ad_banner
ކީރިތި ޤުރުއާނުގެ ހިޔަލުގައި

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

27 މޭ 2025

ޤުރުއާނުގެ ހޔަލުގައި

މިއަދު އެ އާޔަތެއްގެ ހިޔަލުގައި އިށީނދެލައި އެ އާޔަތުގެ މައްޗަށް ވިސްނައިލާން ގަސްދުކުރާ އާޔަތަކީ އާލުޢިމްރާނުގެ 92ވަނަ އާޔަތެވެ. އާދެ، }لَنْ تَنَالُوا الْبِرَّ حَتَّى تُنْفِقُوا مِمَّا تُحِبُّونَ وَمَا تُنْفِقُوا مِنْ شَيْءٍ فَإِنَّ اللَّهَ بِهِ عَلِيمٌ{ މި އާޔަތެވެ.

އެންމެ ފުރަތަމަ އާޔަތުގެ މާނައިގެ މައްޗަށް ކަޅިއެއް އެއްލަމާހެއްޔެވެ؟ "އެ އެއްޗިއްސަށް، ކަލޭމެން ލޯބިކުރާ (މުދަލާއި ފައިސާ ފަދަ، އެބަހީ އެއަށް ބޭނުން ޖެހިފައިވާ) އެއްޗެހީން، (އެހެން މީހުންނަށް) ހޭދަކުރުމަށް ދާންދެން ކަލޭމެންނަށް ހެޔޮކަމެއް ކުރެވުނުކަމުގައެއް ނުވާނެއެވެ. ކަލޭމެން އެއްވެސް އެއްޗެއް ހޭދަކޮށްފި ނަމަ އެ ކަން މާތް ﷲ ރަނގަޅަށް ދެނެވޮޑިގެން ވެއެވެ."

މި އާޔަތް ފަހުމުކޮށް ދެނެގަތުމަށް ޓަކައި މި އާޔަތުގައި އައިސްފައިވާ ދެ އިބާރާތެއްގެ މައްޗަށް ނަޒަރު ހުއްޓައިލާން ޖެހެއެވެ. އެންމެ ފުރަތަމަ ލަފުޒަކީ الْبِرَّ (ހެޔޮކަން) މި ލަފުޒެވެ. ދެން އޮތް އިބާރާތަކީ }حَتَّى تُنْفِقُوا مِمَّا تُحِبُّونَ{ (އެ އެއްޗިއްސަށް، ކަލޭމެން ލޯބިކުރާ (މުދަލާއި ފައިސާ ފަދަ) އެއްޗެހީން، (އެހެން މީހުންނަށް) ހޭދަކުރުމަށް ދާންދެން) މިއެވެ.

الْبِرَّ މި ލަފުޒުގެ މާނަ އެ އޮތީ ލިޔެވިފައެވެ. ހެޔޮކަމެވެ. ހެޔޮކަމަކީ ކޮބައިހެއްޔެވެ؟ އެއީ ޖާމިއު ލަފުޒެކެވެ. މާނައަކީ އެތައް މާނަތަކެއް އޭގައި އެކުލެވި ޖަމާކުރެވިފައިވާ ލަފުޒެކެވެ. ކޮން ކަހަލަ މާނަތަކެއްހެއްޔެވެ؟ ހެޔޮ، ރަނގަޅު ކަންކަމޭ ބުނެވޭ ހުރިހައި ކަމެކެވެ. މި ލަފުޒުގެ އިތުރު ތަފުސީލު އެހެން އާޔަތެއްގައި ބަޔާން ކުރެވިފައި ވެއެވެ. އެއީ ބަޤަރާ ސޫރަތުގެ 177 ވަނަ އާޔަތެވެ. އެ އާޔަތުގެ މި ފަދައިން البرގެ މާނަ ބަޔާންކޮށްދެވިފައި ވެއެވެ. }ليس البر أن تولوا وجوهكم قبل المشرق والمغرب ولكن البر من آمن بالله واليوم الآخر والملائكة والكتاب والنبيين وآتى المال على حبه ذوي القربى واليتامى والمساكين وابن السبيل والسائلين وفي الرقاب وأقام الصلاة وآتى الزكاة والموفون بعهدهم إذا عاهدوا والصابرين في البأساء والضراء وحين البأس أولئك الذين صدقوا وأولئك هم المتقون.{ މާނައީ [ހެޔޮކަމަކީ އިރުމަތި ފަރާތަށް ނޫނީ ހުޅަނގު ފަރާތަށް ތިޔަބައި މީހުންގެ މޫނުތައް ކުރިމަތިކުރުމެއް ނޫނެވެ. ނަމަވެސް ހެޔޮކަން ކުރާ މީހުންނަކީ މާތް ﷲއަށާއި އާޚިރަށް ދުވަހަށާއި މަލާއިކަތުންނަށާއި (ބާވައިލެއްވި) ފޮތަށާއި ނަބީބޭކަލުންނަށް އީމާންވާ މީހުންނެވެ. އަދި، ފައިސާއަށް ލޯބިކުރުން ހުރި އިރު ވެސް، (އެބަހީ އެ ފައިސާއަށް ބޭނުންޖެހިފައިވާ ހިނދު ވެސް) ގާތް ތިމާގެ މީހުންނަށާއި ޔަތީމުންނަށާއި (މުހުތާދުވެރި) މިސްކީނުންނަށާއި ދަތުރުވެރިންނަށާއި އެހީއަކަށް އެދޭ މީހުންނާއި އަޅުން މިނިވަން ކުރުމަށް އެ ފައިސާ ހޭދަ ކުރާ މީހުންނެވެ. އަދި ނަމާދު ގާއިމުކޮށް ޒަކާތްދީ އަހުދެއް ވެއްޖެ ނަމަ އެ އަހުދު ފުއްދުމުގައި ދެމިހުންނަ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުތަކުގައި ވެސް ކެތްތެރިވާ މީހުންނެވެ. (ކީރިތި ގުރުއާނަށާއި ކީރިތި ރަސޫލާގެ ރިސާލަތަށް) ތެދުވެރިވި މީހުންނަކީ ވެސް އަދި ތަގުވާވެރިންނަކީ ވެސް ހަމަ މި މިހުންނެވެ.]

އާދޭހެވެ! މި އާޔަތުން البرގެ ތަފުސީލީ ތައާރުފެއް ލިބެއެވެ. މި އާޔަތުގެ މުރާދަކީ ކޮބައިހެއްޔެވެ؟ މި ސުއާލުގެ ޖަވާބު ލިބިގަތުމަށް ޓަކައި ދީނުގެ އުނގަންނައިދިނުންތައް މެދުވެރިކޮށް ވާސިލުކުރުވުން އެދޭ އަމާޒުފަތްގަނޑަކީ ކޮބައިތޯ ބަލައިލާން ޖެހެއެވެ. ދީނީ އުނގަންނައިދިނުންތަކަށް ތަބާވުމުގެ ބޭނުމަކީ ކޮބައިކަން ހިތަށް ގެންނާން ޖެހެއެވެ. އާދޭހެވެ! އެ މަގުސަދު ގުޅެނީ ދެ ކަމަކާއެވެ. މުއުމިނާ ހެޔޮ ލަފާ މީހަކަށް ހަދައިލުމެވެ. އަދި، މުއުމިނުންގެ މުޖުތަމައަކީ އެކަކު އަނެކަކަށް އަޅައިލައި، މުޖުތަމައިން ފަގީރުކަމާއި މުހުތާދުކަމާއި ނިކަމެތިކަން ފިލުވާލައި، މުޖުތަމައުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުކުރުމެވެ. މި އާޔަތް - އެބަހީ ބަގަރާ ސޫރަތުގެ 177 ވަނަ އާޔަތް - ބުނެދެނީ އިސްލާމީ ރިސާލަތު ތެދުކޮށް ގަބޫލުކޮށް ހެޔޮލަފާ ތަގުވާވެރީންނަށް ވުން ބިނާވަނީ ހަމައެކަނި ބޭރު ފުށުގެ ދީނީ ޝިއާރުތައް އަދާކުރުމުގެ މައްޗަކަށް ނޫންކަމެވެ. އާދެ، "މޫނުތައް އެ ފަރާތަށް ނޫނީ މި ފަރާތަށް ކުރިމަތިކުރުމުގެ މައްޗަކަށް"ނޫންކަމެވެ. މިސާލަކަށް ނަމާދާއި ރޯދަ ފަދަ އަޅުކަންކުރުން ފުރިހަމަ ވާނީ އެ އަޅުކަންކުރުމުގެ މަގުސަދުކަމުގައިވާ ހެޔޮ ލަފާ މީހަކަށް ވުން، މި ކަން ހާސިލުވެގެން ކަމެވެ. ތިމާ އަޅާ ހެދުމަކުން، ނުވަތަ ތިމާގެ ބޭރު ފުށް ދައްކާ މަންޒަރަކުން، ތިމާ އިއްފަތްތެރިވެ ނޫނީ ތިމާ ތަގުވާވެރިވެގެން ނުދާނޭކަމެވެ. ނަމަވެސް އެ ކަން ހާސިލުވާނީ އެ ކަން ހާސިލުކުރުމަށް މަސައްކަތްކޮށް އެ ކަން ހާސިލުވުމުގެ މަގު ކޮށައި އެ މަގުން ހިނގައިގެންކަމެވެ. މި އާޔަތުގައި ނަންގަނެވިފައިވާ ކަންކަން ހާސިލުކުރެވިގެންކަމެވެ. އާދޭހެވެ! އީމާންވެ، އެ އީމާންކަން މަތީ ހެޔޮ އަމަލު ކޮށްގެން ކަމެވެ.

ބަގަރާ ސޫރަތުގައި އިޝާރަތް ކުރެވިފައިވާ އަމަލީ ހެޔޮ އަމަލުތަކުގެ ތެރެއިން އެންމެ އިސްކަން ދެވޭ އެއް އަމަލީ ހޭދަކުރުމެވެ. މަތީގައި ބަޔާން ކުރެވިފައިވާ އާލު ޢިމްރާނުގެ 92ވަނަ އާޔަތުން ދޭހަވާ ފަދައިންނެވެ. އާދެ، އީމާންވެ، ހެޔޮ އަމަލުކުރާ ކަމުގެ އެންމެ ބޮޑު ހެތްކަކީ މުދަލާއި ފައިސާއިން އެހެން މީހުންގެ މައްޗަށް ހޭދަކުރުމެވެ. މި އާޔަތުގެ މިފުތާހީ ދެވަނަ އިބާރަތުގައި އޮތް ފަދައިންނެވެ. އާދެ، }حَتَّى تُنْفِقُوا مِمَّا تُحِبُّونَ{ (އެ އެއްޗިއްސަށް، ކަލޭމެން ލޯބިކުރާ (މުދަލާއި ފައިސާ ފަދަ) އެއްޗެހިން، (އެހެން މީހުންނަށް) ހޭދަ ކުރުމަށް ދާންދެން) މިއެވެ.

އާދޭހެވެ! މި އާޔަތް އިޝާރަތްކުރަނީ މުއުމިނުން ވާންޖެހޭނީ މުއުމިނުންގެ ޖަމާއަތުގައި ހިމެނޭ އެންމެނަށް ވެސް އަޅައިލާ މީހުންނަށެވެ. މުއުމިނުންނަކީ މުޅި ދުނިޔެ، އެ މީހުންގެ ވަށައިގެން އެނބުރޭން ޖެހޭނޭ އެއްޗެއްކަމުގައި ދެކޭ މަވެތި ބަޔެއް ނޫންކަމެވެ. އެ މީހުންގެ ޖަމާއަތުގެ ހުރިހާ އަފުރާދުންނަކީ ވެސް އެ މީހުންގެ އަސާސީ ބޭނުންތައް - ރޯޓީ، ކަޕަޅާ އައުރު މަކާން – މި ކަންކަން ފުރިހަމަވެފައި އޮންނާން ޖެހޭނޭ ބަޔެއްކަން، ގަބޫލުކޮށް އެ އަމާޒަށް ވާސިލުވުމަށް އަބަދު ވެސް މަސައްކަތް ކުރާ ބަޔެއްކަމެވެ.

ކޮމެންޓު