ad_banner
ކުރުވާހަކަ: ފަލްސަފާ (1)

އަސްމާ އަބޫބަކުރު

15 ޖޫން 2025

ފަލްސަފާ

ލޯތްބަކީ މާގިނަ އިޚުތިޔާރެއް އޮތް އެއްޗެއް ނޫނެވެ. މީހަކު ދެކެ ލޯބިވާ އިރު، ބޭނުންވާނީ ހަމައެކަނި އެ މީހަކާ އެކީ ރަނގަޅު ދިރިއުޅުމެއް އުޅުމެވެ. ލޯބި ވެއްޖެ ނަމަ އެ މީހާގެ ހިޔަނި ހެން ފަހަތުގައި އަޅައިގަނެއެވެ. ލޯބީގައި ހިތް ފަޅައިގެންދާ ވަރުގެ ކަންކަމާ ދިމާވިއަސް ހިތުގައި ނަފުރަތެއް ނުއުފެދެއެވެ. ކަރުނައިން ލޯ ފުރި، ހިތަށް އުނދަގޫވިއަސް އެ ލޯބި ހިތުގައި ދެމިއޮވެއެވެ. އެއީ އަހަރެންގެ ފަލްސަފާއެވެ. 

އަހަރެންގެ ނަމަކީ ޖީލާނެވެ. ޢުމުރުން އެންމެ ތޭރަ އަހަރުގައި މާލެ ބަދަލުވީ ކިޔަވާށެވެ. މައިންބަފައި އަހަރެން ފޮނުވީ ކިޔެވުމަށް އެދި އަހަރެން ރޮއި އާދޭސްކުރި ވަރުން އެހެން ގޮތެއް ނެތިގެންނެވެ. އެހައި ކުޑައިރު އެހެން ބަޔެއްގެ ގާތަށް ފޮނުވާން އަހަރެންގެ މައިންބަފައިން ހިތްހަމައެއްނުޖެހެއެވެ. އެކަމަކު އަހަރެންގެ ނަޒަރުގައި ރަށުގައި ހުރެގެން ކިޔެވޭނެ ގޮތެއް ނެތް އިރު، މާލެ ނުފޮނުވާންވީ ސަބަބެއް ނެތެވެ. ފިރިހެން ކުދީންނަށް މާލެއާއި އެހެން ތަންތަނަށް ދެވެންޏާ އަހަންނަށް ވެސް އެ ފުރުސަތު އޮންނާން ވާނެއެވެ. މަގުސަދަކީ މޮޅަށް ކިޔަވައިގެން އަމިއްލަ ފައިމައްޗަށް ތެދުވުމެވެ.

އަހަރެން މާލެ ދާން އެދި އާދޭސްކުރި ވަރުން މަންމައާއި ބައްޕަ އެންމެ ފަހުން އަހަރެން މާލެ ފޮނުވީއެވެ. އެ ކަން އަހަރެން އަބަދު ވެސް ހަނދާން ބަހައްޓަމެވެ.  ކިޔެވުމުގައި ފަރުވާ ކުޑައެއް ނުކުރަމެވެ. އެކަމަކު ހިތުގައި އޮންނަ ކަމެއް އޮވެއެވެ. ކިޔަވައިގެން މޮޅުވެގެން ގަދަރުވެރި ފިރިހެނަކާ ކައިވެނިކުރުމުގެ ހުވަފެނެވެ. އެ ކަން ހިތުއަޅައިގެން އުޅޭތާ ދުވަސްތަކެއް ފާއިތުވެއްޖެއެވެ. އަހަރެން ފަހަތުގައި ކިތަންމެ ބަޔަކު އަޅައިގަނެގެން އުޅުނަސް އަހަރެން ހިތްހަމަޖެހޭ މީހަކު ނުފެނުނެވެ. ހުވަފެނުން ފެނުނު އަމީރު ނޫންވީމާކަން ނޭނގެއެވެ. ހިތަކީ ވެސް ފާޑެއްގެ އެއްޗެކެވެ. ރީތި ފިރިހެންކުދީން ދިމާވެއެވެ. މުއްސަނދީން ވެސް ދިމާވިއެވެ. އެކަމަކު މި ހިތް އެއް ބަހެއް ނުވިއެވެ.

