ad_banner
ޙައްޖު މަހުގެ ދިހަ ދުވަހުގެ މާތްކަމަށް ޝައުޤުވެރިވުން (2)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

27 މޭ 2025

ޙައްޖަކީ ތަފާތު އަޅުކަމެކެވެ.

(އިއްޔެގެ ނޫހާ ގުޅޭ)

މި ދިހަ ދުވަހު ކުރާނީ ކޮން ކަމެއް؟

1- ޛިކުރުކުރުން ގިނަކުރުން: މާތް ﷲ ވަޙީކުރެއްވިއެވެ. }وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ  لِّيَشْهَدُوا۟ مَنَٰفِعَ لَهُمْ وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍ مَّعْلُومَٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَٰمِ ۖ فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْبَآئِسَ ٱلْفَقِيرَ[1] - އަދި ކަލޭގެފާނު މީސްތަކުންނަށް حجއަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރު ތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ. އެއީ އެއުރެންނަށް ހުރި (دينى އަދި دنيوى) މަންފާތަކެއް ލިބިގަތުމަށް ޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّهގެ اسمފުޅު ހަނދުމަކޮށް އުޅުމަށެވެ. نعم ސޫފީގެ نعمة އެއުރެންނަށް ދެއްވިކަމަށް ޓަކައެވެ. ފަހެ، ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތި حالގައިވާ فقيرންނަށް (އެއިން) ކާންދޭށެވެ!.{ މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު ވިދާޅުވާ ގޮތުގައި [ކަނޑައެޅި އެނގިގެންވާ ދުވަސްތަކަކީ] އައްޔާމުއްތަޝްރީޤުގެ ދުވަސްތަކެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެފާނާއި އަބޫހުރައިރަތުގެފާނު ޙައްޖު މަހުގެ ދިހަ ދުވަހު ބާޒާރު މައްޗަށް ވަޑައިގެން ތަކުބީރު ވިދާޅުވެ މީސްތަކުން އެ ދެބޭކަލުންނާ އެކު، ތަކުބީރު ކިޔައި އުޅުނެވެ. ނަބިއްޔާ e ޙަދީސްކުރެއްވިއެވެ. ((ما مِن أيّامٍ أعظَمُ عِندَ اللهِ  ولا أحَبُّ إليه مِن العَمَلِ فيهنَّ مِن هذه الأيّامِ العَشرِ، فأكثِروا فيهنَّ مِن التَّهليلِ والتَّكبيرِ والتَّحميدِ [2] -  މި ދިހަ ދުވަހު ހެޔޮ ޢަމަލުކުރުމަށް ވުރެ ﷲގެ ޙަޟުރަތަށް ލޮބުވެތިކަން ބޮޑު އެކަލާނގެ ޙަޟުރަތުގައި މަތިވެރިކަން ބޮޑު ކަމެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން މި ދުވަސްތަކުގައި ތަހުލީލުކިޔުމާއި ތަކުބީރުކިޔުމާއި ތަޙްމީދުކުރުން ގިނަކުރާށެވެ!)) [3]  އެހެން ރިވާޔަތެއްގައި ތަސްބީޙަކިޔާ ވާހަކަ ވެސް އައިސްފައި ވެއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރަމަޟާންމަހަކީ ކީރިތި ޤުރްއާނުގެ ދަސްވާރުކަމުގެ ބުރެކެވެ. ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަދުވަހަކީ ޛިކުރުކުރުމުގެ ދަސްވާރުކަމުގެ ބުރެކެވެ. މި ޒަމާނަށް ބަލާ އިރު މިއީ ދިރުވާން ޖެހިފައިވާ ސުންނަތެކެވެ. ގިނަ ބަޔަކު މި ކަމަށް ސަމާލުކަން ނުދޭތީއެވެ.

