ad_banner
އިސްރާއީލުން ހަމަލައެއްދިނީމާ ބަލާކަށް އީރާނަކުން ނޯންނާނެ!

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

6 މޭ 2025

އީރާންގެ ދިފާޢި ވަޒީރު عزیز نصیرزاده (ފޮޓޯ: ޕްރެސް ޓީވީ)

ޔަމަނުގެ ހަތިޔާރުއެޅި ޖަމާޢަތެއްކަމަށްވާ ޙޫޘީން އިސްރާއީލުގެ މައި ވައިގެ ބަނދަރުކަމަށްވާ ބެން ގުރިއޮން ވައިގެ ބަނދަރަށް ދިން މިސައިލު ޙަމަލާއެއްގައި ގެއްލުންތަކެއް ލިބިފައިވާތީ އެ ޙަމަލާގެ ބަދަލުގައި އީރާނަށް ޙަމަލާދޭނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ވަނީ ބުނެފައެވެ. އަދި އެ ޙަމަލާ ރޭވުމުގައި އިސްކޮށް ޙަރަކާތްތެރިވި މީހާ ހޯދުމުގެ މަސައްކަތް ފަށައިފައިވާކަމަށް ވެސް އޭނާ ބުންޏެވެ.

އިސްރާއިލާއި އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި ޙޫޘީން އެ ޙަމަލާ ދީފައިވަނީ އީރާނުގެ އެހީތެރިކަމާއި މަދަދާ އެކީގައެވެ. ނަމަވެސް އީރާނުން ބުނަނީ ޙޫޘީން ޢަމަލުކުރަނީ އެ ޖަމާޢަތުގެ އަމިއްލަ ސިޔާސަތާ އެއް ގޮތްވާ ގޮތުގެ މަތީން އެ މީހުންގެ އަމިއްލަ ޝައުޤުގައިކަމަށެވެ.

އެމެރިކާއާއި އިސްރާއީލުގެ އިންޒާރުތަކަށް ރައްދުދެއްވައި ވާހަކަފުޅުދައްކަވަމުން އީރާނުގެ ދިފާޢީ ވަޒީރު ޢަޒީޒު ނަސީރުޒާދާ (عزیز نصیرزاده) ވިދާޅުވީ އެމެރިކާއިން ނުވަތަ އިސްރާއީލުން އީރާނަށް ޙަމަލާއެއްދީފި ނަމަ، އެ ދެ ޤައުމުގެ މަސްލަހަތާ ގުޅުންހުރި ތަންތަނަށާއި އަސްކަރީ މަރުކަޒުތަކަށާއި ފައުޖުތަކަށް އަމާޒުކޮށް އީރާނުން ޙަމަލާ ދޭނެކަމަށެވެ. އެއީ ކޮންމެ ގައުމެއްގައި ހުރި ތަނެއް ނަމަވެސް، ޙަމަލާދޭން ފެނިއްޖެ ކޮންމެ ޙާލަތެއްގައި ކޮންމެ ތާކަށް ވެސް ޙަމަލާދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އެ އިޝާރާތްކުރެއްވީ މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އެކި މަސްލަޙަތުތަކަށްކަމަށް ބެލެވެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ޙަމަލާއެއް ދީފި ނަމަ އޭގެ ރައްދުގައި ޙަމަލާދޭނެކަމަށް އީރާނުން ބުނެފައި މި ވަނީ އީރާނުން މުޅިން އައު ބެލިސްޓިކް މިސައިލެއް އުފައްދައި ޓެސްޓްކޮށް ދައްކައިލައިފައި ވާ ދަނޑިވަޅެއްގައެވެ. މި މިސައިލަކީ 1،200 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ.
މިއީ ޔަހޫދީންނަށް އަމާޒުކޮށް ޙޫޘީން ދީފައިވާ ފުރަތަމަ ޙަމަލާއެއްނޫނެވެ. އިސްރާއީލުން ޣައްޒާއަށް ޙަމަލާދޭން ފެށި ފަހުން ޙޫޘީން ވަނީ އިސްރާއީލަށް އަމާޒުކޮށް ގިނަ ޙަމަލާތަކެއްދީފައެވެ. ޙޫޘީން އެ ޙަމަލާތައް ދެނީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޓަކައި އިސްރާއީލުން ޢުދުވާނީ ޙަމަލާތައް ދީ، ގަތުލުޢާންމާއި ނަސްލުހޭދު ހިންގަމުންދަތީ، އެ މީހުން ފަލަސްޠީނުގެ ރައްޔިތުންނާ އެކު، ތިބިކަން ހާމަކުރުމުގެ ގޮތުންނެވެ.

މި ދިޔަ މާރިޗު މަހުގެ 15ވަނަ ދުވަހުން ފެށިގެން އެމެރިކާއިން ގެންދަނީ ޙޫޘީންނަށް އަމާޒުކޮށް ޔަމަނުގެ ބައެއް ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ. އެ ފަދަ ޙަމަލާތަކުގެ ސަބަބުން ބޮޑަށް ގެއްލުން ލިބެމުންދަނީ ނިކަމެތި ރައްޔިތުންނަށެވެ. ނަމަވެސް މިއީ ޢުދުވާނެއްކަމަކަށް އެމެރިކާއާއި އިސްރާއީލަކުން ނުދެކެއެވެ. އަދި ހުޅަނގުގެ މީޑިއާތަކުން މި ވާހަކަ ރިޕޯޓެއްވެސްނުކުރާނެއެވެ.

ޢަޒީޒު ނަސީރުޒާދާ ވިދާޅުވީ އީރަނުން އަވަށްޓެރި އެއްވެސް ޤައުމަކާ މެދު ޢަދާވާތްތެރިކަމެއް ނެތްކަމަށެވެ. ނަމަވެސް އީރާނަށް ޙަމަލާއެއް ދީފި ނަމަ، އޭގެ ބަދަލުގައި އެ ސަރަޙައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދިނުމަކީ ޖާއިޒު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެ ފަދަ މަރުކަޒުތައް ކޮންމެ ގައުމެއްގައި ހުއްޓަސް ވެސް އެ ކަން ކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު