވެ. ތަޒުކިޔާ މި ލަފުޒުން އަންގައިދެނީ ސާފުކޮށް ޠާހިރުކުރުމާއި ހެދިބޮޑުކުރުމާއި ތަރައްގީކުރުމެވެ. މިއިން ދޭހަވަނީ ރޫހީ ގޮތުންނާއި ފިކުރީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި އިހުސާސުގެ ގޮތުންނާއި މާލީ ގޮތުންނާއި އާއިލީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އެ މީހުން ޠާހިރުކޮށް ކުރިއަރުވައި ތަރައްގީކުރުމެވެ. ރަސޫލުﷲ ފޮނުއްވީ މީސްތަކުން ރޫޙީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި ޖަޒުބާތުގެ ގޮތުންނާއި ފިކުރީ ގޮތުންނާއި މާލީ ގޮތުން ޠާހިރުކުރައްވައި ސާފުކުރެއްވުމަށެވެ.

އަދުލުވެރިކަމާއި ސުލްހަވެރިކަމުގެ މުޖުތަމަޢުއެއްގެ ބިންގަލަކީ ޠާހިރުކަމެވެ. މުޖުމަޢު ސާފުކޮށް ޠާހިރުކުރާން ޖެހޭ ހުރިހައި ކަމެއް ރަސޫލުﷲ މީސްތަކުންނަށް އުނގަންނައިދެއްވައި ދަސްކޮށްދެއްވިއެވެ. ހުއްދަ ނުވަތަ ހަލާލު ގޮތުގައި ހުރިހައި މުއާމަލާތްތަކެއް ހިންގުމަށް އެކަލޭގެފާނު މަގުދެއްކެވިއެވެ. ދަހިވެތިކަމާއި ރިޝްވަތާއި ރިބާ ފަދަ ހުރިހައި މުންކަރާތްތަކުން މީސްތަކުން ސާފުކުރައްވައި ރައްކާތެރިކޮށްދެއްވިއެވެ. އެ މީހުންގެ ކިބައިގައި ހުރި ނުބައި އާދަކާދަތައް ހުއްޓުވައި މަކާރިމްގެ އަޚުލާގުން އެ މީހުން ޒީނަތްތެރިކުރެއްވިއެވެ. ރާބުއިމާއި ޒިނޭކުރުން ފަދަ މުޖުތަމަޢު ފަސާދަކުރާ ހުރިހައި ކަމަކުން މީސްތަކުން ދުރުކުރައްވައި އެ މީހުން ޠާހިރުކުރެއްވިއެވެ. އެކަލޭގެފާނު މި ކަންކުރެއްވީ ކީރިތި ޤުރްއާން ވިދާޅުވެދެއްވައިގެންނެވެ. އަދި އެ ކަމުގައި އެކަލޭގެފާނު ދެމިހުންނަވައިގެންނެވެ.

ތަޒުކިއާއިން ކުރާ ކަމަކީ އިންސާނާ ސާފުކޮށް ޠާހިރުކުރުމެވެ. ބައްތިއެއް ނުވަތަ ބޮތްކެއްގައި ހަރުކޮށްފައި ހުންނަ އުނބުގަނޑަށް ވިސްނަން ހިނގާށެވެ. ބައްތީގެ އަލިކަން ރަނގަޅަށް ހޯދުމަށް ޓަކައި ގަވާއިދުން ބިއްލޫރި އުނބުގަނޑު ސާފުކުރާންޖެހެއެވެ. އުނބުގަނޑުގެ ބޭރުގައި ހިފާ ހިރަފުހާއި ދަމިލަ ދޮވެ ސާފުކުރާންޖެހެއެވެ. ހަމަ އެ ގޮތަށް އުނބުގަނޑުގެ އެތެރޭގައި ޖަހާ ގެދަބުޅިއާއި ދުމުގެ ނުތާހިރުކަމުން އުނބުގަނޑު ސާފުކުރާން ޖެހެއެވެ. ހަމަ އެގޮތަށް އިންސާނާގެ އެތެރެއާއި ބޭރު ގަވާއިދުން ސާފުކޮށް ޠާހިރުކުރާން ޖެހެއެވެ. ރަސޫލުﷲ ކުރެއްވީ މި މަސައްކަތްޕުޅެވެ. ބަޔަކު އިސްލާހުކޮށް ރަނގަޅުކުރުމަށް ޓަކައި ކުރާންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ސާފުކޮށް ޠާހިރުކުރުމެވެ. އަޅުގަނޑުމެންގެ ނަފުސުތައް ސީދާވެގެންވާ ތެދުމަގުގައި ގާއިމްކުރުމަށް ޓަކައި ކުރާންޖެހޭ ކަމަކީ ނަފުސުތައް ޠާހިރުކުރުމެވެ.

