އަބާ މުޙަންމަދު
4 މޭ 2025
ނޫސްވެރިކަމަކީ ވަރަށް ވަރުގަދަ ހަތިޔާރެކެވެ. އެއީ ވަޅިއެއް ފަދަ އެއްޗެކެވެ. ހެޔޮ ގޮތުގައި ވެސް ބޭނުންކުރެވިދާނެއެވެ. މުޖުތަމަޢު ހަމަމަގަށް އަޅުވައި ރައްޔިތުން ހޭލުންތެރިކުރުމަށް ޓަކައި ނޫސްވެރިކަމުގެ ބޭނުން ހިފިދާނެއެވެ. ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރޭ، ފަޚުރުވެރިކަމާ އެކު ނޫސްވެރީން ވިދާޅުވާތީ އިވެއެވެ. ތެދުފުޅެކެވެ. ޒިންމާދާރު ނޫސްވެރިކަމަކީ ސަރުކާރު ޒިންމާދާރުކުރުވާ އެއްބާރެވެ. ވެރިކަމުގެ ގިއުގަނޑުގެތެރެއިން ނުފެންނަ ކަންތައްތައް ހޯދައި ބަލައި ހާމަކުރުމުގައި ނޫސްވެރިކަމުގެ ދައުރު ވަރަށް ބޮޑެވެ.
ވަޅިއަކީ ވެސް ދިރިއުޅުމުގައި މުހިންމު ވަސީލަތަކަށްވާ ފަދައިން އެއީ މީހުން މެރުމާއި އެކިއެކި ޖަރީމާތައް ހިންގުމަށް ޓަކައި ވެސް ބޭނުންކުރެވޭ އެއްޗެކެވެ. ހަމަ މިފަދައިން ނޫސްވެރިކަމަކީ ވެސް މީސްތަކުންނަށް އޮޅުވައިލައި ދޮގު މަޢުލޫމާތު ފަތުރައި ފިތުނަފަސާދަ އުފެއްދުމަށް ޓަކައި ވެސް ބޭނުންކުރެވޭނެ ވަސީލަތެކެވެ. ހުޅަނގުގެ ނޫސްވެރިކަމުން އެ ކަން އެބަ ފެނެއެވެ. ހުޅަނގުގެ ނޫސްވެރީނަށް މުސްލިމުން ފެންނަނީ ނިރުބަވެރީންގެ ގޮތުގައެވެ. ހުޅަނގާއި އެމެރިކާއިން ހިންގާ ކޮންމެ ޖަރީމާއެއް އެ މީހުންނަށް ފެންނާނީ ހައްގެއްގެ ގޮތުގައެވެ. އިސްރާއީލުން ފަލަސްޠީނުގައި ހިންގާ ގަތުލުއާންމާއި ނަސްލުހޭދު، އެ މީހުންނަށް ފެންނަނީ އެއީ އިސްރާއީލުގެ ދިފާޢުގައި އެ މީހުން އަދާކުރާންޖެހޭ ހައްގެއްގެ ގޮތުގައެވެ. ފަލަސްތީނީންނަށް ދިރިތިބުމުގެ ހައްގު އޮންނާން ޖެހޭކަމަކަށް ވެސް އެ މީހުންނަކަށް ގަބޫލެއް ނުކުރެވެއެވެ. މިއީ އަޅުގަނޑުމެންގެ މި ރާއްޖޭން ނާމޫނާ ލިބިގަންނާން ޖެހޭ ނޫސްވެރިކަންކަމަށް ދިވެހި ގިނަ ނޫސްވެރީން ދެކޭ ނޫސްވެރިކަމުގެ ޙާލަތު މިއަދު އޮތް ގޮތެވެ.
އެހެންވީމާ، ދިވެހި ނޫސްވެރިކަމުގެ ތެރެއިން ވެސް މި ކުލަ ނުފެނެޔެކޭ ދެންނެވޭކަށް ނެތެވެ. ކޮންމެ ބަޔަކު ވެސް ތިބެނީ އެ ބަޔަކު ތާއީދުކުރާ ފިކުރަކަށް ގޮސް ހުސްވެފައެވެ. ސަރުކާރަށް ތާއީދުކުރާ ނޫސްވެރީންނަށް ސަރުކާރުން ކުރާ ހަމަ އެއްވެސް ނުރަނގަޅު ކަމެއް ނުފެނެއެވެ. އަނެއްކޮޅުން ސަރުކާރަށް ތާއީދުނުކުރާ ނޫސްވެރީންނަށް ސަރުކާރުން ކުރާ ރަނގަޅު ހަމަ، އެއް ކަމެއް ވެސް ނުފެނެއެވެ. ދޭތެރޭ މެދެއް ނޯވެއެވެ. ތަވާޒުނެއް ނެތެވެ. އޮންނަނީ ކަޅެވެ. ނޫނީ ހުދެވެ. މި ދެމެދުގައި ކިތަންމެ ބައިވަރު ކުލަތަކެއް ހުންނަ ކަމެއް ނޭނގެއެވެ.
އެމެރިކާގެ ކުރީގެ ރައީސަކު ވިދާޅުވެފައިވެއެވެ. އެމެރިކާގެ މިތުރަކަށް ވާށެވެ! ނުވަތަ ހަތުރަކަށް ވާށެވެ! ހަތުރަކަށް ނުވެ، މިތުރަކަށް ނުވެ އެ ދެމެދުގައި އެއްވެސް ބަޔަކަށް ތިބެވޭން ޖެހޭނެކަމަކަށް ގަބޫލެއްނުކުރެވެއެވެ. ދިވެހި ނޫސްވެރިކަމުން ވެސް އަޅުގަނޑަށް ދުވަނީ މި ވަހެވެ.
ގަބޫލުކުރާންޖެހޭ ހަގީގަތަކީ ނޫސްވެރިކަމަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ކޮށްފި ނަމަ، ސަވާބު ލިބެނިވި ޢަމަލެއްކަމަށް ހެދިދާނެ މަތިވެރި ޢަމަލެއްކަމެވެ. ޚިދުމަތެއްކަމެވެ. އޭގެ އަނެއްކޮޅުން އެއީ ވަރަށް ބޮޑަށް މީހާ ފާފަވެރިވާނޭ ފަދައިން ކުރެވިދާނެ ނުބައި ޢަމަލަށް ވެސް ހެދިދާނެއެވެ. ތެދު މަޢުލޫމާތު ފަތުރައި މުޖުތަމަޢުގެ އެއްބައިވަންތަކަމަށާއި ސުލްޙަ މަސަލަސްކަމަށް އިސްކަން ދޭ ނޫސްވެރިކަމަކީ ހެޔޮ ޢަމަލަކަށް ވާނެއެވެ. ހަމަ އެ ފަދައިން ދޮގު މަޢުލޫމާތު ފަތުރައި މުޖުތަމަޢު ބައިބައިކޮށް ފަސާދަކުރުމުގެ ނިޔަތެއް އޮވެގެން އެ މަގުސަދު ހާސިލުކުރުމަށް ޓަކައި ކުރާ ނޫސްވެރިކަމަކީ ފާފަ ލިބެނިވި ނުބައި ޢަމަލުގެ ތެރޭގައި ލިޔުއްވޭނެ ނުބައި ޢަމަލެކެވެ.
ކަން އޮތީ އިސްވެ ދެންނެވުނު ގޮތަށް ކަމަށްވާ އިރު، މި ދެމެދުގައި ތަވާޒުނު ހިފެހެއްޓުމަށް ޓަކައި، ނޫސްވެރީން ރިޢާޔަތްކޮށް ޢަމަލުކުރާންޖެހޭ ސުލޫކީ މިންގަނޑެއް އޮވެއެވެ. ހިފަހައްޓާން ޖެހޭ އިޖުތިމާޢީ ގިޔަމުތަކެއް ވެއެވެ. ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރައި ޢާއްމުންނަށް އޮޅުވައިލުމަކީ މި ދެންނެވި މިންގަނޑުތަކާ ޚިލާފު ކަމެކެވެ. މުޖުތަމަޢުގެ މަސްލަޙަތަށާއި ޤައުމުގެ އަމްނަށް ރައްކައުތެރިވުމަކީ ނޫސްވެރީންނަށް ލާޒިމު ކަމެކެވެ. ހައްގުގެ ނަމުގައި މަސްއޫލިއްޔަތު ހަނދާން ނައްތައިލައިގެން ނުވާނެއެވެ. މުޢާމަލާތުކުރުމާއި ވާހަކަދެއްކުމުގެ އަދަބުތަކެއް ވާކަން ނޫސްވެރީން ހަނދާން ނައްތައިލައިގެން ނުވާނެއެވެ.
މި ކަން މި މަގަށް ގެންދެވޭނީ ޢިލްމާއި މަޢުލޫމާތުގެ ގޮތުން މުއްސަނދި ބަޔަކަށް ނޫސްވެރީން ހެދިގެންނެވެ. ރާއްޖޭގެ ޖޯގުރަފީއާއި އާންމު މަޢުލޫމަތަށް ނޫސްވެރީން އަހުލުވެރިވެގެންނެވެ. މުޢާމަލާތުކުރުމުގެ ހުނަރާއި ވާހަކަދެއްކުމުގެ އަދަބުތައް ނޫސްވެރީން ދަސްކޮށްގެންނެވެ. އިސްލާމީ ރީތި ސުލޫކާއި ޢާންމު އަޚުލާގު ނޫސްވެރީންނަށް އެނގިގެންނެވެ.
