އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
3 މޭ 2025
ނޫސްވެރިކަމަކީ ޚަބަރުތައް އެއްކޮށް ޖަމާކޮށް އެއަށް އަންނަމުންދާ ބަދަލުތައް، ނިއުޅެމުންދާ ވަރަކަށް ފެތުރުމުގެ މަސައްކަތްކަމަށް ބުނެއެވެ. ޚަބަރުތައް ތާޒާކަމާއި އާރޯކަމާ އެކު މީސްތަކުންނާ ހަމައަށް ވާޞިލުވާން ޖެހޭނެއެވެ. ޚާއްޞަކޮށް ބަވަނަވެފައިވާ ދުނިޔޭގައި ޚަބަރުތައް ވަރަށް އަވަހަށް ބައުވެގެންދާނެއެވެ. ބަދަލު އައިސް ފުރޮޅިގެންދާނެއެވެ. އެއީ ހަމައެކަނި ސިޔާސީ ޚަބަރުތަކެއްނޫނެވެ. ސިޔާސަތުގެ އިތުރަށް ފަންނާއި ކުޅިވަރާއި ޢާންމު ސަގާފަތާއި އިޖުތިމާޢީ ޙާދިސާތަކާއި ވެށްޓާބެހޭ ކަންތައްތައް ވެސް ޚަބަރުގެ މައިދާނުގައި މިއަދު ފެނެއެވެ.
ނޫސްވެރިކަމަކީ މި ޒަމާނުގެ އުފަން ދަރިއެއްނޫނެވެ. އެއީ ޤަދީމީ ކަމެކެވެ. ބާބިލުންގެ ތެރޭގައި ނޫސްވެރިކަން އޮތެވެ. އެ މީހުންގެ ތެރޭގައި މި ވަޒީފާ އަދާކުރާ ޚާއްޞަ މުވައްޒަފަކު ހުރެއެވެ. އޭނާގެ ނަމަކީ "ކާތިބު"އެވެ. އޭނާގެ މަސައްކަތަކީ އައުވަމުންދާ ކަންތައްތައް ލިޔެ ފުރޭފުކުރުމެވެ.
ނޫސްވެރިކަން އުފެދި ތަރައްޤީވުން
މާތް ﷲ އިންސާނާ އުފައްދަވާފައިވަނީ އޭނާގެ ވަށައިގެން ހިނގާ ކަންތައްތައް އެނގެން ބޭނުންވާ މަޚްލޫޤެއްގެ ގޮތުގައެވެ. އިންސާނީ މުޖުތަމަޢު އުފެދުމާއެކު ޚަބަރުތައް ނަޤްލުކުރުމަކީ ފަރުދުންގެ ކޮންމެ ދުވަހެއްގެ ޙަޔާތާ ގުޅިފައިވާ ކަމެކެވެ. އެކަކު އަނެކަކާ ބައްދަލުވާ ވަގުތު އޭނާގެ ޚަބަރުތަކާއި އޭނާ އުޅޭ ތަނުގެ ޚަބަރުތައް ކިޔައިދީ އުޅުނެވެ. މިކަމާވިދިގެން މި ޚަބަރުތައް ރައްކައުތެރިކޮށްދޭނެ ވަސީލަތެއް ހޯދުމުގެ މަސައްކަތް ވެސް އިންސާނާ ފެށިއެވެ. ލިޔުން އުފެދުނީ މި ކަމާހެދިއެވެ. މި ޚަބަރުތައް ފަންވަތްފަންވަތުގައްޔާއި ހިލަގަނޑުގަނޑުގައްޔާއި ހަންގަނޑުގަނޑުގައި ލިޔަން ފެށިއެވެ. މީލާދީގެ ހަތަރު ސައްތަ އަހަރު ކުރީން މިޞްރު މީހުން ބުރުދީ ފަތް ލިޔުމަށް ޓަކައި ބޭނުން ކުރަންފަށައިފިއެވެ. ނޫސްވެރިކަން އުފެދިގެން އައީ އެވޭލާ ޔޫނާނީންގެ ތެރެއިންކަމަށް ތާރީޚުން އެނގެއެވެ.