ad_banner
ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ޓަކައި ފުރަތަމަ ކުރާންވީ މި ކަންތަކެވެ.

އަލްއުސްތާޒު އަޙުމަދު މާޖިދު

8 ޖޫން 2025

އަމިއްލަ ބަހަކީ ފިކުރީ އަދި ޒިހުނީ ގޮތުން އަޅުވެތިވެ އިސްތިޢުމާރުވެފައިވާ ޤައުމަކަށް "ގެންގުޅެވޭ" ކަހަލަ ނިޢުމަތެއް ނޫނެވެ.

މިއީ އެންމެން ދަންނަ، ހަމަ ގައިމު ވެސް ގިނަ ބަޔަކަށް އެނގޭ، ހަގީގަތެކެވެ. ދިވެހިބަސް ނޭނގޭ ދިވެހި ދަރީންތަކެއް މި ދަނީ ބޮޑެތި ވަމުންނެވެ. އެތައް ހާސް ކުދީންނެކެވެ. މި ޙާލަތު އުފައްދަނީ މައިންބަފައިންނާއި މަދަރުސާތަކާއި ސަރުކާރު ވެސް ގުޅިގެންނެވެ. މުޅި ޤައުމު، ފިކުރީ އަދި ޒިހުނީ އިސްތިޢުމާރެއްގެ އަޅުވެތިކަމެއްގައި ޖެހިފައި އޮވެގެންނެވެ.

އަހަރުތަކެއްގެ ތެރޭގައި، މި ދަންނަވާ ކުދީންތައް ބޮޑެތިވެ ޤައުމުގެ އެތައް ޒިންމާތަކަކާ އެ [ކުދީން] ޙަވާލުވާނެއެވެ. [އަހަރެމެންގެ ބަހަކީ ދިވެހިބަހެއް ނޫނޭ] ބުނާނެއެވެ. [މި ޤައުމުގެ ކަންކަން ހިނގާން ވާނީ އަހަރެމެން ވެސް ދަންނަ ބަހަކުންނޭ] ބުނާނެއެވެ. ދިވެހި ޤައުމުގެ ހުރިހައި ކަމެއް އިނގިރޭސި ބަހުން ކުރާން ޖެހޭކަމަށް ބުނެ ވަކާލާތުކުރާން ފަށާނެއެވެ. އެ ދުވަސް އޮތީ ދާދި ގާތުގައެވެ.

ދެން ހަދާނީ ކިހިނެއްތޯއެވެ؟ ދެން ޖެހޭނީ ދައުލަތުގެ ރަސްމީ ބަހަކީ އިނގިރޭސި ބަސްކަމަށް ހަދާށެވެ. ޤާނޫނުތައް އިނގިރޭސި ބަހުން ހަދާށެވެ. (ރައްޔިތުންގެ އެއް ބަޔަކު ނުދަންނަ ބަހަކުން ޤާނޫނެއް ނުހެދޭނެތާއެވެ!) - ކޯޓުތަކުގެ ޝަރީޢަތުގެ މަޖިލިސްތައް ވެސް ބަދަލުވެގެން ދާނީ އިނގިރޭސި ބަހަށެވެ. ޤައުމީ ޓީވީ ވެސް ދެން ޖެހޭނީ އިނގިރޭސި ބަހަށް ބަދަލުކޮށްލާށެވެ. ރައްޔިތުންގެ މަޖިލިސް ވެސް ދެން އޮންނާނީ އިނގިރޭސި ބަހުންނެވެ. މަދަރުސާތަކުގައި ވެސް ދިވެހިބަހަކީ [އިޚުތިޔާރީ] ބަހެއްކަމަށް ކަނޑައެޅިދާނެއެވެ. ފުރަތަމަކޮޅު މި ބަދަލުތައް ގެނެވޭނީ ދިވެހިބަހާއި އިނގިރޭސި ބަހާ ދެ ބަސް ބަލައިގަނެ، ދެ ބަހަކީ ވެސް [ރަސްމީ ބަސްތައް]ކަމުގައި ހެދުމާ ހިސާބުންނެވެ. ދެން އަންނަ މަރުޙަލާގައި ދިވެހިބަސް ނަގައި އެއްލައިލެވޭނީއެވެ.

