ad_banner
ފަޖުރު ސޫރަތުގެ ފުރަތަމަ ހަތަރު އާޔަތް

ޑރ. މޫސާ އަންވަރު ޙަސަން

31 މޭ 2025

އަލްފަޖުރުއްޞާދިޤު

}وَالْفَجْرِ * وَلَيَالٍ عَشْرٍ * وَالشَّفْعِ وَالْوَتْرِ * وَاللَّيْلِ إِذَا يَسْرِ{ މާނައީ: [ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ. އަދި ހިރި ތަކެއްޗާއި، އޮނަހިރި ތަކެތި ގަންދެއްވަމެވެ. އަދި ރޭގަނޑު ވޭތުވެދާހިނދު، ރޭގަނޑު ގަންދެއްވަމެވެ.]

ފަސް ކަމެއް ގަންދެއްވައި މާތް ﷲ މި ސޫރަތުގައި މި ވަނީ ހުވައި ވަޙީކުރައްވައިފައެވެ.  

ފުރަތަމަ: الفجر (ފަތިސް ވަގުތު)އަކީ އިރު އެރުމުގެ ކުރީން އިރުމަތީ ފަރާތުން ޖައްވުގައި ހުންނަ އަލިކަމެވެ. ނުވަތަ ނޫރެވެ. އެ ވަގުތާއި އިރުއެރުމާ ދެމެދުގައި ވަނީ ގާތްގަނޑަކަށް ގަޑިއެއްގެ އިރާއި ބައްތިރީސް މިނިޓެވެ. ނުވަތަ އެއް ގަޑި އިރާއި ސަތާރަ ވަރަކަށް މިނިޓެވެ. އެހެން ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މި ކަން ބަދަލުވެއެވެ. މޫސުމަށް ރިޢާޔަތްކޮށް ފަޖުރުލުމާއި އިރު އެރުމާ ދެމެދުގެ ވަގުތު ބައެއް ފަހަރަށް ދިގުވެ، ކުރުވެ ވެއެވެ. ދެ ފަޖުރެއް އޮންނަކަމަށް ޢިލްމުވެރީން ބަޔާންކުރައްވައިފައި ވެއެވެ. އެއީ ފަޖުރުއްޞާދިޤާއި ފަޖުރުލްކާޒިބެވެ. މި ތަނުގައި މަޤުޞަދަކީ ފަޖުރުއްޞާދިޤެވެ. ފަޖުރުއްޞާދިޤާއި ފަޖުރުލްކާޒިބު، ތިން ގޮތަކުން ތަފާތުވެފައި ވެއެވެ.  

الفجر الكاذب: އުޑުގައި އަލްފަޖުރުލްކާޒިބު ހުންނާނީ ހުރަސް ރޮނގަކަށެވެ. ހުރަހަކަށް ނޫނެވެ.

الفجر الصادق: އަލްފަޖުރުއްޞާދިޤު ހުންނަނީ ދިގަށެވެ. ހުޅަނގުން އުތުރަށެވެ.  

الفجر الصادق: އަލްފަޖުރުއްޞާދިޤުގައި އަނދިރިކަމެއް ނުހުންނާނެވެ. އިރު އަރަންދެން އަލިކަން ދާނީ ގަދަވަމުންނެވެ.

الفجر الكاذبގައި އަލިކަން ހުރިކަމުގައި ވިޔަސް ބޮޑަށް ހުންނާނީ އަނދިރިކަމެވެ. އެހެންކަމުން الفجر الكاذب އޭ ކިޔުނީއެވެ.  

الفجر الصادق: އަލްފަޖުރުއްޞާދިޤު ހުންނާނީ އުފުޤާ (އުދަރެހާ) ގުޅިފައެވެ. އެހެންނަމަވެސް الفجر الكاذبއާއި އުފުޤާ ދެމެދުގައި އަނދިރި އުފުޤެއް ހުންނާނެވެއެވެ.  