އިސްކޫލު ނިންމައި ބޭރަށް ޓީޗިންގ ހަދާން ދާން ލިބުނު ފުރުސަތެއްގައި ލަންކާއަށް ކިޔަވަން ގޮސް ޕްރައިމަރީ ޓީޗިންގ ކޯހުގައި އުޅުނު ދުވަސްވަރަކީ މަޖާ ދުވަސްވަރެކެވެ. އަހަރެމެން އެއަރުޕޯޓުން ނިކުތް ވަގުތު ރާއްޖޭގެ ބަޔަކު ޓްރާންސިޓްވުމަށް މަޑުކޮށްގެން ތިބޭން ޖެހުމުން ބޭރަށް ނިކުތް ވަގުތާ ދިމާވިއެވެ. އެ ގްރޫޕްގައި ތިބި ފިރިހެންކުދީންގެ ތެރޭގައި އަހަރެން ހިތުއަޅައިގެން އުޅޭ ކަހަލަ ކުއްޖަކު ހުއްޓެވެ. އެކަމަކު ބުނާނީ ކިހިނެއްހެއްޔެވެ؟ އަލަށް ފެނުނު މީހެއް ގާތު އަހަރެން އެއްޗެކޭ ނުބުނަމެވެ. ބަލަހައްޓައިގެން ހުރެވުނީއެވެ. އޭނާ ވެސް އިރުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ. ފުރަތަމަ ނަޒަރުން ލޯބި ކިޔާ ޒާތުގެ ކަމެއްކަން ނޭގެއެވެ. އެ ކަންވެ ނިމިއްޖެއެވެ. އަހަރެމެން ގްރޫޕް ކިޔެވުމުގައި ކުރިއަށް ދިޔައިރު ކޮންމެ ކުއްޖަކު ވެސް ލޯބިވެރިއެއް ހުރެއެވެ. އަހަރެން ފިޔަވައެވެ.

"ޖީލާން. އެއްވެސް ކުއްޖަކާ ރައްޓެހި ނުވެ ތިޔަ ހެން ހުންނަނީ ކީއްވެ؟ އަމިއްލަ ދިރިއުޅުމަކަށް ނުވިސްނަންތަ؟" ނުޒުލާއަކީ އަނގަގަދަ، އަދި އެހެން މީހުންގެ ގާތު ކޮންމެ ވާހަކައެއް ދައްކާން ކެރޭ ޒާތުގެ ކުއްޖެކެވެ.

"އަދި ނުފެނޭ ހިތްކިޔާ ކަހަލަ މީހެއް." އަހަރެންގެ އެ ޖަވާބު އިވިއިވި އެ މީހުން ވެސް ފޫއްސެއް ނުވިއެވެ. ދުވަސް ދުވަސްކޮޅުން އަހާނެއެވެ.

ކޮލެޖު ތިން ދުވަހަށް ބަންދުވިއެވެ. އެންމެން ތައްޔާރުވަމުން ދިޔައީ ނޫރަލިޔާއަށް ދާށެވެ. އަހަރެން ވެސް ހިތާ ދެކޮޅަށް ދާން އެއްބަސްވީމެވެ. ތަންތަނަށް ދިޔައިމާ ހާދަހާ ވަގުތެއް ގެއްލެއެވެ. ދަސްކުރާން ހުރި ފިލާވަޅުތަކަށް ދޭން އޮތް ވަގުތު އެހެން ކަމަކަށް ދޭހިތެއް ނުވެއެވެ. ކިޔަވާ ދަރިވަރުންނަށް ކިޔެވުމަށްވުރެ މުހިންމު އެހެން ކަމެއް އޮވެގެންނެއް ނުވާނެއެވެ.