މި ގޮތް އަހަރެމެން ދިވެހީންނަށް އެންމެ ރަނގަޅިއްޔާ، ދެން ދަންނަވާނޭ އެއްޗެއް ނެތްތާއެވެ! ނަގޫބުރި ހިޔަޅު އެސޮރުގެ ނަގޫ ބުރި ކޮށްފައި އެއްލައިލާން ބޭނުން ވީމާ، އެކަން ވެސް ކުރީތާއެވެ! ބަޔަކު އަމިއްލަޔަށް އެ ބަޔަކުގެ ނަފުސަށް ދޭ ހާނީއްކައެއް، އެ ބަޔަކުގެ ޤައުމިއްޔަތާއި ސަގާފަތާއި އަމިއްލަ ޝަޚުޞިއްޔަތާއި އަމިއްލަ ޝަނާކަތަށް ދޭ ނުގުސާނާއި ގެއްލުމާއި ހަލާކު، އެހެން މީހުން ހުއްޓުވާނޭ ގޮތެއް ނުވެސް އޮންނާނޭތާއެވެ!

އެކަމަކު، މި ދެންނެވި ޙާލަތު އައުމަކީ އަޅުގަނޑުމެން އެދޭކަމަކަށް ނުވާ ނަމަ، އެންމެން އެކައްޗެއް ކިޔައިގެން، އެންމެ ކުޑަ މިނުން، ތިރީގައި މި ދަންނަވާ ކަންކަން ކުރާން ޖެހެއެވެ.

1. ދިވެހި އެއްވެސް ކުއްޖަކަށް ދިވެހިބަސް މާދަރީ ބަހުގެ ގޮތުގައި ކިޔަވައިނުދިނުމަކީ ކުށެއްކަމަށް ކަނޑައަޅައި، ކުދީންނަށް ދިވެހިބަސް ކިޔަވައިނުދޭ ބެލެނިވެރީންނާ މެދު ހަރުކަށި ފިޔަވަޅު އަޅާން ފެށުން (ރަނގަޅު ފިޔަވަޅަކީ ޖޫރިމަނާކުރުމާއި، އިޖުތިމާޢީ ޚިދުމަތުގެ މަސައްކަތް ޖެއްސުމާއި، ޤައުމިއްޔަތުގެ މުހިއްމުކަން ދަސްކުރާ ކުރު ކޯސްތައް ހެއްދުވުން ފަދަ ކަންކަމެވެ.)

2. ދިވެހިބަހަކީ މަދަރުސާތަކުގައި ކިޔަވައިދޭ ބަސްކަމަށް ހަދައި، ނިޒާމީ ތަޢުލީމު ފެށުމަށް ބޭނުންވާ މިންވަރަށް ދިވެހިބަސް ނޭނގޭ ކުދީން ނިޒާމީ ތަޢުލީމުގެ މަރުޙަލާ ފެށުމުގެ ކުރީން އެ ފެންވަރަށް ގެންގޮސްދޭ ޕްރޮގްރާމެއް (ފައުންޑޭޝަން ކޯހެއް) ފެށުމާއި، މަދަރުސީ ތަޢުލީމު ފެށުމަށް ފަހުގައި ވެސް ދިވެހިބަހުން ޢުމުރުފުރާ ލާޒިމުކުރާ ފެންވަރު ނެތް ކުދީން މަތީ ގުރޭޑުތަކަށް ގެންދިޔުން ހުއްޓައިލުން.

3. ދިވެހިބަހުގެ ގަވާއިދު ހެޔޮ ގޮތުގައި ދެނެގަނެ، ބަހުގެ ގަވާއިދުގެ ފޮތްތައް އެކުލަވައިލައި، މަދަރުސާ ކުދީންނަށް ބަހުގެ ގަވާއިދު ކިޔަވައިދޭނޭ ރަނގަޅު ފޮތްތަކެއް ތައްޔާރު ކުރުން.  (މިހާރު މި ކަމަށް ފުދޭ އެއްވެސް ފޮތެއް ނެތެވެ.)