ޢާންމުކޮށް ޞަޙަރާތަކުގައި ދިރިއުޅޭ މީހުންނަށް މި ތިން ތަފާތު ދެނެގަންނާން އެނގޭނެއެވެ. އެހެންނަމަވެސް ސިޓީތަކުގައި ދިރިއުޅޭ މީހުންނަށް މި ކަން ދެނެގަންނާން ދަތިވެދާނެއެވެ. އެއީ ރަށުގެ ގަދަ އަލީން މި ޢަލާމާތްތައް ފޮރުވައިލައިފައިވާތީއެވެ.  

މާތް اللَّه ވަނީ ފަޖުރު ވަގުތު ގަންދެއްވައި ހުވައި ވަޙީކުރައްވައިފައެވެ. އެއީ ދުވާލުގެ ފެށުމެވެ. ގަދަ އަނދިރިކަމަކަށް ފަހު ފަތިހުގެ އަލިކަން ބަދަލުވެގެންދާ ވަގުތެވެ. ފަޖުރުގެ ވަގުތު ގަންދެއްވައި ވަޙީކުރައްވައިފައިވަނީ އެކަލާނގެ ފިޔަވައި އެ ކަން އެ ގޮތަށް ބަދަލުކުރުމުގެ ކުޅާދާނަކަން ލިބިގެންވާ އެހެން ފަރާތެއް ނުވާތީއެވެ. އެއީ އަންނަނިވި އާޔަތުގައި އިޝާރަތްކުރައްވައިފައިވާ ފަދައިންނެވެ. ﴿قُلْ أَرَأَيْتُمْ إِن جَعَلَ اللَّهُ عَلَيْكُمُ اللَّيْلَ سَرْمَدًا إِلَىٰ يَوْمِ الْقِيَامَةِ مَنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُم بِضِيَاءٍ ۖ أَفَلَا تَسْمَعُونَ﴾‏  (سورة القصص ٧١)  މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ނިކަން ޚަބަރު ދީބަލާށެވެ! ތިޔަބައިމީހުންގެ މައްޗަށް ރޭގަނޑު (ބަދަލެއްނުވެ) قيامة ދުވަހާ ޖެހެންދެން ދެމި އޮންނަ އެއްޗެއްކަމުގައި اللَّه ލެއްވި ނަމަ، ތިޔަބައިމީހުންނަށް (ދުވާލުގެ) އަލިކަން ގެނެސްދޭނީ، اللَّه ފިޔަވައި އެހެން ކޮން އިލާހެއްހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް ނީވެނީހެއްޔެވެ؟] 

ފަޖުރު ވަގުތު ގަންދެއްވައި ހުވައި ވަޙީކުރައްވައިފައިވަނީ ޝަރުޢީ ޙުކުމްތަކެއް އެ ކަމުގެ ތެރޭގައި ތަރައްތުބު ވާތީއެވެ. މިސާލަކަށް ރޯދަހިފުމެވެ. ފަރުޟު ރޯދައެއްކަމުގައި ވިޔަސް އަދި ސުންނަތް ރޯދައެއްކަމުގައި ވިޔަސް ރޯދައަށް ހުންނާން ބޭނުންވާ މީހާ ފަޖުރުލުމުގެ ކުރީން އެ ރޯދަޔަކަށް ނިޔަތްގަންނާން ޖެހެއެވެ. 

