އަބާ މުޙަންމަދު
2 ޖޫން 2025
އިންޑިއާއާއި ޕާކިސްތާނާ ދެމެދުގައި ހިނގި އަސްކަރީ ކުރިމަތިލުންތަކުގައި އިންޑިއާއަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް ޕާކިސްތާނުގެ އަސްކަރީ އޮފިޝަލުން ދަޢުވާކުރުމުން އިންޑިއާއިން އެ ކަމަށް އިންކާރުކުރިއެވެ. އެހެންނަމަވެސް އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް، ޖެނެރަލް އަނިލް ޗައުހަން މިހާރު މި ވަނީ އެ ކަމަށް އެންމެ ފަހުން އިޢުތިރާފުވެވަޑައިގެންފައެވެ. މި ދިޔަ މަހުގެ ތެރޭގައި މި ދެ ގައުމުގެ ދެމެދުގައި ހިނގި އަސްކަރީ ކުރިމަތިލުންތަކުގައި އިންޑިއާގެ ވަރަށް ގިނަ ބޯޓުތައް ވައްޓައިލެވިފައިވާކަމަށް އޭނާ މިހާރު އެއްބަސްވެވަޑައިގަނެއެވެ.
ވޭތުވެ ދިޔަ ދަހަރެއްގެ ތެރޭގައި އޭޝިއާގެ އެންމެ އަވަށްޓެރި ދެގައުމުގެ ދެމެދުގައި ހިނގި އެންމެ ވަރުގަދަ އަސްކަރީ ކުރިމަތިލުމުގައި ވައިގެ މަގުން ދިން ޙަމަލާތަކުގައި އިންޑިއާއަށް ލިބުނު ގެއްލުންތަކަށް އަސްކރީ އެންމެ މަތީ އޮފިސަރު އެއްބަސްވެފައި މިވަނީ އެ ކަން ހިނގިތާ ހަފުތާތަކެއްގެ ފަހުންނެވެ. މީގެ ކުރީން އިންޑިއާގެ އަސްކަރީ އޮފިޝަލުން ވަނީ ޕާކިސްތާނުން އިންޑިއާގެ ބޮންއަޅާ ޖެޓުތަކެއް ވައްޓާލިކަމަށް އިންކާރުކުރައްވައިފައެވެ.
އިންޑިއާއާއި ޕާކިސްތާނާ ދެމެދު މި ދިޔަ މަހު ހިނގި އަސްކަރީ ކުރިމަތިލުން ހިނގީ ބަޑި ހިފައިގެން ތިބި ބަޔަކު ކަޝްމީރުގެ އިންޑީއާއިން ބަލަހައްޓާ ބައިގެ ޕަހަލްގަން ޓައުނުގައި ފަތުރުވެރީންތަކަށް ޙަމަލާދީ 26 ފަތުރުވެރިއަކު މަރައިލި ހާދިސާއާ ގުޅިގެންނެވެ. އެ ކަމަށް ޕާކިސްތާނަށް ތުހުމަތުކޮށްފައެވެ. މި ހާދިސާއެއް ހިނގީ މި ދިޔަ އެޕްރީލް މަހު 22ވަނަ ދުވަހުއެވެ.
އެހެންނަމަވެސް ޕާކިސްތާނުން އެ ކަމަށް އިންކާރުކުރެއެވެ. އަދި އާދައިގެ ވިސްނުމަކުން ވިސްނައިލިޔަސް އެތައް ސެކިޔުރީ ޗެކް ޕޯސްޓުތައް ހަދައިގެން އިންޑިއާއިން [ހައި ސެކިޔުޓީގައި] ބަލަހައްޓާ ސަރަހައްދަކަށް ހަތިޔާރު އަޅައިގެން ޕާކިސްތާނުގެ ބަޔަކަށް ވަދެވޭނެ ގޮތަކާ މެދު ސުވާލު އުފެދެއެވެ.
ޕާކިސްތާނާ އެކު ހިނގި އަސްކަރީ ކުރިމަތިލުމުގައި އިންޑިއާއަށް ލިބުނު ގެއްލުންތަކަށް ފުރަތަމަ ފަހަރަށް އިންޑިއާގެ ފުރަތަމަ އޮފިސަރު އިޢުތިރާފުވެފައި މި ވަނީ ސިންގަޕޫރުގައި އޮތް [ޝަންގްރިލާ ޑައިލޮގް ސެކިޔުރިޓީ ފޯރަމް]ގެ ހަވާސާގައި ދެއްވި ބަސްދީގަތުމެއްގައެވެ.
މި ހަމަނުޖެހުމުގެ ފުރަތަމަ ދުވަހު ޕާކިސްތާނުގެ ހަ ސިޓީއަކަށް އިންޑިއާއިން ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާނެކަމަށް އިންޑިއާއިން ދަޢުވާކުރިއެވެ.
މޭ މަހު 11ވަނަ ދުވަހު އޮތް ނޫސްވެރީންގެ ބައްދަލުވުމުގައި، ޕާކިސްތާނުގެ ތަޢުވާއަށް އިޝަރާތްކުރައްވައި އެއަރ މާރޝަލް އޭ.ކޭ ބާރތީ ހަމަ އެކަނި ވިދާޅުވީ [ގެއްލުންތަކަކީ ހަނގުރާމައިގެ ބައެކެވެ.] މިހެންނެވެ. ޕާކިސްތާނުގެ ދަޢުވާ ކަށަވަރުކޮށްދެއްވައިފައެއް އަދި އިންކާރުކުރައްވައިފައެއް ވެސް ނުވެއެވެ.
ޗައިނާގައި ހުންނަ އިންޑިއާގެ ސަފާރާއިން ޕާކިސްތާނުގެ ދަޢުވާއާ ގުޅިގެން އޭރު ބުނެފައި ވަނީ، ޖެޓުތައް ވައްޓާލި ވާހަކައަކީ [ޕްރޮޕެގެންޑާއެއް]ކަމަށެވެ.
އެހެންނަމަވެސް މިހައި ހިސާބުން ހަނގުރާމަ ހުއްޓުމާ ދިމާއަށް އިންޑިއާއިން ވެސް މިސްރާބު ޖެހިކަން އެނގެއެވެ. އެ މީހުންގެ މޫނުމަތި ހުތުރުނުވާ ފަދަ ގޮތަކަށް އެ ކަން ހުއްޓުވޭތޯ މަސައްކަތް ފެށިއެވެ.
އޭގެ ކުރީ ދުވަހު – މޭ މަހު 10ވަނަ ދުވަހު – އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕު ވިދާޅުވެފައިވަނީ ނިޔުކްލިއަރ ދެބާރުގެ ދެމެދުގައި ހިނގާ ކުރިމަތިލުމުގެ ސަބަބުން ނިޔުކްލިއަރ ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވެފައިވާކަމަށާއި މި ނުރައްކަލުން ސަލާމަތްވުމަށް ޓަކައި ހަނގުރާމަ ހުއްޓައިލުމަށް ދެ ގައުމުން ވެސް އެއްބަސްވުމަކާ ދާދި ކައިރިއަށް އައިސްފައިވާކަމަށެވެ.
އޭރު ދެ ގައުމުން ވެސް އައީ ދެ ފަރާތުން މަރުވި ނުވަތަ ޒަޚަމްވި މީހުންގެ ޢަދަދާ މެދު އެކި ޢަދަދުތަކުން މަޢުލޫމާތު ދެމުންނެވެ. ނަމަވެސް މި ހަނގުރާމައިގައި ދެ ފަރާތުން ވެސް 70އަށް ވުރެ ގިނަ ސިފައިން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.
އެންމެ ފަހުން އިންޑިއާއިން މިވަނީ ހަނގުރާމައިގައި ވައިގެ ޙަމަލާތަކުން ބަލިވެ ވަރަށް ބޮޑު ގެއްލުމެއް ލިބުނުކަމަށް އިޢުތިރާފުވެފައެވެ.
ޗައުހަން ވިދާޅުވީ ހަނގުރާމައިގެ ފުރަތަމަ ދުވަހު ވެސް އިންޑިއާއަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވިކަމަށެވެ. ނަމަވެސް ތަފުޞީލެއް ނުދެއްވައެވެ. ރޮއިޓަރސްއަށް ދެއްވި ބަސްދީގަތުމެއްގައި ރައުހާން ވިދާޅުވީ [މުހިންމީ މި ގެއްލުންތައް ލިބުނު ސަބަބުތައް ދެނެގަނެ އޭގެ ފަހުން ކުރާންވީ ކަންކަމަކީ ކޮބައިކަން ބެލުމެވެ.] މިހެންނެވެ.
އިންޑިއާގެ ޖެނެރަލް ވިދާޅުވީ ފުރަތަމަ ދުވަހު ލިބުނު ގެއްލުމުން ފިލާވަޅު ލިބި އޭގެ ފަހުން މޭ ހަތްވަނަ ދުވަހާއި އަށްވަނަ ދުވަހު ޕާކިސްތާނުގެ އެތެރެއަށް އެތައް ޙަމަލާއެއް ދިންކަމަށެވެ.