4. ދިވެހި ލިޔުންތެރިކަން ކުރިއަރުވައި، މޮޅު ލިޔުންތެރީން ލައްވައި ދިވެހިބަހަށް ފޮތްތަކާއި މަޒުމޫނު ފަދަ ތަކެތި ތަރުޖަމާކުރާނޭ މަޝްރޫޢެއް ފަށައި، ތަރުޖަމާ/ތަސްނީފުކުރާ މީހުންނަށް ބޮޑު އަގު ދީގެން އެ މަސައްކަތް ތަރައްޤީ ކުރުން. (މި މަސައްކަތުގެ ތެރޭގައި މަދަރުސާގައި ދަރިވަރުން ކިޔަވާ ހުރިހައި މާއްދާތަކެއްގެ ފޮތްތައް ވެސް ދިވެހިކުރުން ހިމަނާންވާނެއެވެ.) މިހާރު ދިވެހިބަހުން ފޮތް ލިޔާން ވަގުތު ހޭދަކުރުމަކީ ބޭކާރު މަސައްކަތެކެވެ. ލިޔާ ފޮތެއް ވިއްކައިގެން ކޮފީއެއް ބޮއިލެވޭ ވަރުވަނީ ކިރިޔާއެވެ. (ނުވަތަ އެ ވަރު ވެސް ނުވާނެއެވެ.) އެ މަސައްކަތަށް ދައުލަތުން އެއްވެސް އެހީއެއް ނުދެއްވައެވެ. މިސާލަކަށް، އިހަކަށް ދުވަހު މަގުމަތީގައި ބޮކި ދިއްލާން ހޭދަކުރި އަށާވީހަކަށް މިލިއަން ރުފިޔާ، ފޮތް ލިޔުއްވުމުގެ މަސައްކަތަށް ހޭދަކުރި ނަމަ، ފޮތަކަށް ތިން ހަތަރު ފަސް ލައްކަ ދީގެން ކިތައް ފޮތް ތަސްނީފުކުރުވުނީސްތޯއެވެ؟

5. ދިވެހިބަހުން ލިޔުމާއި އަޑުއެހުމާއި ވާހަކަދެއްކުމާއި ބަހުގެ ގަވާއިދާއި އިސްތިޢުމާލުގައި ކުއްޖާގެ ފެންވަރު ވަޒަންކުރެވޭ ވަކި އިމްތިޙާނެއްހަދައި ފާސްވެގެން ނޫނީ، މަތީ ތަޢުލީމުގެ އެއްވެސް ފުރުޞަތެއް ދިވެހި ދައުލަތުން ދަރިވަރަކަށް (ބޭރުން ދޭ ސްކޮލަރޝިޕެއް ވިޔަސް، ދިވެހިރާއްޖޭގެ ޔުނިވަރުސިޓީއަކުން ޖާގަ ކަމުގައި ވިޔަސް) ނުދިނުން.

6. ތަޢުލީމުގެ ފުރަތަމަ 12 އަހަރުގެ ތެރޭގައި ކުދީން ކިޔާނޭ ދިވެހި ފޮތްތަކުގެ [ކިޔާ ލިސްޓެއް] ހެދުން. (މި ލިސްޓުގައި 1500 ވަރަކަށް ފޮތް ހިމެނުން ރަނގަޅުވާނެއެވެ. ހިމެނޭނީ ޢުމުރުފުރާއަކަށް ބަލައިގެން ގިންތިކުރެވިފައިވާ ފޮތްތަކެވެ. ހުރިހައި ފޮތެއް ކުދީން ކިޔާކަން ކަށަވަރުކުރުމަކީ މަދަރުސާތަކުގެ ޒިންމާއެއް ކަމުގައި ހަދާންވާނެއެވެ.)

7. ކުޑަކުދީން އިސްކިރީނާ ޙަވާލު ކުރުން މުޅީން ހުއްޓައިލުން، ނުވަތަ އެ ކަން މުޅީން ހުއްޓައިލެވޭން ނެތިއްޔާ، އިސްކިރީނުގައި ހޭދަކުރާ ވަގުތުތަކުގައި، ކުދީން ބަލާނޭ ތަކެތި ދިވެހިބަހުން ތައްޔާރުކޮށް އާންމުކުރުން.

