ad_banner
ޒެޑް ޖީލާއި އަލްފާ ޖީލު: އިންސާނާއާއި އިންސާނިއްޔަތާ ދެދުގައި ހިނގާ ހަނގުރާމަ

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

28 އޭޕްރިލް 2025

ޒެޑް ޖީލު (1997އާއި 2012އާ ދެމެދުގައި އުފަންވި ކުދީން)އާއި އަލްފާ ޖީލު (2013ގެ ފަހުން އުފަންވި ކުދީން)

ޒަމާނީ ޙަޔާތުގެ މަލަތައް ބައްޓަންކުރުމުގައި އެންމެ ނުފޫޒުގަދަ ބަހާއަކަށް ފަންނިއްޔަތު ވުމުގެ ސަބަބުން އިންސާނީ ވުޖޫދުގެ ތާރީޚަށް ބޮޑެތި ފުން ބަދަލުތަކެއް އަންނަމުންދާ ތަން މިއަދުގެ ދުނިޔެ ދަނީ ދެކެމުންނެވެ. މިއަދު ފަންނިއްޔަތަކީ ހަމައެކަނި އަދާތުތަކެއްނޫނެވެ. އެހީތެރިކަން ފޯރުކޮށްދޭ މަންސަތަކެއް ވެސް ނުމެނޫންމެއެވެ. މިއަދު ފަންނިއްޔަތު ވެފައިވަނީ އަޅުގަނޑުމެން އެ ތަނެއްގައި ދިރިއުޅޭ މުޅި މާހައުލަށެވެ. އިންސާނާގެ ޒާތާ ބެހޭ އޭނާގެ ޢާލަމާއި އޭނާއާ އެކުގައި އުޅޭ އެހެން އެއްޗެހީގެ މަފުހޫމުތައް އަލުން ޞީޣާކޮށް ލިޔާ ޙަޔަވީ ބަހާއަކަށެވެ. މި ބަދަލުއައުންތަކުގެ ހިތަކީ އައު ޖީލުތަކެވެ. އެއާ އިސްތިޤުބާލުކުރާ ނައްސި ފަރާތެއްގެ ގޮތުގައެއްނޫނެވެ. މި ސުމޭކު ޒަމާނުގެ ޙަޔަވީ އުފެއްދުމުގެ ގޮތުގައެވެ.

މި މަގާލުގައި ބަލައިލާނީ ޒެޑް ޖީލު (1997އާއި 2012އާ ދެމެދުގައި އުފަންވި ކުދީން)އާއި އަލްފާ ޖީލު (2013ގެ ފަހުން އުފަންވި ކުދީން)އަށެވެ. މި ދެ ޖީލު އުފަންވެފައިވަނީ ވިހިވަނަ ސައްތައިގެ ފަހުކޮޅުގައި ފެށުނު ސުމޭކީ އިންގިލާބާއި ފަންނިއްޔަތުގެ ބިޔަ ބަދަލުތަކާ އެކުގައެވެ. ކޮންމެ ދުވަހެއްގެ މަޢީޝަތީ ކަންތައްތަކުގެ ތެރެއަށް މަސްނޫޢީ ވިސްނުންތޫނުކަން ވަދެ، މުޅި ޙަޔާތް ތައުގީދުވުމުގެ ސަބަބުންނެވެ.    