"ނޫރަލިޔާ ބަލައިނުލައި މި ތަނުން ފުރައިގެން ރާއްޖެ ދިޔައިމާ ލަންކާއަށް އައި ކަމަކަށް ނުވާނެ. އެ ތަނުގެ ފިނިކަމާއި، ރީތިކަން ވަޒަންކޮށްލެވޭނީ އެ ތަނަނށް ދިޔައިމަ. އެ ބަނަފިނިކަމުގެ ތެރެއިން ހިތްކިޔާ ކަހަލަ މީހަކު ވެސް ފެނިދާނެ." ރައިނާގެ އެ ޖުމްލަތަކުން ކޮންމެ ވެސް ޝައުގެއް އުފެދުނެވެ. އެހެން ވާނެ ނަމަ ކިހައި ރަނގަޅުހެއްޔެވެ؟

"އަދި މިހުރީ ހަނދާންނެތިފައި. ސުވިޓަރެއް ވެސް ނުގަންނަން." އަހަރެން އެހެން ބުނުމާ އެކު ރައިނާގެ ސުވިޓަރެއް ގެނެސްދީފިއެވެ. އިސްކޮޅުންނާއި ހަށިގަނޑު އަހަރެމެން ދެ މީހުން ގާތްގަނޑަކަށް އެއްވަރުވާނެއެވެ. އެހެން މީހުން ކިޔާ ގޮތުން ފުރަގަހުން ފެންނަ އިރު އަހަރެމެން ދެމީހުންނަކީ ޓްވިންސެވެ. އެންމެ ފަހުން އަހަންނަށް ވެސް ޖެހުނީ ދާށެވެ.

ނޫރަލިޔާއަށް ދަތުރު ފެށީ ހެނދުނު އަށެއްޖެހި އިރުއެވެ. އަހަރެމެން ތިބި ހިސާބުން ނޫރަލިޔާއަށް ދެވެނީ ތިންގަޑިއިރު ދަތުރުކޮށްފައެވެ. ދަތުރަށް ގައިޑަކު ހޯދާކަށް ނުޖެހުނެވެ. ލަންކާގެ ކުއްޖަކު އަހަރެމެންގެ ކްލާހުގައި އުޅޭތީއެވެ. ނޫރަލިޔާއަށް ދެވުމާ އެކު އަހަރެމެން ގްރޫޕްގެ ކުދީންގެ ކަމަކީ ފޮޓޯނެގުމެވެ. ތަންތަން ބަލައި، އެ ތަނުގެ މަޢުލޫމާތު ހޯދާން އަހަރެން ތަނީޝާއާ ސުވާލުކުރަމެވެ. އެ ތަނުގެ ހިތްގައިމު ވިނަތަކުގައި ހުސްފައިގައި ހިނގައިލެވުމުން ހިތަށް ހިތްހަމަޖެހުންލިބުނެވެ. ވޯޓަރފޯލް ބަލައިލާން ދިޔުމާ އެކު އަހަރެން ދިޔައި ސިއްސައިގެންނެވެ. އެ ހިސާބުގައި އަހަންނާ ދިމާއަށް ބަލަހައްޓައިގެން އެ ހުރީ އަހަރެން އެންމެ ދެކޭން ބޭނުންވި މީހާއެވެ.

"މީ ހުވަފެނެއްބާ؟" އަހަރެން ހިތުން އެހެން ބުނެވުނެއް ކަމަކު ދެ އަތުން ލޯ އުނގުޅައިލުމަށް ފަހު އަނެއްކާ ބަލައިލި އިރު ވެސް އެ ހުރީ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހަމަ އޭނާއެވެ. ނަމެއް ވެސް ނޭނގެއެވެ. އެކަމަކު އަހަރެންގެ ހިތުގައި އޭނާ ފެނުމާ އެކު ލޯބީގެ ވިންދު ޖަހައިލިއެވެ. އެހެން ދިމާއަކަށް ބެލޭތޯ މަސައްކަތްކުރަމުން އަހަރެން އެ ތަނުން ދުރަށް ގޮސް ވަކީން ބެންޗެއްގައި އިށީނީއެވެ. ފޯނާ ކުޅޭކަމަށް ހަދައިގެން އިނީ ދެން އޭނާއާ ދިމާއަށް ނުބެލުމަށް ގަސްދުކޮށްގެންނެވެ.