8. ދިވެހިބަހުން ލިޔުމާއި އަޑުއެހުމާއި ވާހަކަދެއްކުމާއި ބަހުގެ ގަވާއިދާއި އިސްތިޢުމާލުގައި ފެންވަރު ވަޒަންކުރެވޭ ވަކި އިމްތިޙާނެއްހަދައި ފާސްވާ މީހުން މެނުވީ، ދައުލަތުގެ އެއްވެސް ވަޒީފާއަކަށް (ޢައްޔަނުކުރެވޭ ވިޔަސް އަދި އިންތިޚާބުކުރެވޭ ވިޔަސް) ނުނެގުން.

9. މިހާރު، ދިވެހިބަހުގެ ގަވާއިދުތަކާ ޚިލާފު ޢިބާރާތްތަކާއި ޖުމުލަކާއި ލިޔަކުރާ އެކު، މީސްމީހުން ވިޔަފާރި ބޭނުން ފިޔަވައި އެހެން މަޤްޞަދެއް ނެތި، ކުޑަކުދީންގެ ފޮތުގެ ނަމުގައި ޝާއިޢުކުރަމުންދާ [ކުނިބުނި] ހުއްޓުވައި، ކުޑަކުދީންގެ ފޮތެއްގައި ހުންނާން ޖެހޭނޭ ޢިލްމީ، ފަންނީ، އަދި އަޚްލާޤީ ފެންވަރުގެ ހަރުދަނާ މިންގަނޑެއް އެކުލަވައިލައި، އެ މިންގަނޑަށް ފޮތްތައް ފެތޭތޯ ބަލާނޭ ހަރުދަނާ ނިޒާމެއް އެކުލަވައިލައި، އެ ނިޒާމުގެ ތެރެއިން ފާސްކުރެވޭ ފޮތެއް މެނުވީ ކުޑަކުދީންގެ ފޮތެއް ޝާއިޢުކުރިޔަނުދިނުން.

10. ދިވެހިބަހުގެ އަޞްލު އަޑުމަޚުރަޖު ގެއްލެމުންދާ މައްސަލަ ޙައްލު ކުރުމަށް ޓަކައި ކުރާން ޖެހޭ ކަންކަން ކުރުން. (އެ ގޮތުން، ޤައުމީ ޓީވީއާއި ޤައުމީ ރޭޑިއޯގެ އަރުޝީފުގައި ހުރި ދިވެހިބަހުން ރިވެތިކޮށް ވާހަކަފުޅުދެއްކެވި ބޭބޭފުޅުންގެ ވާހަކަފުޅުތަކުގެ އަޑުގެ ރިކޯޑުތައް ނަގައި އޭގެ ބޭނުން ކޮށްގެން ކުޑަކުދީންނަށް އަޑުމަޚުރަޖު ދަސްކޮށްދޭ ފިލާވަޅުތައް ހެދުން؛ މިހާރު ރާއްޖޭގެ ކަންކޮޅުތަކުގައި ތިއްބެވި، ދިވެހިބަހުގެ އަޑުމަޚުރަޖު ރީތިކޮށް ބޭނުންކުރައްވާ ބޭބޭފުޅުން މަދަރުސާތަކުގައި ކުދީންނަށް ދިވެހިބަސް ކިޔަވައިދިނުމުގެ ނިޒާމުގައި ބޭނުންކުރުން؛ ދިވެހި ޤައުމީ ޓީވީއާއި ޤައުމީ ރޭޑިއޯގައްޔާއި އަދި އަމިއްލަ ރޭޑިއޯއެއް ޓީވީއެއްގައި ވެސް ރީތި ދިވެހި އަޑުމަޚްރަޖު ބޭނުން ކުރާން ނޭނގޭ މީހުން ޕްރެޒެންޓަރުންގެ ގޮތުގައި މަސައްކަތްކުރުން މުޅީން މަނާކޮށް ހުއްޓުވައި، ޕްރެޒެންޓަރުންނަށް ވާން ތަމްރީނުވާ މީހުންނަށް ދިވެހި އަޑުމަޚުރަޖު ދަސް ކޮށްދިނުން.

