ad_banner
މައިންބަފައިންގެ ދުޢާ - ދުރު ރާސްތާ މިސައިލެއް (1)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

15 އޯގަސްޓް 2025

މިސައިލެއްގެ ކައިރީގައި އަންހެނަކު

ދަރީން ރަނގަޅުވުމަކީ މައިންބަފައިންގެ ހިތުގެ ފިނިކަމެވެ. މިހެންވެ ގިނަ ބަޔަކު  އެމީހުންގެ ދަރީން ރަނގަޅު ލާބަހުރި ބައެއްގެ ގޮތުގައި ތަރުބިޔަތުކޮށް ބޮޑުކުރެވޭތޯ މަސައްކަތްކުރެއެވެ. އެކުދީންނަށް ކާންބޯންދިނުމާއި އުނުއޮރިޔާން ނިވައިކޮށްދިނުމާއި މަދަރުސާއަށް ފޮނުވައި ކިޔަވައިދިނުމާއި މަދުރަސާ ނިމުމުން ތިނަވި ތަޢުލީމުގެ ދާއިރާއިން މަތީ ދަރަޖަތައް ޙާޞިލުކޮށްދިނުމަށް ރެއާއި ދުވާލު މަސައްކަތްކޮށް އެ ކަމަށް ހޭދަކުރެއެވެ. މި ހުރިހައި ކަންކަމަކީ ވެސް މުހިންމު ކަންތައްތަކެކެވެ. އެހެނަސް އެންމެ މުހިންމު ކަމަކީ ﷲގެ ތައުފީޤެވެ. ﷲ ތަޢާލާ އެ ކަމުގައި ހިދާޔަތުދެއްވައިފި ނަމަ މަގު ކުރުވެގެން ލުއިވެގެންދާނެތީއެވެ.

އިމާމު ބުޚާރީގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގެންފައިވަނީ ލޯފަންކޮށެވެ. އެކަލޭގެފާނުގެ މަންމާފުޅުގެ ދުޢާގެ ސަބަބުން އެކަލޭގެފާނުގެ ލޯފުޅަށް ފެނުން ލިބުނެވެ. މާތް ﷲ އެކަލޭގެފާނުގެ ލޯފުޅު އަލިކޮށްދެއްވައިފިކަން އެ ކަމަނާއަށް ހުވަފެންފުޅުގައި ދެންނެވުނެވެ.

މި ފަދަ އެހެން މިސާލަކީ އަލްފުޟައިލު ބުނު ޢިޔާޟުގެ ވާހަކައެވެ. ފުޟައިލު ބުނު ޢިޔާޟަކީ މި އުންމަތުގެ ބޮޑެތި ޢިލްމުވެރީންގެ ތެރެއިން ފާހަގަކޮށްލެވޭ ވަރަޢުވެރި ޢާލިމެކެވެ. އޭނާގެ ދަރިކަލުން (ޢަލީ)އަށް ތަޢުލީމުދެއްވުމަށް ޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. އޭނާ ބޭނުންފުޅުވީ މި ދަރިކަލުން ޢަލީ ޢިލްމުވެރި ވަރަޢުވެރި ތަޤުވާވެރި ދަރިއަކަށްވުމަށެވެ. އޭނާއަށް މި ކަމެއް ނުކުރެއްވުނެވެ. އެ ހިނދު ފުޟައިލުގެފާނު އަޅުތަކުންގެ ހިތްތައް އެ ފަރާތެއްގެ ޔަދުޤުދްރަތްފުޅުގެ ދަށުގައިވާ ފަރާތަށް ކުރިމަތިލެއްވިއެވެ. އެކަލޭގެފާނު ﷲތަޢާލާއަށް ދުޢާކުރައްވައި ދެންނެވިއެވެ. [ހައްދަވާބޮޑުކުރެއްވިރަސްކަލާކޮ! މި އަޅާގެ މި ދަރިފުޅު އަދަބުވެރިކުރުވުމަށް ޓަކައި މި އަޅާ ކުރި މަސައްކަތް އިބަރަސްކަލާނގެ ދެނެވޮޑިގަންނަވަމުއެވެ. މި އަޅާއަށް އެ ކަމަށް ކުޅަދާނަ ކަމެއް ނުލިބުނެވެ. ފަހެ އިބަރަސްކަލާނގެ މި އަޅާއަށް ޓަކައި އޭނާ އަދަބުވެރިކުރައްވާ ޢިލްމުވެރި ކުރައްވާނދޭވެ!] 

މި ދުޢާގެ ނަތީޖާ އެނގިވަޑައިގަންނަވައިތޯއެވެ؟ އޭނާގެ ބަފައިކަލުން ފަދަ ޢިލްމުވެރި އަޅުވެރި ޒާހިދު ބޭކަލަކަށް ޢަލީ ބުނު ފުޟައިލު ބުނު ޢިޔާޟް ވެވަޑައިގަތުމެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޢަލީ ބުނު ފުޟައިލުގެ ޢިލްމުވެރިކަން އޭނާގެ ބައްޕާފުޅު ފުޟައިލު ބުނު ޢިޔާޟަށް ވުރެ މާ ބޮޑެވެ. އިބްނުލް މުބާރަކު ވިދާޅުވިއެވެ. [އެންމެ މާތް މީހަކީ ފުޟައިލެވެ. އޭނާއަށް ވުރެ އޭނާގެ ދަރިކަލުން ޢަލީގެ މާތްކަން ބޮޑެވެ.]

އާދޭހެވެ! ދަރީން ރަނގަޅު ޞާލިޙުންނަށްވުމުގެ ސިއްރަކީ އެ މީހުންގެ މައިންބަފައިން އެ މީހުންނަށް ކޮށްދޭ ދުޢާއެވެ. އެ ކުދީން ރަނގަޅުކޮށްދެއްވުމަށް އެ ކުދީންނަށް ރަނގަޅު މަގަށް ތައުފީޤުދެއްވުން އެދި ﷲގެ ތަޢާލާގެ ޙަޟުރަތުގައި މަޑުމޮޅިވެ ދަންނަވާ ދެންނެވުމެވެ. އަޅުގަނޑުމެންގެ ދަރީންނަށް ޓަކައި އަޅުގަނޑުމެންނަށް ދުޢާކުރެވެނީ ކިހާވަރަކަށް ބާވައެވެ! މަދަރުސާއަށް ފޮނުވުމަކުން ނުފުދެއެވެ. އެ ކުދީންނަށް ކާންބޯންދިނުމަކުން ނުފުދެއެވެ. ތިބާގެ ވަގުތުން އެ ކުދީންނަށް ހޭދަކުރެވެނީ ކިހައި ވަގުތެއްތޯ ބަލާށެވެ!

އަޅުގަނޑުމެން މިއަދު މި އުޅެނީ ހުޅުވައިލެވިފައިވާ ޒަމާނެއްގައެވެ. ބަދަލުތައް އަންނަމުން އޮހެމުންދާ ދުވަސްވަރެއްގައެވެ. ސަޤާފަތްތަކާއި ތަރީގާތައް ފުނިޖެހެމުންދާ ދަހަރުތަކެއްގައެވެ.  އެހެންވީމާ މި ޒަމާނުގެ ބަލާތަކުންނާއި ފިތުނަތަކުން ދަރީން (ދެ ޖިންސުގެ ދަރީން) ރަނގަޅުކޮށްދެއްވާތޯ ޙިމާޔަތްކޮށްދެއްވައިތޯ ﷲއަށް ދުއާކުރާން އެބަޖެހެއެވެ. ކޮންމެ ބަފަޔަކާއި މަޔަކު މި ކަން ކުރާން އެބަ ޖެހެއެވެ.

މައިންބަފައިން ދަރީންނަށް ކުރާ ދުޢާއަކީ ޚާއްޞަ މަޤާމެއް ލިބިފައިވާ އެއްޗެކެވެ. އެ ދުޢާއަކީ މާތްﷲ މި ދުޢާގެ ސަބަބުން މައިންބަފައިންނަށާއި ދަރީންނަށް ރަޙްމަތްލައްވާނެ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم  ޙަދީސް ކުރެއްވިއެވެ.(( ثلاثُ دَعَواتٍ مُستجاباتٌ لا شَكَّ فيهن: دعوةُ الوالِدِ، ودَعوةُ المسافرِ ، ودعوةُ المظلوم [1]–އެއްވެސް ޝައްކެއްނެތް ގޮތުގައި އިޖާބަކުރައްވަނިވި ތިން ދުޢާއެއް ވެއެވެ. އެއީ މައިންބަފައިން ކުރާ ދުޢާއާއި ދަތުރުވެރިޔާ ކުރާ ދުޢާއާއި އަނިޔާލިބިފައިވާ މީހާ ކުރާ ދުޢާއެވެ.)) 

އާދޭހެވެ! މައިންބަފައިން އެ މީހުންގެ ދަރީން އިޞްލާޙުކޮށްދެއްވުމަށާއި އެ މީހުންނަށް ތައުފީޤުދެއްވުމަށާއި ސީދާމަގުގައި ލެހެއްޓެވުމަށް އެދި ކުރާ ދުޢާއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އުޑުގެ ދޮރުކޮޅުތަކުގައި ފޫހިކަމެއްނެތި މަޑުމޮޅިކަމާއެކު ދަރީންނަށް ޓަކައި ޓަކިދެމުންދާ ނަމަ، އޭގެ ނަތީޖާ ފެންނާނެތެވެ. މާތްﷲ އެ ދުޢާއަށް އިޖާބަދެއްވައި އެ ކުދީން އިޞްލާޙުކޮށްދެއްވާނެތެވެ. ދަރީންނަށް ޓަކައި ދުޢާކުރުމަކީ އެ ކުދީންގެ ޙާލަތު ރަނގަޅުކޮށްދެއްވާނެ ކަމެކެވެ. އެ ކުދީންނަށް ހިތްހަމަޖެހުން ދެއްވާނެ ކަމެކެވެ. އެ ކުދީން މައިންބަފައިންގެ ބަސްއަހާނެކަމެކެވެ. އެ ކުދީން ދުނިޔެއާއި އާޚިރަތުގެ ނުބައިކަމުން ރައްކައުތެރިކޮށްދެއްވާނެ ކަމެކެވެ. ރަޙްމާންވަންތަ ރަސްކަލާނގެ އަޅުންގެ ސިފަތަކުގެ ތެރޭގައި ރަނގަޅު ދަރީން ދެއްވުމަށް ދުޢާކުރުން ވެއެވެ. ﷲ U ވަޙީކުރެއްވިއެވެ. ((وَٱلَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا[2] - އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބީންގެ ކިބައިންނާއި، އަޅަމެންގެ ދަރީންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރީންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!))