ޒެޑް ޖީލަކީ ދެ ޢާލަމެއްގެ – ސުމޭކީ އިންޤިލާބުގެ ކުރީގެ ޢާލަމާއި، އެ ޢާލަމެއްގައި އެލްގޮރިޒަމަކި ޖަމާޢަތުގެ ވިސްނުންކަމަށް ބަދަލުވެފައިވާ ޢާލަމާ – ދެމެދުގައިވާ ފާލަމެކެވެ. މި ޖީލު ދިރިއުޅެފައިވަނީ ފޮތުގެ ގަނޑުތަކުން މޮނިޓަރަށް،  އާދައިގެ ފޯނުން ކުރު އަވަސް މެސެޖުތަކަށް މަދުރަސާގެ ކިލާސްރޫމުތަކުން ދާދިވަރު ތަޢުލީމަށް ނަޤުލުވި ފިޔަވަހިތަކުގައެވެ. މިއާ ޚިލާފަށް އަލްފާ ޖީލު އުފަންވަނީ މޮނިޓަރުގެ މައްޗަށެވެ. އެ ކުދީންގެ ބަހަވީ ހުނަރުވެރިކަން ލިބިގަންނަނީ އަޑުގެ އެހީތެރިޔާގެ ލައިދިނުމުންނެވެ. އަސާސީ މަފުހޫމުތައް އުނގެނެނީ އޭނާގެ ސުލޫކަށް ވަގުތުން ވަގުތަށް އިޖާބަދޭ ވިސްނުންތޫނުކަމުގެ ތަމްރީނުތަކުންނެވެ.

ހަމައެކަނި ޙަޔާތުގެ ބައްޓަންތަކަށް ބަދަލު އަންނަނީއަކީއެއް   ނޫނެވެ. އިންސާނާގެ ޒާތުގެ ޙަޤީޤަތް އަލުން ފަރުމާކުރެވެނީއެވެ. ކުރީ ޒަމާނުގައި އިންސާނާގެ ޝަޚުޞިއްޔަތު ބިނާކުރެވުނީ އޭނާގެ ޢާއިލާގެ ވެހިންނާއި، މަދުރަސާގެ އިންފާރުތެރެއިންނާއި، މުޖުތަމަޢުގެ ސަގާފަތާއި އާދަކާދައިގެ ތެރޭގައި ލައިމެހެމުން ދިޔަ ދިޔުންތަކާ އެކުގައެވެ. އޭނާ ހެދިބޮޑުވަމުން ގޮސްފައިވަނީ  އިޖްތިމާޢީ ސާފު މަލަތަކެއްގެ ތެރޭގައެވެ. އެހެނަސް މިއަދު ސުމޭކީ ޖީލުތައް، މި ޖީލުތަކުގެ ޒާތީ ޞޫރަތައް ކުރަހަމުންދަނީ ދާދިވަރު ޢާލަމެއްގެ ޖައްވުގެ ތެރޭގައެވެ. ބަހަވީ ސަގާފީ ޖޯގުރަފީ ހުރަސްތައް ގިރާކުރަމުންނެވެ. އެއީ "ފުރާނައިފައިވާ" ޝަޚުޞިއްޔަތެކެވެ. މީސްމީޑިއާގެ މަންސަތަކުގެ އެލްގޮރިޒަމާ އެއް ގޮތަށް ކުރަހައިލެވޭ ފޮޓޯތަކާއި އެކުލަވައިލެވޭ ވާހަކަތަކުންނެވެ. އެ ކަން ފެންމަތިވެގެންދާނީ "ރުހުންތަކާއި" ބަލާ މީހުންގެ ޢަދަދުތަކުންނެވެ. އޭނާގެ އަމިއްލަ ޒާތުގެ ތަޖުރިބާއަކުންނޫނެވެ.

ސުމޭކީ ތަވާޞުލީ ވަރަށް ބިޔަ ފުނިޖެހުންތަކުން މުޅި މާޙައުލު ފުރިފައިވިޔަސް  ދިރާސާތައް ދައްކާ ގޮތުގައި އެކަނިވެރިކަމާއި އެކަހެރިކަމުގެ ޝުޢޫރުތައް ދަނީ އިތުރުވަމުންނެވެ. ޚާއްޞަކޮށް ފުރާވަރުގެ ކުދީންނާއި ޒުވާނުންގެ މެދުގައެވެ. މި ރިޕޯޓުތައް ބުނާ ގޮތުގައި ފަންނިއްޔަތު ބޭނުންކުރުން ގިނަވި ވަރަކަށް ހާސްކަމާއި ކަންބޮޑުވުމުގެ ރޭޓު ދަނީ އިތުރުވަމުންނެވެ. ނިދި ގަޑުބަޑުވުން ދަނީ އިތުރުވަމުންނެވެ. އިޖުތިމާޢީ ހުނަރުވެރިކަން ދަނީ ކުޑަވަމުންނެވެ. ކަންކަމަށް ދެވޭ ސަމާލުކަން ދަނީ ކުޑަވަމުންނެވެ.  ޒެޑް ޖީލަށް ފަންނިއްޔަތުގެ ތެރެއަށް ރަނގަޅަށް ވަދެވިފައި ވިޔަސް ހަމަޖެހުން މަތީގައި ގުޅުންތައް ބިނާކުރުމަށް ވަނީ ނުކުޅެދުންތެރިވެފައެވެ. އަލްފާ ޖީލަށް ބަލާ އިރު، މި ޖީލު މައިފިއްލާ އިރު، ސުމޭކީ ފޫއަޅުވަނިވި ބާރުތަކުގެ ތެރެއަށް ވަދެފައިވާ ތަން ފެނެއެވެ. އެހެނަސް ބައެއް ފަހަރަށް ބަހަވީ އަދި ޢާޠިފީ ތަރައްޤީގެ ބަލިކަށިކަން ފެނެއެވެ.  އިންސާނާގެ ޤުދުރަތީ ހުނަރުވެރިކަމުގެ މަޤާމަށް ސުމޭކީ އައު ލިޔާޤަތު މަޑުމަޑުން ވެރިވަމުންދާ ކަހަލައެވެ.

މީގެ މާނައަކީ ސުމޭކީ ޖީލުތަކުގެ "އިންސާނިއްޔަތުކަން ކުޑަ" ވާހަކައެއްނޫނެވެ. އަދިކިއެއްހެއްޔެވެ؟ މި ޖީލުތަކުގެ މައާރިފީ ބާރާއި ޢާޠިފީ އަދި އިޖުތިމާޢީ ތަރުކީބު ތަފާތުވާ ވާހަކައެވެ. މި ޖީލުތަކަކީ އިންސާނާގެ ޙަޔަވީ ޒާތާއި ސުމޭކީ ޒާތު އެކުވެގެން ތަރުބިޔަތުވަމުންދާ ޖީލެކެވެ. މިއީ ރޭފަނާކަމާއި ދާދިވަރުކަމާ ދެމެދުގައިވާ އިންފާރުގެ ފަށަލަ ވިރިގެންގޮސްފައިވާ ޖީލެކެވެ. މިހެންވެ އުފެދޭ ސުވާލަކީ: މަށަކީ ކާކުހެއްޔެވެ؟ އަހުރެން މިސްރާބުކުރުވަނީ ކޮން ބާރަކުންހެއްޔެވެ؟" އަހުރެންހެއްޔެވެ؟ ނުވަތަ އަހުރެންނަށް ކިޔާން އަހުރެންނަށް ބަލާން އަހުރެން ޝައުޤުވެރިކުރުވާ ޕުރޮގުރާމުހެއްޔެވެ؟