އެ ދުވަސްވަރު ސަރުކަރުން ފަތުރަން ބޭނުންވާ ޚަބަރުތައް ފަތްތޫރައެއްގެ ގޮތުގައި ފާރުފާރުގައި އެލުވައެވެ. މި ފަތްތޫރަތަކުގައި ހިމެނެނީ ސަރުކާރުން ނިންމާ ކަންތައްތަކުގެތެރެއިން ޢާއްމު ރައްޔިތުންނަށް އަންގަން ޖެހޭ ނިންމުންތަކާއި ސަރުކާރުގެ ޤަރާރުތަކެވެ.މި ޒަމާނުގެ ނޫސްވެރިކަމުގެ ބައްޓަމާ ގާތްގޮތަކަށް ނޫސްވެރިކަން ފެށިފައިވަނީ ރޯމަން އިމްބަރާޠޫރު ޖޫލިއަސް ސީޒަރުގެ ވެރިކަމުގައި ޢިސާގެފާނުގެ މީލާދުގެ 60 އަހަރު ކުރީން ފަތްތޫރައެއްގެ ގޮތުގައި ނެރެވުނު މިއަދުގެ ހާދިސާތައް - Acta Diurna އިންނެވެ. އެ ދުވަސްވަރު އަޅުންނަށް ކުރާން ޖެހުނު މަސައްކަތްތަކުގެ ތެރޭގައި މި ނޫހުގެ ކޮޕީތައް ހަދައި ޢާންމު ތަންތާނގައްޔާއި ފިހާރަތަކުގައި އެލުވުން ވެއެވެ. މި ނޫހުގައި ހަނގުރާމައިގެ ޚަބަރުތަކާއި، ކާވެނި ޚަބަރުތަކާއި، މަރުވާ މީހުންގެ ޚަބަރުތަކާއި، ކުޅިވަރާއި ތމްސީލުތައް ބޭއްވޭ ގަޑިތައް ގެނެސްދީފައި ވެއެވެ. މި ނޫސް ރޯމަން އެމްޕަޔަރުގެ އެންމެހާ ރަށްތަކަށް ފޮނުވޭކަމަށް ބުނެވެއެވެ.
އަތުން ލިޔެވޭ މަޖައްލާތައް
ރޯމަނުންގެ ޒަމާނުގައި މި ފަތްތޫރަތައް އަތުން ލިޔެގެން ހުޅަނގު ޔޫރަޕުގައި ބަހައިފައިވެއެވެ. މި ފަތްތޫރަތައް ނުކުންނަނީ ވަކި މުއްދަތެއް ކަނޑައެޅިގެނެއް ނޫނެވެ. މި ފަތްތޫރަތަކުގައި ވިޔަފާރިއާ ބެހޭ އިޢުލާނުތައް ވެސް ހުރިކަމަށް ވެއެވެ.
ޗާޕުކޮށްގެން ފުރަތަމަ ފަހަރަށް ނޫހެއް ނެރެވިފައިވަނީ ފަނަރަވަނަ ސައްތައިގައި ޖަރުމަނުގައެވެ. އެ ދުވަސްވަރު ނޫސް ނެރެފައިވަނީ ކުދިކުދި މޮނިޓަރު ފޮތުގެ ސިފައިގައެވެ. މި ނޫހުގައި ކިޔާ ހިތްވާ ފަދަ މައުޟޫޢުތައް ހިމެނިފައިވާތީ ޢާންމުންގެ ގާތުގައި އެއީ ވަރަށް މަޤްބޫލު ނޫސްތަކެކެވެ.