ތަކުބީރުކިޔުމުގެ ޞީޣާތައް ވަރަށް ގިނައެވެ. ދިވެހީންގެ ތެރޭގައި މަޝްހޫރުވެފައިވާ އެއް ޞީޣާއަކީ:  الله أكبر كبيرًا، والحمد لله كثيرًا، وسبحان الله بكرةً وأصيلًا، الله أكبر، ولا نعبد إلا الله مخلصين له الدين، ولو كره الكافرون، لا إله إلا الله وحده، صدق وعده، ونصر عبده، وهزم الأحزاب وحده، لا إله إلا الله އެވެ. މާތްﷲ ރަޙްމަތްލެއްވި އަލްއިމާމު އަލްބުޚާރީ ވިދާޅުވާ ގޮތުގައި މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނު މިނާގައި އެކަލޭގެފާނުގެ ފޭލިގެކޮޅުގެ ތެރޭގައި އިންނަވައިގެން ހަރުއަޑުފުޅުން ތަކުބީރު ވިދާޅުވިއެވެ. މިސްކިތްތަކުގައި ތިބި މީހުން މި އަޑުފުޅު އިވިވަޑައިގެން އެބައިމީހުން ވެސް ތަކުބީރުކިޔޫއެވެ. މި ތަކުބީރުގެ އަޑުން މިނާގެ ބިން ގުގުމައިގެން ދިޔައެވެ. މާތް ﷲ އެ ކަމަނާއަށް ރުއްސުންލެއްވި މައިމޫނަތުގެފާނު ބޮޑު ޢީދު ދުވަހު މިސްކިތުގައި ތަކުބީރުވިދާޅުވިއެވެ. މިސްކިތުގައި ފިރިހެނުންނާ އެކު، އަންހެނުން ވެސް އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައި އަބާން ބުނު ޢުޘްމާނާއި ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ފަހަތްޕުޅުން ތަކުބީރު ވިދާޅުވިއެވެ.

2- ޤުރްއާން ކިޔެވުން ގިނަކުރުން: މި ބަރަކާތްތެރި ދުވަސްތަކުގައި ކީރިތި ޤުރްއާނާ އެކު، ވަގުތު ހޭދަކުރުން ގިނަކުރާށެވެ! ޤުރްއާނަށް އޮޅު މީހަކަށް ވެވޭތޯ ބަލާށެވެ! މާތް ﷲ ވަޙީކުރެއްވިއެވެ. (( إِنَّ ٱلَّذِينَ يَتْلُونَ كِتَٰبَ ٱللَّهِ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَٰهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَٰرَةً لَّن تَبُورَ[4] - ހަމަށަވަރުން، اللَّهގެ ފޮތް ކިޔަވައި، އަދި ނަމާދު قائمކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތީން ސިއްރާއި ފާޅުގައި ހޭދަކޮށް އުޅޭ މީހުންނީ، ގެއްލުންނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ.)) ޤުރްއާނުގެ ކޮންމެ އާޔަތަކާ މެދު ވިސްނާށެވެ! ކޮންމެ އަކުރެއްގައި ހިމެނޭ އަޖައިބުތައް ދިރާސާކުރާށެވެ! ޤުރްއާނުގެ ޝިފާއިން ހިތުގެ ބަލިތަކަށް ފަރުވާދޭށެވެ! މާތްﷲ ރަޙްމަތްލެއްވި ޢަބްދުﷲ ބުނު ޢުރްވަތުބުނުއްޒުބައިރު ވިދާޅުވިއެވެ. ((މާމާފުޅު އަސްމާއުގެފާނަށް އަހުރެން ދެންނެވީމެވެ. ކީރިތި ޤުރްއާނުގެ އަޑު އަޞްޙާބުބޭކަލުންނަށް އިވިވަޑައިގަންނަވާ އިރު، އެބޭކަލުންގެ ޢަމަލުފުޅުތައް ހުންނަނީ ކިހިނެއްތޯއެވެ؟ ވިދާޅުވިއެވެ. މާތް ﷲ އެ ބޭކަލުން ސިފަކުރައްވައިފައިވާ ފަދައިން އެބޭކަލުންގެ ލޯފުޅުތަކުން ކަރުނަފޮދު އާދެއެވެ. ގައިކޮޅުތަކުން ހީބިހި ނަގައި ތުރުތުރުއަޅައިގެންދެއެވެ.