އިއްޔެ 15 ވަރަކަށް ގަޑި އިރަށް ދެމިގެން ދިޔަ ނޫސްވެރީންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރީން، ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ބައެއް ސުވާލުތަކުން ރާއްޖޭގެ ޒުވާން ނޫސްވެރިކަމަށް މި ފަދަ ދާއިރާތަކުން ތަމްރީނު ބޭނުންވާކަން ވަރަށް ރަނގަޅަށް އެނގި ހާމަވިއެވެ. މި ކަމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނުން ސަމާލުކަންދެއްވާނެކަމަށް އުންމީދުކުރަމެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިއްޔެ ބޭއްވެވި ނޫސް ކޮންފަރެންސްގައި ކޮންމެ ނޫސްވެރިޔަކު ދަންނަވާ ސުވާލަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޖަވާބަކީ ހުރިހައި ނޫސްވެރީންނަށާއި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ދެއްވާ ޖަވާބެއްކަމަށް ގަބޫލުކުރާން ޖެހެއެވެ. އެހެންކަމުން، އެ ފަދަ ސުވާލެއް އެހެން ޞީޣާއަކުން ވެސް އަލުން ރައީސަށް ދެންނެވުމަކީ ބޭއަދަބީ ކޮށްގެންވާނެކަމެއް ނޫނެވެ. މި ކަން މިހެން މިވަނީ އެ ދެއްވާ ޖަވާބަކަށް ނޫސްވެރީން ސަމާލުކަން ނުދެއްވާތީކަމަށް ނުވަތަ ދޭހަނުވާތީކަމަށް ގަބޫލުކުރެވެއެވެ. މިއީ އެ ކަމުހެ ހުނަރުވެރިކަން ނުވަތަ ގާބިލުކަން ކުޑަކަމުން ދިމާވާ ކަމެއްކަމަށް ގަބޫލުކުރެވެއެވެ.
ހަމަ މިފަދައިން، ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުދަންނަވާން ވާނީ އަދަބުވެރި ބަހުރުވައަކުންނެވެ. [އަޅުގަނޑު ކޮށްލާން ބޭނުން ސުވާލަކީ] ނުވަތަ [އަޅުގަނޑު އަހައިލާން ބޭނުންވަނީ] ނުވަތަ [އަޅުގަނޑު ދެން އަހައިލާން އޮތީ] ފަދަ ޢިބާރާތެއް ބޭނުންކުރެވިގެން ނުވާނެއެވެ. ނަމަވެސް ބައެއް ނޫސްވެރީންގެ ވާހަކަފުޅުތަކުން މި ކަންކަން ފާހަގަވިއެވެ. މިއީ އެ ފަދަ ބޭފުޅުން ދިވެހިބަހަށް، ބަހުގެ ހަމަތަކަށް، ކޮށިކަމުން ދިމާވާ ކަމެއްކަމަށް ގަބޫލުކުރެވެއެވެ. އަދި ކުރައްވާނޭ ސުވާލުތަކުގެ ނުކުތާތައް ނޯޓުކުރައްވައިގެން ދިޔަޔަސް އަކުރުން އަކުރަށް ލިޔެފައި އޮތް ޢިބާރާތެއް ބަލައިގެން، ފޯނަށް ބަލަހައްޓައިގެން ހުރެ، ސުވާލުތައް ހުށަހަޅަމުން ދިޔަ ދިޔުމުން ވެސް ހާމަވަނީ، އެ ފަދަ ނޫސްވެރީންގެ ހުނަރާ މެދު، އޮތް އިތުބާރު ކުޑަކަމެވެ. މި ކަންކަމުން އެނގި ހާމަވީ ދިވެހި ނޫސްވެރީންގެ ގިނަ ބޭފުޅުންނަށް ވަރަށް ބޮޑަށް ތަމްރީނު ބޭނުންވާކަމެވެ. އަޅުގަނޑު މި ވާހަކަ މި ދަންނަވައިލީ ހުނަރުވެރި ކުޅަދާނަ ބައެއް ނޫސްވެރީން ނުހަނު ޤާބިލުކަމާއި އަދަބުވެރިކަމާ އެކު، ދަންނަވަމުން ގެންދެވި ސުވާލުތައް އިސްތިސްނާކުރަމުންނެވެ. އެ ފަދަ ބޭފުޅުންނަށް ތަހުނިޔާ ދަންނަވަމުންނެވެ. އެހެން ބޭފުޅުންނަށް ކުރިއެރުން އެދެމުންނެވެ.
ލަފުޒެއްގެ މާނަ:
ތަވާޒުނު ނ. ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން.