އަބާ މުޙަންމަދު
1 ޖޫން 2025
ކޮންމެ ރަށެއްގައި އެއަރޕޯޓެއް އޮތުމަކީ ކޮންމެ ބަޔެއްގެ ވެސް އުންމީދެކެވެ. އަޅުގަނޑު ވެސް ބޭނުންވެއެވެ. ނަމަވެސް ޤައުމީ ނަޒަރަކުން ވިސްނައިލުމުން މި ކަމުގައި ދެވަނަ ވިސްނުކަމަށް ދާން ޖެހޭކަމަށް ގަބޫލުކުރެވެއެވެ. އެއަރުޕޯޓަށް އުންމީދުކޮށްގެން އުޅޭ ހުރިހައި ރައްޔިތުންގެ އަރިހުން މާފަށް އެދެމެވެ. އަޅުގަނޑު މި ވާހަކަ މި ލިޔެލީ ތަންކޮޅެއް ކުރީން އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސަކަށް ތަޖުރިބާ ކުރެވުނު ތަޖުރިބާއެއްގެ މައްޗަށް ވިސްނައިފައެވެ.
އެއް ފަހަރަކު ކޮންމެވެސް ކަމެއްގައި ނ. އަތޮޅު މަނަދުވަށް އެނާ ދިޔައެވެ. ދިޔައީ މާފަރު އެއަރުޕޯޓަށް ގޮސް އެ އެއަރުޕޯޓުން ލާންޗެއްގައި ކަނޑުމަގުންނެވެ. ލާންޗުގައި ކުރި ދަތުރަށް ހޭދަވީ 10 ވަރަކަށް މިނިޓެވެ. މަނަދުވަށް ކުރި ދަތުރުގައި ކުރާން ހުރި ކަންތައް ދެތިން ދުވަހަކުން ނިމުނީމާ، އޭނާ މާލެ އަންނާން ބެލި އިރު، މާފަރު ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ފުރާ ބޯޓަކުން ޖާގައެއް ނުލިބުނެވެ. ދެން އެންމެ ކައިރީގައި އޮތީ ރ. އަތޮޅުގައި އޮންނަ އިފުރު އެއަރުޕޯޓެވެ. އެހެން އަތޮޅެއްކަމަށް ވިޔަސް ނ. މަނަދޫން ފުރައިގެން ފަންސާހަކަށް މިނިޓުން އިފުރަށް ދެވޭތީ، އެ އެއަރޕޯޓުން ފުރާ ގޮތަށް ޓިކެޓު ނަގައިގެން އިފުރަށް އައީ ތަންކޮޅެއް ކުރީންނެވެ. މަތީންދާބޯޓު ފުރާން އޮތީ ރޭގަނޑު 7:50ގައި ކަމަށްވާތީ، މޫސުން ހުރި ގޮތުން ރޭގަނޑު ދަތުރު ނުކުރެވޭނެތީ 2:00ގައި މަނަދޫން ފުރައިގެން 2:50އަށް އިފުރަށް ދިޔައީއެވެ. އަވަހަށް ފުރާންވެގެން މަނަދޫން އައީ [ކުޑަ ގޮތެއް ހަދައިލައިގެން] ރަނގަޅަށް ނުވެސް ކައެވެ. އިފުރަށް ގޮސް ރެސްޓޯރަންޓަކުން ކައިލުމުގެ ގަސްތުގައެވެ. އެ ރަށަށް ލަފައިގެން އެއަރުޕޯޓުގެ ގިމަތައާ ހަމައަށް އައި އިރު ވެސް މީހަކު ނުފެނެއެވެ. ނަމަވެސް ގިމަތައަށް ވަން އިރު، ތަންކޮޅެއް ދުރުގައި ދެތިން މުވައްޒަފަކު އިށީންދެލައިގެން މާޔޫސްކަމާ އެކު ތިއްބެވެ. އެކަކު އިނީ ސިކިޔުރިޓީ އޮފިސަރެއްގެ ޔުނިފޯމުގައެވެ. އޭނާ ގާތަށް ގޮސް ރެސްޓޯރަންޓެއް ހުރޭތޯ އެހީމާ ބުނީ، ރެސްޓޯރަންޓުގެ ޚިދުމަތް ނުދޭތާ އަހަރެއްހައި ދުވަސް ވެދާނެކަމަށެވެ.
ރަޙުމަތްތެރިޔާ ވަރަށް ޙައިރާންވެގެން ފިހާރައެއް ހުރޭތޯ އަހައިލިއެވެ. އެ އޮފިސަރު ބުނިކަމަށް ވަނީ ޗެކިން ފަށާ ގަޑީގައި ހުޅުވާ ކުޑަ ފިހާރައެއް ހުންނާނެކަމަށެވެ. އަޅުގަނޑުގެ ރަޙުމަތްތެރިޔާއަށް މި ދިމާވި ގޮތުން ވަރަށް ދެރަވެގެން، ނަމަވެސް މި ކަމުގައި ވެސް ކޮންމެވެސް ރަނގަޅެއް އޮންނާނެކަމަށް ބަލައިގެން މަޑުކޮށްލީއެވެ.
ކަރު ހިއްކައިގެން ބަލައިލި އިރު ނަސީބަކުން ބޯފެން ލިބޭ ކަހަލަ، ދެ އިސްކުރުލީ ކޫލަރެއް، އެއް ފަރާތެއްގައި ފެންނާން ހުރިކަމަށް ބުންޏެވެ. ކައިރިއަށް ގޮސް ބަލައިލި އިރު، ކޫލަރުގައި ފެން ހުއްޓެވެ. ނަމަވެސް ފެން ބޯނެ ތައްޓެއް ނެތެވެ. އެހެންކަމުން އަތްގޮށީން ފެންފޮދެއް ބޮއިލީއެވެ.
މި ދިމާވި ގޮތުން ސެކިޔުރިޓީ އޮފިސަރާ ކުޑަކޮށް ވާހަކަދައްކައިލީމެވެ. މި ވައިގެ ބަނދަރަށް ކޮންމެ ދުވަހަކު މަތީންދާބޯޓު ޖައްސައިތޯ އަހައިލީމާ އޭނާ ބުނީ ކުރީން ދުވާލަކު ތިން ހަތަރު ބޯޓު ވެސް އަންނަކަމަށެވެ. ނަމަވެސް މިހާރު ދުވާލަކަށް އެންމެ ބޯޓެއް ވެސް ނާންނަކަމަށެވެ. ބޯޓު ނާންނަ ދުވަސް ވަރަށް ގިނަކަމަށެވެ. މިއީ ކިހިނެއް ވެގެން ވީ ގޮތެއްތޯ ސުވާލުކޮށްލުމުން ބުނީ މާފަރު އެއަރޕޯޓު ހުޅުވި ފަހުން އައި ބަދަލެއްކަމަށެވެ. [ކުރީން ނ. އަތޮޅުން، ށ. އަތޮޅުން ވެސް ވަރަށް ގިނަ މީހުން އާދެއެވެ.] އޭނާ ބުންޏެވެ.
[މިއީ މިހާރު ވަރަށް ފޫހި ފަޅުރަށެކެވެ. މި ތަނުން ލިބޭނެ ޚިދުމަތެއް ނެތެވެ. އެހެންކަމުން މި އެއަރުޕޯޓަށް އަންނަ މަދު ފަސިންޖަރުން ވެސް އަންނަނީ ކާ އެއްޗެހި ވެސް ހިފައިގެންނެވެ.] ސިކިޔުރިޓީ އޮފިސަރު ބުންޏެވެ.