މި ސިޔާގުގައި ދަތުރުކުރާ އިރު، އިންސާނާއާއި ފަންނިއްޔަތާ ދެމެދުގައިވާ ގުޅުމަށް ބަލައިލާން އެބަ ޖެހެއެވެ. އަޅުގަނޑުމެން ހަމައެކަނި ފަންނިއްޔަތު ބޭނުންކުރަނީއަކީއެއްނޫނެވެ. އަޅުގަނޑުމެން އަލުން ކިއްސަރުކުރާ މާވަޑިއަކަށް ވެސް ފަންނިއްޔަތު ވެއްޖެއެވެ. އަޅުގަނޑުމެން ބޭނުންވާ ޤަރާރުތައް ކަނޑައެޅުމުގައި އަޅުގަނޑުމެންނާ އެކު، ބައިވެރިވާ "ވަންހަނާ ބައިވެރިއަކަށް" މަސްނޫޢީ ވިސްނުންތޫނުކަން ވެއްޖެއެވެ. މި މަސްނޫޢީ ވިސްނުންތޫނުކަން އަޅުގަނޑުމެންގެ ސުލޫކު މިސްރާބުކުރުވާ ބާރަކަށް، އަދި ގިޔަމުތަކާއި ޢާލަމީ ތަޞައްވުރުތައް އެކުލަވައިލުމުގެ މޭސްތިރިއަކަށް ވެއްޖެއެވެ. ޓިކް-ޓޮކް މަންސައާއި ޔޫޓިޔުބާއި އިންސްޓަގުރާމަކީ ހަމައެކަނި މުނިފޫހިފިލުވައިދޭ އޮޅިތަކެއްނޫނެވެ. މީގެ އިތުރަށް އެއީ ސަގާފަތާއި ސުލޫކާއި ޝަޚުޞިއްޔަތު އުފައްދާ މަންސަތަކެކެވެ.

އިންސާނާ މިނިވަންކުރުމަށް ޓަކައި ބޭނުންކުރާނެ ވަސީލަތެއްކަމުގައި އުފެއްދި މި ފަންނިއްޔަތު، އިންސާނާ އެއަށް އަޅުވެތިކުރުވާ ބާރަކަށް ވެއްޖެއެވެ. އޭނާ އެއަށް ތަބާކުރުވާ ބޯލަންބުވާ ބާރަކަށް ވެއްޖެއެވެ. އަޅުގަނޑުމެންގެ މަޢީޝަތުގެ ކަންތައްތައް ތަރައްޤީކޮށް ލުއިފަސޭހަކޮށްދިނުމާއި މަސައްކަތްތަކަށް ހޭދަކުރާންޖެހޭ ވަގުތު މަދުކޮށްދިން ނަމަވެސް އެ ކަން މިއަދު ވެފައިވަނީ އިންސާނީ ތާރީޚުގައި އެންމެ ބާރުގަދަ "އޮމާން ބާރު"އަށެވެ. މިއީ ފަރުދީ މަސްއޫލިއްޔަތެއްނޫނެވެ. މިއީ ޖަމާޢީ ވިސްނުމަކަށް ޓަކައި އަތުގުޅައިލުމަކަށް ބޭނުންވާ ކަމެކެވެ. ތަޢުލީމީ މުއައްސަސާތަކުން ވިސްނާންވީ ހަމައެކަނި މުޤައްރަރުތައް މުރާޖާކުރުމަކަށް ނޫނެވެ. މަސައްކަތްކުރާންވީ ސުމޭކީ ކަންކަމާއި އިންސާނީ ކަންކަމާ ދެމެދުގައި ތަވާޒުނު ޤާއިމުކުރުމަށެވެ. މިއަދު ޢާއިލާއަކީ ގިޔަމުތަކުގެ މަޞްދަރެއްނޫނެވެ. ސުމޭކުގެ ހަންފެތުރުމުގެ ކުރިމަތީގައި ޢާއިލާއަށް ވަނީ ކުލުނާއި ލޯބީގެ ގަސްހެއްދުމަށް ޓަކައި ހަނގުރާމައެއް ކުރާން ޖެހިފައެވެ. ކުރިމަގުގައި ޖީލުތަކަށް އިންސާނީ ފުރާނަ ގެއްލިދާނެތީ މި ޖީލުތައް ޙިމާޔަތްކުރުމަށް ޓަކައި ސިޔާސީ ބޭފުޅުން މީޔާރުތަކެއް ކަނޑައަޅުއްވަން އެބަ ޖެހިވަޑައިގަންނަވައެވެ.

މައްސަލައަކީ ފަންނިއްޔަތު ބޭނުންކުރުން މަދުކުރުމެއްނޫނެވެ. އެހެނަސް އަޅުގަނޑުމެންގެ އިންސާނިއްޔަތު ޙިމާޔަތްކޮށްދޭނެ ފަދަ ގޮތަކަށް ފަންނިއްޔަތުގެ ބޭނުންހިފުމެވެ. އިންސާނާގެ  ފިޠުރަތާ އެއް ގޮތަށް އިންސާނާގެ ވުޖޫދު ކުރެހުމެވެ.

