އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
30 މޭ 2025
އިނގިރޭސި ރައްޔިތެއްކަމަށްވާ މީމީ ނިކްލިން، ދިވެހިރާއްޖޭގެ ތިމާވެށީގެ ދުވަހުގެ ޚާއްޞަ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގަތުމަކީ ވަރަށް ޚާއްޞަ ކަމެކެވެ. އެހެނީ އެއީ އާދައިގެ ޝަޚުޝިއްޔަތެއް ނޫނެވެ. އެއީ އެންމެ ގިނައިން މީހުން ގަންނަ ފޮތްތައް ލިޔުއްވާ މަޝްހޫރު މުޞައްނިފެކެވެ. (ބެސްޓް ސެލިން އޯތަރއެކެވެ.)
އޭނާ ލިޔުއްވައި މަޝްހޫރުވެފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި "ސޮފްޓަނިންގ ދި އެޖް"އާއި "އެމްޕަތީ އެޓް ވަރކް" ފަދަ ކިތަންމެ ފޮތެއް ހިމެނެއެވެ. ބައިނަލްއަޤުވާމީ އިސްވާރުކަމުގައި 18 އަހަރު ތަޖުރިބާކޮށްފައިވާ މީމީ ވަނީ މުއާޞަލާތާއި އިސްވާރުކަމާއި ވިޔަފާރި ސަގާފަތުގައި އަންދަރުދީ (އެމްޕަތީ) ހިމެނުމުގައި ކޮށްފައިވާ އަގުހުރި މަސައްކަތުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި އެ ކަން ފާހަގަކޮށް އޭނާއަށް ޝުހުރަތު ލިބިފައެވެ. އޭނާއަކީ އަންދަރުދީ (އެމްޕަތީ)ގެ ދާއިރާއިން އަޑުއުފުލައި މީހުން ހޭލުންތެރިކުރުމުގައި މަޝްހޫރު ޝަޚުޞިއްޔަތެކެވެ. ލޯގޯ ތަރައްގީކުރުމުގެ ދާއިރާގައި މާކެޓިން ކޮންސަލްޓެންޓެކެވެ. ދާދި ފަހުން އޭނާވަނީ މަސައްކަތުގެ މާޙައުލުގެ އިސްވާރުކަމުގެ އެއްވަނަކަމަށް ހޮވައިފައެވެ.
މީމީ ނިކްލިނަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްފައިވާ "އެމްޕަތީ އެޑްވޮކޭޓް"އެކެވެ. "އޮގަނައިޒޭޝަނަލް ސްޓްރެޓިޖިސްޓް"އެކެވެ. މި ދާއިރާއިން 20 ހާހަށް ވުރެ ގިނަ އިސްވާރުން ތަމްރީނުކޮށްފައެވެ. އެއީ އެކި މުއައްސަސާތަކާއި ސަރުކާރުތަކާއި ކުންފުނިތަކާއި ބައިނަލްއަގުވާމީ މުއައްސަސާތަކުގައެވެ. މި ތަންތާގެ ޢަދަދު 500 އަށް ވުރެ އިތުރުވެއެވެ.
އޭނާ މަސައްކަތްކުރި އިދާރާތަކުގެ ތެރޭގައި ކޮކާކޯލާ ކުންފުންޏާއާއި ޔުނިލެވަރއާއި ވިލާތު އިއްތިޙާދާއި ވައިޕީއޯއާއި ލަންޑަންގެ މެޓްރޯޕޮލިޓަން ފުލުސް ޚިދުމަތް ހިމެނެއެވެ.
