އިސްމާޢީލު މުބާރަކު
24 މޭ 2025
އެންމެ ފަހުން ފަރަޤު ޑޮޓްއެމްވީ (faragu.mv)އަށް އަޅުގަނޑު ލިޔުނު ލިޔުމަކީ ޢަރަބި މުޞައްނިފަކު ލިޔުއްވާފައިވާ [اليهود يحكمون العالم] މި ފޮތުގެ ތަރުޖަމާއެކެވެ. އެ ލިޔުން ދިގުކަމުން ގިނަ ބޭފުޅުންނަށް އެ ލިޔުމުން އަޅުގަނޑު ފޯރުކޮށްދޭން ބޭނުންވި މެސެޖް ސާފުވެވަޑައިގަތް ހެނެއް ހިޔެއްނުވެއެވެ. އެހެންވެ މި މަގާލުގައި ގިނަ ބޭފުޅުންނަށް ސާފުވެވަޑައިގަންނަވާނޭހެން ބައެއް ކަންކަމަށް އަލި އަޅުވައިލާނަމެވެ.
އިނގިރޭސިވިލާތަކީ ޞަހުޔޫނީ މަޝްރޫޢު އުފައްދައި، އެ މަޝްރޫޢަށް ހަތިޔާރާއި ފައިސާއިން އެހީތެރިވެދީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، އިސްރާއީލު، ދައުލަތެއްގެ ގޮތުގައި އުފެއްދި ގައުމެވެ. އިސްރާއީލު ދެމެހެއްޓުމުގައި އެއްވަނައިގައި އަދިއަދަށް ދާންދެން ވެސް އޮތް އެންމެ ބޮޑު މަދަދުގާރެވެ. ފަލަސްތީނުގެ ބިމުގައި އިސްރާއީލު (އިޒްރޭލު) އުފެއްދީ އިނގިރޭސީންނެވެ. އެ ކަން އެހެންވީ ކީރިތި ޤުރުއާނުގައި މާތް ﷲ އަންގަވައިފައި އޮތް އަމުރުފުޅަކާ ޚިލާފަށް ޢަރަބީން އިނގިރޭސީންނާ އެކު، ވީ އެއްބަސްވުމެއްގެ ސަބަބުންނެވެ.
ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ޢަރަބީންގެ ތެރޭގައި އިންޤިލާބެއް އުފެދުނެވެ. މި އިންޤިލާބްގެ ބާނީއަކީ އޭރު މައްކާގެ ޝަރީފުގެ ގޮތުގައި ހުންނެވި ޙުސެއިން ބިން ޢަލީ އެވެ. ފަހުން ޙިޖާޒްކަރައިގެ ރަސްކަންވެސް އޭނާ ކުރެއްވިއެވެ. އިނގިރޭސިވިލާތުގެ ސަރ ހެންރީ މެކް މޯހަނާއި މި ދެންނެވި މައްކާގެ ޝަރީފު ބައްދަލުކުރައްވައި، ދެކެވުނު ވާހަކަތަކާއި އެއްބަސްވެވުނު އެއްބަސް ވުމުގެތެރޭން ޢުޘްމާނީންގެ އަތްދަށުން ޢަރަބީންނަށް އަމިއްލަ މިނިވަންކަން ހޯދައިދިނުމަށް ހަތިޔާރާއި އެހެނިހެން ގޮތްގޮތުން އިނގިރޭސިވިލާތުން އެހީތެރިވެދޭން ވަޢުދުވިއެވެ. އޭގެ ބަދަލުގައި މައްކާގެ ޝަރީފު ކޮށްދެއްވާން ޖެހޭ ކަމަކީ ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް އިންޤިލާބު ފެއްޓުމެވެ.
އެހެންވެ 1916ވަނަ އަހަރު ޢުޝްމާނީ ޚިލާފަތާ ދެކޮޅަށް މައްކާގެ ޝަރީފު، ޢަރަބި އިންޤިލާބު ފެއްޓެވިއެވެ. ނަޞާރާއިންނާއި ޔަހޫދީންނާ ގުޅިގެން ހިންގާ ކަމެއްގައި ބައިވެރި ނުވާން ކީރިތި قرآنގައި އަންގަވާފައިވާ އާޔަތެއް އަޅުގަނޑުގެ މި ފަދަ ވަރަށް ގިނަ ލިޔުންތަކުގައި ބަޔާންކޮށްފައިވާނެއެވެ. އަޅުގަނޑުގެ ލިޔުންތައް ވިދާޅުވާ ބޭފުޅުންނަށް މި ކަން އެނގިވަޑައިގަންނަވާނެއެވެ. އަދި އެ އާޔަތުގައިވާ ގޮތުން (فمن يتول منهم فهو منهم) (އެ މީހުންނާ ބައިވެރިވެއްޖެ މީހަކު އެއީ އެ މީހުންގެ ތެރެއިންވާ މީހެކެވެ.) (سورة المائدة: 51) މި ހެން އަންގަވައިފައިވަނިކޮށް މައްކާގެ ޝަރީފު އެ މީހުންނާ ބައިވެރިވެވަޑައިގެން ޢުޘަމާނީ ޚިލާފަތުގެ ދަށުން މިނިވަންކަން ހޯއްދެވިއެވެ. މިނިވަންކަން ހޯއްދެވުމުގައި މައްސަލައެއްނެތެވެ. މައްސަލަ އޮތީ ބައިވެރިވެވުނު މީހުންގެއެވެ.
އިނގިރޭސި މަނަވަރުތަކާއި އެހެނިހެން ބާރުތައް ބޭނުންކުރައްވައިގެން ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ފެށުނު އެ ޢަރަބި އިންޤިލާބުގައި މައްކާއާއި ރަތްގަނޑުގެ ބަނދަރުތައް ވެސް ޢުޘްމާނީ ޚިލާފަތުގެ ދަށުން މިނިވަންކުރެއްވިއެވެ. މައްކާ މިނިވަންކުރެއްވުމަށް ފަހު، ޙިޖާޒުކަރައަކީ ރަސްކަމެއް ހިނގާ ތަނެއްކަމުގައި މައްކާގެ ޝަރީފު އިޢުލާނުކުރެއްވިއެވެ. ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު ވެސް އެ ޢަރަބި އިންޤިލާބު ކުރިއަށްދިޔައެވެ. އުރުދުނާއި ޢިރާޤާއި ފަލަސްތީނަށް އަމިއްލަ މިނިވަންކަން ދޭނެކަމަށް އިނގިރޭސީން އެއްބަސްވެފައި އޮތް ނަމަވެސް ފުރަތަމަ ބޮޑު ހަނގުރާމައިގެ ފަހުން ވެސް އެ ތަންތަން އޮތީ އިނގިރޭސި ބާރުގެ ދަށުގައެވެ. އަދި ވަކީން ޚާއްސަކޮށް އަދި އަދަށް ދާންދެން ވެސް އިނގިރޭސިން އޭރު އެއްބަސްވީ ގޮތަށް ފަލަސްތީނަށް މިނިވަންކަމެއް ނުދިނެވެ. ނުދެއެވެ.
ސުންނީ މުސްލިމު ޢަރަބިންނާއި އިނގިރޭސީންގެ، ސަތޭކަ ވަރަކަށް އަހަރުވީ މި ތާރީޚީ [ކައިވެންޏަކީ] ޙަލާލު [ކައިވެންޏެއް]ނޫނެވެ. ﷲގެ ފޮތުގައި އެ ކަން، އެ ގޮތަށް ނުކުރުމަށް އަންގަވައިފައި އޮއްވައި އެ [ކާވެނި]ކޮށްގެން އުފަންވި ދަރިއަކީ އިސްރާއީލެވެ. މި ކައިވެނި ދެމެހެއްޓުމަށް ޓަކައި ޢަރަބީން މިހާރު ވެސް އިނގިރޭސިވިލާތަށް އެތައް ބިލިއަން ޑޮލަރެއް ވުނަކުރެއެވެ. ލަންޑަންގެ އިސްޓޮކު މާރުކޭޓު ފެންމަތީގައި ޣަރަޤުނުވެ، އެ އޮންނަނީ ޤަތަރާއި ސުޢޫދީ ޢަރަބިއްޔާއާއި ޢަރަބި އިމާރާތުން ބިލިޔަނުން ބިލިއަނުން ވުނަކޮށްގެންނެވެ. މުޅި ލަންޑަނުގެ އުސްކޮށް ހަދައިފައި ހުރި ޢިމާރާތްތަކުގެ 28 އިންސައްތައަކީ ހަމަ އެކަނި ޤަތަރުގެ ސިޔާދަތީ މުއްސަނދިކަމުގެ މިލްކުގައިވާ ތަންތަނެވެ. ސުޢޫދީ ޢަރަބިއްޔާއާއި ޢަރަބި އިމާރާތު (ޔޫއޭއީ)ގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ކުރުކޮށް ދަންނަވާ ނަމަ، ޢަރަބީންގެ ފައިސާ އެ ތަނުން ނަގައިފިއްޔާ ލަންޑަން އޮންނާނީ މީދާ ކެއި އުނބެއް އޮންނަ ހެންނެވެ.
ނަމަވެސް ޣައިރުޝަރުޢީ ކައިވެންޏެއްގެ މަތީ ދެމި ތިބުމަށް ޢަރަބީން ކުރަމުން އަންނަ މަސައްކަތަށް މިއަދު މިވަނީ ހިޔަނި އެޅިފައެވެ. އިސްލާމް ދީނަކީ ޢަރަބީންނަށް އެކަނި ބާވައިލެއްވި ދީނެއްނޫނެވެ. ޙުކޫމަތުގެ ބޭނުމަށް ދީން ބޭނުންކުރުމަށް ކިޔަނީ [ޕޮލިޓިކަލް އިސްލާމް]އެވެ. ބާރު ހޯދުމަށް ޓަކައި ދީން ހަތިޔާރަކަށް ބޭނުންކުރުން މިއީ ސުންނީ މުސްލިމު ޤައުމުތަކުން ޔަހޫދީން ކައިރީން ދަސްކުރި ކަމެކެވެ. މި މަގާލުގެ ސުރުޚީއަކީ [އިސްރާއީލު ޙިމާޔަތްކުރާން އެމެރިކާއަށް ޖެހެނީ ކީއްވެ؟] މިއެވެ.
އޭގެ ޖަވާބަކީވެސް އެއީއެވެ.
ބަނީ އިސްރާއީލުންނަށް ބާވައިލެއްވި ހުރިހައި ފޮތްތައް އެއްކޮށްލައިގެން މިހާރު އެ އޮތީ އެއް ފޮތަކަށް ހަދައިފައެވެ. އެއަށް އެ މީހުން [ބައިބަލް]އޭ ކިޔައެވެ. ތައުރާތާއި އިންޖީލާއި ޒަބޫރުގެ އެކި ބައިތައް އޭގެ ތެރޭގައި ވެއެވެ. ތައުރާތަށް [އޯލްޑް ޓެސްޓޭމެންޓް]އޭ ކިޔައެވެ. އިންޖީލަށް [ނިޔު ޓެސްޓޭމަންޓް]އޭ ކިޔައެވެ. ޒަބޫރަށް [ގޮސްޕެލް]އޭ ކިއައެވެ. މި ފޮތްފޮތުގެ ޗެޕްޓަރުތަކަށް ވެސް އެވެރީން ބައިބަލްގައި ނަންދީފައި ހުރެއެވެ. އެކްޒޮޑަސް، ޑިއުޓްރޮނޮމީ، މި ކަހަލަ ނަންތައް ދީފައި ވެއެވެ.
މީގެ އިތުރަށް ޔަހޫދީން މޫސާގެފާނުގެ ޙަދީޘްފުޅުތަކުގެ ނަމުގައި ފޮތެއް އުފެއްދިއެވެ. އެ ފޮތަށް [މިޝްނާ]އޭ ކިއައެވެ. މޫސާގެފާނުގެ ސުންނަތުގެ ނަމުގައި [ގެމަރާ]އޭ ކިޔާ ފޮތެއް އުފެއްދިއެވެ. މި ދެފޮތް އެއްކޮށްލައިގެން [ތަލްމޫދު] ކިޔާ ފޮތެއް ހެދިއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ކީރިތި ޤުރުއާނުގެ ދެ ބަނޑޭރިގަނޑު ދޭތެރޭގައި [ތަލްމޫދު]ކިޔާ ފޮތެއް ބަނީ އިސްރާއީލު ބާގައިގެ މީހުންނަށް މާތް ﷲ ބާވައިލެއްވިކަމަކަށް އަންގަވައިފައެއް ނެތެވެ. އިންޖީލާއި ޒަބޫރާއި ތައުރާތު އެ މީހުންނަށް ބާވައިލެއްވިކަން ޤުރުއާނުން އެނގެއެވެ.
