އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
13 މޭ 2025
އެއްކަމު (އެއް ފަހަރު ބޭނުންކޮށް އުކައިލާ) ޕުލާސްޓިކު ކުންޏަކީ ދިވެހިރާއްޖޭގެ ތިމާވެއްޓަށާއި ފަތުރުވެރިކަމަށް ވެސް މިއަދު ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މި ދެ ދާއިރާ ފިޔަވައި ޢާންމުކޮށް އިޖުތިމާޢީ ޞިއްޙީ އިގުތިޞާދީ ދާއިރާއަށް ވެސް މި ކަމުގެ ދައްޗާ ވަނީ ކުރިމަތިވެފައެވެ. މީހުން އުޅޭ ރަށްރަށުގައި ވެސް އާންމުކޮށް ބޭނުންކުރާ އެއްކަމު ޕުލާސްޓިކު ކުންޏަކީ، އެ ފަދަ ކުނިނައްތައިލުމަށް ޓަކައި ރަށްރަށުގެ ކައުންސިލުތަކާއި އަދި މަރުކަޒީ ފެންވަރެއްގައި ސަރުކާރުން ވެސް ބޮޑެތި މަސައްކަތްތަކަކާއި ގިނަ ޚަރަދުތަކެއް ކުރަމުން ގެންދާ އެއްޗެކެވެ.
މި ފަދަ ދުވަސްވަރެއްގައި އަމިއްލަ ޖަމުޢިއްޔާއަކުން މި ކަމަށް ޚާއްޞަ ނަޒަރެއްދެއްވައިގެން އެ ޖަމުޢިއްޔާގެ ސަމާލުކަމަށް މި މައްސަލަ ގެންނެވިކަމީ، ތަޢުރީފުކުރުން ޙައްޤު ކަމެކެވެ. އެ ޖަމުޢިއްޔާއިން މި ކަމަށް ހައްލު ހޯއްދަވައިދެއްވާން މަސައްކަތްކުރައްވާ ޚަބަރު އަޅުގަނޑުމެން އެހީ ތަޢުރީފާއި ޝުކުރުވެރިކަމާ އެކީގައެވެ.
އެއްކަމު ޕުލާސްޓިކު ކުނީން އެންމެ ބޮޑު ދައްޗަކާ ކުރިމަތިވެފައިވާ އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ދައިރާކަމަށްވާ އިރު، މި ދާއިރާގައި އުފެދޭ އެއްކަމު ޕުލާސްޓިކު ކުނި މަދުކުރުމަށް އަމާޒުކޮށް، ޚާއްޞަ މަސައްކަތެއް މި ފެއްޓެވި، އަމިއްލަ މަދަނީ ޖަމުއިއްޔާއަކީ [ކްލީން މޯލްޑިވްސް]އެވެ. ދާއިރާގައި އުފެދޭ އެއްކަމު ޕުލާސްޓިކު ކުނި މަދުކުރުމަށް އަމާޒުކޮށްގެން މި ޖަމުޢިއްޔާގެ ފަރާތުން އިއްޔެ ވަނީ އޮންލައިނު ޕޯޓަލެއް އިފުތިތާހުކޮށްފައެވެ (ޕޯޓަލްގެ ލިންކް). މި ޕޯޓަލް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނިޔާޒުކަމަށްވުމުން، މި ބާވަތުގެ މަސައްކަތެއް ކާމިޔާބުކަމާ އެކު، ހިންގުމަށް ޓަކައި އޭރަކު އޮންނަ ސަރުކާރެއްގެ ތާއީދާއި އެއްބާރުލެއްވުން ބޭނުންވާނެކަން ކަށަވަރެވެ. [ކްލީން މޯލްޑިވްސް]ގެ ފަރާތުން އިއްޔެ ތަޢާރަފުކުރެއްވި މި މުހިންމު ޕޯޓަލަކީ އެއްކަމު ޕުލާސްޓިކުގެ ބަދަލުގައި ބޭނުންކުރެވިދާނެ އައު އީޖާދުތައްކޮށް، އައު އާލަތްތަކާއި މި ބާވަތުގެ ތަފާތު އުފެއްދުންތައް އުފައްދާ ކުންފުނިތަކާ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅުވައިދޭ ވަސީލަތެކެވެ. މި ޕޯޓަލުގެ ޒަރީޢާއިން، އެކި އައު އިޖާދުތައް އުފައްދާ ކުންފުނިތަކުގެ މަޢުލޫމާތާއި އެ ފަދަ ކުންފުނިތަކުން އީޖާދުކޮށް ތަޢާރަފުކުރާ އާލަތްތަކާއި ތަފާތު ސާމާނުގެ މަޢުލޫމާތާއި، ރާއްޖޭގައި ތަންފީޒުކުރަމުންދާ ޕައިލެޓް މަޝްރޫޢުތަކުގެ މަޢުލޫމާތު މި ޕޯޓަލް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ފަސޭހަކަމާ އެކު ވަގުތުން ވަގުތަށް ލިބޭނެއެވެ.