ސޫރަތުލްޖުމުޢާގެ ދެވަނަ އާޔަތުގައި ކީރިތި ޤުރްއާން ބަޔާންކޮށްދެއްވައިފައިވަނީ ދެ ބަހަކުންނެވެ. ފުރަތަމަ އާޔާތުގެ ގޮތުގައެވެ. އެއަށް ފަހު، ކިތާބުގެ ގޮތުގައެވެ. މި ގޮތަށް ދެ ބަހެއް ބާވައިލެއްވުމުން ލިބިގަނެވޭ މެސެޖުތައް ގިނައެވެ. ކިތާބު އަދި ޙިކުމަތް މި ދެ ބަހުގެ މާނައަށް ބަލަމާ ހިނގާށެވެ. މި އާޔަތުގައި ލަފުޒީ ގޮތުން ކިތާބުގެ މާނަޔަކީ ފޮތް ކިޔަވައިދޭ ވާހަކައެވެ. ﷲގެ ކޮންމެ ނިންމެވުމަކީ ނުވަތަ އިރާދަފުޅަކީ ނުވަތަ އަމުރުފުޅަކީ ކިތާބުއެވެ. ކިތާބުގެ އެއް މާނައަކީ ޤާނޫނު ނުވަތަ ޝަރީޢަތެވެ. އެހެންކަމުން ރަސޫލުﷲ މި ކިޔަވައިދެއްވަނީ ﷲގެ ޤާނޫނެވެ.

އިންސާނުންގެ ދުނިޔަވީ ހަޔާތަށް ބަލާ އިރު، އެ މީހުން ގާނޫނު ހަދައެވެ. އެ މީހުން އެކުލަވައިލާ ކޮންމެ ގާނޫނެއްގައި މައިގަނޑު ދެ ކަމެއް ހިމެނެއެވެ. އެއީ ގާނޫނުގައި ސާފު ބަހުން ބަޔާންކުރާ ވާހަކައެވެ. އިނގިރޭސި ބަހުން ނަމަ ލެޓަރ އޮފް ލޯއެވެ. ގާނޫނުގައި ހިމެނޭ ދެވަނަ ބަޔަކީ [ގާނޫނުގެ ރޫހު]އެވެ. އެއީ އިނގިރޭސި ބަހުން ނަމަ [ސްޕިރިޓް އޮފް ލޯ]އެވެ. ކިތާބަކީ ބަޔާންކުރެވުނު ފުރަތަމަ ބައެވެ. ހިކުމަތަކީ ދެވަނަ ބައި ކަމުގައިވާ [ރޫހު]އެވެ. ޝާފިޢީގެފާނު ބަޔާންކުރެއްވި ގޮތުގައި ކިތާބަކީ ޤުރުއާންއެވެ. ހިކުމަތަކީ ރަސޫލުﷲ ގެ ސުންނަތެވެ. މިއިން ދޭހަވާ އެއް މާނަޔަކީ ޤުރްއާން ތިއަރީއަށް ވުމާއި ސުންނަތް އަމަލީ ބަޔަށް ވުމެވެ.

ކީރިތި ޤުރްއާނުގައި ޙިކުމަތުގެ ވާހަކަ ﷲ ވަރަށް ގިނައިން ބަޔާންކުރައްވައެވެ. ކުރީގެ ނަބިއްޔުންނާއި ރަސޫލުންނަށް ހިކުމަތް ދެއްވިކަމަށް ޤުރްއާން އަންގައެވެ. އަދި އެ ނޫން ފަރާތްތަކަށް ވެސް ﷲ ހިކުމަތްދެއްވިކަން ޤުރްއާނުން އެނގެއެވެ. ބާވައިލެއްވި ފޮތްތަކަށް ނަޒަރު ހިންގާ އިރު ތައުރާތަކީ ޝަރީޢަތާއި ޤާނޫނުއެވެ. އެކަމަކު އިންޖީލަކީ ހިކުމަތެވެ. ޙިކުމަތަކީ އޭގައި ގިނަގުނަ މާނަ އެކުލެވޭ ބަހެކެވެ.

ފުރަތަމަ އާޔަތުގައި ﷲ، އެ އިލާހުގެ ހަތަރު ނަންފުޅު ބަޔާންކުރައްވައެވެ. އެ ނަންފުޅުތަކާ ދެވަނަ އާޔަތް ފިސާރި މޮޅަށް ގުޅުވައިލެވެއެވެ. ރަސޫލުﷲ ކިޔަވައިދެއްވަނީ އަލްމަލިކު ނުވަތަ މާތްރަސްކަލާނގެ އާޔަތްތަކެވެ. އެކަލޭގެފާނު މީސްތަކުން ޠާހިރުކުރައްވާއިރު، ﷲ އަކީ [އަލްޤުއްދޫސް ނުވަތަ އެންމެ ޠާހިރުވަންތަ އިލާހު]އެވެ. ރަސޫލުﷲ މީސްތަކުންނަށް ފޮތް ކިޔަވައިދެއްވާ އިރު ފޮތް ބާވައިލައްވަނީ އަލްޢަޒީޒްއެވެ. އެކަލޭގެފާނު މީސްތަކުންނަށް ހިކުމަތް ކިޔަވައިދެއްވާއިރު ﷲ އަކީ އަލްޙަކީމްއެވެ. ހިކުމަތް ދެއްވަނީ ޙަކީމްވަންތަ ﷲ އެވެ. ޙިކުމަތުގެ އެއް މާނަޔަކީ އަޚުލާގާއި ސުލޫކުއެވެ.