"އައްސަލާމް ޢަލައިކުމް" ފަހަތުން ސަލާމް ގޮވައިލި އަޑަށް އަހަރެން ބަލައިލި އިރު މި ހުރީ އޭނާއެވެ. ހަދާނެ ގޮތެއް އެ ވަގުތު ހިތަކަށް ނައެވެ. ކަންބޮޑުވެގެން ދުއްވައިގަނެގެން ދާން ވެސް ހިތަށް އިރެއެވެ. އެހެންނަމަވެސް އަހަންނަށް ސަލާމްގެ ޖަވާބު ދޭން މަޖުބޫރުވިއެވެ.

"ވަޢަލައިކުމް ސަލާމް." އަޅައިގަންނަމުން ކަހަލަ ގޮތަކަށް އަހަންނަށް ބުނެވުނެވެ.

"މިތާ އިށީނދެލިއަސް އޯކޭތަ؟" އަހަރެންގެ ހުއްދަ ލިބުމުން ނޫނީ ނީށީންނަން ހުވާކޮށްގެން ހުރިކަހަލައެވެ.

"މިތާ އިށީންނާކަށް މީހެއްގެ ހުއްދައެއް ހޯދާކަށް ނުޖެހޭނެނު." އަހަރެންގެ ތަނެއް ނޫންކަން އަންގައިދިނުމަށް ބުނި ޖުމްލަ އެނާއަށް ކަމުދިޔަކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ.

"އޯކޭ. އެހެންވީމާ ތިޔައީ ވެސް ހުއްދައެއްކަމަށް މި ބެލީ." އަހަރެމެންގެ ވާހަކަ ފެށުނީ އެ ހިސާބުންނެވެ. ދެމީހުން ތަޢާރަފުވެ އިރުކޮޅަކު ވާހަކަދައްކާން ތިބެފައި އަހަރެން ދާން ހުއްދައަކަށް އެދުނީމެވެ.

"ތިޔަ އެދުނީ އަހަރެންގެ ހުއްދައަކަށް. އެހެންވީމާ ހުއްދަ ދެވޭނީ ޝަރުތެއްގެ މަތީން" އަހަރެން ކަންބޮޑުވި ނަމަވެސް ހިތް އުފަލުން ނަށައިގަތް ކަހަލައެވެ.

އާލިފްގެ އެދުމުގެ މަތީން ދެވަނަ ފަހަރު ބައްދަލުކުރާން އެއްބަސްވެފައި އެ ތަނުން ދިޔައީ އެހެން ކުއްޖަކަށް ނުފެނުނީތީ އެ ކަމާ ޝުކުރުކުރަމުންނެވެ. އެ ދަތުރު ނިންމައި އެނބުރި ކޮލެޖަށް ދިޔަ އިރު އަހަރެން ހުންނަނީ އަބަދު އުފާވެފައެވެ. މަޑުމަޑުން ކޮންމެ ވެސް ލޯބީގެ ލަވައެއް ކިޔައިލެވެއެވެ. އާލިފްގެ ހުށައެޅުން އަހަރެންގެ ހިތަކުން ފިލައިގެނެއްނުދާނެއެވެ. ކިޔެވުމަށް ހުރަސް ނޭޅޭ ގޮތަށް އަހަރެމެން ދިޔައީ ގުޅުން އިތުރަށް ވަރުގަދަކުރަމުންނެވެ.