ހަމަ އެ ފަދައިން ފަތިސް ނަމާދުގެ ވަގުތުވަނުން ވެސް ހިމެނެއެވެ. އެހެންކަމުން މިއީ ޝަރުޢީ ވަރަށް ބޮޑު ދެ ޙުކުމެވެ. ފަތިސް ނަމާދުކުރުމަށް ޓައި ވަގުތުވަދޭތޯ ބަލާން ޖެހެއެވެ. ރޯދައިގެ ވަގުތު ބަލާ މިންވަރަށް ވުރެ ބޮޑަށް ނަމާދުގެ ވަގުތު ވަދޭތޯ ބަލާން ޖެހެއެވެ. އެއީ ރޯދަހިފުމުގައި ރޯދަ ގެއްލޭ ކަންކަން ހިމެނެއެވެ. ރޯދަ ގެއްލޭ ކަންކަމުން ދުރުހެލިވެގެން ހުއްޓައި ފަހަރެއްގައި އެ ކަމުގައި ކުށެއް ކުރުވުނު ކަމުގައި ވިޔަސް ރޭގަނޑު ދެމިގެންވެއެވެ. އެހެން ނަމަވެސް ފަތިސް ނަމާދުގެ ވަގުތު ޖެހުމުގެ އެއް މިނިޓް ކުރީން ފަތިސް ނަމާދުކުރިކަމުގައި ވިޔަސް، އެއީ ފަތިސްނަމާދު އަދާކުރިކަމަކަށް ނުވާނެއެވެ. އެމީހާގެ އެ ނަމާދު ވަނީ ސުންނަތަކަށެވެ. ޒިންމާއިން ބަރީއައެއް ނުވާނެއެވެ.  

ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި  }وَلَيَالٍ عَشْرٍ{ގެ މުރާދަކީ ذي الحجة މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. ރޭތަކާއި ދުވަސްތަކަށް ވެސް ޢަރަބި ބަހުގައި މި ބަސް ބޭނުންކުރެއެވެ. ނުވަތަ ރޭތަކާއި ދުވަސްތަކެވެ. އަދި ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި }وَلَيَالٍ عَشْرٍ{ގެ މުރާދަކީ ރަމަޟާން މަހުގެ ފަހު ދިހައެވެ.  

އަދި އަނެއްބައި ޢިލްމުވެރީން ވިދާޅުވާ ގޮތުގައި }وَلَيَالٍ عَشْرٍ{ގެ މުރާދަކީ ذي الحجة މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. އެއީ މާތް ދުވަސްތަކެއްކަމުގައި ވާތީއެވެ. އެ ދިހަ ދުވަހާ ބެހޭ ގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ. (مَا مِنْ أَيَّامٍ العَمَلُ الصَّالِحُ فِيْهَا أحَبُّ إلى اللهِ مِنْ هَذِهِ الأَيَّامِ العَشْرِ) (أخرجه البخاري:٩٦٩)  މާނައީ: [މާތް ﷲ ގެ ޙަޟުރަތުގައި މި ދިހަ ދުވަހަށް ވުރެ ބޮޑަށް ހެޔޮ ޢަމަލުތައް ކުރުން، ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ.] އެހެން ރިވާޔަތެއްގައިވަނީ (ما مِن أيامٍ العملُ الصالحُ أحبُّ إلى اللهِ فيهِنَّ مِن هذه الأيامِ العشرِ. قالوا يا رسولَ اللهِ ولا الجهادُ في سبيلِ اللهِ قال ولا الجهادُ في سبيلِ اللهِ، إلا رجلٌ خرَج بنفسِه ومالِه ولم يَرجِعْ من ذلك بشيءٍ) (وأخرجه البخاري (٩٦٩)  މާނައީ: [މާތް ﷲގެ ޙަޟުރަތުގައި މި ދިހަ ދުވަހަށް ވުރެ ބޮޑަށް ހެޔޮ ޢަމަލުތައްކުރުން، ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ މާތް ﷲ ގެ ރަސޫލާއެވެ! މާތް ﷲ ގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސްތޯއެވެ! ޙަދީޘްކުރެއްވިއެވެ. މާތް ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މެއެވެ. އެހެނެއްކަމަކު އޭނާގެ ނަފުސާއި މުދަލާ ހިފައިގެން ޖިހާދަށް ނުކުމެ، އެއިން އެއްވެސް އެއްޗެއް ހިފައިގެން އެނބުރި ނާންނަ މީހާ ފިޔަވައެވެ.]

