އަބާ މުޙަންމަދު
15 ޖޫން 2025
އިސްރާއީލާއި އެމެރިކާއިން އީރާނާ އަޅައިގަނެގެން މި އުޅޭ އަސްލު ސަބަބަކީ އީރާނުން ކޮންމެހެން ނިޔުކުލިޔަރު ހަތިޔާރު އުފައްދާން އުޅޭތީއެއް ނޫނެވެ. ފަލަސްޠީނު ދެމި އޮތުމަށް ތާއީދުކުރާތީއެވެ. އެމެރިކާއާއި އިސްރާއީލުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާތީއެވެ. އިސްލާމީ ގައުމުތަކުގެ ތެރޭގައި އޮތް ބާރުގަދަ ހަމައެކަނި ގައުމަކީ އެއީކަމަށް ވާތީއެވެ.
ޕާކިސްތާނަކީ ނިޔުކުލިޔަރު ބާރަކަށް ވިޔަސް އެމެރިކާ އެ ކަމަކާ އަޅައެއް ނުލައިތާއެވެ. އެއީ ޕާކިސްތާނުގައި ދުވަހަކު ވެސް ހަގީގީ ރައްޔިތުންގެ ވެރިކަމެއް އޮތަނުދީ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރުތައް އެ ތާނގައި އޮންނާތީއެވެ.
މިނިވަން ގައުމެއްގެ ގޮތުން ނިޔުކުލިއަރު ހަކަތަ އުފެއްދުމުގެ ހައްގު، އެހެން ގައުމުތަކަށް ވެސް އޮންނަ ފަދައިން އީރާނަށް ވެސް އޮންނާން ޖެހޭކަމަށް ކިރިޔާ ވެސް ހަމައާއި އިންސާފަށް ލޯބިކުރާ މީހެއް ނަމަ އެއްބަސްވާނެއެވެ. ނަމަވެސް އީރާނުން (ބުނާ ގޮތުން) މަދަނީ ބޭނުންތަކަށް ފައްކާކުރާ ނިޔުކުލިޔަރު ފައްކާކުރުން ހުއްޓުވާން އެމެރިކާއާއި އެމެރިކާ ކޮންމެހެން ވެސް ބޭނުންވެއެވެ. އެމެރިކާއަށް އެޅުނުހައި ދަތިކުރުމުގެ ފިޔަވަޅެއް އީރާނާ ދެކޮޅަށް އަޅައިފައި އޮއްވައި ވެސް އެ ކަމާ ބެހޭ ގޮތުން ވާހަކދައްކާން އީރާނުން އެއްބަސްވެ އެ ވާހަކައިގެ އެތައް ބުރެއް އެމެރިކާ ބުނެގެން އީރާނުގެ ބައިވެރިވުމާ އެކު ވަނީ ބާއްވައިފައެވެ.
އެ ވާހަކަތައް ނުނިމެނީސް ނުވަތަ ނާކާމިޔާބު ނުވަނީސް، އެމެރިކާއިން ފޯރުކޮށްދިން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން އަދި ޢަރަބި ބައެއް ގައުމުތަކުގެ ޖާސޫސީ މަޢުލޫމާތުގެ އެހީގައި ހުކުރުވިލޭރޭ އިސްރާއީލުން އީރާނަށް ޙަމަލާދީ ބޮޑތި ގެއްލުންތަކެއް ދިނީއެވެ. އެ ޙަމަލާގައި އިރާނުގެ އަގުހުރި އެތައް ޝަޚުޞިއްޔަތުތަކެއް ހިމެނޭ ގޮތުން 80 ވަރަކަށް މަދަނީން ވަނީ ޝަހީދުކޮށްލައިފައެވެ. މީގެ ތެރޭގައި 20 ކުޑަކުދީން ވެސް ހިމެނެއެވެ. އެ މީހުންގެ ބޭނުމަކީ އިސްލާމީ އުންމަތުގައި ނުބިނދި އޮތް ހަމައެކަނި ވަރަ ބިންދައިލުމެވެ. އޭރުން ފަލަސްތީނުގެ ޤަޟިއްޔާގައި އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރާނެ ބަޔަކު މި ދުނިޔޭގައި ނުތިބޭނެތީއެވެ.
ޔަމަންގެ ޙޫޘީންނަކީ ވެސް އީރާނުގެ މަދަދާ އެކު، ވުޖޫދުގައި އޮތް ބާރަކަށްވާތީ އީރާނުގެ ފިޔަ ބިންދައިލެވިއްޖެ ނަމަ، ހޫޘީންނަކީ ނެތް ބަޔެއްކަން އެ މީހުންނަށް އެނގޭނެއެވެ.
އިސްރާއީލުން އީރާނަށް ދިން ޙަމަލައަކީ އެމެރިކާގެ ފުރިހަމަ މަދަދާ އެކު ދިން ޙަމަލައެއްކަން ދުނިޔޭގެ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އޭނާގެ ބަސްމަގާއި އޭނާގެ ޢަމަލުތަކުން މި ކަން ސާބިތުވެއެވެ. ތިމަންނަގެ ބައިވެރިވުމެއް ނެތޭ ބުންޏަސް އެ ކަން ޚުދު އޭނާ ވެސް ގަބޫލެއް ނުކުރާނެއެވެ.