މީގެއިތުރަށް ބަފައިން ދަރީންނަށް ހެޔޮ ދުޢާ ކޮށްދިނުމަކީ ނަބީބޭކަލުންގެ މަންހަޖު ވެސްމެއެވެ. ޢާއިލާ ރަނގަޅުކުރެއްވުމަށާއި އަހުލުން ތަރުބިޔަތުކުރެއްވުމަށް ނަބީބޭކަލުންނަކީ ލާމަސީލު ނަމޫނާތަކެކެވެ.  އެ ބޭކަލުން މި ކަމަށް ވަރަށް ބޮޑަށް އަޅައިލެއްވިއެވެ. ކީއްވެގެންތޯއެވެ؟ އެބޭކަލުންނަށް ދުޢާގެ ދައުރު އެނގިވަޑައިގަންނަވާތީއެވެ. އެބޭކަލުން ވަނީ ބޭފުޅުން ދެއްވުމުގެ ކުރީން ރަނގަޅު ބޭފުޅުން ދެއްވުމަށް ދުޢާ ކުރައްވައިފައެވެ. އިބްރާހީމުގެފާނަކީ މި ކަމުގައި ހެޔޮ މިސާލެކެވެ. އެކަލޭގެފާނު ދުޢާފުޅުކުރައްވައި ވިދާޅުވިއެވެ. (( رَبِّ هَبْ لِى مِنَ ٱلصَّٰلِحِينَ [3] - އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް صالحންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!)) އިބްރާހީމުގެފާނު އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެކަލޭގެފާނުގެ ދަރިފަސްކޮޅަށް ޓަކައި ދުޢާކުރެއްވުން ހުއްޓަވައެއްނުލައްވައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( وَإِذْ قَالَ إِبْرَٰهِيمُ رَبِّ ٱجْعَلْ هَٰذَا ٱلْبَلَدَ ءَامِنًا وَٱجْنُبْنِى وَبَنِىَّ أَن نَّعْبُدَ ٱلْأَصْنَامَ ﴿٣٥﴾‏ رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ ٱلنَّاسِ ۖ فَمَن تَبِعَنِى فَإِنَّهُۥ مِنِّى ۖ وَمَنْ عَصَانِى فَإِنَّكَ غَفُورٌ رَّحِيمٌ ﴿٣٦﴾‏ رَّبَّنَآ إِنِّىٓ أَسْكَنتُ مِن ذُرِّيَّتِى بِوَادٍ غَيْرِ ذِى زَرْعٍ عِندَ بَيْتِكَ ٱلْمُحَرَّمِ رَبَّنَا لِيُقِيمُوا۟ ٱلصَّلَوٰةَ فَٱجْعَلْ أَفْـِٔدَةً مِّنَ ٱلنَّاسِ تَهْوِىٓ إِلَيْهِمْ وَٱرْزُقْهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمْ يَشْكُرُونَ [4]- إبراهيم ގެފާނު ވިދާޅުވި ހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޮ! މި ރަށަކީ، أمان ވެގެންވާ ރަށެއްކަމުގައި ލައްވާނދޭވެ! އަދި އަޅާއާއި، އަޅުގެ ދަރީން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ! އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އެ ބުދުތައް މީސްތަކުންކުރެ ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ، މި އަޅާޔަށް تبع ވެއްޖެ މީހަކީ، ހަމަކަށަވަރުން، އަޅުގެ (دين ގެ) މީހެކެވެ. އަދި އަޅާޔަށް އުރެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރީންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް وادى އެއްގައި، حرمة ތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު قائم ކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް رزق ދެއްވާނދޭވެ! (އެއީ) އެއުރެން شكر ވެރި ވުމަށްޓަކައެވެ.))

ޒަކަރިއްޔާގެފާނު މިޙްރާބު ތެރެއަށް ވަދެވަޑައިގެން ރަނގަޅު ދަރިފަސްކޮޅެއް ދެއްވުމަށް ދުޢާ ކުރެއްވިއެވެ. (( هُنَالِكَ دَعَا زَكَرِيَّا رَبَّهُۥ ۖ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ [5]- އެތާނގައި، زكريّا ގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކުރައްވައި ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ.))

(ނުނިމޭ)

 

ބައެއް ލަފުޒުގެ މާނަ

ދަހަރު           ނ.    ދިހަ އަހަރުdecade     

ތަރީގާ           ނ.    (1) ކަމެއް ކުރުމުގެ މަގު ނުވަތަ ގޮތް.method  (2) ވަކި މީހަކު ނުވަތަ ބަޔަކު ތަބާވާ އުސޫލު ނުވަތަ މަޒުހަބު.creed

ތިނެވި  ތަޢުލީމު   ނ.    ސާނަވީ ތަޢުލީމަށްފަހު ކޮލެޖާއި ޔުނިވަރުސިޓީއާއި މަސައްކަތު ތަމްރީނުދޭ މަރުކަޒު ފަދަ ތަންތަނުން ދޭ ތަޢުލީމު.     Tertiary education

ސަގާފަތް        ނ.    އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަ ދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާއި މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދަ. culrure

 
މަރުޖާ:

[1]  - أخرجه أبو داود (١٥٣٦) والترمذي (١٩٠٥)، وابن ماجه (٣٨٦٢)، وأحمد (٧٥٠١) والديلمي في ((الفردوس)) (٢٤٧٩)

[2]  -  الفرقان : 74

[3]  - الصافات : 100

[4]  - إبراهيم :  - 35  -  37

[5]  - آل عمران : 38

ކޮމެންޓު