އަދި ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި }وَلَيَالٍ عَشْرٍ{ގެ މުރާދަކީ رمضان މަހުގެ ފަހު ދިހައެވެ. މި ތަނުގައި }لَيَالٍ{ގެ މާނައަކީ ރޭތަކެވެ. ދުވަސްތަކެއް ނޫނެވެ. އެ ބޭކަލުން ވިދާޅުވެފައިވަނީ އެއީ ރަމަޟާން މަހުގެ ފަހު ދިހައެވެ. އެ ރޭތަކުގައި ليلة القدر ހިމެނެއެވެ. އެ ރެޔާ ބެހޭ ގޮތުން މާތް ﷲ ވަޙީކުރައްވައިފައި ވަނީ މި ފަދައިންނެވެ. }خَيْرٌ مِنْ أَلْفِ شَهْرٍ{  މާނައީ: [އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑެވެ.] އަދި އެރެޔާ ބެހޭ ގޮތުން ވަޙީކުރައްވައިފައިވެއެވެ. }ليلة مُبَارَكَةٍ{  މާނައީ: [ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ.] އަދިވެސް ވަޙީކުރައްވައިފައިވެއެވެ. }فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ{ މާނައީ: [އެ ރޭ، ކަނޑައެޅިގެންވާ ކޮންމެ ކަމެއް ބަޔާންކުރައްވަތެވެ.] ފުރަތަމަ ބުނުމަށް ވުރެ މި ބުނުން ރާޖިޙުވެގެންވެއެވެ. އެހެން ނަމަވެސް ފުރަތަމަ ބުނުމަކީ ޖުމްހޫރުންގެ ބުނުމެވެ.  

}وَالشَّفْعِ وَالْوَتْرِ{ގެ މުރާދަކީ ހުރިހައި ޚަލްޤުތަކުންނެވެ. ހުރިހައި ޚަލްޤުތަކުން ހައްދަވަފައި ވަނީ ހިރި ތަކެއްޗާއި،  އޮނަހިރި ތަކެތީގެ ގޮތުގައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވަނީ }وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ{ (سورة الذاريات ٤٩) މާނައީ: [ކޮންމެ އެއްޗަކުން ތިމަންރަސްކަލާނގެ އަންހެން ފިރިހެން ދޭތި އުފެއްދެވީމެވެ.] އަޅުކަމުގައި ވެސް އޮތީ ހިރިކޮށާއި އޮނަހިރި ކޮށެވެ. އެހެންކަމުން }الشَّفْعِ وَالْوَتْرِ{ގެ މުރާދަކީ ކޮންމެ މަޚްލޫގެއް ވެސް ހައްދަވައިފައިވަނީ ހިރިކޮށާއި އޮނަހިރިކޮށެވެ. ޝަރުޢުކުރައްވައިފައިވާ ކަންކަން ވެސް ޝަރުޢުކުރައްވައިފައި ވަނީ ހަމަ އެ ފަދައިންނެވެ. އަދި }الشَّفْعِ{ގެ މުރާދަކީ ހުރިހައި ޚަލްޤުތަކުންކަމުގައި ވެސް ބަޔާންވެފައި ވެއެވެ. }الْوَتْرِ{ގެ މުރާދަކީ މާތް الله عز وجلއެވެ. 

 }الوتر{ މި ކަލިމައިގައި ޞައްޙަ ދެ ޤިރާޢަތް ވެއެވެ. އެއީ }والوِتر، والوَتر{  މި ދެ ގޮތެވެ. ވާވުގައި އިބިފިލިޖަހައިގެން ކިޔަވާ ޤިރާއަތާއި ވާވުގައި އަބަފިލިޖަހައިގެން ކިޔަވާ ޤިރާއަތެވެ. މި ދެ ގޮތަށް ކިޔެވުން ވެސް ޞައްޙަވާނެއެވެ.  