މި ޙަލާއަށް ފަހު ޓުރަންޕު ބުނީ ކީކޭތޯއެވެ؟ [އީރާނުން ޔުރޭނިއަމް މުއްސަނދިކޮށް ނިޔުކްލިޔަރު ޕްރޮރާމް އެއްވެސް ޝަރުޠެއް ނެތި ހުއްޓައި ނުލައިފި ނަމަ، މި ޙާލަތު އިތުރަށް ގޯސްވާނެއެވެ.]
ނަމަވެސް އީރަނަކީ ޓުރަންޕު ބުނާހައި އެއްޗަކަށް ބޯލަނބާނެ ގައުމަކަށް ނުވާތީ އީރާނުން ދިނީ އެއަށް ރައްދެވެ. [އީރާނުގެ އިސްތިގުލާލަށް އަރައިގަނެ އަނިޔާވެރި ޙަމަލާތައް ދެމުންދާ އިރު، 'އީރާން-އެމެރިކާ ނިޔުކުލިޔަރު ވާހަކަދެއްކުން' އިތުރަށް ކުރިއަށް ގެންދިޔުމަކީ މާނައެއް ހުރި އިންސާފުވެރި ކަމެއް ނޫނެވެ.] އީރާނުގެޚާރިޖީ ވަޒީރުޢައްބާސް އަރާޣިހީ ވިދާޅުވިއެވެ.
އެހެންކަމުން ޢުމާންގައި ބާއްވާން ތާވަލުކުރެވިފައިވާ އެ ވާހަކަދެއްކުންތައް މިހާރު ކެންސަލްކުރެވިފައިވާކަމަށް ޢުމާނުން ވަނީ ކަށަވަރުކޮށްވެސްދީފައެވެ.
އިސްރާއީލާއި އީރާނާ ދެމެދު މިހާރު މި ހިނގާ މިސައލާއި ވައިގެ ޙަމަލާތަކަށް އަދި ނިމުމެއް ނެތެވެ. އެމެރިކާއިން ދީފައިވާ އެންމެ ޒަމާނީ ދިފާޢީ ނިޒާމު ފޫއަޅުވައިލުމަށް ފަހު، އަދި އީރާނުގެ ޙަމަލާތައް ހުއްޓުވާއިދޭން އުރުދުނުން ފޫގަޅައިގެން ތިއްބައި އިސްރާއީލުގެ ތައްލު އަބީބަށް އީރާނުގެ ޙަމަލާތައް ވާޞިލުކޮށް ބޮޑެތި ގެއްލުންތަކެއް ދިފިއެވެ. އީރާނުގެ ރޫޙީ ލީޑަރު ވިދާޅުވަނީ [ގެއްލުން ނުލިބި އިސްރާއީލަށް ސަލާމަތަކުން ނޯވެވޭނެ]ކަމަށެވެ.
އިސްރާއީލަށް ލިބޭ ގެއްލުންތައް ހާމަކުރާން ހުޅަނގުގެ މީޑިއާ ބޭނުމެއް ނުވާނެއެވެ. އަދި އިސްރާއީލުން އެ ފަދަ މަންޒަރާއި މަޢުލޫމާތު ވަނީ ވަރަށް ބޮޑަށް ސެންސަރުކޮށްފައެވެ. ނަމަވެސް އަމިއްލަ މީށްމީހުންގެ ފޯނުން ނަގައި މީސް މީޑިއާގައި އާންމުކުރާ ވީޑިއޯއާއި ފޮޓޯތަކުން ސާބިތުވަނީ އިސްރާއީލަށް ލިބުނީ ބަޔާންކުރާން ނޭޏގޭހާ ބޮޑު ގެއްލުމެއްކަމަށެވެ. އީރާނުގެ ޙަމަލާއެއް އަމާޒުވެދާނެކަމުގެ ބިރަށް ޓަކައި ބިންޔާމީން ނަތަންޔާހޫ އޭނާގެ ރިޔާސީ މަތީންދާބޯޓުގައި މިހާރު ވަނީ ގައުމު ދޫކޮށް ގުރީހަށް ގޮހެވެ. އިސްރާއީލުގެ ގޮތްކުޑަކަން ދެކޭށެވެ! މިހާރު އީރާނުގެ ގޭސް ވަޅުތަކަށް ޙަމަލާދިނުމަށް ފަހު، އެ ތާގެ ދިފާޢީ ވަޒީރު ބުނެފައިވަނީ، އީރާނުން ޙަމަލާތައް ކުރިއަށް ގެންދާ ނަމަ، އީރާނު އަންދައިލާނެކަމަށެވެ. ނަމަވެސް މިހާރު އަނދަމުންދާ ތަން ފެންނަނީ އިސްރާއީލުގެ ތައްލުއަބީބެވެ. އެހެންވީމާ މިވެރީން މަރު ދެކެ ވެސް ހާދަހާ ބިރެއް ގަނެއެވެ.
ކޮންމެއަކަސް މިއީ ސޫރިއާއަށް ހަދައިލި ގޮތް އީރާނަށް ހަދައިލާންކަމަށް އެޅި ފުރަތަމަ ފިޔަވަޅެވެ. އީރާނު އޮތީ ކުޑަކަކޫ ޖަހާ ގޮތަކަށް ނޫނެވެ. ވާގޮތް އެނގޭނީ އަދި ދުވަސްކޮޅެއް ފަހުންނެވެ.