މަޣުރިބު ނަމާދުކޮށްލާންކަމަށް ރަޙުމަތްތެރިޔާ ސިކިޔުރިޓީ އޮފިސަރު ގާތު އަހައިލީމާ، ތަންކޮޅެއް ދުރުގައި މިސްކިތް ހުންނާނެކަމަށް ބުނިކަމަށް ވެއެވެ. އޭނާ މިސްކިތްކައިރިއަށް ދިޔައ ިރު އެއީ 200 ވަރަކަށް މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭ ވަރުގެ ހަމަ ރީތި މިސްކިތެއްކަމަށް ބުންޏެވެ. މިސްކިތުގައި ނަންބޯޑެއް ނެތެވެ. މިސްކިތުގެ ދެކުނު ފަރާތުގައި ވުޟޫކުރާނެ އިސްކުރުބަރިއެއް ހުއްޓެވެ. އިސްކުރުތަކާ ދިމާ ތިރީގައި ވަރަށް ގަދައަށް ފެހިޖަހައިފައި ހުރީތީ އެއީ މާ ގިނައިން މީހުން ބޭޏުންކުރާ ތަނެއްކަމަކަށް ނުފެނުނެވެ. ފާޚާނާއެއް ފެނޭތޯ ހޯދަ ހޯދައި ވެސް ފާޚާނާއެއް ނުފެނުނުކަމަށް ބުންޏެވެ. ފަހުން އެނގުނު ގޮތުގައި މިސްކިތު ކައިރީގައި ފާޚާނާއެއް ނުހުރެއެވެ. ހުންނަނީ ހަމައެކަނި ވުޟޫކުރާނެ އިސްކުރުބަރިއެކެވެ.
މަޣުރިބުނަމާދު ވަގުތު ވީ އިރު ވެސް މިސްކިތު އެތެރެ އޮތީ އަނދިރިކޮށެވެ. އަޅުގަނޑުގެ ރަޙުމަތްތެރިޔާ ވުޟޫކޮށްލައިގެން މިސްކިތާ ދިމާއަށް ދަނިކޮށް އައި ޒުވާނަކު މިސްކިތުގެ އެތެރެ ދިއްލައިލައިފިއެވެ. އެތެރެ ވަރަށް ރީއްޗެވެ. ޚުޠުބާދޭނެ މިމްބަރެއް ވެސް ހުއްޓެވެ. އަދި ކުރީ ސަފަުގެ ބޮޑު ބައެއްގައި އޮތީ މުސައްލަ ވެސް އަޅައިފައެވެ. ނަމާދު ވަގުތު ބަލާނެ ސުމޭކު އާލަތެއްވެސް ބިތުގައި ހަރުކޮށްފައި ހުއްޓެވެ. އަޅުގަނޑުގެ ރަޙުމަތްތެރިޔާ މިސްކިތަށް އަރައި ނަމާދުކޮށްލާން ގަމަތް ދިންތަނާ، ކުރީން މިސްކިތް ދިއްލި ޒުވާނާގެ އިތުރަށް އެހެން ހިމަތޮޅި ޒުވާނަކު އައިސް މިސްކިތަށް ވަޖެއްޖެއެވެ. ޖަމާޢަތެއް ހަދައިލާންވީ ނޫންހޭ ބުނެ ތިން މީހުން ޖަމާޢަތުގައި ނަމާދުކޮށްފިއެވެ. އިމާމަކަށްވީ ފަހުން އައި ޒުވާނާއެވެ. ބަންގިއެއް ނުގޮވައެވެ. އޭނާ ވެސް ޤަމަތްދިނުމަށް ފަހު ފެށީ ނަމާދުކުރާށެވެ. އެހެންވީމާ މި ރީތި މިސްކިތުގައި ބަންގިނުގޮވަނީކަން އެނގުނެވެ. އެކަމަކު މި ފަދަ މިސްކިތެއް މުސްލިމުން އުޅޭ ރަށެއްގައި ހުރި އިރު ފަސްވަގުތު ބަންގި ގޮވާނެ އިންތިޒާމު ހަމަޖެހިފައި ހުންނާންވާނެކަމަށް ރަޙުމަތްތެރިޔާ ގަބޫލުކުރިއެވެ.