މީމީވަނީ މެލޭޝިއާގައި އެންމެ މޮޅު ކީނޯޓް ސްޕީކަރގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި ސްރީލަންކާގައި އެންމެ މޮޅު 45 އިސްވާރުންގެ ތެރޭގައި ހިމެނިވަޑައިގެންފައެވެ. މީނީ ވަނީ ލަންޑަންގެ އެކި ހިސާބުތަކުގައި ދިރިއުޅުއްވައި އަދި މަސައްކަތްކުރައްވައިފައެވެ. މީގެ އިތުރަށް ހޮންކޮންގާއި ޖޮހޮނަސް ބާރގާއި ސިންގަޕޫރާއި ދުބާއީއާއި ކޮޅުނބާއީ މިހާރު މީމީ ދިރިއުޅުއްވާ ކުއަލާލުމްޕޯރގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވައިފައެވެ. އޭނާ މަސައްކަތްކުރެއްވި ކޮންމެ ކަންކޮޅެއްގައިވަނީ ހަގީގަތުގައި ބައިނަލްއަގުވާމީ ނަޒަރަކުން އަލިއަޅުއްވައިލައްވައި އަންދަރުދީގެ މައްޗަށް މީހުން ޝައުޤުވެރިވަނިވި ގޮތަކަށް މީހުން ހޭލުންތެރިކުރައްވައިފައެވެ.
މި މަޝްހޫރު ޢިމްލުވެރިޔާ އަދި ބައިނަލްއަޤުވާމީ އިސްވާރު ހިމެނިވަޑައިގަންނަވާ ޚާއްޞަ ޕެނެލް ޑިސްކަޝަނެއް މި އަހަރުގެ ތިމާވެށީގެ ދުވަސްކަމަށްވާ ޖޫން މަހު ފަސްވަނަ ދުވަހު ބާއްވާ ގޮތަށް ފަރަގު އެކެޑެމިކް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ފަރަގު އެކެޑެމީއިން އިންތިޒާމުކުރައްވައިފައިވާ ކަމީ ވަރަށް ބޮޑު ޝަރަފެކެވެ.
މި އަހަރުގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ވެބިނާރުގައި މީމީ ނިކްލިންގެ އިތުރަށް ޕިކްމޯލްޑިވްސްގެ ފައުންޑަރ ރިޢާޔަތު ޢަބްދުލްމަޖީދާއި ކްލީންމޯލްޑިވްސްގެ ރައީސް އަދި މުއައްސިސް ޙަފުސަތު ޢަލީމް ވެސް ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ތިމާވެށީގެ ދުވަހު 10:00ގައި ބާއްވާ މި ވެބިނާރުގެ މައިގަނޑު ޝިޢާރަކީ [ފްރޮމް ޕްލާސްޓިކް ޓު ޕަރޕޮސް: އެމްޕަތީ ޑްރިވަން ޓޫރިޒްމް ފޮރ އަ ސަސްޓެއިނެބްލް މޯލްޑިވްސް]އެވެ. މި މައިގަނޑު ޝިޢާރުގެ ދަށުން ޕެނަލިސްޓުން މަޝްވަރާކުރައްވާން ހަމަޖެހިފައިވާ މައި ޝިޢާރުތަކަކީ:
· ޕްލާސްޓިކާ ނުލައި ފަތުރުވެރިކަން (Plastic-free Tourism)
· ދެމެހެއްޓެނިވި ތަރައްގީ (Sustainable Development)
· ޢަމަލުން އަންދަރުދީ (nEmpathy in Actio)
· ދައުރުވާ އިގުތިސާދު (Circular Economy) މި ޝިޢާރުތަކެވެ.
ވީމާ، މަޝްހޫރު މުޞައްނިފު މީމީ ނިކުލިންގެ ކުޅަދާނަފުޅުކަން ތަޖުރިބާ ކޮށްލެއްވުމަށް ޓަކައި މި މަހު ފަސްވަނަ ދުވަހު 10:00އަށް އިންތިޒާރުކޮށްލައްވާށެވެ!
މި ޙަރަކާތް އިންތިޒާމުކުރީ ފަރަގު އެކެޑެމިކް ސަރވިސަސްއާއި، ފަރަގު އެކެޑެމީގެ ފަރާތުންކަމަށް ވިޔަސް އިވެންޓު ރޭވުމުގައި ޙަރަކާތްތެރިވީ ކްރިއޭޓިވް އެންޑް ޕީއާރ ކޮންސަލްޓެންޓްސްއާ ގުޅިގެން އާރ.އެޗް ކޮންސަލްޓިންގެ ފަރާތުންނެވެ.