3- ނަމާދަށް ފަރުވާ ބެހެއްޓުން: މި ފަދަ ބަރަކާތްތެރި ދުވަސްތަކުގައި ނަމާދުކުރުމަށް ފަރުވާ ބަހައްޓާންވާނެއެވެ. ނަމާދުތައް ފުރިހަމަކޮށް ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((حَٰفِظُوا۟ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلْوُسْطَىٰ وَقُومُوا۟ لِلَّهِ قَٰنِتِينَ[5] - ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائم ވެ ތިބޭށެވެ!)) މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދު ވިދާޅުވިއެވެ. ( سَأَلْتُ رَسُولَ اللَّهِ ‏‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏قُلْتُ يَا رَسُولَ اللَّهِ ‏أَيُّ الْعَمَلِ أَفْضَلُ قَالَ الصَّلَاةُ عَلَى مِيقَاتِهَا قُلْتُ ثُمَّ أَيٌّ قَالَ ثُمَّ بِرُّ الْوَالِدَيْنِ قُلْتُ ثُمَّ أَيٌّ قَالَ الْجِهَادُ فِي سَبِيلِ اللَّهِ فَسَكَتُّ عَنْ رَسُولِ اللَّهِ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏وَلَوْ اسْتَزَدْتُهُ لَزَادَنِي[6]  - ރަސޫލާ e އާ އަހުރެން ސުވާލުކުރީމެވެ. އަހުރެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއޭވެ!އެންމެ މާތް ޢަމަލަކީ ކޮބައިތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ނަމާދު އޭގެ ވަގުތުގައި ކުރުމެވެ. އަހުރެން ދެންނެވީމެވެ. ދެން ކޮން ކަމެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އެއަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. އަހުރެން ދެންނެވީމެވެ. ދެން ކޮން ކަމެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމެވެ. އަހުރެން އިތުރަށް ދެންނެވި ނަމަ އެކަލޭގެފާނު މަށަށް އިތުރުކޮށް ދެއްވާނެއެވެ.))

4- ރޯދަހިފުން: ރަސޫލާ e ޙައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަފުޅު ހިއްޕެވިއެވެ. ރަސޫލާ eގެ ބައެއް އަނބިއަނބިކަނބަލުންގެ އަރިހުން ރިވާކުރެއްވިގެންވާ ގޮތުގައި އެކަލޭގެފާނު ޙައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހާއި ޢާޝޫރާދުވަހާއި ކޮންމެ މަހެއްގެ 13އާއި 14އާއި 15ވަނަ ދުވަހާއި ކޮންމެ ހަފުތާއެއްގެ ހޯމަދުވަހާއި ބުރާސްފަތި ދުވަހު ރޯދަފުޅުހިއްޕެވިއެވެ."[7] މާތް ﷲ ރަޙްމަތްލެއްވި ނަވަވީގެފާނު ވިދާޅުވާ ގޮތުގައި [ޙައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަހިފުމަކީ ސުންނަތްކަން ވަރަށް ބޮޑުވެގެންވާ ކަމެކެވެ.]

5- ދަމުނަމާދުކުރުން: ދަމުނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. ދަމުނަމާދާ ބެހޭ ގޮތުން ރަސޫލާ e ޙަދީސްކުރެއްވިއެވެ. ((من قامَ بعشرِ آياتٍ لم يُكتب منَ الغافلينَ  ومن قامَ بمائةِ آيةٍ كتبَ منَ القانتينَ  ومن قامَ بألفِ آيةٍ كتبَ منَ المقنطرينَ[8] - ދިހަ އާޔަތުގެ މިންވަރަށް ޤިޔާމުކުރިމީހާ ޣާފިލުންގެ ތެރޭގައެއް ނުލިޔުއްވާނެތެވެ. ސަތޭކަ އާޔަތުގެ މިންވަރަށް ޤިޔާމުކުރިމީހާ ﷲއަށް ކިޔަމންގަތް މީހުންގެ ތެރޭގައި ލިޔުއްވާނެއެވެ. އެއްހާސް އާޔަތުގެ މިންވަރަށް ޤިޔާމުކުރި މީހާއަށް ހަންދަރެއްގެ ސަވާބު ދެއްވާ މީހުންގެ ތެރޭގައި ލިޔުއްވާނެއެވެ.))

6- އުޟުޙިޔާ ކަތިލުން: މި ދިހަދުވަހުގެ ތެރޭގައި ކުރެވިދާނެ ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ﷲގެ ވަޖްހުފުޅު އަދައިގެން އުޟުޙިޔާ ކަތިލުން ވެއެވެ. އުޟުޙިޔާ ކަތިލުން ސުންނަތްވެގެން ވަނީ ޢީދުނަމާދަށް ފަހުގައެވެ. ރަސޫލާ e ޙަދީސްކުރެއްވިއެވެ. ((مَن ذَبَحَ  قَبْلَ الصَّلاةِ  فإنَّما ذَبَحَ لِنَفْسِهِ، ومَن ذَبَحَ بَعْدَ الصَّلاةِ   فقَدْ تَمَّ نُسُكُهُ، وأَصابَ سُنَّةَ المُسْلِمِينَ[9] – ނަމާދުގެ ކުރީން ކަތިލި މީހާ ފަހެ ހަމަކަށަވަރުން އޭނާ އެ ކަތިލީ އޭނާގެ އަމިއްލަ ނަފުސަށެވެ. ނަމާދަށް ފަހު ކަތިލި މީހާ ފަހެ ހަމަކަށަވަރުން އޭނާގެ މަނާސިކު ފުރިހަމަކޮށްފިއެވެ. އަދި އޭނާ މުސްލިމުންގެ ސުންނަތް ޙާޞިލުކޮށްފިއެވެ.)) ކީރިތި ރަސޫލާ ބޮޑުޢީދު ދުވަހު ދަޅު ހުރި ދެ ކަންބަޅި ބަކަރި ކަތިލެއްވިއެވެ. އެކަލޭގެފާނު މި ދޭތި ކަތިލެއްވީ ބިސްމި ވިދާޅުވެ ތަކުބީރު ވިދާޅުވަމުންނެވެ.

ޞާލިޙު ޢަމަލުތަކަކީ މި ގޮތަށް ލިސްޓުކުރެވޭ ވަރަށް ވުރެ މާ ގިނަ ކަންތައްތަކެކެވެ. ހެޔޮ ބަހަކީ ޞަދަޤާތެކެވެ. ތިބާގެ އަޚާގެ ކުރިމަތީގައި ހިނިތުންވެލުމަކީ ޞަދަޤާތެކެވެ. ފުރުޞަތުގެ ބޭނުންކުރައްވާށެވެ! (ނިމުނީ)

 

މަރުޖާ:   


[1]  - الحج: 27- 28

[2]  - أخرجه أحمد (٥٤٤٦)، والدارقطني في ((العلل)) (١٢/٣٧٦)

[3]  - ތަހުލީލަކީ : لا إله إلا الله  އެވެ. ތަޙްމީދަކީ :   الحمد لله  

[4]  - فاطر: 29

[5]  - البقرة: 238

[6] - صحيح البخاري  (حديث رقم: 2782 )

[7]  - أخرجه أبو داود (٢٤٣٧)، والنسائي (٢٣٧٢)، وأحمد (٢٦٤٦٨

[8]  - أخرجه أبو داود (١٣٩٨)، وابن خزيمة (١١٤٤)، وابن حبان (٢٥٧٢)

[9]  -  أخرجه البخاري (٥٥٤٦)، ومسلم (١٩٦٢)

ކޮމެންޓު