އަދި ޕާކިސްތާނުގެ ވައިގެ ދިފާޢީ ނިޒާމުތަކުގެ ތެރެއަށް ވަދެގަނެ ބޮޑެތި ގެއްލުންތަކެއް ޕާކިސްތާނަށް ދީފައިވާނެކަމަށާއި [އެ ޙަމަލާގައި ހުރިހައި ވައްތަރެއްގެ ބޯޓުތައް ބޭނުންކުރިކަމަށާއި އަދި ހުރިހައި އުކުޅެއް ވެސް ބޭނުންކުރި]ކަމަށެވެ.
ޕާކިސްތާނުން ވެސް ވަނީ އެ މީހުންގެ އެއަރބޭސްތަކަށް ކުދިކުދި ގެއްލުންތަކެއް ލިބިފައިވާކަމަށް އިޢުތިރާފުވެފައެވެ. ނަމަވެސް އެއްވެސް ބޯޓެއް ހަލާކުވެ ނުވަތަ ވައްޓައިލެވިފައިވާކަމަށް އެ މީހުން އިންކާރުކުރެއެވެ.
ޕާކިސްތާނުން ދަޢުވާކުރާ ގޮތަށް އިންޑިއާގެ ހަ ބޯޓެއް ވައްޓައިލެވިފައިވޭތޯ ސުވާލުކުރުމުން ޗައުހާން ވިދާޅުވީ އެ މަޢުލޫމާތު ޞައްޙަނޫންކަމަށެވެ. [މުހިންމީ ވެއްޓުނު ބޯޓުތަކުގެ ޢަދަދު ބެލުމެއް ނޫނެވެ. މުހިންމީ ބޯޓުތައް ވެއްޓުނު ސަބަބު ދެނެގަތުމެވެ.] ޗައުހާން ވިދާޅުވިއެވެ.
އިންޑިއާގެ ވައިގެ ލަސްކަރުން ވެއްޓުނު ބޯޓުތަކުގެ ޢަދަދާއި އޭގެ ތަފުސީލާ ބެހޭ ގޮތަކުން ޗައުހާން އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި ފުރަތަމަ ދުވަހު އިންޑިއާއަށް ލިބުނު ގެއްލުންތަކަށް ފަހު، އަލުން ތަންފީޒުކުރި، އާ އުކުޅުތަކާ ބެހޭ ގޮތަކުން ވެސް އޭނާ ތަފުސީލެއް ނުދެއްވިއެވެ.
ބައެއް ނޫސްވެރީން ލަފާކުރައްވާނީ ޗައުހާންގެ ވާހަކަފުޅުތަކުން ދޭހަވީ ޕާކިސްތާނުން ކުރި ދައުވާއަކީ ތެދެއްކަމެވެ.
އަނެއްކޮޅުން ޕާކިސްތާނުން ބުނި ގޮތުގައި އިންޑިއާގެ ބޯޓުތައް ވައްޓައިލި ފަހުން ދެން ޖެހިގެން އައި އެއްވެސް ދުވަހެއްގައި އިންޑިއާގެ ޙަމާލާތަކުގައި އެއްވެސް ޖެޓެއް ބޭނުމެއް ނުކުރެއެވެ. އެހެންކަމުން އިންޑިއާގެ ޖެޓުތަކުގެ ފްލީޓަށް ބޮޑު ގެއްލުމެއް ލިބުނީކަމަށް ނޫސްވެރީން ލަފާކުރެއެވެ.
މަސްރަޙު ތަޙުލީލުކުރާ މުޙައްލިލުން ގަބޫލކުރާ ގޮތުގައި ޕާކިސްތާނުގެ ވައިގެ ދިފާޢީ ބާޜު މާގަދައެވެ. އަދި ޕާކިސްތާނުގެ ޕައިލެޓުން މާ މޮޅުކަމަށް ވިލާތުގެ ބައެއް ގައުމުތަކުން ވެސް ގަބޫލުކުރެއެވެ. އަމިއްލައަށް ފެށި [ހަނގުރާމަ] އެހައި އަވަހަށް ހުއްޓައިލާން އިންޑިއާއިން ނިންމީ އެ ގައުމަށް ލިބުނު ގެއްލުންތަކުގެ ބޮޑުކަމުންކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
(ގިނަ މަޢުލޫމާތު: އަލްޖަޒީރާ)