މި މުހިންމު ޕޯޓަލް އިފުތިތާހުކުރުމަށް ޓަކައި، އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. ޢަބްދުﷲ ނިޔާޒު ވަނީ މި ފަދަ ޕޯޓަލެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅުދައްކަވައިފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ޕުލާސްޓިކު ކުނި މަދުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައި އެ މަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ.
މި މަޝްރޫޢަކީ ކާމިޔާބު މަޝްރޫޢެއްކަމަށް ވާނެކަމުގެ އުންމީދު އާވެ އާލާވި، އެއް ކަމަކީ މި ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ، ވަރަށް ގިނަ ފަރާތްތަކުންނާއި މި މަޝްރޫޢުގައި ހިމެނޭ މަސައްކަތުގެ ހަވާލަތު މަތިކުރެވިފައިވާ އިދާރާތަކާއި މި ކަންކަން ތަންފީޒުކުރާ އިދާރާތަކުން ބައިވެރިވެވަޑައިގަތްކަމެވެ.
އިއްޔެ މި ކަމަށް ޓަކައި ބޭއްވި އިޙުތިފާލުގައި މި ޕޯޓަލު އިފުތިތާޙުކުރުމުގެ ރަސްމިއްޔާތަށް ފަހު، ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ ބޭފުޅުން ހިމެނޭ ގޮތަށް ޕެނަލް ޑިސްޝަކަޝަނަކާއި މި ކަން އަމާޒުކުރެވޭ ފަރާތްތަކުގެ މަޝްވަރާތަކެއް ވެސް ވަނީ ބާއްވައިފައެވެ. ޕެނަލް ޑިސްކަޝަންގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ވަޒީރުގެ ނާއިބު އަޙްމަދު ނިޒާމުވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މީރުމާ މާލަމުގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ތައާރަފުކުރެއްވި މި ޕޯޓަލަކީ ޕުލާސްޓިކު ފްރީ ރިވާރސް އެންޑް ސީސް ފޮ ސައުތް އޭޝިއާ (ޕްލީސް) މަޝްރޫޢޫގެ ދަށުން [ކްލީން މޯލްޑިވްސް]އަށް ލިބުނު ހިލޭއެހީއެއްގެ ދަށުން ތައްޔާރުކޮށްފައިވާ ޕޯޓަލެކެވެ. [ޕްލީސް] މަޝްރޫޢަކީ ވޯލްޑް ބޭންކާއި އދ.ގެ އޮފީސް އޮފް ޕްރޮޖެކްޓް ސާރވިސަސް (ޔުނޮޕްސް)ގެ އެހީގައި ސައުތުއޭޝިއާ ކޯޕަރޭޓް އެންވަޔަރަމަންޓް ޕްރޮގްރާމް (ސަކެޕް)އިން ތަންފީޒުކުރާ ޚާއްޞަ މަޝްރޫޢެކެވެ. [ފަރަގު] މީޑިއާއިން އެދެނީ މި ޚާއްޞަ މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި އެއްކަމު ޕުލާސްޓިކު ބޭނުންކުރާ މިންވަރު މަދުކުރެވި، މި ކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ތިމާވެއްޓާއި އިޖުތިމާއި-އިގުތިސާދީ ދާއިރާއިންނާއި ސިއްހީ ދާއިރާއިން ވެސް ދިވެހިރާއްޖެއަށް ކުރިއެރުންތައް ލިބުމެވެ.
މި މަޢުލޫމާތާ ގުޅޭ ބައެއް ލިންކުތައް:
https://x.com/motmv/status/1921969826622538105?s=46
ބައެއް ލަފުޒުގެ މާނަ:
ހަވާލަތު ނ. ކަނޑައެޅިފައިވާ ބާރުތަކަކާ އެކު، ރަސްމީ އިދާރާއަކާ ނުވަތަ ފަރާތަކާ ހަވާލުކުރާ މަސްއޫލިއްޔަތު ނުވަތަ މަސައްކަތް ނުވަތަ ޒިންމާ.
އިފުތިތާހުކުރުން ނ. (1) ޖަލްސާއާއި ސެމިނާރާއި ކޮމެޓީ ފަދަ ބައްދަލުވުންތައް ހުޅުވާ ހުޅުވުން. (2) ޢިމާރާތް ފަދަ ތަންތަން އަލަށް ހުޅުވާ ހުޅުވުން.
އެއްކަމު ނއ. އެއް ފަހަރު ބޭނުންކުރުމަށް ފަހު އެއްލައިލާން ނުވަތަ ނައްތައިލާން ހަދައިފައިވާ.
ވުނޭރު ނ. ފައިދާ ނުވަތަ މަންފާ ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސާ ޚަރަދުކުރާ ނުވަތަ މުދަލަކަށް ހޭދަކުރާ ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާ ވާ މީހާ.
ތަންފީޒުކުރުން މ. (1) ޤާނޫނީ ނުވަތަ ޝަރުޢީ ޙުކުމެއްގެ މައްޗަށް ޢަމަލުކުރުން. (2) ވެރިޔެއްގެ އަމުރާ އެއް ގޮތަށް ޢަމަލުކުރުން.