ރައުނާއާއި ނުޒުލާ ފަދައިން އަހަރެން ވެސް އަބަދު ހުންނަނީ އުފާވެފައެވެ. އެ ކަމާ އެމީހުން ދިމާކުރެއެވެ. އަހަރެން އަބަދު އުފާވެފައި ހުންނާތީއެވެ.

"ޖީލާން ނުބުންޏަސް އަހަރެމެންނަށް އެނގޭ ޖީލާންގެ ބޯއިފްރެންޑްގެ ނަމަކީ އާލިފްކަން ވެސް." އެއް ދުވަހަކު ނުޒުލާ ހުރެލައިފައި ބުންޏެވެ. އަހަރެން ވަރަށް ސިއްރުން އުޅުނަސް މި މީހުން ފާރަލާކަން އެނގުނީ އެދުވަހުއެވެ.

"ކީއްވެ އެހެން މީހުންނަށް ފާރަލަނީ. ތިޔަ ކިހާ ގޯސް އާދައެއް." އަހަރެން ނުޒުލާގެ ކަންފަތުގައި ވިކައިގަންނަމުން ބުނީމެވެ.

"އޯ. ހަލޯ. ތީ އަހަރެމެންނަށް އެނގިގެން ކުރިކަމެއް. ކޮންސިއްރެއް. ނޫރަލިޔާގެ ދަތުރަކީ އާލިފު ބުނެގެން ރޭވި ދަތުރެއް. އޭނާއަށް މި ތަނުން ރާނީއެއް ފެނިގެން ނުނިދިގެން އެ ވާހަކަ ދެއްކީ މި ތަނުން ކުއްޖެއްގެ ގާތުގައި. ޖީލާންގެ މަޢުލޫމާތު ހޯދައިގެން އަހަރެމެން ލައްވައި އާލިފް ކުރިކަމެއް އެއީ." އޭރު އެ ދަތުރަކީ އެންމެން ރާވައިގެން ކުރި ދަތުރެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އާލިފްގެ އެދުމުގެ މަތީން އޭނާ ހުރިހައި ޚަރަދެއް ދޭ ގޮތަށް އެ ދަތުރު ހަމަޖެއްސިކަން ނޭނގެނީ އަހަންނަށް އެކަންޏެވެ.

އާލިފް އުޅެނީ ރަނގަޅު ވަޒީފާއެއްގައެވެ. ކޮންމެ މަހަކު އޭނާއަށް ފުދި އިތުރުވާވަރަށް ލާރި ލިބެއެވެ. ބައެއް ރައްޓެހީންގެ ފަރާތުން އަޑުއިވުނު ގޮތުގައި އާލިފް އުޅެނީ އެތައް އަންހެން ކުދީންނެއްގެ ފަހަތުގައެވެ. އޭނާ އަހަންނާ އިންނާކަށް ނޫޅޭނެއެވެ. އެކަމަކު އަހަރެން އެ ވާހަކަތަކެއް ގަބޫލެއްނުކުރަމެވެ. އެހެންވިއަސް މީހުން ދައްކާ ވާހަކަތައް އަޑުއިވުމުން ހިތަށް އުނދަގޫވެއެވެ. އޭނާ އަހަރެންގެ ފަހަތުން އެ ދުވަނީ ލޯބީން ނޫން ނަމަ ކީއްކުރާންހެއްޔެވެ؟

އަހަރެން މާލެ އައި މަގުސަދު ހަނދާން ނައްތައެއް ނުލަމެވެ. އަހަރެންގެ މަގުސަދަކީ ކިޔަވައި ނިމިގެން ވަޒީފާއަކަށް ވަނުމަށްފަހު ނޫނީ ކައިވެންޏާ ހަމައަށް ނުދިއުމެވެ. އަމިއްލަ ފައިމައްޗަށް ތެދުވާން މަސައްކަތްކުރުމަކީ އަހަރެންގެ އަޒުމެވެ. ކައިވެނިކުރުމަށް ފަހު، އަހަރެންގެ މައްޗަށް ހިނގާނީ ފިރިމީހާގެ ބާރެވެ. އެހެންވީމާ، އަހަރެން އެ ގޮތުގައި ހިފަހައްޓައިލައިގެން ހުރެ ކޯސް ނިންމައި މާލެ ގޮސް ފުރަތަމަ ކަމަކަށް ހެދީ ވަޒީފާއެއް ހޯދުމެވެ.