ރަޙުމަތްތެރިޔާ ހިތަށް އެރިއެވެ. އެހެންވީ އިރު، މި ގޮތަށް ކައިރިކައިރީގައި އެއަރޕޯޓު ގާއިމުކުރުމުން އެއީ ގައުމަށް އިގުތިސާދީ ގޮތުން ލިބޭ ހާދަހާ ބޮޑު ގެއްލުމަކަށްވާނެތާއެވެ. ކޮންމެ އެއަރޕޯޓެއްގައި ވެސް މުވައްޒަފުން ތިބޭން ޖެހެއެވެ. ވަސީލަތްތައް ގާއިމުކުރާން ޖެހެއެވެ. ހަފުތާއަކު އެއް ބޯޓު ޖެއްސިއަސް ޗެކިންކުރާނެ މުވައްޒަފުންނާއި ސެކިޔުރީޓީ ބަލަހައްޓާނެ އޮފިސަރުންނާއި ތަން ސާފުކޮށް ބަލަހައްޓާނެ މީހުންނާއި ކަރަންޓުގެ ކަންކަން ބަލަހައްޓާނެ އިލެކްޓްރީޝަނުންނާއި އަލިފާން ނިއްވާ މީހުންނާއި މި ނޫނަސް ބައިނަލްއަގުވާމީ މިންގަނޑުން ތިބުން ލާޒިމުކުރާ ހުރިހައި މުވައްޒަފުން ތިބޭނެތާއެވެ. ވީމާ، ކައިރިކައިރީގައި ގިނަ އެއަރޕޯޓުތައް ހެދީމާ، އެ އެއަރޕޯޓު ހަދާ ރަށެއްގެ ނުވަތަ އެ ރަށާ ކައިރީގައި އޮންނަ ރަށެއް މީހުންނަށް ފަސޭހަވެ، ހައެއްކަ ވަޒީފާ ލިބުނަސް މި އިސްރާފަކީ ގައުމަށް އުފުލޭ ވަރުގެ ކަމެއްތޯއެވެ! އިފުރާއި މާފަރަށް ބަލާ އިރު ދުރުމިނުގެ ގޮތުން އެއީ އެއަރުޕޯޓު އޮންނާން ޖެހޭ ދެ ރަށްކަމަށް ނިންމިދާނެއެވެ. އެއީ ތަންކޮޅެއް ކުރީން ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތެއްކަމަށް އަޑުއަހަމެވެ. 35 މިނިޓުން އިސްޕީޑު ލާންޗުގައި ނުދެވޭ ހައި ދުރުމިނުގައި ހުންނަ ރަށްރަށުގައި އެއަރުޕޯޓު ގާއިމުކުރުމުގެ ސިޔާސަތެވެ. ނަމަވެސް މުލީގައި އެއަރުޕޯޓެއް ގާއިމުކުރުމަށް ފަހު، މުލަކުގައި އަނެއްކާ އެއަރުޕޯޓެއް ހަދައިފި ނަމަ، ވާނީ ކިހިނެއްތޯއެވެ!
ނިލަންދޫގައި އެއަރުޕޯޓެއް ހަދައިފައި ދާދި ކައިރީގައި އޮންނަ މަގޫދޫގައި އެއަރޕޯޓެއް ހަދައިފައި އެ ތަނަށް މުވައްޒަފުން ލައިފައި ބޭއިތިއްބިއަސް އެ ވަރުގެ ޑިމާންޑެއް އޮންނާނެތޯއެވެ! މިއީ ވިސްނާން ވެއްޖެ ކަމެކެވެ. ނަމަވެސް ތ. އަތޮޅު ކަހަލަ ނުވަތަ ލ. އަތޮޅު ކަހަލަ އަތޮޅެއްގައި އަތޮޅުގެ އެއް ފަރާތުގައި އެއަރުޕޯޓެއް އޮތަސް އަތޮޅުގެ އަނެއް ބިތުގައި އެއަރޕޯޓެއް ހެދުން އެންމެ ރަނގަޅުވެދާނެކަމަށް އަޅުގަނޑުގެ ރަޙުމަތްތެރިޔާ ގަބޫލުކުރެއެވެ. އަޅުގަނޑު ވެސް އެ ޚިޔާލަކާ ދެކޮޅެއް ނަހަދަމެވެ.
ރާއްޖެއަށް ބޭނުންވަނީ، ދިރާސާކުރުމަށް ފަހު، ކޮންމެހެން ބޭނުންވާ ރަށްރަށުގައި، އެންމެ އެކަށީގެންވާ ރަށްރަށުގައި، އެއަރުޕޯޓުތައް ހެދުމަށް ފަހު، ދެން ހުންނަ ރަށަރަށަށް ދަތުރުކުރެވޭނެ ފެރީގެ ހަލި ނިޒާމެއް ގާއިމުކުރުމެވެ.
މިހާރު ކަނޑުގައި ނުޖެހި ދަތުރުކުރާ ލާންޗުފަހަރު ވެސް ދުނިޔޭގައި ވަނީ ތަޖުރިބާކޮށްފައެވެ. އެއަށް ކިޔާ ނަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މާފުކުރެއްވުން އެދެމެވެ. ވީމާ އަތޮޅުގައި އޮންނަ އެއަރުޕޯޓުން ފުރައިގެން މި ފަދަ ރަށްރަށަށް ކިތަންމެ ކަނޑުގަދަޔަސް މި ދެންނެވި ފަދަ ލާންޗުން ރާޅާ ނުޖަހައި ވަރަށް އަވަހަށް ހަލިކޮށް ދަތުރުކުރެވިދާނެއެވެ.
ދެން އޮތް އަނެއް ގޮތަކީ ވަކި ސަރަހައްދެއްގައި ރިސޯޓުތަކެއް ގާއިމުކޮށް އެއަރޕޯޓެއް ވެސް ހަދައިގެން އޮޕަރޭޓުކުރުމުގެ ހުއްދަ ކޮންމެވެސް ބޭރުގެ ނުވަތަ އެތެރޭގެ ކުންފުންޏަކަށް ދީގެން ފަތުރުވެރީންގެ ޑިމާންޑަށް ބަލައިގެން އެއަރުޕޯޓު ހަދައިގެން އެ ކުންފުންޏަކުން އެއަރުޕޯޓު ހިންގާން ހުއްދަ ދިނުމެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދާލު އެއަރުޕޯޓަކީ މި މޮޑެލަށް ހިންގާ ކާމިޔާބު އެއަރުޕޯޓެކެވެ. ވީމާ، މިއީ އިގުތިސާދީ ގޮތުން ބަލާއިރު ރަނގަޅު މޮޑަލަކަށް ވެދާނެއެވެ.
މިއީ ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނާއި ސިޔާސަތު ތަންފީޒުކުރައްވާ ބޭފުޅުން ގައުމަށް ޓަކައި ވިސްނައިވަޑައިގަންނަވާން ޖެހޭ މައްސަލައެއްކަމަށް ގަބޫލުކުރެވޭތީ މި ވާހަކަ ހަމަ ދަންނަވައިލީއެވެ. އަޅުގަނޑަށް މި މަޢުލޫމާތު ދެއްވިަކަމަށް ޓަކައި އަޅުގަނޑުގެ ރަޙުމަތްތެރިޔާއަށް ޝުކުރުދަންނަވަމެވެ. ނަމަވެސް މިއީ އަޅުގަނޑަށް ވުރެ މާ [އުސް] ވާހަކައަކަށް ވެސް ވެދާނެއެވެ.