ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
11 ޖޫން 2025
ފަރަންސޭސި އިންގިލާބުގެ ދުވަސްވަރު، ވަރަށް ވެސް މުހިންމު ދައުރެއް އަދާކުރި، ސިޔާސީ ލީޑަރެއްކަމުގައިވާ މެކްސިމިލިޔޯން ރޮބިސްޕިއަރ ބުނެފައި އޮވެއެވެ.
[ހަގީގީ މިނިވަންކަމެއް ލިބުމުގެ ސިއްރު ފޮރުވިފައި އޮންނަނީ މީސްތަކުންނަށް ތައުލީމުދީ އުނގަންނައިދެވިގެންނެވެ. މިއާ ޚިލާފަށް، އިސްތިބްދާދިއްޔަތު ހިންގައިލެވެނީ މީސްތަކުން ޖާހިލުކަންމަތީ ބައިތިއްބައިގެންނެވެ.]
އާދޭހެވެ! މީސްތަކުންނަށް ހަގީގީ ތައުލީމެއްދީ އުނގަންނައިދެވުމުން އެ މީހުން މިނިވަންވެއެވެ. ހަގީގީ ތައުލީމޭތޯއެވެ؟ އެއީ ހަމައެކަނި އިލްމުވެރިކަމެއް ލިބިގަތުމުގެ އުނގެނުމެއްނޫނެވެ. އެއީ އިލްމުވެރިކަމެއް ލިބިގަތުމުގެ އިތުރަށް، އިލްމު އުފައްދަނީ ކިހިނެއްކަން އެނގި، އިލްމު ލިބިގަތުމުގެ އިތުރުން އިލްމު އުފެއްދުމުގެ ހުނަރު ވެސް ލިބިދޭ ތައުލީމެވެ. މި ކަން ކުރެވެނީ މައިގަނޑު ބޭނުން އެނގިގެންނެވެ. ތައުލީމެއްދިނުމުގެ މައިގަނޑު ބޭނުމަކީ ސިކުނޑިތައް ހުޅުވައިލައި ވިސްނާން ދަސްކޮށްދިނުމެވެ. އެއީ ސިކުނޑިތަކަށް ވަކި އެއްޗެހި އަޅައި ސިކުނޑިތައް އެ އެއްޗެހީން ކަސްތަޅުއެޅުވުމެއް ނޫނެވެ.
މަތީގައި ދެންމެ މި ދެންނެވި ފަދަ ތައުލީމެއްދީ، ސިކުނޑިތައް ހުޅުވައިލެވިއްޖެ ނަމަ، އެއްވެސް އެހެން މީހެއްގެ ސިކުނޑީގެ އަޅުވެތިކަމުގެ ދަށުގައި ހުންނާކަށް އޭނާގެ އަމިއްލަ ޒަމީރެއް ނުރުހޭނެއެވެ. ނަމަވެސް، އެހެން މީހުންވެސް ދައްކާ ހަމަޖެހޭ، ބުއްދިވެރި ވާހަކަތައް ގަބޫލުކުރާނެއެވެ. މިއާ ޚިލާފަށް، އެ މީހުން ވެސް ހަމަނުޖެހޭ މޮޔަ ވާހަކަތައްދައްކާ ނަމަ، އެ ކަން ގަބޫލެއް ނުކުރާނެއެވެ. އެ ކަމާ ދެކޮޅު ހަދައި ރީތި ގޮތުގައި އެ ވާހަކަ ހަމަނުޖެހޭކަން ބަޔާންކޮށްދޭން އެނގޭނެއެވެ. ހަގީގީ ތައުލީމު ލިބުމުން ސިކުނޑި މިނިވަންވެ، ހަގީގީ މިނިވަންކަން ލިބެނީ އެހެންވެއެވެ.
މި މަގާލުގެ މަތީގައި އެވާ ސޫރައިން، ރާއްޖޭގައި ވެސް، މީސްތަކުންގެ މައްޗަށް އިސްތިބާދީ ވެރިކަން ހިންގައިލެވެނީ، ހަގީގީ ތައުލީމުދިނުމަކުން މީސްތަކުން މަހުރޫމުކުރެވި، ޖަހާލަތުގެ ފޮށައިން އެ މީހުން ކަނުބަނދެ، އަމިއްލައަށް ވިސްނުމުގެ ފުރުސަތު ވީވަރަކުން އެ މީހުންނަށް ބަންދުކުރެވިގެންކަން އެނގޭނެއެވެ.
ޝައްކެއް ނެތް ގޮތުގައި މި ކަމަށް މިހާރު ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ނަމަވެސް، އަދިވެސް، އަމިއްލަ ސިކުނޑި ބޭނުންކޮށް އަމިއްލައަށް ވިސްނައިގެން އެބައިމީހުންގެ ވެރީން ހޮވާ މީހުން ވަރަށް ވެސް މަދޭ ދެންނެވުމަކީ ހަގީގަތާ ދުރުވަނީއްޔޭ ބުނެވޭނެ ހެނެއް ހިޔެއްނުވެއެވެ. އެހެންކަމަށްވާ ނަމަ، އެއް ޕާޓީއެއްގައި ހުރެ، އެ ޕާޓީއާ ދެކޮޅުވެރިވެ، އެހެން ޕާޓީއެއް އުފައްދާން އުޅުމަކީ ހަމަޖެހޭ ކަމެކޭ 3000 މީހުން ބުނެފާނެތޯއެވެ؟ ނުވަތަ ގައުމުގެ މިނިވަންކަމަށް ބުރޫ އަރައިފާނެ ފަދަ ގޮތަކަށް އެއްބަސްވުންތައް ހަދައި، ބޭރުގެ ދިފާއީ މަރުކަޒުތައް، ގައުމުގެ ރައްޔިތުންގެ ފައިސާއިން ހަދައި، އަދި އެ ތަން ހިންގުމުގެ ޚަރަދު ވެސް ތަނުގެ ރައްޔިތުންނަށް ޖައްސައި، ނަމަވެސް، އެ ތަންތަނުގެ ފުރިހަމަ ބާރު، ބޭރުބަޔަކާ ހަވާލުކުރި ބަޔަކަށް އެކަކު ވެސް ވޯޓު ދީފާނެތޯއެވެ؟
ކޮންމެއަކަސް ހަނދުމަފުޅުގައި ބަހައްޓަވާން ޖެހޭ ހަގީގަތެއް އެބަ އޮތެވެ. އެއްވެސް މީހަކަށް އެހެން މީހަކު އަޅުވެތިކުރެވޭނީ އެ މީހެއްގެ ކިބައިގައި އަޅުވެތިވުމުގެ ގޮތް ހުރި ނަމައެވެ. އެއްވެސް މީހަކަށް އެހެން ބަޔަކު އަޅުވެތިކުރެވޭނީ އެ ބަޔެއްގެ ކިބައިގައި އަޅުވެތިވުމުގެ ގޮތް ހުރުމުންނެވެ.
މީހަކަށް ވިޔަސް، ޖަމާއަތަކަށް ވިޔަސް، އެ މީހެއްގެ ނުވަތަ އެ ބަޔެއްގެ ސިކުނޑި މިނިވަންކޮށް، އަޅުވެތިވުމުގެ ގޮތް ކަނޑުވައިލައި ހަގީގީ މިނިވަކަން ލިބޭނީ ކިޔެވުމާއި ކިޔުމުގެ ތެރެއިންނެވެ. ކިޔުންތެރިކަން ކުރިއަލުވައިގެންނެވެ. ކިޔުންތެރިކަމަށް ލޯބިކޮށްގެންނެވެ. ކީރިތި ޤުރުއާނުގެ އިބާރާތުން ނަމަ، [އިޤްރައުގެ އުންމަތަކަށް (އެ އުންމަތް) ވެގެންނެވެ.]