ad_banner
މޮރިޓޭނިއާގެ ޙައްޖުވެރީން ދަތުރުކުރި ބޯޓެއް ވެއްޓުނު ވާހަކައަކީ ތެދެއްތަ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

29 މޭ 2025

މޮރިޓޭނިއާގެ ޙައްޖުވެރީން ދަތުރުކުރި ބޯޓެއް ވެއްޓުނީތަ؟. (ފޮޓޯ: މީސްމީޑިއާ)

މޮރިޓޭނިއާއިން މި އަހަރު ޙައްޖަށް ދިޔަ މީހުން ދަތުރުކުރި މަތީންދާބޯޓެއް ވެއްޓި އެ ބޯޓުން ދަތުރިކުރި 210އަށް ވުރެ ގިނަ މީހުން [ޝަހީދުވެފައިވާ]ކަމަށް ބުނާ ޚަބަރެއް މި ދިޔަ ދެ ދުވަހެއްގެ ތެރޭގައި މީސްމީޑިއާގައި ވިރަވިއެވެ. އެ ޚަބަރުގައި ވެއްޓުނު ބޯޓުކަމަށް ބުނެ ހުޅުހިފައިފައިވާ މަތީންދާ ބޯޓެއްގެ ފޮޓޯ ވެސް ހިއްސާކޮށްފައިވެއެވެ. މި ފޮޓޯއާއި ޚަބަރު އެތައް ބަޔަކު އަލުން ޙިއްސާކޮށް ހަދައިފައިވެއެވެ. އަދި މި ޚަބަރަށް ވަރަށް ގިނަ މީހުންނަށް ކޮމެންޓުކޮށް [ޝަހީދުވި] މީހުންނަށް ފާފަފުއްސަވައި ރަޙުމަތްލެއްވުން އެދި ދުޢާކޮށްފައި ވެސް ވެއެވެ. ނަމަވެސް އަޅުގަނޑަށް އިތުބާރުކުރެވޭ މަރުޖާއަކުން ނުވަތަ އެ ނޫން ވެސް މަސްދަރަކުން އެ ޚަބަރު އިވިފައިނުވާތީ އަޅުގަނޑެއް އެ ޕޯސްޓުތަކަށް ކޮމެންޓެއް ނުކުރަމެވެ.

މި ޚަބަރު މުޅި މީސްމީޑިއާގައި ވިރަވެފައިވަނިކޮށް އެއީ ދޮގެއްކަމަށް ބުނެ [ބްލޫޕްރިންޓް.ކޮމް]ގައި އޮތް ޚަބަރެއް އަޅުގަނޑަށް ފެނުނެވެ. މޮރިޓޭނިއާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޙައްޖާ ބެހޭ މުދީރު އަލްވާލީ ޠާޙާއާ ޙަވާލާދީ ލިޔެފައިވާ އެ ޚަބަރުގައި ބުނެފައިވަނީ މޮރިޓޭނިއާގެ ޙައްޖުވެރީން ގޮވައިގެން ދަތުރުކުރި (ނުވަތަ އެ ނޫން ވެސް) މަތީންދާބޯޓެއް ވެއްޓި ޙައްޖުވެރީންތަކެއް [ޝަހީދުވި]ކަމަށް ބުނާ ޚަބަރަށް އަލްވާލީ ޠާހާ އިންކާރުކުރައްވާކަމަށެވެ. އަދި މޮރިޓޭނިއާގެ ހުރިހައި ޙައްޖުވެރީން، ނޭދެވޭ އެއްވެސް ހާދިސާއަކާ ކުރިމަތި ނުވެ، އަމާންކަމާއި ސަލާމަތާ އެކު، މުގައްދަސް ބިމަށް (މައްކާއަށް) ފޯރައިފައިވާކަމަށެވެ.

ހަމަ މި ފަދައިން މޮރިޓޭނިއާ އެއަރލައިންގެ ފަރާތުން ވެސް ކަށަވަރުކޮށްދީފައިވާ ގޮތުގައި ހުރިހައި ޙާއްޖުވެރީން ވަނީ ސަލާމަތާއި ރައްކާތެރިކަމާ އެކު، ސުޢޫދީ ޢަރަބިއްޔާއަށް ދަތުރުކޮށްފައެވެ. އަދި ތާވަލުކޮށްގެން އުދުހިފައިވާ އެއްވެސް މަތީންދާބޯޓަކަށް އެއްވެސް ކަހަލަ ހާދިސާއަކާ ކުރިމަތިވެފައިވާކަމުގެ އެއްވެސް ރިޕޯޓެއް އެ އިދާރާއަކަށް ލިބިފައިނުވާކަމަށެވެ.

އެ ކުންފުނީން އިތުރަށް ސާފުކޮށްދީފައިވާ ގޮތުގައި މި އަހަރުގެ ޙައްޖު މޫސުމާ ދިމާކޮށް އެ ކުންފުނީން އޮޕަރޭޓުކޮށްފައިވަނީ ތިން މަތީންދާބޯޓެކެވެ. [މޮރިޓޭނިއާ ޙައްޖުވެރީން ދަތުރުކުރި މަތީންދާ ބޯޓެއް ރަތްކަނޑުގެ އައސޭރިއަށް ވެއޓިފައިވާކަމަށް ބުނެ ދައުރުވަމުންދާ ޚަބަރުތަކަކީ ކަނޑައެޅިގެން ދޮގު ޚަބަރުތަކެކެވެ.]