އެހެންކަމުން ޒަޔަނިސްޓް މަޝްރޫޢު ކުރިއަށްގެންދިއުމަށް ޓަކައި އެ މީހުންގެ ފޮތްތައް ބަދަލުކޮށް ތައުރާތާއި އިންޖީލާއި ޒަބޫރުގެ ޝިޢާރު ދެމެހެއްޓުމާއި ނެގެހެއްޓުން ގުޅިފައިވަނީ ޔަހޫދީން ދެމެހެއްޓުމާއި ނެގެހެއްޓުންކަމުގައި އެ މީހުން ހެދިއެވެ. ޔަހޫދީން ނައްތައިލައިފި މީހާ މާތް ﷲ ބާވައިލެއްވި އެ ތިން ފޮތް ނައްތައިލުމާ އެއް ފަދަކަމަށް އެ މީހުން ހެދިއެވެ. މިއީ ކޮން ކަހަލަ މުނާފިޤު ވާހަކައެއްތޯއެވެ؟ އެ ތިން ފޮތުގައި ވަނީ ﷲ ބާވައިލެއްވީ އިސްލާމް ދީނުގެ ހިދާޔަތެވެ. އެ ތިން ފޮތުން ވެސް (އެ މީހުން ބަދަލުނުކޮށް އޮއްވައި) ހިދާޔަތު ލިބުނު ކޮންމެ މީހަކީ ޤިޔާމަތް ދުވަހުން ހަމަ މުސްލިމެއްގެ ގޮތުގައި ބެލެވޭނެ މީހެކެވެ. ތައުރާތުގެ އަސްލު ބާވައިލެއްވީ ފިލާތަކެއްގައި ލިޔެވިގެންނެވެ. ފަހުން ފޮތަށް ނެގުނީއެވެ .
ޔަހޫދީން އެ ފޮތްތައް އެގޮތްމިގޮތަށް ބަދަލުކޮށްފައިވުމުގެ ސަބަބުން ދުނިޔޭގެ އާބާދީގެ 33 އިންސައްތަ ކްރިސްޓިއަނުންނާއި 19 އިންސައްތަ ޔަހޫދީން ގަބޫލުކުރާން ޖެހިފައިވަނީ ޔަހޫދީންނަކީ މާތް ﷲ ޚިޔާރުކުރައްވައިފައިވާ މުޤައްދަސް ނަސްލެއްގެ ބަޔެއްގެ ގޮތުގައެވެ. (އެ މީހުން އަމިއްލަޔަށް އުފައްދައިގެން އުޅޭ) ކްރިސްޓިއަން ދީނާއި ޔަހޫދީ ދީން، މި ދެ ދީނަކީ، ޔަހޫދީންގެ ނަޒަރުގައި އެ މީހުން ޙިމާޔްތަކުރުން ލާޒިމް ދެ ދީނެވެ. ޔަހޫދީންނާ ދެކޮޅަށް ތެދުވާ މީހުންނަކީ ކަލާނގެ ލަޢުނަތް ޙައްޤުވާ ބަޔެއްގެ ގޮތުގައި އެ މީހުންގެ ދީނީ ޢިލްމުވެރީން އޮންނަނީ ވިސްނައިދީފައެވެ.
ފޮތްތައް ބަދަލުކޮށް، ދީނުގެ އިމްތިޔާޒު އަމިއްލައަށް ލިބިގަނެގެން ތިބެ، ދުނިޔޭގެ މުއްސަނދިކަމުގެ މައްޗަށް އަތްގަދަކޮށް، އެމެރިކާގެ ވެރިކަމާއި ހުރިހައި ފައިސާއެއް މިހާރު ކޮންޓްރޯލުކުރަނީ ޔަހޫދީންނެވެ. އިނގިރޭސީންނާއި ޢަރަބީންގެ ޣައިރުޝަރުޢީ ކައިވެނިން އުފަންކުރި ދަރީގެ حضانة (ޚަރަދުބަރަދު ބެލެހެއްޓުން) ނުވަތަ ބެލެނިވެރިކަން ވަނީ އެމެރިކާގެ މައްޗަށް ލާޒިމުވެފައެވެ. ވެރިކަމަށް އެރުމުގެ ކުރީން ވެސް ޔަހޫދީންގެ ޙަމަލައެއް ވަނީ ރިޔާސީ ކެންޕޭނުގެ ތެރޭގައި ވެސް ޓުރަންޕަށް އަމާޒުވެފައެވެ. ޓުރަންޕު މަރައިލާން ބަޑީގެ ޙަމަލާއެއް ދީފައިވެއެވެ.
އިސްރާއީލު މިހާރު އޮތީ އިސްރާއީލުގެ އެތެރޭގެ ދާޚިލީ މައްސަލަތަކުގެ ސަބަބުން ދާޚިލީ އަހުލީ ހަނގުރާމައެއް ފެށޭ ހިސާބުގައެވެ. ނަތަންޔާހޫގެ ޢިތުބާރު ވަނީ ގެއްލިފައެވެ. އެއްވެސް ކަމެއް ނަތަންޔާހޫއަކަށް ނުވަތަ ޓުރަންޕަކަށް ޙައްލެއްނުކުރެވުނެވެ. މި ދަނޑިވަޅުގައި އެ މީހުންނަށް އިސްރާއީލުގެ ރައްޔިތުން އެއްގަލަކަށް އެރުވޭނެ ހަމައެކަނި ގޮތަކީ އީރާނަށް ޙަމަލާދިނުމެވެ. ނަތަންޔާހޫގެ ސަރުކާރު ސަލާމަތްކުރެވޭން އޮތީ ވެސް އެ ގޮތުގައެވެ. އޭރުން އެންމެން ޤައުމީ މަސްލަޙަތު އިސްކޮށް އޭނާއާ އެއްބައިވާނެއެވެ. އަނެއްކޮޅުން، މި ފަދަ ޙަމަލާއެއް އިސްރާއީލުން އީރާނަށް ދިފި ނަމަ، އޭގެ ރައްދުގައި، ދުވަހަކު އިސްރާއީލަށް ބަޔަކު ނުދޭވަރު، ޙަމަލާތަކެއް އީރާނުން ދޭނެއެވެ. ސަބަބަކީ އިސްރާއީލަށް ޙަމަލާނުދިނުމަކީ އެއީ އީރާނުގެ ވެސް ނެތިދިޔުންކަމަށް ވާތީއެވެ. އެ ޙާލަތުގައި އެމެރިކާގައި ބޯވައެއް ހެން ހަކިހިއްޕައިފައި އޮތް ޔަހޫދީ ޒަޔަނިސްޓު ބާރުތައް ޙަރަކާތްތެރިވާނެއެވެ. ބައިބަލްގައި (އެ މީހުން) ލިޔެފައި އޮތް ގޮތުން، ޔަހޫދީން ޙިމާޔަތްނުކުރާ އެ ފަދަ ވެރިއަކީ އެއީ އެ މީހުންގެ މަސީހާ ދެކޮޅު މީހެކެވެ. އެންޓިކްރައިސްޓެވެ .ދައްޖާލެވެ. ޓުރަންޕު، އޭރުން އެ މީހުން ހަދާނީ ދައްޖާލަށެވެ. އެމެރިކާގެ ކޮންމެ ރައީސަކީ ވެސް އިސްރާއީލު ޙިމާޔަތްކުރާ ރައީސަކަށްވާން ޖެހެއެވެ. އެހެންނޫނީ ވާނީ ދައްޖާލަށެވެ. ޔަހޫދީންނަކީ ފޮތް ބަދަލުކޮށްގެން ތާރީޚީ މަޅިއެއް އަރައިފައި ތިބި ބައިގަނޑެކެވެ. މާތް ﷲ އެ މީހުންނަށް ވަޢުދު ކުރެއްވި މަސީޙު އެއީ ޢީސާ އިބްނު މަރިޔަމެވެ. އެކަލޭގެފާނު މިހާރު އެ ވެރީންގެ ގާތަށް ވަޑައިގެންފިއެވެ. އެހެންނަމަވެސް ވަޑައިގަތުމުން އެކަލޭގެފާނުގެ ރިސާލަތަށް އެ މީހުންވީ ކާފަރެވެ. ފޮތް ބަދަލުކޮށް ދުނިޔޭގެ ވެރިކަމުގެ ބާރު ގައި އަބަދަށް ތިބުމަށްޓަކައި، ޔަހޫދީން ސަލާމަތްކުރާން މަތީން (އުޑުން) މަސީޙެއް ވަޑައިގަންނަވާނޭކަމަށް ބުނެ އެ މީހުންގެ އަމިއްލަ މަގުސަދު ހާސިލުކުރުމަށް ޓަކައި، ދުނިޔޭގެ ބޮޑު އާބާދީއެއް ވަނީ ވާވައްދައިފައެވެ. ހަމަ އެ ފަދައިން ޢަރަބީންނަކީ އަދި ޢަރަބީންގެ ސަގާފަތަކީ އިސްލާމްދީންކަމުގައި ޤަބޫލުކުރުވައިގެން ރަސޫލު صلي الله عليه وسلم ދުނިޔޭގައި ހުންނެވި ޤަރުނުން ފެށިގެން ފާއިތުވި ތިން ޤަރުނުގެ ސަޙާބީންނާއި ތާބިއީންނާ ތަބަޢަ ތާބިއީން ކުރެއްވި ހުރިހައި ކަމަކީ ވެސް އިސްލާމް ދީންކަމުގައި ހައްދަވައިގެން މުސްލިމުންގެ ބޮޑު އާބާދީއެއް، ޢަރަބީން ވަނީ ވާލުވައްދައިފައެވެ .
އިސްލާމުންނަކީ ޢަރަބީން އެޅިހާ ބަތަކަށް ރިހަ އަޅާން ތިބި ބަޔެއް ނޫނެވެ. ޢަރަބީންނަށް ވިޔަސް ޢަޖަމީންނަށް ވިޔަސް އެ ބަޔަކާ އިޤްތިދާވާން ޖެހެނީ ޙައްޤުގެ މަގުގައި ތިބިއްޔާއެވެ. ރަނގަޅު ވާހަކައެކެވެ. علم ވެރީން ކަނޑައަޅުއްވާފައި އޮންނަ قاعدة އެއް އޮވެއެވެ. (كف عما شجر بين الصحابة) އެ ބޭކަލުންގެ މެދުގައި ހިނގި ކަންކަމުގެ ވާހަކަދެއްކުމެއްނެތެވެ. އަޅުގަނޑުމެން މި ދައްކަނީ އެ ބޭކަލުންގެ ވާހަކަ އެއް ނޫނެވެ. އިސްލާމްދީނުގެ ވާހަކައެވެ. ކޮންމެ މުސްލިމަކަށް ވެސް، މުންކަރާތް ނަހީކުރުމާއި ހެޔޮ ކަންތަކަށް ނަސޭޙަތްތެރިވުމުގެ ގޮތުން އިސްލާމްދީނުގެ ވާހަކަދެއްކޭނެއެވެ.
ރަސޫލް صلي الله عليه وسلم ސުވަރުގެ ވަޑައިގަތް ފަހުން، ސަޙާބީންނާއި ސަޙާބީންނާ ދެމެދު ކުރެވުނު جمل ހަނގުރާމަ، صفين ހަނގުރާމަ، އެއީ އިސްލާމްދީންކަމުގައި ބެލޭނީ ކޮންގޮތަކުންތޯއެވެ؟ އެއީ ވެސް ސަޙާބީން ކުރެއްވި ކަންކަމެވެ. އެ ތިން ޤަރުނުގެ ތެރޭގައި ޢިރާޤުގެ ކަރުބަލާގައި ރަސޫލާއަށް ކާފަ ވިދާޅުވާ، އަދި ރަސޫލާގެ ދަރިކަނބަލުން ފާތުމަތުގެފާނުގެ ދަރިކަލުން، ޙުސޭންގެފާނު އިސްތަށިފުޅު ކަނދުރާޔާ ވަކިކޮށް ޔަޒީދުގެ ގަނޑުވަރަށް ގެންދިއުން އެއީ އިސްލާމް ދީންކަމުގައި ބެލެވޭނެތޯއެވެ؟ އަނެއް ކޮޅުން، ކިތައްކިތައް ސަޙާބީ ބޭބޭކަލުން ﷲގެ މަގުގައި އިސްލާމް ދީނަށް ޓަކައި، ކާފަރުންނާ ކުރިމަތިލައްވައިގެން އެކިއެކި ހަނގުރާމަތަކުގައި މުސްލިމުންގެ ޢަދަދު މާ މަދު އިރު، ޖާނާއި މާލުން ޤުރްބާންވެވަޑައިގެން ޝަހީދުވެފައިވޭތޯއެވެ؟ އެހެންވީމާ އަޅުގަނޑުމެން އިގްތިދާވާން ޖެހެނީ ޢަރަބީން ވިޔަސް ޙައްޤު ގޮތުގައި ތިބި ބަޔަކާއެވެ. ފިންޏާއި ހޫނެއް އެއް ގޮތެއްނުވާނެއެވެ. އައްޔާއި އަނދިރިއެއް އެއް ގޮތެއްނުވާނެއެވެ. އަތްވާއި ހިޔަލާ އެއް ގޮތެއްނުވާނެއެވެ .
މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. }لِتُنذِرَ قَوْمًا مَّا أُنذِرَ آبَاؤُهُمْ فَهُمْ غَافِلُونَ{ (سورة يس:5) ([އެއުރެންގެ ކާބަފައިންނަށް އިންޒާރުކުރައްވައިފައިނުވާ ބަޔަކަށް ކަލޭގެފާނު އިންޒާރުކުރެއްވުމަށް ޓަކައެވެ. ފަހެ، އެއުރެންނީ ހަމަ ޣާފިލުވެފައި ތިބި ބަޔެކެވެ.])
އެހެންވީމާ، ޢަރަބީންނާ އިޤްތިދާވާން ޖެހެނީ އެ އިންޒާރުގެ ތެރޭން އައި ކަންކަމުގައެވެ. އޭގެ ކުރިން އެ މީހުންނަކީ غافل ވެފައި ތިބި ބަޔެކެވެ.
ދީނަކީ ﷲގެ ދީނެވެ. ޖޯގުރަފީގޮތުން ރަސޫލަކު ފޮނުއްވާ ސަރަޙައްދުގެ އާދަކާދަޔާއި ސަގާފަތަކީ އަދި އެ ފޮނުއްވި ސަރަޙައްދުގެ މީހުންނަކީ އެ ދީނެއް ނޫނެވެ. ކީރިތި قرآنއާއި ދުނިޔޭގެ ތާރީޚީ ޢިބްރަތުން ފިލާވަޅު ލިބޭނީ ކަންކަމާ މެދު ފިކުރުކޮށް ވިސްނީމައެވެ. ކަނު އީމާނަކުން އީމާންވެގެން ތިބެގެން އެ ކަމެއް ނުވާނެއެވެ.
އިސްރާއީލަކީ ޢަރަބީންނާއި އިނގިރޭސީންގެ މެދުގައިކުރެވުނު غير شرعي [ކައިވެންޏަކުން] އުފަންވި ދަރިއެކެވެ. އެމެރިކާއަށް އިސްރާއީލުގެ حضانة ވާރުތަވީ އިނގިރޭސީންގެ ފުށުންނެވެ. އިސްރާއީލު ޙިމާޔަތްކުރާން ޖެހެނީ އެހެންވެގެންނެވެ. ޣައްޒާގެ މައްސަލައިގައި އަދި ޚާއްސަކޮށް ފަލަސްތީނުގެ މައްސަލައިގައި މިހާ ހިސާބަށް ވެސް އެދެވޭ ކާމިޔާބީއެއް ހޯދިފައި ނުވަނީވެސް އެހެންވެގެންނެވެ.
ލަފުޒެއްގެ މާނަ:
މަގާލު ނ. ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް.