ad_banner
ހުކުރު ނަމާދަކީ ކޮންމެ ހަފުތާއަކު ޤިޔާމަތް ދުވަސް ހަނދާންކޮށްދޭ އަޅުކަމެއް: ސޫރަތުލްޖުމުޢާއިން ލިބިދޭ މެސެޖުތައް (2) 

އަޙުމަދު ފަޔާޒު ޙަސަން

1 ޖޫން 2025

ތައުޙީދުގެ އަޑު އިއްވަނީ

(2025 މޭ 25ގެ ޢަދަދާ ގުޅޭ)

އަލްޤުއްދޫސް މި ލަފުޒުގެ އަސްލަކީ ޤާފު ދާލު ސީނު (ޤުދުސް)އެވެ. މި ލަފުޒުގެ މާނަޔަކީ ޠާހިރުކަމާއި ސާފުކަމާއި މާތްކަމެވެ. ޤައްދަސަ މި ލަފުޒުގެ މާނަޔަކީ ޠާހިރުކުރުމެވެ. މި ލަފުޒުގެ އަސްލަށް ބަލާ އިރު، [ޤައްދާސް]އަކީ ގަދީމީ އަރަބީން ބޭނުންކުރި ހިލައެކެވެ. މި ހިލައަކީ ވަޅެއް ފަދަ އެއްޗެއްގައި ހުންނަ ފެން ކިލަނބުވިޔަނުދޭން އޭގެ ތެރެއަށް އެމީހުން އަޅާ ހިލައެވެ. މި ގޮތަށް އަޅާ ހިލައިން ކޮށްދޭ ކަމަކީ ފެންގަނޑު ސާފުކޮށް ބެހެއްޓުމެވެ. [ޤާދިސް]އަކީވެސް ގަދީމީ އަރަބީން ބޭނުންކުރި ހިލައެކެވެ. [ޤާދިސް]އަކީ ޖަމަލު ފެންބޯ ކަންވާރުގައި ހުންނަ ފެން، މައްޗަށް އަރުވާން ކަންވާރުގެ ތެރެއަށް އަޅާ ހިލަކޮޅުތަކެވެ. މި ގޮތަށް ހިލައަޅަނީ ކަންވާރުގެ އެންމެ އެތެރެއަށް ޖަމަލުގެ ބޯ ނުވަންނަ ހާލަތުގައެވެ. މި ގޮތަށް ހިލަކޮޅުތަކުން ފެންފޮދު މައްޗަށް އެރުވުމުން ޖަމަލަށް ފަސޭހައިން ފެންބޮވެއެވެ. [ޤަދަސް]އަކީ ގަދީމީ އަރަބީން އަތްދޮންނާން ބޭނުންވާ ފެން އަޅާ ކަންވާރެވެ. މިއީ ތަށްޓެއް ނުވަތަ ބޯތަށްޓެއް ފަދަ ކަންވާރެކެވެ. [ޤަދީސް]އަކީ އަގުހުރި ނުވަތަ މާތްކަމުގެ ހިލައެވެ. މި ފަދަ ހިލަ ބޭނުންކުރަނީ މީހުން ބޭނުންކުރާ ގަހަނާތަކުގައެވެ. [ޤުދާސް]އަކީ ފައްޗަކަށް އަމުނައިފައި ހުންނަ އޮށެވެ. މިސާލަކަށް ތަސްބީހަ ފަތީގައި ހުންނަ އޮށަކީ [ޤުދާސް]އެވެ. އިސްލާމް ދީން އައުމުގެ ކުރީން ގެފުޅަށް އަރަބީން ބޭނުންކުރި އެއް ނަމަކީ [ޤާދިސް]އެވެ. 

ތަސްބީޙައިން ކުރާ ކަމަކީ ﷲގެ މަތިވެރިކަމާއި، ފުރިހަމަކަމާ އެކަށީގެންނުވާ އަދި ޠާހިރު ނޫން ހުރިހައި ކަމަކުން ﷲ ބަރީއަކުރުމެވެ. ތަޤުދީސުން ކުރާ ކަމަކީ މާތްކަމެއްނުވާ އަދި ނުބައި ހުރިހައި ސިފަތަކުން ﷲގެ ނަންފުޅު ބަރީއަކުރުމެވެ. ކީރިތި ޤުރްއާން ބާވައިލެއްވުމުގެ ކުރީން މި ދެ ލަފުޒަކީ ޔަހޫދީންނާއި ނަޞާރާއިން ވެސް ކަލާނގެއަށް ނިސްބަތްކޮށް ބޭނުންކުރި ލަފުޒުތަކެވެ. ރަސޫލުﷲ މި ލަފުޒުތައް ބަޔާންކުރެއްވުމުން އެމީހުންނަށް ހައިރާންކަން ލިބުނެވެ. ސަބަބަކީ ޢިލްމުވެރިކަމުގައި އަރައިހުރި މީހަކަށް މެނުވީ އެ ފަދަ ލަފުޒެއް(ގެ ފުރިހަމަ މާނަ) ނޭގެނެތީއެވެ.

ޤުއްދޫސަކީ ސާފުޠާހިރު ނުވަތަ މާތް މީހާއެވެ. ދުނިޔޭގެ ތަފާތު ދީންތަކުގައި، މިސާލަކަށް ބުދު ދީން، ހިންދީ ދީން، ޔަހޫދީ ދީން ނުވަތަ ނަޞާރާ ދީނުގައި ޠާހިރު ނުވަތަ މާތް މީހުން އުޅުނެވެ. އެ ފަދަ މީހުންނަކީ އެ މީހުންގެ ދީނުގެ އެންމެ ސާފުޠާހިރު މީހުންނެވެ. އަލްޤުއްދޫސް މިނަންފުޅުން އަންގައިދެނީ ﷲގެ ޠާހިރުވަންތަކަމާއި ﷲގެ ރަސްވަންތަކަމުގެ މަތިވެރިކަމާއި ފުރިހަމަކަމެވެ.

މި އާޔަތުގައި ﷲ ބަޔާންކުރައްވާ ދެވަނަ ނަންފުޅަކީ [ޢަޒީޒު]އެވެ. މިއީ ކީރިތި ޤުރްއާނުގައި ﷲއަށް ނިސްބަތްކުރެވޭ ވަރަށް އާންމު ނަންފުޅެކެވެ. ޢަޒީޒު] މި ލަފުޒުގެ އަސްލު ގުޅިފައިވަނީ ބިންގަނޑާއެވެ. ޢައްޒާ، ޢަޒާޒާ، ޢަޒާޒު، މަޢުޒޫޒާ މި ލަފުޒުތައް ބޭނުންކުރަނީ ވަރުގަދަ ނުވަތަ ހަރު ބިންގަނޑަށެވެ. ހަރުކޮށް ނުވަތަ ގަލުން ހުންނަ ވަރުގަދަ ބިންގަނޑަކީ [ޢަޒާޒު]އެވެ. ހަރުކޮށް އޮންނަ ނުވަތަ ގަލުގެ ބިންގަނޑަކީ [މަޢޫޒޫޒު]އެވެ. ފިސާރި ވަރުގަދަ އަހަށް ބޭނުންކުރެވުނު އެއް ނަމަކީ [މަޢުތައްޒާ]އެވެ. ހަށިގަނޑުގެ މަސްގަނޑު ހަރުކޮށް އޮންނަ ޖަމަލަށް ކިޔާ ނަމަކީ [ނާޤަތު ޢަޒޫޒު]އެވެ. [ޢިއްޒު] މި ލަފުޒުގެ މާނަޔަކީ ހުރި މަގާމުން އެއައަށް ވުރެ މަތީ މަގާމަކަށް ދިއުމެވެ. [ޢައްޒަޒަ] މި ލަފުޒުގެ މާނަޔަކީ ވަރުގަދަކުރުން ނުވަތަ ބާރުވެރިކުރުމެވެ. [ޢައްޒަ] މި ލަފުޒުގެ މާނަޔަކީ ބިރުދެއްކުން ނުވަތަ ބާރުނައްތައިލުމެވެ.

އަލްޢަޒީޒް މި ލަފުޒު ﷲއަށް ނިސްބަތްކޮށް ކީރިތި ޤުރްއާނުގައި 89 ފަހަރު ﷲ ބަޔާންކުރައްވައެވެ. މީގެތެރެއިން 47 ފަހަރު މި ނަންފުޅާ އެކުގައި އަލްޙަކީމް އާދެއެވެ. ޢަޒީޒު މި ލަފުޒު އެހެން ފަރާތްތަކަށް ނިސްބަތްކުރައްވައި، ކީރިތި ޤުރްއާނުގައި 10 ފަހަރު ބަޔާންކުރައްވައެވެ.

[އަލްޢަޒީޒު] މި އިސްމުފުޅުގައި ބާރާއި އިޙުތިރާމް އެކުލެވެއެވެ. ޔޫސުފް ސޫރަތުން އެނގޭ ގޮތުގައި ޔަޢުޤޫބް ޢަލައިހިއްސަލާމަށް އިޙުތިރާމް އޮތެވެ. އެކަމަކު އެކަލޭގެފާނުގެ އަތްޕުޅުގައި ބާރެއްނެތެވެ. ރާއްޖޭގެ ރައީސަކަށް ހުންނަ މީހެއްގެ އަތުގައި ބާރު އޮވެއެވެ. އެކަމަކު އޭނާއަކީ މީހުންގެ އިހުތިރާމް އޮތް މީހަކަށް ނުވެ ހިނގައިދާނެއެވެ. ހުރިހައި ގޮތަކުން އެންމެ މަތިވެރި ބާރާއި ހުރިހައި ޢިއްޒަތެއް ލިބިވޮޑިގެންވާ ހަމައެކަނި ފަރާތަކީ [ﷲ އަލްޢަޒީޒު]އެވެ. މީހުންނަށް ބާރާއި ޢިއްޒަތް ދެއްވާ ފަރާތަކީ ވެސް ﷲއެވެ.

ޢަޒީޒަކީ އެ މީހަކާ ޖަދަލުނުކުރެވޭ ވަރަށް އެ މީހެއްގެ އަތުގައި ބާރު އޮންނަ މީހާއެވެ. މަތިވެރި މީހާއެވެ. މިސާލަކަށް ތިމާ ފިހާރައަށް ދިޔައިރު ފިހާރަ ބަންދުކޮށްފިއެވެ. އެކަމަކު އޭރު ފިހާރަ ބަންދުކުރާ ގަޑިޖެހެން މިނެޓެއް އޮތެވެ. މި ކަމާ ފިހާރައިގެ މުވައްޒަފަކަށް ޝަކުވާ އުފުލައި މި ކަން މެނޭޖަރަށް އަންގާނަމޭ ބުނީމެވެ. ޖަވާބުގައި އެ މުވައްޒަފު މަލާމާތުގެ ރާގުގައި ބުނީ އޭނާއަކީ މެނޭޖަރު ކަމުގައެވެ. ކޮންމެއަކަސް އެ ވަގުތު ފިހާރަ ހުޅުވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެވަގުތު ފިހާރަ ބަންދުކުރި މުވައްޒަފަކީ [ޢަޒީޒު]އެވެ. އޭނާ އެ ކަން ކުރީ އޭނާ އަތުގައި އެ ކަން ކުރުމުގެ އާރާއި ބާރު އޮވެގެންނެވެ. މެނޭޖަރަށް ގުޅިއަސް ދެން އެ ގަޑީގައި ފިހާރަ ހުޅުވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

ﷲގެ ހަތަރުވަނަ ނަންފުޅަކަށް އޮތީ [އަލްޙަކީމް]އެވެ. މި ލަފުޒުގެ އަސްލަކީ ޙާ ކާފު މީމު ނުވަތަ [ޙަކަމަ]އެވެ. މި ބަހުގެ ލަފުޒީ އެއް މާނަޔަކީ އިންސާނާގެ ދަތްދޮޅިއެވެ. ހަމަ އެ ގޮތަށް ކަންބަޅީގެ ދަތްދޮޅިއަކީ ވެސް ޙަކަމައެވެ. ނުވެއްޓޭ ގޮތަށް ވަރުގަދަކޮށް ހުރުމަކީ ވެސް [ޙަކަމް]އެވެ. ޙުކަމަކީ ނިންމާ ނިންމުމެއް ނުވަތަ އިއްވާ ނިޔާއެކެވެ. ޙިކުމަތަކީ މޮޅު ބުއްދިއެވެ. އެންމެ ފުރިހަމަ ޢިލްމާއި މައުލޫމާތާއި ބުއްދީގައި ނިންމާ ނިންމުމަކީ ޙިކުމަތެވެ. މި އިސްމުފުޅުން އަންގައިދެނީ ﷲއަކީ ނިންމެވުން ނިންމަވާ އެންމެ މަތިވެރި ފަރާތްކަމެވެ. ހަމަ އެގޮތަށް ﷲއަކީ އެންމެ ފުރިހަމަ އަދި އެންމެ ޢަދުލުވެރި ނިޔާ އިއްވާ ފަރާތެވެ.

ޙަކީމަކީ ބުއްދިވެރި ހިކުމަތްތެރި މީހާއެވެ. މިސާލަކީ ބޭސްވެރިކަމުގެ ލަފާ ހޯދާން އަޅުގަނޑުމެން ދާނީ ޑޮކްޓަރެއް ކައިރިއަށެވެ. ހަމައެގޮތަށް ޤާނޫނީ ނުވަތަ ޝަރުޢީ ކަމެއްގައި ރައުޔެއް ހޯދަން އަޅުގަނޑުމެން ދާނީ ޤާނޫނީ ވަކީލެއް ކައިރިއަށެވެ. ކޮންމެވެސް ރޮނގަކުން ކިޔަވައިގެން ޢިލްމުގެ ތޮފި އަޅައިގެން ތިބޭ ހަކީމުން މިއަދު ވަރަށް ގިނައެވެ. އެމީހުން އެމީހުންގެ ފަންނުން މޮޅު ލަފަޔާއި ޚިޔާލާއި އިރުޝާދުދެއެވެ. މި ފަދަ މީހުންނަކީ ހަކީމުންނެވެ.

ޢަލްމަލިކު، އަލްޤުއްދޫސް، އަލްޢަޒީޒު، އަލްޙަކީމު، މި ހަތަރު ނަންފުޅުން އަންގައިދެނީ ﷲއަކީ ހުރިހައި ގޮތަކުން އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ރަސްކަލާނގެއަކީ އެކަލާނގެކަމެވެ. ހަމަ އެ ގޮތަށް ހުރިހައި ގޮތަކުން އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ރަސްކަންފުޅަކީ އެކަލާނގެ ރަސްކަންފުޅުކަމެވެ.

ސޫރަތުލްޖުމުޢާގެ ދެވަނަ އާޔަތުގައި ﷲ އަންގަވަނީ ލިޔާންކިޔާން ނޭގޭ މީހުން ޔަޢުނީ ބަނޑުން ނިކުތް ގޮތަށް ތިބި މީހުންގެ ތެރެއަށް އެ މީހުންގެ ތެރެއިން ބޭކަލަކު ރަސޫލު ބޭކަލެއްގެގޮތުގައި ފޮނުއްވި ވާހަކައެވެ. ރަސޫލަކު ފޮނުއްވީ ﷲގެ އާޔަތްތައް އެމީހުންނަށް ކިޔަވައިދެއްވުމަށާއި އެ މީހުން ޠާހިރުކުރެއްވުމަށެވެ. އަދި އެ މީހުންނަށް ކީރިތި ޤުރްއާނާއި ޙިކުމަތް އުނގަންނައިދެއްވުމަށެވެ. ﷲގެ މި ނިޢުމަތް އައީ އެ މީހުން ބަނޑުން ނިކުތް ގޮތަށް ތިބި މީހުން ޔަޢުނީ ލިޔާންކިޔާން ނުދަންނަ މީހުންގެ ގޮތުގައި ތިއްބައެވެ. މިއީ ބަޔަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު އަދި އެންމެ މަތިވެރި ނިޢުމަތެވެ. އެ މީހުންގެ ތެރެއިން މީހަކު އެ މީހުންނަށް ރަސޫލެއްގެ ގޮތުގައި ފޮނުއްވައި ﷲގެ އާޔަތްތައް އެ މީހުންނަށް ކިޔަވައި ވިދާޅުވެދެއްވުމުގެ މަތިވެރި ނިޢުމަތެވެ.

ޙިޖާޒުކަރައިގެ ފަސްމަންޒަރަށް ބަލާ އިރު ގަދީމީ އަރަބީންނަކީ ތާރީޚީ ގޮތުން މާބޮޑު ބަޔެއް ނޫނެވެ. ސަބަބަކީ އެ މީހުންގެ މެދުގައި ވަރުގަދަ ޙަޟާރަތެއް ނުވަތަ ވަރުގަދަ ސަގާފަތެއް ނެތުމެވެ. އެ މީހުންގެ މެދުގައި އޮތީ އެންމެ އެއްޗެކެވެ. އެއީ އެމީހުންގެ ބަހާއި އެ ބަހުގައި އޮތް ޅެންވެރިކަމެވެ. އެ މީހުންގެ މެދުގައި ޢިލްމުވެރިކަމާއި ފަންނުވެރިކަން ނެތުމުން ދުނިޔޭގެ ސަމާލުކަން އެ މީހުންނަކަށް ނުލިބެއެވެ. ނަތީޖާއަކީ ގަދީމީ އަރަބީން ޖާހިލުކަމުގައި ތިބުމެވެ. އެހެންވެ ބަނޑުން ނިކުތް ގޮތަށް ތިބުމަކީ ނުވަތަ ލިޔާންކިޔާން ނުދަތުމަކީ އެ މުޖުތަމަޢުގެ އެންމެ އާންމު ސިފައެވެ.

ބަޢަޘަ މި ލަފުޒުގެ މާނަޔަކީ ފޮނުއްވުމެވެ. މި އާޔަތުގައިވާ ބަޢަޘަ މި ލަފުޒުން ދޭހަވާ މާނައިގެ ތެރޭގައި ހޭލެއްވުމާއި ހަރަކާތްކުރުވުމާއި ކުރުވުން ހިމެނެއެވެ. ނިދީގައި ވަނިކޮށް ހޭލެއްވުމަކީ ވެސް މި ލަފުޒުގެ އެއް މާނައެވެ. އެއީ ކަށްވަޅުގައިވަނިކޮށް ޤިޔާމަތް ދުވަހު މީސްތަކުން ފުރާނައަޅުއްވައި ހޭލައްވާ ބީދައިންނެވެ. އެ ބަޔެއްގެ ތެރެއަށް އުފަންވެ، އެ ބަޔެއްގެ ތެރެއަށް ބޮޑުވާ މީހަކު ދައްކާ ވާހަކަ ގަބޫލުކުރާކަށް ހުރަހެއް ނޯވެއެވެ. ޖާހިލުކަމުގައި ތިބި ބަޔަކަށް ތެދުމަގު ދައްކާން އެންމެ ރަނގަޅުވާނީ އެ މީހުންގެ މެދުގައި މަގުބޫލު އެ މީހުން އިތުބާރުކުރާ އެ މީހުންގެ މީހެކެވެ. އެހެންވެ ރަސޫލުﷲ ގެ ރަސޫލުކަން ތެދުކޮށް ކީރިތި ޤުރްއާނަކީ ﷲގެ ބަސްފުޅުކަން ތެދުކޮށްދިނުމަށް މައްކާގެ އަހުލުވެރިންނަށް ވުރެ އައުލާކަންބޮޑު ބަޔަކު ނުވެއެވެ. އެ މީހުންގެ މެދުގައިހުރި އެންމެ އަމާނާތްތެރި އެންމެ ތެދުވެރި އިންސާނާ ރަސޫލުކަން އިޢުލާންކުރެއްވުމުން އެ މީހުން ފުރަތަމަ ވެސް ކުރާންޖެހޭ ކަމަކީ އެކަން ތެދުކޮށް ގަބޫލުކުރުމެވެ. (ނުނިމޭ)

ކޮމެންޓު