މި ބާވަތުގެ (އަދި މި ނޫން ވެސް) ޚަބަރުތައް، އޭގެ ޞައްޙަކަން ކަށަވަރު ނުކޮށް މުޅި މީސްމީޑިއާގައި ދައުރުކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އޭގެ ސަބަބުން މީސްތަކުންނަށް ކރާނެ އަސަރާއި ލިބޭނެ ގެއްލުންތަކާ މެދު މުސްލިމުން ވިސްނައިލާން ޖެހެއެވެ. މާތް ﷲ ވަޙީކުރައްވައި މުސްލިމުންނަށް ކުރައްވައިފައިވާ އަމުރުފުޅުގައި ވަޙީކުރައްވައިފައިވަނީ މި ފަދައިންނެވެ. }يَا أَيُّهَا الَّذِينَ آمَنُوا إِن جَاءكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ{ ("އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް فاسقއަކު خبرއަކާއިގެން އަތުވެއްޖެ ނަމަ، އޭގެ ދޮގުތެދު ބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގި ތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެ ނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.") (سورة الحجرات:6)

މި އާޔަތުގައި މާތް ﷲ ދެއްވައިފައި މި ވަނީ ހަމައެކަނި އިރުޝާދެއް ނޫނެވެ. މިއީ އަމުރުފުޅެކެވެ. އެހެންވީމާ، މިއީ މުސްލިމުން ޢަމަލުކުރާން ޖެހޭނެ އަމުރުފުޅެކެވެ. މާތް ﷲގެ އަމުރުފުޅުތަކަށް ޢަމަލުކުރުމަކީ ވާޖިބެކެވެ. މި ފަދަ އަމުރުފުޅުތަކަށް އަމަލުނުކުރުމަކީ ޙަރާންކަމެކެވެ. 

މީސްމީޑިއާއަކީ އެ މީހަކު ބޭނުން ކޮންމެ އެއްޗެއް ބޭނުން ގޮތަކަށް ލިޔެލެވޭނެ މަންސައެކެވެ. އަދި މަޞްނޫޢީ ތޫނުފިލިކަމުގެ (އޭ.އައި) މި ޒަމާނުގައި ބޭނުން ކޮންމެ ގޮތަކަށް ފޮޓޯއާއި ވީޑިއޯ ހަދައިލެވިދާނެކަން ވެސް އަޅުގަނޑުމެން ދަންނާން ޖެހޭނެއެވެ.

ވީމާ، މީސްމީޑިއާގައި ދައުރުވާ ކޮންމެ ޚަބަރަކީ ތެދެއްކަމަށް ބަލައި ގަބޫލުކޮށްގެން ނުވާނެއެވެ. އަދި ޢަމުދުން ތިމާއަށް ނޭނގޭ އެއްވެސް ޚަބަރެއް އަލުން ތިމާ އެ މަންސައެއްގައި ޙިއްސާކޮށްގެންނުވާނެއެވެ. މީސްމީޑިއާއަކީ ހެޔޮ ގޮތުގައި ބޭނުންކުރެވޭނެ ނިޢުމަތެއްކަމުގައި ވިޔަސް ވަރަށް ގިނަ މީހުން މީސްމީޑިއާ ބޭނުންކުރަނީ ފިތުނަފަސާދަ އުފައްދާ ޝައިޠާނީ ވަސީލަތަކަށެވެ. މީސްމީޑިއާގައި އެނބުރޭ، ނުވަތަ ދައުރުވާ ޚަބަރުތައް ކަށަވަރުކުރާން ޖެހެނީ މިހެންވެގެންނެވެ.

ދެ ލަފުޒެއްގެ މާނަ:

ވިރަވުން     މ.    ޚަބަރެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް ޖާލުގެ ޒަރީއާއިން ހަލުވިކޮށް ފެތުރިގެން ދިއުން.

މީސްމީޑިއާ   ނ.   ގިނަ ބަޔެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓާން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް.

 

މަރުޖާ:

https://blueprint.ng/mauritania-government-speaks-on-pilgrims-plane-crash-off-red-sea-coast/

 

ކޮމެންޓު
ކޮމެންޓުތައް
މުޙައްމަދު
29 މޭ 2025 19:27
އަސްލު ވަރަށް ދެރަ ކަމެއް. ހަގީގަތް ނުބަލައި ސޯޝަލް މީޑީއާގައި ހުންނަ ވާހަކަތައް އަނެކާއަށް ހިއްސާކުރުމަކީ ދޮގު ޚަބަރު ފެތުރުމުގައި ތިމާ ވެސް ބައިވެރިވުން. ސޯޝަލް މީޑިއާގއި އެނބުރޭ ވާހަކަތަކުގެ 90 އިންސައްތައަކީ ފިތުނަ ފަސާދަ އުފައްދާން ހަދާފަ ހުންނަ ފޭކު ޚަބަރުތައް.