އަނެއްބައި ބޭކަލުން ވިދާޅުވާ ގޮތުގައި }الشَّفْعِ{ގެ މުރާދަކީ ޚަލްޤުތަކުންނެވެ. އެއީ ހުރިހައި މަޚްލޫޤުން އުފެދިފައިވަނީ ދެ އެއްޗަކުންކަމުގައި ވާތީއެވެ.  މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. }وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ{ (سورة الذاريات: ٤٩)  މާނައީ: [ކޮންމެ އެއްޗަކުން ތިމަންރަސްކަލާނގެ އަންހެން ފިރިހެން ދޭތި އުފެއްދެވީމެވެ.] ކީރިތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވަނީ މި ފަދައިންނެވެ. (إن الله وتر يحب الوتر) މާނައަކީ: [އެކަލާނގެއީ އޮނަހިރި އަދި އޮނަހިރިކަމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ.] 

}وَاللَّيْلِ إِذَا يَسْرِ{ އަދި ހަމައެފަދައިން ރޭގަނޑު ވޭތުވެދާ ހިނދު، އެ ރޭގަނޑު ގަންދެއްވައި ހުވައި ވަޙީ ކުރައްވައިފައިވެއެވެ. السريގެ މާނައަކީ ރޭގަނޑު ހިނގުމެވެ. ރޭގަނޑު ފެށިގެންދަނީ މަޣުރިބުން ފެށިގެން ފަޖުރުލުމާ ހަމައަށެވެ. ޒަމާން ހިނގަމުން ދެއެވެ. އަދި ހުއްޓެމުން ވެސް ދެއެވެ. އެއީ އަބަދު ވެސް ހިނގަހިނގައި ހުންނަ އެއްޗެކެވެ. އެ ވަގުތުތައް ގަންދެއްވައި ވަޙީކުރައްވައިފައިވަނީ އެ ވަގުތުގައި ހިމެނޭ އަޅުކަންތަކުންނެވެ. މިސާލަކަށް މަޣުރިބު ނަމާދާއި އިޝާ ނަމާދާއި، ޤިޔާމުއްލައިލިއާއި، ވިތުރިއާއި މި ނޫން ވެސް އަޅުކަންތަކެވެ. އަދި ހަމަ އެ ފަދައިން ރޭގަނޑުގައި ވަރަށް ޚާއްޞާ މުނާސަބާއެއް ވެއެވެ. އެއީ މާތް الله سبحانه وتعالي ކޮންމެ ރެއެއްގެ ވެސް ފަހުބައިގައި ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެން ވަޙީ ކުރައްވާނެއެވެ. (مَن يَسْأَلُنِي فَأُعْطِيَهُ، مَن يَسْتَغْفِرُنِي فأغْفِرَ لَهُ.) (البخاري ٧٤٩٤، ومسلم ٧٥٨)  މާނައީ: [އެމީހަކަށް ދެއްވުމަށް ޓަކައި ތިމަންރަސްކަލާނގެ ޙަޟުރަތުގައި ކަމަކަށް އެދި ދަންނަވަނީ ކާކުހެއްޔެވެ؟ އެ މީހެއްގެ ފާފަ ފުއްސަވައިދެއްވުމަށް ޓައި ތިމަންރަސްކަލާނގެ ޙަޟުރަތުގައި ފާފަ ފުއްސަވައިދެއްވުމަށް އެދި ދަންނަވަނީ ކާކުހެއްޔެވެ!] 

އެހެންކަމުން ރޭގަނޑުގެ ފަހު ބަޔަކީ ކަންކަމަށް އެދި އަޅުތަކުން ކުރާ ދުޢާ އިޖާބަކުރައްވާ ވަގުތެވެ. ތަހައްޖުދު ނަމާދަށް ތެދުވެ ދުނިޔެއާއި އާޚިރަތުގައި ފަލާޙާއި ކާމިޔާބު ދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާދަންނަވާން ޖެހެއެވެ. އެއީ އެ ދުޢާ ދަންނަވާ ވަގުތަކީ ފަހަރެއްގައި އަޅުތަކުން ކުރާ ދުޢާތައް އިޖާބަކުރެއްވުމަށް ކަނޑައަޅުއްވައިފައިވާ ވަގުތުކަމަށް ވެސް ވެދާނެތީއެވެ. 

މަޞްދަރު:https://alathar.net/home/esound/index.php?op=codevi &coid=62451 

ކޮމެންޓު