ad_banner
އޭނާއަށް ވުރެ މަ މާ މޮޅު!!!

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

9 ޖޫން 2025

"އަހަރެން މާ މޮޅު" އިބިލީހުގެ މި ފަލްސަފާއާ ދުރުހެލިވާށެވެ. މިއީ ވައިރަހެކެވެ.

[އޭނާއަށް ވުރެ އަހަރެން މާ މޮޅެވެ.] ތާރީޚީ މި ޢިބާރާތުގެ ވެރިއަކީ އިބްލީސްކަމުގައި ވިޔަސް، މިއީ އިންސާނާގެ ހިތުގައި ވަކިހިއްޕައިފައިވާ ބިރުވެރި ވައިރަހެކެވެ. ތަންދޮރުނޭނގުމުގެ ތެރޭގައި ޣަރަޤުވެ، ފޮނިކަމާއި ބޮޑާކަމުގެ ތާޖުން ޒީނަތްތެރިވެގެންވާ ކޮންމެ މީހެއްގެ ނަފުސުގައި އައުވެއައުވެ ހުންނަ އިޢާދަކުރަނިވި  ވައިރަހެކެވެ.

މިއީ ބަލިމާނު ނަފުސުގެ ތެރޭގައި ވަންހަނާވެފައިވާ ރައްދުއަޑެކެވެ. މި އަޑު ފާޅުވާނީ އޭނާގެ ޢަމަލުތަކުންނެވެ. އޭނާގެ ދީނާއި ޢަޤީދާ ބިނާވެފައި އޮންނާނީ މި އަޑުގެ މަތީގައެވެ. އޭގެ ސަބަބުން އޭނާ މަގުފުރެދި އެހެން މީހުން މަގުފުރައްދަތެވެ. އޭނާ ހަލާކުވެ އެހެން މީހުން ހަލާކުކުރެތެވެ. ޤިޔާމަތްދުވަހުން އޭނާ އަލުންދިރުއްވާ އިރު އޭނާ ވާނީ ބަނގުރޫޓުވެފައެވެ. ސުވާލުކުރެވޭ ހިނދު ދޭނެ ޖަވާބެއް ނޭނގޭނެތެވެ. އޭނާގެ ފަތް ﷲގެ ޙަޟުރަތަށް ހުށައެޅޭ އިރު އެ ފަތުން ފެންނާނީ އޭނާގެ މުޅި ޢުމުރު އެހެން މީހުން ފަސާދަކުރުމުގައި އަވަދިނެތިވެ އުޅެފައިވާ ތަނެވެ. ހުތުރު ކަންތައްތައް ރިވެތިކޮށް އޮފުދާރުކުރާން އުޅެފައިވާ ތަނެވެ.

އެހެން މީހުންގެ ފާސިދުކަން އެއީ ތިމާގެ ރަނގަޅުކަންކަމުގައި ދެކޭ މީހާގެ ދީން ކޮބައިހެއްޔެވެ؟ އޭނާއަށް ވުރެ ބޮޑަށް މަގުފުރެދިފައިވާ މީހަކު ފެނުމުން އޭނާގެ ހިދާޔަތުގެ ބޮޑުކަން ކަމަށް ދެކޭ މީހާގެ ދީން ގެއްލިފައިވާ މިންވަރު ކިހައި ބޮޑުތޯއެވެ؟  އޭނާ ދެކޭ ގޮތުގައި ސުވަރުގެ ވަދެވޭނީ އެހެން މީހުންގެ ޢައުރަތައް ވަގަށް ބެލުނު ވަރަކުންނެވެ. ބަޔަކު ހަލާކުވާ ތަން ފެނުމުން އެއީ އޭނާގެ ނަޖާވުންކަމަށް ދެކޭ މީހާގެ ދީން ކޮބައިހެއްޔެވެ؟

މި ފަދަ ނަފުސުތަކުގެ އަޖައިބުކަމާއެވެ! އެހެން މީހުންގެ އުނި ސިފަތަކުން މެނުވީ އޭނާގެ ނަޒަރަށް އަލިކަމެއް ނުލިބެއެވެ. އުރެދުމުގެ ކަނޑުތަކުގައި ފީނަމުންދާ މީހުން ފެނުމުން ޣަރަޤުނުވާނެކަމަށް ހީކޮށް އެ ކަނޑަށް އެރޭކަށް އޭނާ ބިރެއްނުގަނެތެވެ.

[އެހެން މީހުން ވައްކަންކުރަންޏާ މަ ވެސް ވައްކަންކުރާނަމެވެ.]

[އެހެން މީހުން ރިޝްވަތު ނަގަންޏާ މަށަށް ވެސް ރިޝްވަތު ނެގޭން ޖެހޭނެއެވެ.]

[އެހެން މީހުން ބޮންޏާ މަ ވެސް ނުބޯންވީ ކީއްވެހެއްޔެވެ؟]

އަމާނަތްތަކަށް ޚިޔާނަތްތެރިވުމުގައި އޭނާގެ މައްސަލައެއް ނެތެވެ. އެހެން މީހުންގެ ޚިޔާނަތްތެރިކަން މަގޭ ޚިޔާނާތްތެރިކަމަށް ވުރެ، މާ ބޮޑެވެ. 

އަބަދުވެސް ވަންހަނާކޮށް އޭނާ ފަށްފަށްކޮށް ބުނާނީ [އޭނާއަށް ވުރެ މަ މާ ހެޔޮކަން ބޮޑެވެ.] އެންމެ ފަހުން މި ބަސްކޮޅު ވާނީ އޭނާ ނަރަކައަށް ގެންގޮސްދޭ ހަރުގަނޑަކަށެވެ. އޭނާ ގެއްލުމަށް ހުށައަޅާ ހަރުފަތްތަކަށެވެ.

އެއީ ހިދާޔަތުގެ ކޮންމެ ބިނާއެއް ތަޅައިލައިދޭ ބަސްކޮޅެކެވެ. އެ ކަން ވާނީ ނުބައި ކަންތައްތައް ރަނގަޅުކޮށްދޭ ބަހަނާއަކަށެވެ. ހަޑިހުތުރު ޢަމަލުތައް ޒީނަތްތެރިކޮށްދޭ ކުލަތަކަކަށެވެ.

އޭނާއަށް ﷲ މަތީން ހަނދުމަކޮށްދެވިއްޖެ ނަމަ، ރުޅިއައިސްފައި ހަރުއަޑުން ބުނާނީ [މަށަށް ވުރެ އެހެން މީހުންގެ ފުރެދުން މާ ބޮޑެވެ.]  [މި ވެނި މީހާގެ ފާސިޤުކަން މާ ބޮޑެވެ.] [އެންމެންނަށް ވުރެ މަ މާ މޮޅެވެ.] ޤިޔާމަތްދުވަހުން އޭނާގެ ހިސާބު ބެލެވޭ ހިނދު އޭނާއަށް މި ޙުއްޖަތުން ބަހަނާ ދެއްކޭނެބާވައެވެ!

މިއީ ދީން ނޭނގުމުގެ ސަބަބުން  ފެތުރެމުންދާ ވަބާއެކެވެ. އެހެން މީހުން ކުރާތީ މަ ވެސް ކުރާނަމޭ ކިޔާ ބައްޔެވެ. މާތް ﷲ އާޚިރަތްދުވަހު އެހެން މީހުންގެ ޢަމަލުތަކާ މެދު، ތިބާއަކާ ސުވާލެއްނުކުރައްވާނެތެވެ. ތިބާ ޒިންމާވާންޖެހޭނީ ހަމަ ތިބާގެ ޢަމަލުތަކަށެވެ. ތިބާއާ ސުވާލުކުރެވޭނީ (مَاذَآ أَجَبْتُمُ ٱلْمُرْسَلِينَ  - القصص: 65 - ތިމަންރަސްކަލާނގެ ފޮނުއްވި رسولންނަށް ތިޔަބައިމީހުން ދިނީ ކޮން ޖަވާބެއްހެއްޔެވެ؟)

އިބިލީހުގެ މި ކަލިމައާ ދުރުހެލިވާށެވެ! ﷲގެ ރަޙުމަތުން އެކަލޭގެ ބޭރަށް ލެއްވީ މި ކަލިމައިގެ ސަބަބުންނެވެ. އޭނާއަށް އޭނާ ފެނި ބޮޑާވުމުގެ ސަބަބުންނެވެ.

ކޮމެންޓު
ކޮމެންޓުތައް
ކަނީރު
9 ޖޫން 2025 09:05
ހިތަށްއަރައެވެ. މިފަދަ ލިއުންތަކަށް އަހަރެމެންގެ މީސްމީޑިއާ ސަމާލުކަންދޭނެ ނަމަ އެވެ. ފަށްފަށްކޮށް އިއްވައިދީގެން އަދުގެ ވަދި ދިވެހިންނަށް ހެޔޮގޮތެއް ވޭތޯ އެހީތެރިވެދޭނެ ނަމަ އެވެ. ފޯރުކޮށްދެވެންޏާ ނަތީޖާއެއް ވެސް ފެންނާނެއޭ ހީވާތީއެވެ.