"ޖީލާން. ވަރަށް ބޮޑު ކަމަކު ކިޔާންވެއްޖެ." އާލިފް އެހެން އެހުމުން އަހަރެންގެ ހިތްތެޅިގަތެވެ.
"ކިޔާބަލަ. ކޮންކަމެއް ކޮށްދޭންވީ؟" ހިތުގައި އަތްއަޅައިގެން ހުރެ އަހައިލެވުނެވެ. ހިތަށް އަރަމުން ދިޔައީ މި ފަހަރު އެ އުޅެނީ ކައިވެނީގެ ވާހަކަ ދައްކާށެވެ.

"އަހަރެންގެ ކޮއްކޮ އޯލެވެލް އިމްތިހާނު ހަދާތީ ކައްކާން އުނދަގޫވެގެން އުޅެނީ. ޖީލާނަށް އަހަރެންގެ އެޕާޓްމަންޓަށް އައިސް ކައްކައި ދެވޭނެތަ؟" ހީކުރި ކަހަލަ ކަމަކަށް ނުވީތީ ހިތަށް އުނދަގޫވިއެވެ. އަހަރެން ވެސް ކިހާ މޮޔަހެއްޔެވެ؟ މީހަކު އިންނާން އަހާނަމަ އެގޮތަށް ކަމެއް ކޮށްދޭން ވެއްޖެއެކޭ ނުބުނާނެއެވެ. އާލިފްގެ އެ އެދުމަށް ދޭނެ ޖަވާބެއް ވެސް އަހަރެންގެ ހިތަކަށް ނައެވެ. އަހަރެން މާލެ އައިސް އިސްކޫލަކަށް ޖޮއިން ކުރިތާ މާގިނަ ދުވަހެއް ނުވެއެވެ. ތަންކޮޅެއް އުނދަގޫ ވެސް ވާނެއެވެ. އެކަމަކު ކޮންމެ ވެސް ޖަވާބެއް ދޭންވާނެތާއެވެ.

"އާލިފް ބުނެފިއްޔާ ތިޔަ ކަން ވެސް ޖެހޭނީ ކޮށްދޭން." ކިތަންމެ އުނދަގޫވިއަސް އާލިފަށް ނޯ ބުނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު އާލިފު އެވަރުގެ ކަމެއް އަހަރެން ލައްވައި ކުރުވާ އިރު އަހަރެންގެ ވަގުތަށް ވެސް ބަލަންވާނެތާއެވެ. އިތުރު ހިތްވަރެއް ލުމަށް ފަހު، ހުންނަ ގޭގެ މަސައްކަތްކޮށް ނިންމައިލައިފައި އިސްކޫލަށް ދިއުމުގެ ކުރީން އާލިފްގެ އެޕާޓުމަންޓަށް ގޮސް ކައްކައިދީފައި ކޮންމެ ދުވަހަކު އިސްކޫލަށް ދާ އިރު ހުންނަނީ ކުޑަކޮށް ވަރުބަލިވެފައެވެ. އެކަމަކު ވެސް ލޯބިވާ މީހާއަށް ޓަކައި އަހަރެން މި ދަނީ ގުރުބާންވަމުންނެވެ. (ނުނިމޭ)

ކޮމެންޓު
ކޮމެންޓުތައް
ޒުލް
15 ޖޫން 2025 04:56
ޝުކުރިއްޔާ، އަސްމާ! އަދި ފަރަގު މުޅި ޓީމަށް ވެސް ޝުކުރިއްޔާ!ޒުލް