ad_banner
ކޮލަމް ހަމަ (34): ވެގެން ދިޔުމާއި، ގެންދިޔުން، އިސްލާޙުވާން ފެށުމަކީ ހެޔޮ ފާލެއް.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

10 ޖޫން 2025

ދިވެހިބަހުގެ ގަވާއިދު ފޮތެއްކަމަށްވާ "ދިވެހިބަސް - ދަރިވަރުންގެ އެހީތެރިޔާ"

މި ފަހަކަށް އައިސް ރަސްމީ އަދި މީޔާރު ލިޔުންތަކާއި ހުށަހެޅުންތަކުގައި ކަންކަން ވުމުގެ ބަދަލުގައި [ގެންދިޔުން] ނުވަތަ [ވެގެން ދިޔުން] ބޭނުންކުރުން ވަނީ އާންމުވެފައެވެ. ނަމަވެސް ދާދިފަހުން އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި މި ކަންކަން ވަރަށް ރަނގަޅަށް ހުރިކަން ފާހަގަކޮށްލުމަކީ މި މަގާލުގެ އެންމެ މުހިންމު މަގުސަދެވެ. ލިޔުންތެރިއާއަށް ތަހުނިޔާ ދަންނަވަމެވެ. އަދި އެ ގޮތުގައި ލިޔުންތައް ބައްޓަންކުރައްވާން އިލްތިމާސްކުރަމެވެ.

·      ރާއްޖޭން ކުރި ދަތުރުގެ މުހިންމު ހަނދާންތަކަކާއި ވާހަކަތަކެއް ވަރަށް ތަފުޞީލުކޮށް ގެނެސްދެވޭނެއެވެ.

·      ދިވެހިންގެ ދިރިއުޅުމުގެ ޙާލަތާއި، ތާރީޚީ ގޮތުން އެނގޭން ހުރި މުހިންމު ކަންކަމުގެ މައްޗަށް މި ޑޮކިއުމެންޓްރީގައި ބަލައިލެވޭނެއެވެ.

·      މުހިންމު ދައުރުގެ މަޢުލޫމާތުތައް ވަރަށް ތަފުޞީލީ ގޮތެއްގައި މި ޑޮކިއުމެންޓްރީގައި ގެނެސްދެވޭނެއެވެ.

މިހައި ރަނގަޅަށް ލިޔުއްވަމުން ގެންދެވި ރިޕޯޓެއްގައި އަޅުގަނޑު އަޅައިގަތް އެއް ޢިބާރާތަކީ:

[ދިވެހިންގެ މެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ވެސް ބަލައިލެވިގެންދާނެއެވެ.] މި ޖުމުލައެވެ. މި ޖުމުލައިގައި [ބަލައިލެވޭނެއެވެ.] ނުލިޔުއްވީ ކީއްވެބާވައޭ އަޅުގަނޑު ހިތަށް އެރިއެވެ. އެއީ [ބަލައިލެވި ގެންދާ ވާހަކަކަމެއް، ނުވަތަ [ބަލައިލެވިގެން ދާ] ވާހަކަކަމެއް ނޭނގެއެވެ. އެނގޭ ކަމަކީ ރަނގަޅު ގޮތަކަށް ވާނީ [ބަލައިލެވޭނެއެވެ.] މި ފަދައިން ލިޔުއްވި ނަމަކަމެވެ. މި ހެން ލިޔުއްވި ނަމަ، ލިޔާން ޖެހޭ ތިން އަކުރެއް މަދުވާނެކަމެވެ. ކިޔާ ނަމަ، ހޭދަކުރާންޖެހޭ ހަކަތަ ވެސް މަދުވާނެކަމެވެ. މާނަ ވެސް ސާފުވެފައި ޞަރީޙަވާނެއެވެ.

މިއީ މި ފަހަކަށް އައިސް ވަރަށް ގިނައިން ފެންނަ އަދި އިވޭ ކުށެކެވެ. މި ޖުމުލައިގައި އެ ބައި އޮންނާން ވާނެ ރަނގަޅު ގޮތަކީ ކުރީން ވެސް ދަންނަވައިލެވުނު ފަދައިން [ބަލައިލެވޭނެއެވެ.] މިހެންނެވެ.

މި ފަދަ ކުށް ޢިބާރާތުގެ ދެތިން ހަތަރު މިސާލެއް ލިޔެލާނަމެވެ.

§      ވަރަށް އަވަހަށް ނަތީޖާ ލިބިގެންދާނެއެވެ. (ރަނގަޅު ގޮތަކީ ނަތީޖާ ލިބޭނެއެވެ.)

§      ދެން ފެނިގެންދާނީ. (ރަނގަޅު ގޮތަކީ: ފެންނާނީ.)

§      ހުށައެޅިގެންދާނީ. (ރަނގަޅު ގޮތަކީ: ހުށައެޅޭނީ.)

§      ތިޔަ ފެނިގެންދިޔައީ. (ރަނގަޅު ގޮތަކީ: ތިޔަ ފެނުނީ.)

§      އަޅުގަނޑުމެންނަށް ލިބިގެންދާނެ. (ރަނގަޅު ގޮތަކީ: އަޅުގަނޑުމެންނަށް ލިބޭނެ.)

މި ފަދަ ކުށް އިބާރާތްތައް އަދިވެސް ވަރަށް ގިނައިން އަޑުއިވެއެވެ. ފެނެއެވެ. އަޅުގަނޑު ދިގުނުކޮށް މި ނިންމައިލަނީ އަޅުގަނޑު ފާހަގަކުރާން ބޭނުންވި ނުކުތާ ފާހަގަކުރެވިއްޖެކަމަށް އުންމީދުކުރަމުންނެވެ.

އަޅުގަނޑު މި އަދު މި ފާހަގަކޮށްލީ ވަރަށް މަޝްހޫރު އޮންލައިން ނޫހެއްގައި މި ދެންނެވި ކުށް އިސްލާހުކުރައްވައި ރަނގަޅަށް ލިޔުއްވައިފައިވާތީ އެ ކަމެވެ. އެ ލިޔުން ލިޔުއްވި ލިޔުންތެރިޔާއަށް ތަހުނިޔާދަންނަވައި ހިތްވަރުއެރުވުމަކީ މި މަގާލުގެ ބޭނުމެވެ. ހުރިހައި ބޭފުޅުން ވެސް، ޚާއްޞަކޮށް ދައުލަތުގެ މުއައްސަސާތަކުން، އަދި ވަކީން ޚާއްޞަކޮށް މާސްމީޑިއާއިން ލިޔުއްވާ ލިޔުންތަކާއި އާންމުކުރައްވާ ޚަބަރާއި ހުށައަޅުއްވާ ހުށައެޅުންތަކުގައި މި ކުށަށް ސަމާލުކަން ދެއްވައި ރަނގަޅަށް ލިޔުއްވާނެކަމަށް އުންމީދުކުރަމުން ނިންމައިލަމެވެ.

 

ދެ ލަފުޒެއްގެ މާނަ

މަގާލު ނ.    ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް.

މީޔާރު ނއ.   އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު.

މީޔާރު ނ.    (1) އާންމު ހަމަ. (2) އިޚުތިޔާރު ލިބިގެންވާ ފަރާތަކުން އެއްޗަކާމެދު ނުވަތަ ކަމަކާމެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (3) މާލީ ނިޒާމުގައި ތަކެތީގެ އަގު ކަނޑައެޅުމަށް ގެންގުޅޭ މިންގަނޑު ނުވަތަ އަސާސް.

ކޮމެންޓު