ކުރިމަގު ބިނާކުރުން އާލަތްތަކަށް ދޫކޮށްނުލައި، އިންސާނާއަށް އޭނާގެ ކުރިމަގު ބައްޓަންކުރުން ހަވާލުކުރުމެވެ. ވީމާ، ބޮޑު ހަނގުރާމަ އޮންނާނީ އިންސާނާއާ ފަންނިއްޔަތާ ދެމެދުގައެއްނޫނެވެ. އެކަމަކު އިންސާނާއާއި އޭނާގެ އިންސާނިއްޔަތުކަމާ ދެމެދުގައެވެ.

 

ބައެއް ލަފުޒުގެ މާނަ:

ޙަޔަވީ      ނއ.       ދިރޭ ތަކެއްޗާ ގުޅުން ހުރި.

ނައްސި     ނ.        (1) ނޭދެވޭ ނުވަތަ ނުރުހެވޭ. (2) އެއްޗެއްގައި ނުވަތަ މީހެއްގައި ވަކި ކަމެއް ނުވަތަ ވަކި ސިފައެއް ހުރިތޯ ބަލަން ކުރާ ޓެސްޓަކުން އެ ކަމެއް ނުވަތަ އެ ސިފައެއް ހުރިކަމަށް ނުދައްކާ. (3) ސުމަކަށްވުރެ ދަށް.

ބަހާ       ނ.        (1) އެއްޗެއް އުފައްދަން ބޭނުންވާ އަސާސީ އުންސުރުތައް. (2) ބައި. (3) ގެލަހަރު، އެބަހީ އަދަދެއް އެ އަދަދަކުން ގެއްލެވޭ އަދަދުތައް.

ބަހަވީ      ނއ.       ބަހަށް ނިސްބަތްވާ.

ކިއްސަރު    ނ.        (1) ބައްޓަން. (2) އޮޑިވަޑާމުގެ ބާވަތެއް. (3) އޮޑީވައްތަރު.

އަދާތު      ނ.        (1) މަސައްކަތެއް ކުރަން ބޭނުންކުރާ ސާމާނު ނުވަތަ އާލާތް. (2) އާލާތް.

އަސާސީ     ނއ.       (1) ކޮންމެހެން ބޭނުންވާ. (2) ބިންގާ. (3) މައިގަނޑު

އިންސާނާ    ނ.        (1) ބަސްމޮށުންތެރިކަމާއި ވިސްނާ ފިކުރުކުރުމުގެ ބާރު ލބިފައިވާ މަޚުލޫޤެއް. މި މަޚުލޫޤުގެ އަސްލަކީ އާދަމުގެފާނާއި ޙައްވާގެފާނެވެ. (2) އާދަމުގެ ދަރި.

އިންސާނިއްޔަތު ނ.        (1) އިންސާނެއްގައި ހުންނާންވީ ރަނގަޅު ސިފަތައް. މީގެ ތެރޭގައި ރަޙުމާއި އޯގާވެރިކަމާއި ކުލުނާއި އިޙްސާންތެރިކަން ފަދަ ސިފަތައް ހިމެނެއެވެ. (2) އާދަމުގެދަރީންގެ ނަސްލު.

ވަސީލަތް    ނ.        ކަމެއް ކުރަން ބޭނުންކުރާ މީހާ ނުވަތަ އެތި ނުވަތަ ކަންތައް.

ވެހި       ނއ.       (1) އަހުލުވެރި. (2) ފަންނަކަށް ހޭނިފައިވާ.

ވެހި        ނ.        މީހާ. (އެރަށަކަށް އަހުލުވެރި ވެފައިވާ).

މަންސަ     ނ.        (1) ވަކި މައުޟޫޢަކަށް ގިނަ ބަޔެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު. (2) ޖަލްސާއެއްގައި ޚާއްޞަ ބަޔަކު ތިބެން ހަދާ އިސްޓޭޖު ނުވަތަ އަށި. (3) ބަޔަކާ މުޚާޠަބުކުރުމަށް މީހާ އޭގެ ފަހަތުގައި ހުއްޓި ހުންނަ އުސް މޭޒެއް ފަދަ އެތި.

މަޢީޝަތު    ނ.        (1) ދިރިއުޅުމުގެ ފާގަތިކަމާއި ދުޅަހެޔޮކަމާއި ތަނަވަސްކަމާއި ހިތްހަމަޖެހުން ފަދަ ހާލަތްތައް. (2) ދިރިއުޅުމުގެ ވަސީލަތްތަކަށް ފޯރުމާއި އޭގެ ރާހަތު ލިބޭ މިންވަރު.

މަފުހޫމު     ނ.        (1) ވިސްނިފައިވާ ގޮތް. (2) މޭރުންވާ ގޮތް. (3) ދޭހަވާ ގޮތް.

މަލަ       ނ.     ދުރުން ފެންނަ ރަށެއްގެ ގަސްކަރަ.

މަލަ       ނއ.    (1) އަވަސް (2) ހަލުވި

މަގާލު      ނ.     ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް.

މަސްނޫޢީ    ނއ.    ހަދައިފައިވާ ނުވަތަ އުފައްދައިފައިވާ.

މާހައުލު     ނ.     ތިމާވެށި

މީޔާރު      ނ.     (1) އާންމު ހަމަ. (2) އިޚުތިޔާރު ލިބިގެންވާ ފަރާތަކުން އެއްޗަކާމެދު ނުވަތަ ކަމަކާމެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު.

މީޔާރު.      ނއ.   (1) އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު. (2) މާލީ ނިޒާމުގައި ތަކެތީގެ އަގު ކަނޑައެޅުމަށް ގެންގުޅޭ މިންގަނޑު ނުވަތަ އަސާސް.

މީސްމީޑިއާ   ނ.     ގިނަބައެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓަން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް.

މުރާޖާ      ނ.     (1) ކަމެއް ނުވަތަ އެއްޗެއް ރަނގަޅުތޯ ނުވަތަ ފުރިހަމަތޯ ނުވަތަ ފުދޭވަރުވޭތޯ ކަށަވަރުކޮށް އިސްލާހުކުރުމަށް ޓަކައި ކުރާ މަސައްކަތް. (2) ފޮތެއް، ފިލްމެއް، ތަމްސީލެއް ނުވަތަ އެ ފަދަ އެހެން އާންމު ދައްކާލުމެއްގެ ފެންވަރާ މެދު ފާޑުކިޔުމުގެ ގޮތުން ލިޔާ ބަޔާން.

މޭސްތިރި    ނ.    ކަންކަމުގެ ފާޑުވެރިކަން ހުންނަ މީހާ.

ފަށަލަ     ނ.   (1) އެއްޗެއްގެ ނުވަތަ ތަނެއްގެ ބޭރުގައި ނުވަތަ މަތީގައި ނުވަތަ އަޑީގައި ހުންނަ ހަނި ދިގު ޅިޔަ ނުވަތަ އެގޮތަށް ހުންނަ އުފުލުން. (2) އެއްޗެއް އުފެއްދުމުގައި ނުވަތަ އުފެދުމުގައި، ފަށްފަށް ހުންނަ ބައިބައިން ބައެއް.

ފަންނިއްޔަތު  ނ.    ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް.

ދާދިވަރު     ނއ.  (1) މާއްދީ ހަގީގަތެއް ނެތި ސުމޭކު ވަސީލަތުން ހަގީގަތެއްގެ ގޮތުގައި ދައްކާ. (2) ހަގީގަތާ ވަރަށް ގާތް.

ތަރުކީބު     ނ.    އެއްޗެއް ބިނާވެފައިވާ ބައިތައް އެތުރި އެކުލެވިފައިވާ ތަރުތީބު.

ތަވާޒުނު     ނ.    ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން.

ތަސައްވުރު  ނ.     (1) މުހިންމު މަގުސަދެއް ހާސިލުކުރުމަށް ޓަކައި މީހަކު ނުވަތަ ބަޔަކު ވާސިލުވާން ބޭނުންވާ ލަނޑުދަނޑިތަކުގެ ބަޔާން. (2)   މުއައްސަސާއަކުން ނުވަތަ ޖަމުޢިއްޔާއަކުން އެ ބަޔެއްގެ މަސައްކަތް ކުރިއަރުވައި ހާސިލުކުރާން ބޭނުންވާ ކަންކަން ސިފަކޮށްދޭ ބަޔާން. (3) ހިތަށް ސިފަވާސިފަވުން ނުވަތަ ޚިޔާލަށް ގެންނަ ގެނައުން.

ތައުގީދު    ނއ.    (1) އޮޅުންބޮޅުން ބޮޑު. (2) ދޭހަކުރާން ނުވަތަ ދެނެގަންނާން އުނދަގޫ.

ލަޔާގަތު    ނ.    ދޭހަކުރާން ނުވަތަ ދެނެގަންނާން އުނދަގޫ.     

ގިޔަމު     ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް.

ސަގާފަތް   ނ.    އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަ ދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާއި މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދަ.

ސިޔާގު    ނ.    ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު.

ސުމޭކު   ނއ.   (1) ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައިދިނުމުގެ ބަދަލުގައި ހިސާބު އަދަދުން މިންވަރު އަންގައިދޭ. (2) ހިސާބުކުރުމާ ގުޅުން ހުރި. (3) ހިސާބު ޢަދަދު ބޭނުންކޮށްގެން މަޢުލޫމާތު ރައްކާކޮށް ބޭނުންކުރާ. (4) އެކަކާއި ސުމެއް ނުވަތަ ހިސާބު ޢަދަދުގެ ގުނައަކުން ކަމަކާ ގުޅޭ ހުރިހާ މަޢުލޫމާތެއް ރައްކާކުރާ.

ސުލޫކު    ނ.    (1) ޢަމަލުތައް ހުންނަ ގޮތް. (2) އުޅޭ ގޮތް. (3) އަޚުލާޤު

ޞޫރަ    ނ.     (1) ސިފަ. (2) ރޫފަ.

ޒަމާނީ    ނއ.   (1) ޒަމާނަށް ނިސްބަތްވާ. (2) ޒަމާނުގެ ގޮތް ހުރި. (3) މިހާރުގެ   

ޖައްވު    ނ.    (1) އުޑާއި ބިމާ ދެމެދު. (2) ހަވާ. (3) ފަޒާ. (4) އުޑުމަތި. (5) މާހައުލު.

ޖީލު    ނ.     (1) ވިހި އަހަރާއި ތިރީސް އަހަރާ ދެމެދުގެ މުއްދަތެއް. (2) އެއްދުވަސްވަރެއްގައި ދުނިޔެއަށް އަންނަ މީހުން، ނުވަތަ އެއް އުމުރުފުރައެއްގެ މީހުން. (3) މެޝިނާއި އާލާތްތައް ފަދަ އުފެއްދުންތައް ތަރައްގީކުރަމުން އަންނަ މަރުހަލާތަކުގައި އެއް ފެންވަރެއްގައި ވުޖޫދުކޮށްފައިވާ އުފެއްދުންތައް.

ކޮމެންޓު
ކޮމެންޓުތައް
އާބަސް
28 އޭޕްރިލް 2025 05:53
ޢާންމުކޮށް ބޭނުން ނުކުރާ ލަފުޒުތައް ވަރަށް ދަންނަ ފަރާތަކުން އެ ލަފުޒުތައް ބޭނުންކުރަނީ.