11. ގައުމެއް ދެމިއޮތުމުގައި ގައުމީ ބަހެއްގެ މުހިންމުކަމާއި އޭގެ ފައިދާތައް އާންމުންގެ ސިކުނޑީގެ އެންމެ އަޑިއަށް ވާޞިލުވާނޭ ގޮތަކަށް ވިސްނައިދީ ހޭލުންތެރިކުރުމުގެ ހަގީގީ ޤައުމީ ކެންޕޭނެއް، ރާއްޖޭގައި ތިއްބެވި ބަސްވާރުން – ލިންގުއިންޓުން - މެދުވެރިކުރައްވައިގެން ހިންގެވުން.)

މި ދަންނަވައިލީ އަދި ބައެއް ކަންކަމެވެ. އިތުރު ކަންކަން ވެސް ހުންނާނެއެވެ.

މި ކަންކަން ކުރާކަށް ކޮންމެހެން ނުޖެހެއެވެ. ކުރާން ބޭނުން ނެތިއްޔާ ނުކުރާނީއެވެ. އެކަމަކު އޭރުން ދިވެހި ޤައުމިއްޔަތާއި ދިވެހިބަހެއް ސަލާމަތެއް ނުކުރެވޭނެއެވެ. ދުނިޔެއަކީ އަޅުގަނޑުމެން ހިތުހުރި ގޮތަކަށް ހިނގާ ތަނެއް ނޫނެވެ. ތިމާމެންގެ ޝަޚުޞިއްޔަތާއި މިނިވަންކަމާއި ޤައުމިއްޔަތަކީ، އެ ކަންކަން ސަލާމަތްކޮށް ރައްކައުތެރިކުރުމަށް ޓަކައި ވިސްނުމާއި ޙިކުމަތާއި ޢަމަލާއި އިސްތިރާޖު ބޭނުންކޮށްގެން ނޫނީ ރައްކައުތެރިކުރެވޭ ކަންކަމެއް ނޫނެވެ. (ޚާއްޞަކޮށް، އަމިއްލަ ބަހަކީ ފިކުރީ އަދި ޒިހުނީ ގޮތުން އަޅުވެތިވެ އިސްތިޢުމާރުވެފައިވާ ޤައުމަކަށް [ގެންގުޅެވޭ] ކަހަލަ ނިޢުމަތެއް ނޫނެވެ. އެއީ އެޔަށްވުރެ މާ [ބަރު] އެއްޗެކެވެ. އެ އުފުލޭހައި ޤާބިލުކަން ނެތް މީހުންގެ އަތުން އެ ވެއްޓިދާނެއެވެ.)

ދިވެހި ޤައުމު ޤައުމެއްގެ ގޮތުގައި އޮތުމުގެ މާނައެއް އެބައޮތްހެއްޔޭ މި ސުވާލު އުފައްދާން ޖެހޭ އެތައް ސަބަބެއް ވެއެވެ. ދިވެހިބަހާ މެދު އަޅުގަނޑުމެން ކަންކުރާ ގޮތަކީ އެއް ސަބަބެވެ. އަޅުގަނޑުމެންގެ އަމިއްލަ ޤައުމަށް އަޅުގަނޑުމެންގެ ހުރި ޚިޔާނާތްތެރިކަމާއި ޣަދަރުވެރިކަމުން މިހާރު ވެސް ލައްކަ އެއްޗެތި ގެއްލިއްޖެތާއެވެ! އިއްޔެ ފޯޅަވަހި ވެސް ގެއްލުނީއެވެ. އިސްލާމް ދީން ގެއްލި ނިމެނީއެވެ. ދެން އޮތީ ބަހެވެ. ބަސް ވެސް ގެއްލިދަނީއެވެ! އަހަރެމެން ހަމަ އަހަރެމެން ވަރުގެ [ޢިލްމުވެރި]، [ހޭލުންތެރި]، [ފަންނިއްޔާތާ ރައްޓެހި]، [މޮޅު]، [ވިސްނުންތެރި] ބަޔަކު ނެތްކަމަށް ހީކޮށްގެން މުރައްކަބު ޖާހިލުކަމުގައި ތިބެނީއެވެ! ހިތާމަހުއްޓެވެ!

ކޮމެންޓު