ad_banner
ކަންކަން ކުރެވޭނީ ކަންކަން ކުރާން އޮންނަ މަގުން ހިނގައިގެންނެވެ!

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

22 އޭޕްރިލް 2025

ޢިލްމުވެރި މުފައްކިރު، މައުލާނާ ވަޙީދުއްދީން ޚާން

[މަގުމަތީގައި އެއްވެފައި ތިބި ބަޔަކު އިންތިޒާރު ކުރަމުންދިޔައީ އެކާވީސް ނަންބަރު ބަސް އައުމަށެވެ. އެ މީހުން މި އިންތިޒާރުގައި ތިއްބައި ދުރުން ބަހެއް އަންނަ ތަން ފެނިއްޖެއެވެ. އަދި އެންމެން އެ ބަހާ ދިމާއަށް ދުއްވައިގަތެވެ. ބަހުގެ ނަންބަރު ރަނގަޅަށް ބަލައިލައިފައި އެކަކު ބުންޏެވެ. މިއީ ބާރަ ނަންބަރު ބަހެވެ. އަނެކަކު ހުރެލައިފައި ބުންޏެވެ. ބާރަ އެކާވީހަށް ހަދައިލާށެވެ. އދި ބަހަށް އަރައިގެން ދަތުރުކުރާށެވެ!]

[ދެވަނަ މީހާ މި ކުރީ ސަމާސާއެއްކަން ސާފުކޮށް އެނގެއެވެ. ކިލާ މަށިކޮޅަކުން ބަހުގައި ބޭނުން ނަންބަރެއް ޖަހައިލައިގެން، އެ ބަހަށް އަރައި އޭނާ ދަތުރުކުރާން ބޭނުންވާ ތަނަކަށް ދެވޭނެކަމަށް ހީކޮށް ދަތުރުކުރާން ފެށުމަކީ އެއްވެސް މީހަކު ކުރާނެކަމެއްނޫނެވެ. މިއީ ހަމައެކަނި ހިސާބުގެ ތަފާތުކަމެއްނޫނެވެ. ޙަޤީޤަތުގެ ވެސް ތަފާތުވުމެކެވެ. މި ޙަޤީޤަތް، ހިސާބުގެ އަދަދު ބަދަލުކޮށްލުމަކުން، ބަދަލުވެގެންނެއް ނުދާނެއެވެ. މި ކަމަކީ ކޮންމެ މީހަކަށްމެ އެ މީހެއްގެ އަމިއްލަ ޒާތީ މައްސަލަތަކުގައި ވަރަށް ސާފުކޮށް އެނގިފައި އޮންނަކަމެކެވެ. ނަމަވެސް އަޖާއިބުވެ ހައިރާންވާން ޖެހޭކަމަކީ ގައުމުތަކަށް މަގުދައްކާ ލީޑަރުން ގައުމީ މައްސަލަތައް ހައްލުކުރާން ކުރިމަތިލައްވާ އިރު، މި ސާފު ހަގީގަތް ހަނދާންނައްތައިލައްވާކަމެވެ. މި ގޮތަށް ހައްދަވައިލައްވާ އިރު، ލީޑަރުން ހީކުރައްވަނީ ރީތި ނަމެއްގައި ކަންތައް ކުރުމުން ބޭނުންވާ ހަގީގީ މަގުސަދު ހާސިލުވާނޭކަމަށެވެ. ނަމަވެސް ބޭނުންވާ ހަގީގީ މަގުސަދު ހާސިލުވުން އޮތީ މި ޢަމަލީ ދުނިޔޭގައި ހަގީގީ ސިފައެއްގައި ވާހަކަތަކާއި އަމަލުތައް ގެންގުޅުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.]

އިސްވެ މި ބަޔާންކޮށްލީ އިންޑިޔާގެ އިލްމުވެރި މުފައްކިރެއްކަމަށްވާ މައުލާނާ ވަޙީދުއްދީނު ޚާނުގެ ބަސްކޮޅެކެވެ. މި ބަސްކޮޅު މަތީން ހަނދާންވީ މިހާރު ކެނޑިނޭޅި އިވެމުންދާ އަޑެއްގެ ސަބަބުންނެވެ. އާދޭހެވެ! ސިޔާސީ މަސްރަހުން، ކެނޑިނޭޅި އިވޭ އެއް އަޑަކީ ބަރުލަމާނީ ނިޒާމުގެ އަޑެވެ. ވެރިކަންކުރާން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށެވެ.

މި ނިޒާމު ރަނގަޅުވަނީ ކިހިނެއްބާވައެވެ؟ އެ ކަން ތަބުރީރު (ޖަސްޓިފައި)ކުރުމުގެ ގޮތުން، ބައެއް ފަހަރު ބުނާ އަޑު އިވެނީ އެ ކަމަކީ ވެރިކަން ކުރާ ޕާޓީ ބޭނުންވާ ގޮތްކަމެވެ. ބައެއް މީހުންގެ ނަޒަރުގައި މިއީ ވަރަށް ރަނގަޅު ތަބުރީރަކަށް ވެދާނެއެވެ. އެއީ މި ފަދަ މީހުންގެ ނަޒަރުގައި ރާއްޖޭގެ ރައްޔިތުންނަށް ވަނީ އެ ޕާޓީގެ މީހުން އެކަންޏެވެ. އެހެނީ ރާއްޖެއަކީ އެ ޕާޓީގެ މިލްކެކެވެ. ދެން ރާއްޖޭގައި އުޅޭ ބަޔަކު އެ އުޅެނީ އެ ޕާޓީގެ ހެޔޮފުޅުކަމުން އެމީހުން އުޅޭން ދޫކޮށްލެވިފައިވާތީއެވެ! އަނެއް ބައި ފަހަރު އިވެނީ މިއީ ހުރިހައި ކަމެއް ހައްލުވާނެ ނިޒާމުކަމުގައެވެ. އެ ފަދައިން ދައުވާކުރާ މީހުން ބުނާ ގޮތުގައި އެހެން ހުރިހައި ނިޒާމެއްގެ ޚަބަރު މިހާރު ބެލިއްޖެއެވެ. ނަމަވެސް، މައްސަލަތަކެއް ހައްލެއްނުވިއެވެ.

ހައްލުކުރާން އުޅެގެން ހައްލުނުވީ މައްސަލައެއްބާވައެވެ؟ ފަސާދައާއި ވައްކަމުގެ މައްސަލަހެއްޔެވެ؟ ގޮތް ނޭނގޭ މަރުތަކުގެ މައްސަލަހެއްޔެވެ؟ ޑުރަގްގެ ވަބާގެ މައްސަލަހެއްޔެވެ؟ ނިޒާމުގެ މައްސަލައަކާ ހުރެ، މިއިން ކަމެއް ހައްލުނުވެގެން އުޅެނީ ކިހިނެއްކަމެއް ނޭނގެއެވެ! 2018ގެ ކުރީން އިވެނީ، ވެރިކަމަށް އައުމުން ހުރިހައި ކަމެއް ވެސް ހައްލުވާނެ ވާހަކައެވެ! އާ ރިޔާސީ ޚިތާބުގައި އިވުނީ ފަސާދައަށް 'ޒީރޯ ޓޮލޮރަންސް'، ކުޑަކޮށް ވެސް ދޫދީ، އެ ކަން ބަލައިނުގަންނާނެ ވާހަކައެވެ. ދެން، ފަހުން ހިނގައި ދިޔަ މި ފަދަ މައްސަލަތައް ހައްލުނުވުމާ ވެރިކަމުގެ ނިޒާމާ އޮތީ ކޮން ގުޅުމެއްބާވައެވެ؟ 'ރޯޔަލް ރޭޕް' މައްސަލައާއި 'ކޮވިޑް ރޭޕް' މައްސަލައާއި، 'ވެންޓިލޭޓަރުތަކުގެ ރޭޕު'ގެ މައްސަލަތައް ވެސް ހައްލުނުވުމާ ވެރިކަމުގެ ނިޒާމާ ހުރީ ކޮން ކަހަލަ ގުޅުމެއްބާވައެވެ؟ ވެރިކަމުގެ ނިޒާމު ބަދަލުވުމުން މި ހުރިހައި ކަމެއް ހައްލުވެގެންދާނެބާވައެވެ؟

ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަ މަންޒަރުތައް ބުނަނީ މުޖުތަމައުގައި ކެންސަރެއްހެން އަށަގަނެ ފެތުރިފައިވާ ފަސާދައާއި ވައްކަމާއި މީހުން މެރުން ފަދަ، ބޮޑެތި މައްސަލަތައް ހައްލުވުން ގުޅެނީ ނިޒާމަކާ ނޫންކަމެވެ. އިންޑިޔާއަށް ބައްލަވައިލަބައްލަވާށެވެ! އެ ތާނގައި އޮތީ ބަރުލަމާނީ ނިޒާމެކެވެ. 1947ގައި އެ މީހުންނަށް މިނިވަންކަން ލިބުނީއްސުރެން ވެސް އޮތީ ހަމަ މި ނިޒާމެވެ. ނަމަވެސް، ދުނިޔޭގެ އެންމެ ފަސާދަ ބޮޑު ގައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނެއެވެ. ހަމަ އެހެންމެ ދުނިޔޭގެ ރޭޕުގެ މައްސަލަތައް، (އަންހެނުންގެ ޢިއްފަތް ފޭރުމުގެ މައްސަލަތައް) އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނެއެވެ. މީގެ އިތުރަށް ފަގީރުކަމާއި، މުއްސަނދީންނާއި ފަގީރުންގެ ދެމެދުގެ ތަފާތުކަން ބޮޑެތި ގައުމުތަކުގެ ތެރޭގައި ވެސް އިންޑިޔާ ހިމެނެއެވެ. މި ފަދަ ކަންކަން ހައްލުވުން ގުޅެނީ ވެރިކަމުގެ ނިޒާމަށް ވެފައި އެ ނިޒާމަކީ ބަރުލަމާނީ ނިޒާމަށްވާ ނަމަ، އިންޑީޔާގައި ކަންތައް އޮތީކީ މި ދެންނެވި ސިފައެއްގައެއް ނޫނެވެ.

ދެން މިއާ ޚިލާފަށް، ސިންގަޕޫރުގެ ތާރީޚަށް ބައްލަވައިލައްވާށެވެ! އެ ތަނުން ފަސާދާއާއި ވައްކަމާއި އިއްފަތް ފޭރުން ފަދަ ބޮޑެތި ޖަރީމާތައް މަދުވެ، އެ ފަދަ ޖަރީމާތައް އެންމެ މަދު ގައުމުތަކުގެ ތެރޭގައި ހިމެނުނީ އެ ތާނގައި ބަރުލަމާނީ ނިޒާމެއްގެ ވެރިކަމެއް އޮވެގެންނެއް ނޫނެވެ. އެ ކަންކަމަށް ހައްލު ހޯދިގެން ދިޔައީ އެ ތާނގައި އިސްތިބްދާދީ ވެރިކަމެއް، (ޑިކްޓޭޓަރޝިޕެއް) އޮއްވައެވެ. ހަމަ އެހެންމެ، ވޭތުވެ ދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ރުވަންޑާއިން ވެސް މި ދެންނެވި ފަދަ އިޖުތިމާއީ ބޮޑެތި ޖަރީމާތައް ނެތިކޮށްލެވުނީ އެ ތަނުގައި ވެސް އިސްތިބްދާދީ ވެރިކަމެއް އޮއްވައެވެ. މީގެ މާނައަކީ އެ ފަދަ ކަންކަން ނެތިގެން ދިޔައީ ޑިކްޓޭޓަރޝިޕެއް އޮވެގެންނޭ ބުނެވިދާނެހެއްޔެވެ؟ ފަހަރެއްގައި ވެސް އެހެންނެއް ނުވާނެއެވެ. އެ ކަންކަން ނެތިކޮށްލެވުނީ އެ ކަންކަން ނެތިކޮށްލާން އުޅުމުންނެވެ. ވެރިކަމަށް ވާސިލުވުމުގެ ބޭނުމަކީ ގައުމު އިސްލާހުކޮށް، ގައުމުގެ އެންމެން ވެސް ފުދިގެން އުޅެވޭނޭ ގޮތެއް ހޯދުން ކަމަށް ދެކިގެން، ވެރިކަމަށް އާދެވުމުން އެ ކަމުގެ އަމަލީ މަސައްކަތްތައް ކުރާން ފެށުމުންނެވެ.

ދެން އަނެއްކާ ވެސް، މައުލާނާ ވަހީދުއްދީނުގެ ވާހަކަކޮޅާއިގެން ކުރިއަށް ދާނަމެވެ. އޭނާ ލިޔުއްވައެވެ. [މީސްމީހުންނަށް ތަފާތު ދަރަޖަތަކާއި މަގާމުތައް ލިބެނީ އެ މީސްމީހުންގެ ކިބައިގައި ހުންނަ ޚާއްސަ މޮޅުކަންކަމަކާ ލަޔާގަތަށް ބެލެވިގެންނެވެ. މިއީ ކަން އޮންނަންވީ ޙަޤީޤީ ގޮތްކަމަށްވިޔަސް، މަގާމާއި ދަރަޖަތައް ދިނުމުގައި ޒާތީ އެހެން ބާވަތެއްގެ ކަންތައްތަކަކަށް ބެލެވިގެން ކަންތައް ކުރާ އިރު، އެއީ އެންމެ ރަނގަޅު މޮޅު ގޮތްކަމަށް ހީކޮށްލައިގެން އުޅޭ ތަން ވެސް ފެނެއެވެ. ނަމަވެސް އެއީ ތެދު ޙަޤީޤަތަކަށްވާނެތޯއެވެ؟ އަދި އިގްތިސާދީ ބާރުގެ މައްޗަށް ބިނާވެގެން، ގައުމުތަކަށް ކާމިޔާބީއާއި ނާކާމިޔާބީ ލިބުން އެއީ ޙަޤީޤަތުގައި ކަން ވާންވީ ގޮތްކަމަށް ހިމެނިފައިވާ އިރު، މި ދެންނެވި ބާރު ނެތި، އިގްތިސާދީ ތަރައްގީއަށް ޓަކައި، އަޅުގަނޑުމެން ހަމައެކަނި އިހުތިޖާޖުތައްކޮށް މުޒާހަރާގެ ޕޯސްޓަރުތައް ބަހައްޓައިގެން ކަންތައްކުރަމުން ދިޔަޔަސް ޙަޤީޤީ ކާމިޔާބީއެއް ނުލިބޭނެއެވެ.]

އާދޭހެވެ! ކަންކަން ހައްލުކުރާން ބޭނުން ނަމަ، އެ ކަން ކުރާން އޮންނަ މަގު ޚިޔާރުކުރާން ޖެހެއެވެ. އެންމެ ފުރަތަމަ އެ ކަން ކުރާން ބޭނުންވުމެވެ. އެ ކަމުގެ ގާބިލުކަން ލިބިގެންވާ މީހުންނާ އެ ކަން ހަވާލުކުރުމެވެ. އެ ކަން ކުރަން ބޭނުމޭ ކިޔައިފައި އެ ކަން ވާން އޮތީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުންނޭ ބުނުމުން އެއީ ހަގީގަތަކަށް ނުވާނެއެވެ. އިންޑިޔާގެ މިސާލުން ފެނި އެނގޭން އޮތް ފަދައިންނެވެ. އަދިވެސް މައުލާނާ ވަހީދުއްދީނުގެ ވާހަކަކޮޅު ކުރިއަށްގެންދާނަމެވެ.

[މިއަދުގެ ދުނިޔެއަކީ ވާހަކަދެއްކުމާއި ބަޔާންތައް ނެރުމުގައި ވެސް މުޅީން އައު ގޮތްތަކެއް ފެންނަމުންދާ ދުވަސްވަރެކެވެ. މި ކަން މިހެން އޮތުމާ އެކު، ލިޔެކިޔުމާއި ބަހުގެ ގޮތުން ތަރައްގީވެފައިވާ ބަޔަކަށް ވުމަށް ޓަކައި އަޅުގަނޑުމެން ކުރާންއުޅޭ ކަމަކީ އަޅުގަނޑުމެންގެ މުސްކުޅި ކުތުބުޚާނާގެ ނަންބޯޑު ބަދަލުކޮށްލުމެވެ. މޮޅަށް ރީތިކޮށް ނަންބޯޑު ހަދާ ފަންނާނަކު ލައްވައި ރީތިކޮށް "އައުދައުރު" މި ނަމުގައި ނަންބޯޑެއް ހަދައި، އެ ކުތުބުޚާނާގައި ބެހެއްޓުމުން އަޅުގަނޑުމެންގެ ޚިޔާލުތައް ވެސް އައުވެ ތަރައްގީވެގެންދާނޭކަމަށް ހީކޮށްގެންނެވެ. ... އަދި ދެބަސްވުންތަކާއި ޝަކުވާތަކުން ފުރިފައިވާ މުޖުތަމައެއްގައި އެ ކަންކަން އުފެދުމުގެ ޙަޤީޤީ ސަބަބުތަކެއް އޮއްވައި ރީތި ވާހަކަތަކާއި މޮޅު ތަގުރީރުތަކެއްގެ ޖާދޫއަކުން ހުރިހައި ކަމެއް ރަނގަޅުކޮށްލެވިދާނެކަމަށް އަޅުގަނޑުމެން ހީކުރިޔަސް އެއީ ޙަޤީޤަތަކަށް ނުހެދޭނެއެވެ. އެ ބަޔެއްގެ ތެރޭގައި ތައުލީމާއި އިގުތިސާދީ ކަންތައްތަކާއި އަދި އެންމެންގެ މެދުގައި އޮންނާންވީ އެކުވެރިކަމާއި އެއްބާރުލުން ހުރިހައި ރޮގަކުން ބަލާ އިރު، އެންމެ ދަށް ފެންވަރަކަށް އޮތް ތަނެއްގައި ޖަލްސާތަކާ މުއުތަމަރުތަކުގެ ޒަރީއާއިން ގައުމުގެ މުސްތަގުބަލު އުޖާލާކޮށްލެވިއްޖެކަމަށް އަޑު އުފުލައި ހަޅޭލެވިޔަސް އެއީ ޙަޤީޤަތެއްކަމަށް ނުހެދޭނެއެވެ. ތިމާމެންގެ އަމިއްލަ ނަފުސު ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ބާރު ނެތް ބަޔަކު ދެކޮޅުވެރި ދުޝްމަނުންނަށް ގެއްލުންދިނުމުގެ މަސައްކަތް ކޮށްގެން އިއްޒަތްތެރި ދިރިއުޅުމެއް ހޯދިދާނެކަމަށްހީކޮށް ވާހަކަދައްކައި އުޅުނަސް އެއީ ވެސް ޙަޤީޤަތަކަށް ހެދޭނޭކަމެއްނޫނެވެ. މި ބާވަތުގެ ހުރިހައި ކަމަކީ ވެސް، ކުރީން ބުނެވި ދިޔަ ދަތުރުކުރާ ބަހުގައި އޮތް ބާރަވަނަ ނަންބަރު އެކާވީސް ނަންބަރަށް ބަދަލުކޮށްގެން، ބަހަށް އަރައި ބޭނުންވާ ތަނަށް ދަތުރުކުރެވިދާނެކަމަށް ޚިޔާލުކޮށްލައިގެން އުޅުން ކަހަލަ ކަމެކެވެ.]

އާދޭހެވެ! ގައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުވުމާ ވެރިކަމުގެ ނިޒާމާ ގުޅުވުމަކީ ވެސް ހަމަ، މައުލާނާ ވަހީދުއްދީނު އެ ވިދާޅުވާ [ދަތުރުކުރާ ބަހުގައި އޮތް ބާރަވަނަ ނަންބަރު އެކާވީސް ނަންބަރަށް ބަދަލުކޮށްގެން، ބަހަށް އަރައި ބޭނުންވާ ތަނަށް ދަތުރުކުރެވިދާނެކަމަށް ޚިޔާލުކޮށްލައިގެން އުޅުން ކަހަލަ ކަމެކެވެ.] ޝައްކެއް ނެތް ގޮތުގައި، މި ބީދައިން ވާހަކަދައްކާ ލީޑަރުގެ ލަގަބު އަޅުވައިގެން އުޅޭ މީހުން، އެ ވާހަކަ ދައްކަނީ އެ މީހުންނަށް އެ ފަދަ ވާހަކަތައް ދައްކާ އެ މީހުންގެ އަމިއްލަ މަގުސަދު ނޭނގޭތީއަކީ ނޫނެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރާން ބޭނުންވަނީ ތިމާ ވެރިކަމުގެ ގޮނޑީގައި އިށީނދެ، އެ ގޮނޑީން ނުފައިބައި އިނދެވޭނޭ ގޮތެއް ހެދުމަށެވެ. ދެން ދައްކާވާހަކަތަކަކީ، ނުވަތަ އެހެން މީހުން ލައްވައި ދައްކުވާ ވާހަކަތަކަކީ ހުސް ބަހާނާތަކެކެވެ. މީހުންގެ ލޮލުގައި އަނދުން އަޅުވާން ކުރާ ކަމެކެވެ. ހަގީގަތުގައި ވެސް ކަންކަން ކޮށް، ކަންކަން ހަގީގަތަކަށް ހަދައިލާން ބޭނުން ނަމަ، މުޖުތަމައުގެ މައްސަލަތައް ހައްލުކުރާން ބޭނުން ނަމަ، އެ ކަން ކުރެވިދާނެއެވެ. އެ ކަން ކުރުމަށޭ ކިޔައިފައި ވެރިކަމުގެ ނިޒާމު ބަދަލުކުރާކަށް ނުޖެހެއެވެ. އެ ކަން ކުރާނީ ކިހިނެއްކަން، އަނެއްކާ ވެސް މައުލާނާ ވަހީދުއްދީނުގެ ލިޔުމުން ބައްލަވައިލައްވާށެވެ!

އޭނާ ލިޔުއްވައެވެ. [މިހާރުގެ މި ދުނިޔެއަކީ ހާސިލުކުރާން ބޭނުންވާ ކޮންމެ އެއްޗެއް ހާސިލުކުރެވޭން އޮތް ޒަމާނެކެވެ. އަދި އެ ފަދަ ކަންތައް ނުވެވޭ ގޮތަށް ވެސް އޮތް ޒަމާނެކެވެ. ކޮންމެ ކަމެއް ނުވަތަ ކޮންމެ އެއްޗެއް ވިޔަސް ހާސިލުކުރުމަށް ޓަކައި، ޒަރޫރަތްތެރިވާ ސަބަބުތައް ފުރިހަމަކުރެވިއްޖެ ނަމަ، އެ ކަމެއް ނުވަތަ އެއްޗެއް ހާސިލުކުރެވޭނެއެވެ. ރޭގަނޑަށް ފަހު، ދުވާލު އަންނަ ފަދަ ގުދުރަތީ ހަމައަކުންނެވެ. ނަމަވެސް ތަބީއީ ގޮތުން ކަނޑައެޅި ހަމަޖެހިފައިވާ އުސޫލުތަކުން އެއްކިބާވެ، އެ ކަމެއް ނުވަތަ އެއްޗެއް ހާސިލުކުރުމަށް ޓަކައި ކޮންމެހެން ބޭނުންކަންތައް ފުރިހަމަނުކޮށް އެ ކަމެއް ނުވަތަ އެއްޗެއް ހާސިލުކުރާން އުޅެފި ނަމަ، ފުރަތަމަ ދެންނެވި ގޮތުގައި ކާމިޔާބީ ލިބުން ޔަގީންކުރެވޭ ފަދައިން ދެވަނަ ގޮތުގައި ނާކާމިޔާބީއަކީ ޔަގީންކަމެކެވެ.]

އާދޭހެވެ! މައްސަލަތަކަށް ހައްލު ހޯދުން، އަސާސީ ގޮތެއްގައި، ގުޅެނީކީ ވެރިކަގެ ނިޒާމަކާ ނޫނެވެ. ނިޒާމަކުން އެ ކަމަށް ހައްލު ހޯދިދާނޭ ކަމެއް އިންޑިޔާގެ ބަރުލަމާނީ ނިޒާމަކަށް ސާބިތުކޮށެއްނުދެވުނެވެ. ހަމަ އެހެންމެ، ސިންގަޕޫރާއި ރުވަންޑާގެ ތަޖުރިބާއިން ސާބިތުކޮށްދިނީ، އެ ފަދަ މައްސަލަތައް ހައްލުކުރާން ބޭނުން ނަމަ، އިސްތިބްދާދީ ވެރިކަމެއް އޮތަސް، އެ ފަދަ މައްސަލަތައް ހައްލުކުރެވިދާނޭކަމެވެ. އެ ކަމުގެ ހައްލަކީ ބޭކާރު، އެ ވާހަކަތަކުގައި އެއްވެސް މާނައެއް ނެތް ހޮޅި ވާހަކަނުދައްކައި ކަންކުރުމަށް އަޒުމުކަނޑައަޅައި އެ ކަންކަން ކުރާން އޮންނަ މަގުން ހިނގައި އެ ކަންކަން ހައްލުކުރުމަށް ޓަކައި މަސައްކަތްކުރުމެވެ.

ކޮމެންޓު