މި އާޔަތް ނިންމަވަމުން ﷲ އަންގަވަނީ މައްކާގެ އަހުލުވެރިން ކުރީން ތިބި ހާލަތެވެ. އެމީހުން އޭރު ތިބީ ބޮޑުވެގެންވާ ގެއްލުމެއްގައެވެ. ޟަލާލް  ޔަޢުނީ ގެއްލުން ނުވަތަ ގެއްލެނިކުރެއްވުން މިބަހަށް ބަލައިލަން ހިނގާށެވެ. އައްޟަލަލް މިބަހުގެ މާނަޔަކީ ފެނެވެ. މިއީ ބޮޑެތި ގަލުގެ އެތެރޭގައި ހުންނަ ފެނެވެ. އެހެންކަމުން އެއީ ގެއްލިފައިވާ ނުވަތަ ގެއްލުމުގައި ހުންނަ ފެނެވެ. އައްޟުލާޟިލްއަކީ ވާދީތަކުގެ އެންމެ އަޑީގައި ހުންނަ ގަލެވެ. މިއީ ގެއްލުމުގައިވާ ގަލެވެ. އަދި މިގަލަކީ މީހުންނަށް ނަގައި އެއިން ބޭނުންކުރެވޭވަރަށްވުރެ ފުނުގައި ހުންނަ ގަލެވެ. ޟައްލަގެ އެއް މާނަޔަކީ ފޮރުވިފައިވައިނުވަތަ ގެއްލިފައިވުމެވެ. އަދި އެ އެއްޗަކުން ބޭނުމެއް ނުހިފޭނަމަ އެ އެއްޗެއްވެސް ޟަލާލްއަށް ވެއެވެ. ޟަލާލުގެ އަނެއް މާނަޔަކީ އެކި ބާވަތްތައް އެކުވެ ގަޑުބަޑުވުމެވެ.

ގަދީމީ އަރަބީން ސަހަރާގައި ދަތުރުކުރާން ބޭނުންކުރީ ޖަމަލެވެ. ހިރަފުހާއި ވިއްސާރައިގެ ތޫފާންތަކުގައި ދަތުކުރުކުރާއިރު އޮޅިގެންވެސް ޖަމަލަކަށް އެސޮރުގެ ބައިގަނޑާއި ވަކިވެވިއްޖެނަމަ އެސޮރަށް މިސްރާބު ގެއްލެއެވެ. އެފަދަ ހާލަތުގައި އެސޮރު ގެއްލުމަކީ ނުވަތަ ގެއްލިމަރުވުމަކީ އެކަން ހިނގާގޮތެވެ. އެހެންކަމުން ޟަލާލް ގުޅިފައިވާ އެއް ބަހަކީ ގެއްލެނިވެގެންދާ ޖަމަލެވެ.

މި އާޔަތުން އަހަރެމެންނަށް ވަރަށް މުހިންމު ކަމެއް ހަނދާން ކޮށްދެއެވެ. އެއީ މި އާޔަތް ބާވައިލެއްވުމުގެ އެތައް ސަތޭކަ އަހަރު ކުރީން އިބުރާހީމް ޢަލައިހިއްސަލާމާއި ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް ކުރެއްވި ދުޢާއެވެ. މިދުޢާ ބަޤަރާ ސޫރަތުގެ 129 އާޔަތުގައި ﷲ ބަޔާންކުރައްވައެވެ. މިއާޔަތުގައި ހުރި ވާހަކަތައް ބަޤަރާ ސޫރަތުގެ 151 ވަނަ އާޔަތުގައިވެސް ﷲ ބަޔާންކުރައްވައެވެ. ހަމައެގޮތަށް އާލުޢިމްރާން ސޫރަތުގެ 164 ވަނަ އާޔަތަކީވެސް މިއާޔަތާ ގުޅިލާމެހިފައިވާ އާޔަތެކެވެ. އެހެންކަމުން ކިޔުންތެރިން މިއާޔަތްތަކަށް ނަޒަރު ހިންގުމަކީ ބޭނުންތެރި ކަމެކެވެ. (ނުނިމޭ)

ކޮމެންޓު