ad_banner
ޒަވާޖީ ދެބަސްވުންތައް ރަސޫލާ ﷺ ޙައްލުކުރެއްވީ ކިހިނެއް؟

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

13 ޖޫން 2025

ރަސޫލާ އަކީ ވެސް އިންސާނެކެވެ. ތަފާތަކީ އެކަލޭގެފާނުގެ މައްޗަށް މާތް ﷲގެ ބަސްފުޅު ބާވައިލެއްވުނުކަމެވެ.

ރަސޫލާ އަކީ ވެސް އިންސާނެކެވެ. ތަފާތަކީ އެކަލޭގެފާނުގެ މައްޗަށް މާތް ﷲގެ ބަސްފުޅު ބާވައިލެއްވުނުކަމެވެ. ﷲގެ ރަސޫލެއްކަމެވެ. ހަމަ އެ ފަދައިން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަކީ ވެސް ހަމަ އިންސާނުންނެވެ. އެކަލޭގެފާނާ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ ދެމެދުގައި ދެބަސްވުންތައް ހިނގިއެވެ.

الله عز وجل އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވީ ޢާލަމުތަކަށް ރަޙްމަތެއް ކަމުގައެވެ. މުޅި އިންސާނިއްޔަތަށް ނަމޫނާއެއް ކަމުގައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا [1]- ހަމަކަށަވަރުން، اللَّهގެ رسولއާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّهގެ ދަރުމައާއި، آخرةގެ ثوابއަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ. އެކަލޭގެފާނުގެ ޚުލްޤުފުޅާ ބެހޭ ގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ[2] - އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ.

1-     އެއް ދުވަހަކު ނަބިއްޔާ އާ އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝަތުގެފާނާ ދެމެދުގައި ދެބަސްވުމެއް ހިނގިއެވެ. އެ ހިނދު ރަސޫލާ ޢާއިޝަތުގެފާނަށް ޙަދީސްކުރެއްވިއެވެ. މައްސަލަ ޙައްލުކުރުމަށް ޓަކައި ނިޔާވެރިއަކަށް ގެންނާން ރުހިވަޑައިގަންވަނީ ކޮން ބޭކަލެއްތޯއެވެ؟ ޢުމަރުގެފާނާ ޤަބޫލުފުޅުތޯއެވެ. އެ ކަމަނާ ދެންނެވިއެވެ. ޢުމަރުގެފާނާ ދުވަހަކު ވެސް ރުހިވަޑައެއްނުގަންނަވާނަމެވެ. އެކަލޭގެފާނަކީ މާ ހަރުކަށި ބޭކަލެކެވެ. ރަސޫލާ ހަދީސްކުރެއްވިއެވެ. ކަމަނާގެ ބަފައިކަލުންނާ ރުހިވަޑައިގަންނަވާނަންތޯއެވެ؟ އެކަމަނާ އާދޭހޭ ދެންނެވުމުން ރަސޫލުﷲގެފާނު މީހަކު ފޮނުއްވައިގެން މާތްﷲ ރުއްސުންލެއްވި އަބޫބަކުރުގެފާނު ގެންނެވިއެވެ. އަބޫބަކުރުގެފާނު ވަޑައިގަތުމުން ރަސޫލާ ހަދީސްކުރެއްވިއެވެ. ކަމަނާ ވާހަކަފުޅުދައްކަވާށެވެ. ނޫނީ ވާހަކަފުޅުދައްކަވާންވީ ތިމަންކަލޭގެފާނުތޯއެވެ؟ ޢާއިޝަތުގެފާނު ދެންނެވިއެވެ. ކަލޭގެފާނު ވާހަކަފުޅުދައްކަވާށެވެ. ޙައްޤުބަހެއް ނޫނީ ވިދާޅުނުވާށެވެ. އެ ހިނދު އަބޫބަކުރުގެފާނު އަތްޕުޅު އުފުއްލަވައިފައި ޢާއިޝަތުގެފާނުގެ ނޭފަތްޕުޅު މަތީގައި ޖެއްސެވިއެވެ. އެހިނދު ޢާއިޝަތުގެފާނު ދުވެވަޑައިގެން ރަސޫލާގެ ބުރިކަށިފުޅުން ޙިމާޔަތް ހޯއްދެވިއެވެ. ފަހެ، ރަސޫލުﷲގެފާނު އަބޫބަކުރުގެފާނަށް ހަދީސްކުރެއްވިއެވެ. ކަލޭގެފާނު ވަޑައިގަންނަވާށެވެ. އަޅުގަނޑުމެން ކަލޭގެފާނަށް ވަޑައިގަންނަވަން  ދެންނެވީ މި ކަން ކުރައްވާކަށްނޫނެވެ. އަބޫބަކުރުގެފާނު ބޭރަށް ނުކުމެވަޑައިގަތުމުން ރަސޫލާ އެ ކަމަނާއަށް ހަދީސްކުރެއްވިއެވެ. ގާތަށް ވަޑައިގަންނަވާށެވެ. އެ ކަމަނާ އެ ކަމާ ދެކޮޅުހެއްދެވުމުން ރަސޫލުﷲގެފާނު ހިނިވަރުކުރައްވައި ވިދާޅުވިއެވެ. ބަފާކަލުން ކަމަނާގެ ގައިކޮޅުގައި ޖައްސަވައިފާނެތީ ދެންމެއަކު ކަމަނާ ހުންނެވީ ތިމަންކަލޭގެފާނުގެ ބުރިކަށިފުޅުގައި ބައްދަވައިގަންނަވައިގެންނޫންތޯއެވެ؟ އަބުބަކުރުގެފާނު އެނބުރިވަޑައިގަތް އިރު އެ ދެކަނބަލުން ތިއްބެވީ ހިނިވަރުނަކުރައްވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަ ދެކަނބަލުންގެ އަރައިރުމުގައި އަޅުގަނޑު ބައިވެރިކުރެއްވި ގޮތަށް ޞުލްޙަވެރިކަމުގައި ވެސް ތިޔަ ދެކަނބަލުންނާ އެކު އަޅުގަނޑު ބައިވެރިކުރައްވާށެވެ.[3]

2-     ރަސޫލާ ގެ މަޤާމާއި ދަރަޖަ މަތިވެރިވެގެންވާ އިރުގައި ވެސް އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ އެކު، މުޢާމަލާތުކުރައްވައިފައިވަނީ ވަރަށް އޯގާތެރިކަމާއި ހިތްޕުޅުހެޔޮކަމާއެކުގައެވެ. އެކަލޭގެފާނުގެ ޒަވާޖީ ޙަޔާތްޕުޅުގައި ހިނގައިފައިވާ ދެބަސްވުންތައް ޙައްލުކުރެއްވުމުގައި ގެންގުޅުއްވައިފައިވާ  ރިވެތި  މަންހަޖަކީ ކޮންމެ މުސްލިމަކަށާއި މުސްލިމާއަކަށް ލިބިގެންވާ މާތް ނަމޫނާއެކެވެ.  [އެއްދުވަހަކު ރަސޫލުﷲގެފާނު އެކަލޭގެފާނުގެ އަނބިކަނބަލެއް ކަމުގައިވާ ޞަފިއްޔާ ބިންތު ޙުޔައްޔުގެ އަރިހަށް ވަޑައިގަތެވެ. އެ ވަގުތު އެކަމަނާ އިންނެވީ ކީރިތިކުރައްވާށެވެ. ރަސޫލުﷲގެފާނު އެކަމަނާ ކީރިތިފުޅުކުރައްވަނީ ކީއްވެގެންތޯ ސުވާލުކުރެއްވުމުން ދެންނެވިއެވެ. ޙަފުޞަތުގެފާނު އަޅުގަނޑާ ދިމާއަށް ތިޔައީ ޔަހޫދީއެއްގެ ދަރިއެކޭ ވިދާޅުވެ މަލާމާތްކުރެއްވީތީއެވެ. އެ ހިނދު ރަސޫލުﷲގެފާނު ވިދާޅުވިއެވެ. ކަމަނާ ރައްދުދެއްވައި ވިދާޅުވާށެވެ. އަހުރެންގެ ފިރިކަލުންނަކީ މުޙައްމަދުގެފާނެވެ. ބަފާކަލުންނަކީ ހާރޫނުގެފާނެވެ. ބޮޑުބޭބޭފުޅަކީ މޫސާގެފާނެވެ.[4]] ރަސޫލާ  ކުޑަކުޑަ ރިވެތި ބަސްކޮޅަކުން މައްސަލަޙައްލުކޮށްދެއްވި ގޮތް ނިކަން ދެކެބަލާށެވެ!

3-     ޞަޙީޙު މުސްލިމުގައި މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު އަރިހުން ރިވާކުރައްވައިފައިވާ ގޮތުގައި ރަސޫލުﷲގެފާނު ދުވަހަކު ވެސް އެކަލޭގެފާނުގެ އަނބިކަނބަލެއްގެ ގައިކޮޅުގައި ނުވަތަ ޚާދިމެއްގެ ގައިގައި ޖައްސަވައިފައެއްނުވެއެވެ. އެކަލޭގެފާނު މީހަކު ދެކެ ކޯފާވެއްޖެ ނަމަ، އެ މީހަކާ ދުރުހެލިވެވަޑައިގަންނަވައެވެ. އެއްފަހަރަކު ރަސޫލާގެ އަނބިއަނބިކަނބަލުން އެ ބޭކަނބަލުންނަށް ނަފަޤާދެއްވުމުގައި ދީލަތިވެވަޑައިގެންނެވުމަށް ރަސޫލާއަށް ދެންނެވުމުން އެކަމާ ކޯފާއިސްކުރައްވައި އެކަނބަލުންނާ ދުވަސްކޮޅަކަށް ދުރަށް ޖެހިވަޑައިގަތެވެ.

4-     ރަސޫލާ އަނބިކަނބަލަކު ވަރިކުރައްވާން ބޭނުންފުޅު ވިޔަސް އެ ކަންކުރައްވަން ކުރިމަތިފުޅުލައްވަނީ ވަރަށް އޯގާވެރިކަމާއި ލޯތްބާއެކުގައެވެ. ޑރ. ބިންތުލްޝާޠިއު އޭނާގެ މަޝްހޫރު ފޮތެއްކަމުގައިވާ (نساء النبي)ގައި ލިޔުއްވައިފައިވެއެވެ. ކައުރަސޫލާގެ އަނބިކަނބަލެއްކަމުގައިވާ ސައުދަތު ބިންތު ޒަމްޢަތުގެފާނަކީ ޢުމުރުފުޅުން ދުވަސްވެފައި އިންނެވި ހުވަފަތް ބޭކަނބަލެކެވެ. އެ ކަމަނާއަކީ ހަށިކޮޅުގެ ބުރުސޫރަ ރީތި ބޭކަނބަލެއްނޫނެވެ. އެ ކަމަނާއަށް ތަޞައްވުރުކުރެއްވިފައިވާ ގޮތުގައި ރަސޫލާގެ ހިތްޕުޚުން އެ ކަމަނާއަށް ލިބިވަޑައިގެންވާ ޖާގައަކީ  ލޯތްބެއްނޫނެވެ. އެހެނަސް އޯގާވެރިކަމާއި ކުލުނެވެ. އެ ކަމަނާއަށް ރަނގަޅަށް އަޅައިނުލެއްވޭތީ އެ ކަމަނާ ރިވެތިގޮތުގައި ދޫކޮށްލައްވާން ގަސްތުކުރެއްވިއެވެ. އެކަމަނާގެ ރޭ އަންނަންދެން ރަސޫލާ މަޑުކުރެއްވިއެވެ. އެ ރޭ އެ ޚަބަރު ދެއްވުމަށް ޓަކައެވެ. އެހެން ރިވާޔަތެއް ބުނާ ގޮތުގައި ރަސޫލާ އެ ޚަބަރުދެއްވުމުން އެ ކަމަނާއަށް ޙައިރާންކަން ލިބިވަޑައިގެން އެކަލޭގެފާނުގެ ކިބައިން އެހީއަށް އެދިވަޑައިގެން ދެއަތްޕުޅު ދިއްކޮށްލެއްވިއެވެ. ރަސޫލާގެ މާތް  ދެ އަތްޕުޅުން އެ ކަމަނާގެ އަތްޕުޅުގައި ހިއްޕެވިއެވެ. އެ ހިނދު އެކަމަނާ ދެންނެވިއެވެ. [ފިރިންނަށް އަޅުގަނޑު ދަހިވެއްޗެއް ނުވަމެވެ. އެހެނަސް ޤިޔާމަތްދުވަހުން ކަލޭގެފާނުގެ އަނބިކަނބަލެއްގެ ގޮތުގައި ވުމަށް އަޅުގަނޑު ލޯބިކުރަމެވެ. އެ ކަމަނާ ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އަޅުގަނޑު ދޫކޮށްނުލައްވާށެވެ! އަޅުގަނޑުގެ ރޭ ޢާއިޝަތުގެފާނަށް ހިބަކޮށްދީފީމެވެ. ސައުދަތުގެފާނުގެ މި ބަސްފުޅުތައް އިވިވަޑައިގެން އެކަލޭގެފާނުގެ ހިތްޕުޅުގައި އެ ކަމަނާއާ މެދު ރަޙުމުވެރިކަން ހިނގައި އެކަމަނާ ވަރިނުކުރައްވައި އެކަލޭގެފާނުގެ  އަނބިކަނބަލެއްގެ ގޮތުގައި ބޭންދެވިއެވެ."[5] މިއީ ރަސޫލާގެ މުރޫއަތްތެރިކަމުގެ ކިހައި ރިވެތި ދަރުސެއްހެއްޔެވެ؟

5-     ރަސޫލާ ގެ ނަބީކަމުގެ ގެކޮޅަށާއި އިސްލާމީ މުޖުތަމަޢަށް ބިންހެލުމެއް ގެނައި އިފްކުގެ ޙާދިސާ[6]ގައި ރަސޫލާ  ޢަމަލުކުރެއްވި ގޮތަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ އަލިގަދަ ވޮށެކެވެ. ފިރީން އަނބީންގެ އަދި އަނބީން ފިރީންގެ އަބުރު އެއްވެސް ސަބަބަކާ ބަހަނާއަކާ ނުލައި ކަތިލަމުންދާ މި ޒަމާނުގައި ތަބާވާންޖެހޭ ތަރީގާ ރަސޫލާ މިވަނީ ޢަމަލީގޮތުން ދައްކަވައިދެއްވައިފައެވެ. ބުޚާރީއާއި މުސްލިމު ރިވާކުރައްވައިފައިވާ ގޮތުގައި މީސްތަކުން ރަށުތެރޭގައި އެ ވާހަކަ ބާރަށް ދައްކަމުން ދިޔައެވެ. ރަސޫލާގެ ފަރާތްޕުޅުން ތިމަންކަމަނާއަށް ލިބިވަޑައިގަންނަވަމުން ދިޔަ ލޯތްބާއި އަޅައިލެއްވުން ކެނޑިގެން ދިޔައެވެ. ކީރިތި ރަސޫލާ މީސްތަކުންނާ މުޚާޠަބުކުރައްވައި ހަދީސްކުރައްވަމުން ގެންދެވީ [ތިމަންކަލޭގެފާނުގެ އަހުލުންގެ ކިބައިން ހެޔޮކަމެއް މެނުވީ ދެކެވަޑައެއްނުގަންނަވަމެވެ.] ރަސޫލުﷲގެފާނު ޢާއިޝަތުގެފާނަށް އޯގާވެރިކަމާއެކު ވިދާޅުވިއެވެ. [އޭ ޢާއިޝަތުގެފާނޭވެ. ކަމަނާއާ ބެހޭ ގޮތުން މީސްތަކުންގެ ކިބައިން މިވެނި އެވެނި ވާހަކަތަކެއް އިވިވަޑައިގެންފިއެވެ. ކަމަނާއަކީ ކުށެއް ނެތް ބޭކަނބަލެއް ނަމަ، ﷲ ކަމަނާގެ ކުށެއްނެތްކަން އަންގަވައިދެއްވާނެއެވެ. ކަމަނާއަށް ކުށެއް ކުރެއްވިފައިވާ ނަމަ ﷲގެ ޙަޟުރަތުން އެ ކުށަށް ފާފަފުއްސަވައިދެއްވުމަށް އެދިވަޑައިގެން ﷲއަށް ތައުބާވެވަޑައިގަންނަވާށެވެ! މާތް ﷲ އެ ކަމަނާގެ ކުށެއްނެތްކަން ބަޔާންކުރައްވައި ވަޙީ ބާވައިލެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿إِنَّ ٱلَّذِينَ جَآءُو بِٱلْإِفْكِ عُصْبَةٌ مِّنكُمْ ۚ لَا تَحْسَبُوهُ شَرًّا لَّكُم ۖ بَلْ هُوَ خَيْرٌ لَّكُمْ ۚ لِكُلِّ ٱمْرِئٍ مِّنْهُم مَّا ٱكْتَسَبَ مِنَ ٱلْإِثْمِ ۚ وَٱلَّذِى تَوَلَّىٰ كِبْرَهُۥ مِنْهُمْ لَهُۥ عَذَابٌ عَظِيمٌ لَّوْلَآ إِذْ سَمِعْتُمُوهُ ظَنَّ ٱلْمُؤْمِنُونَ وَٱلْمُؤْمِنَٰتُ بِأَنفُسِهِمْ خَيْرًا وَقَالُوا۟ هَٰذَآ إِفْكٌ مُّبِينٌ [7]- ހަމަކަށަވަރުން، ބޮޑުވެގެންވާ ދޮގު ވާހަކައާއިގެން އައި މީހުންނަކީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު މީހުންނެވެ. އެއީ ތިޔަބައިމީހުންނަށް ހުރި ނުބައެއްކަމުގައި ތިޔަބައިމީހުން ހީނުކުރާށެވެ! އަދި ކިއެއްތަ! އެއީ ތިޔަބައިމީހުންނަށް ހުރި ހެވެކެވެ. އެއުރެން ކުރެ ކޮންމެ މީހަކަށްމެ، ފާފައިގެ ތެރެއިން އެ މީހަކު ހޯދައިގަތްކަމެއް ވެއެވެ. އަދި އެއުރެންގެ ތެރެއިން އެ ކަމުގެ ބޮޑުބައި ލިބިގަތް މީހާ (ދަންނާށެވެ!) އޭނާއަށް ބޮޑުވެގެންވާ عذاب ހުށްޓެވެ! އެ ވާހަކަ އިވުނުހިނދު، مؤمن ފިރިހެނުންނާއި، مؤمن އަންހެނުން އެއުރެންގެ އަމިއްލަ نفسތަކާ މެދުގައި ހެޔޮކޮށް ހީނުކުޅައީ ކީއްވެގެންބާވައެވެ؟ އަދި މިއީ، بيانވެ ފާޅުވެގެން ހުރި ބޮޑުދޮގެކޭ ނުބުނީ ކީއްވެގެންބާވައެވެ؟ 

މި އާޔަތްތައް ބާވައިލެއްވުމުން ރަސޫލާއަށާއި ޢާއިޝަތުގެފާނަށާއި މުސްލމުންނަށް އުފާވެރިކަން ލިބި ހިތްތައް ފޮޅިގެންދިޔައެވެ.  

 

މަރުޖާ:


[1]  -  الأحزاب : 21

[2]  -  القلم : 4

[3]  - رواه الحافظ الدمشقي) في السمط الثمين.

[4]  - الإصابة 8/127

[5]  - الإصابة 8/117

[6]  - ޢާއިޝަތުގެފާނުގެ އަނބުރުފުޅު ކަތިލައި މުނާފިޤުން ދެއްކި ބޮޑު ދޮގު ވާހަކަ

[7]  -  النور : 11-12

ކޮމެންޓު