ad_banner
ކަފިހިހުރަހުން ހުރަސްކުރުން ފުރާނައަށް ނުރައްކާވެފައި؟ - މީހަކު ނިޔާވެއްޖެ!!

އަބާ މުޙަންމަދު

16 އޯގަސްޓް 2025

އިސްކަންދަރު ވައިގެ މަރުކަޒު ކުރިމަތި (ފައިލް ފޮޓޯ)

މަގުތަކުގައި ހަދައިފައި ހުންނަ ކަފިހިހުރުރަސްތަކަކީ ދުއްވާ އެއްޗެހީގެ ނުރައްކަލުން ސަލާމަތްވެގެން މީހުން ހުރަސްކުރާން ހަދައިފައި ހުންނަ ސަރަހައްދެކެވެ. ނަމަވެސް ރާއްޖޭގައި އެއީ ރައްކާތެރި ސަރަހައްދެއް ނޫނެވެ. މީހަކު ކަފިހިހުރަހުން ހުރަސްކުރިޔަސް ބެލުމެއް ނެތި މަގުން ދުއްވާ މީހުން ވަނީ ޢާންމުވެފައެވެ. ވަރަށް މަދު މީހެއް ނޫނީ މީހަކު ކަފިހިހުރަހުން ހުރަސްކުރިޔަސް ބަލައިލުމެއް މަޑުކޮށްލުމެއް ނޯވެއެވެ. މި ކަމުގެ ނުރައްކަލާ ރައްޔިތުން ވަނީ ކުރިމަތިލާން ޖެހިފައެވެ.

ދެކޮޅަށް ދުއްވާ މަގެއްގައި ކަފިހިހުރަހުން މަގު ހުރަސްކުރިޔަސް ދެކޮޅަށް ބަލަމުން މަގު ހުރަސްކުރުމަކީ ނުރައްކާތެރިކަމަކަށް މިއަދު ވެއްޖެއެވެ.

މީގެ ދެ މަހެއް ހައި ދުވަސްކުރީން ޚުދު މި ނޫހުގެ އެޑީޓަރަށް ވެސް ވަނީ މިކަހަލަ ހިތްދަތިކަމަކަށް ކުރިމަތިލާންޖެހިވަޑައިގެންފައެވެ. ކަފިހިހުރަހާދިމާގައި ދެކޮޅަށް ބައްލަވަމުން ދަނޑިވަޅެއް ލިބޭތޯ ބައްލަވާން ގިނަ އިރުތަކެއް މަޑުކުރައްވައިގެން ހުންނެވުމަށް ފަހު، އަތް ހިއްލަވައިއިލައްވައި ދުއްވާ އެއްޗެހި މަޑުކޮށްލައިތޯ މަސައްކަތްކުރެއްވުމުން ޓެކްސީއެއް މަޑުކޮށްލުމުން އޭނާ ބާރުބާރަށް މަގު ހުރަސްކުރައްވަމުން ދަނިކޮށް ކާރުގެ ބިއްދޮށުން ބާރު އިސްޕީޑުގައި އައި ސައިކަލަކުން އޭނާގެ ގައިގައި ޖެހި ވިއްސަކަށް ފޫޓު ދުރަށް އޭނާ ވިއްސައިގެން ދިޔައެވެ. ތަންތަން މެށުން ފިޔަވައި ބޮޑު ހާނީއްކަތަކެއް ނުލިބި، ﷲގެ ރަޙުމަތުން އެ ފަހަރު އޭނާ ސަލާމަތްވިއެވެ. އޭނާއަށް ހަމްދަރުދީވެ އެހީތެރިވީ ކާރު ޑުރައިވަރާއި އެ ވަގުތު ދުވާރުން ހިނގައިފައި ދިޔަ ބިދޭސީ ދެ އަންހެނެކެވެ. ސައިކަލުދުއްވާން އިން މީހާ، [މިއީ ވަރަށް ދިމާނުވާ ކަމެކޭ] ބުނެލުމަށް ފަހު ބާރު އިސްޕީޑުގައި ދިޔަކޮޅަށް ދިޔައީއެވެ. އެ ކަމާ އޭނާ ދެރައެއް ވެސް ނުވިއެވެ.

އިއްޔެ ހަވީރު ލ. ކައްދޫގައި ވެސް މި ވަނީ މި ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގައި މީހެއްގެ ފުރާނަ ގެއްލިފައެވެ. ލ. މާވަށު އެތުމާ މަރިޔަމް މޫސާއާއި އޭނާގެ މާމަ ދަރިފުޅު ޢަބްދުއްސަލާމް (ޒުވާން ފިރިހެންކުއްޖެއް)، ކައްދޫ [އިސްކަންދަރު ވައިގެ މަރުކަޒު]ގެ އުތުރު ފަރާތުން މަގު ހުރަސްކުރާން އޮންނަ ކަފިހުރަހުން މަގުހުރަސްކޮށްގެން ދިޔައީ ބަނދަރުގައި އޮތް ލާންޗަކަށް އަރާށެވެ. އެއީ އަވަހަށް ރަށަށް ގޮސް ދަރީންނާއި މާމަދަރީންނާ ބައްދަލުކޮށްލުމުގެ އުންމީދުގައެވެ.

އެއީ ރޭ ގާތްގަނޑަކަށް އިރުއޮއްސުނު ވަގުތެވެ. އެ ވަގުތު ލ. ބޮޑުމަގު (ހަލިމަގު)ގެ ފޮނަދޫ ކޮޅުން ގަމަށް ދިޔަ ސައިކަލެއްގައި ޖެހި މުޑިއެރީއެވެ. ހިނގައިފައި ދިޔަ ދެމާމައިންނާއި ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް މި ހާދިސާގައި ވަރަށް ބޮޑަށް ހާނީއްކަވިއެވެ. މި ހާދިސާ ހިނގުމާ އެކު މި ހަތަރު މީހުން ވެސް ގަމު ސަރަހައްދީ ހަސްފަތާލަށް ގެންދެވި ފަރުވާދޭން ފެށުނެވެ. ނަމަވެސް ލިބިފައިވާ ހާނީއްކަތަކުގެ ސަބަބުން މާ ގިނަ އިރުތަކެއް ނުވަނީސް މަރިޔަސް މޫސާ (64) ވަނީ ނިޔާވެފައެވެ. ހިތާމަވެރި ކުއްލި ހާދިސާއެކެވެ. ހިތާމަހުއްޓެވެ!

މި ފަދަ ހިތާމަވެރި ހާދިސާތައް މި ހިނގަނީ ރީތި ސުލޫކާއި ކެތްތެރިކަމުގެ ރީތި އާދަތައް އަޅުގަނޑުމެންގެ ގިނަ މީހުންގެ ނުހުންނާތީއެވެ. ކަފިހިހުރަހުން މީހަކު މަގުހުރަސްކުރާން ހޭދަވާނީ ތިރީހަކަށް ސިކުންތެވެ. އެ ހައި ކުޑަ ވަގުތުކޮޅެއް ވަންދެން މަޑުކޮށްލިޔަސް ސައިކަލު ދުއްވާން އިންނަ މީހާއަށް ލިބޭނެ ގެއްލުމެއް ނޯންނާނެއެނެ. ނަމަވެސް އެހެން މީހުންނަށް އިޙުތިރާމްކުރުމާއި ކެތްތެރިކަމުގެ ސިފަ އަޅުގަނޑުމެންގެ ތެރެއިން ނެތެމުން ދަނީއެވެ.

މި ކަމަށް ޓަކައި ގައުމީ ފެންވަރެއްގައި ވިސްނައި ފިޔަވަޅުތަކެއް އަޅާން ޖެހިފައިވާކަމަށް ގަބޫލުކުރާން ޖެހެއެވެ. މާތް ﷲ މަރިޔަމް މޫސާ (މަރިޔަމްފުޅު)ގެ ފާފަފުއްސަވައި ރަޙުމަތްލައްވައި އޭނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ! އާމީން!

ކޮމެންޓު