މި ޒަމާނުގެ މަފުހޫމާ އެއް ގޮތަށް ނޫސްވެރިކަން ފެށުނީ ޖަރުމަނުގެ ޢިލްމުވެރިއެއް ކަމުގައިވާ ގިއުޓެންބަރގް ޗާޕު މެޝިން އީޖާދުކުރެއްވުމުންނެވެ. އެއީ މީލާދީން 15ވަނަ ސައްތައިގައެވެ. އިނގިރޭސިވިލާތުގައި ނޫހެއް ފުރަތަމަ ނެރެފައިވަނީ 1666ވަނަ އަހަރުގައެވެ. އެއީ ލަންޑަން ގެޒެޓްގެ ނަމުގައެވެ. އެމެރިކާގައި ނޫހެއް ޝާއިޢުކޮށްފައިވަނީ 1690ވަނަ އަހަރު ބޮސްޓަންގައެވެ. ނަމަވެސް މި ނޫސް ވަރަށް އަވަހަށް ބަންދުކުރެވިއްޖެއެވެ. އެހެންކަމުން ރަސްމީ ސިފައެއްގައި އެމެރިކާގައި އެންމެ ފުރަތަމަ ނުކުތް ނޫހަކީ 1704ވަނަ އަހަރު ބޮސްޓަންގައި ނެރުނު "ދަ ބޮސްޓަން ނިވްޒް ލެޓަރ"އެވެ. މިއީ އިނގިރޭސި އިސްތިޢުމާރުގެ ވާގި ލިބިގެން ނެރެވުނު ނޫހެކެވެ. އޭގެ ފަހުން އެމެރިކާގައި ނޫސްތައް ނެރެވޭން ފަށައިފިއެވެ. 1784ވަނަ އަހަރުން ފެށިގެން ސިޔާސީ ފިކުރާއި ޚިޔާލާ އެކު ނޫސްތައް ނެރެވޭން ފެށިއެވެ. މި ކަމުގެ ސަބަބުން ނޫސްވެރިކަމުގެ ޙައްޤު އެމެރިކާގައި ލިބިގެން ދިޔައެވެ. ޗާޕުކުރުމާއި ކަރުދާސް އުފެއްދުމުގެ ޓެކްނޮލޮޖީ ތަރައްޤީވަމުން އައުމާ އެކު، އެމެރިކާގައި ނުކުތް ނޫސްތަކުގެ ޢަދަދު އިތުރުވެ ނޫހުގެ އަގު ހެޔޮވިއެވެ.
ޞިނާޢީ އިންޤިލާބާ ވިދިގެން ޗާޕުކުރެވޭ ނޫސްތައް އިތުރުވެގެން ދިޔައެވެ. ގަޑިއަކު 10 ހާސް ސަފުހާ ޗާޕުކުރެވޭ ވަރުގެ ދުވެލި ލިބުމާ އެކު، ކުލަކޮށް މަޖައްލާތައް ނެރެވެން ފަށައިފިއެވެ.
1910 ހާތާނގައި ޒަމާނީ ނޫސްވެރިކަމުގެ މަލަތައް ފާޅުވަން ފެށިނަމަވެސް ޒަމާނީ ނޫސްވެރިކަމާ ހަމައަށް އާދެވުނީ ދެވަނަ ބޮޑުހަނގުރާމަ ނިމުނު ހިސާބުންނެވެ. އެހިސާބުން ސުރުޚީތައް ލިޔެވޭގޮތަށް ބަދަލު އައެވެ. ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޞަފްޙަތައް ވުޖޫދުވިއެވެ.
އިލެކްޓްރޯނިކް ނޫސްވެރިކަން ފެށުނީ 1971ހާތާނގައެވެ. މި ކަމުގައި އެންމެ ކުރި ހޯދައިފައިވާ ނޫހަކީ ފަރަންސޭސި ވިލާތުގެ "ލިބަރާސިއޯން"އެވެ. މި ނޫހާ ވިދިގެން ފަހަތުން އައީ "ޓައިމްޒް"އާއި "ގާރޑިއަން" ފަދަ އިނގިރޭސިވިލާތުގެ ނޫސްތަކެވެ.
ހުޅަނގުގެ ނޫސްވެރިކަމުގެ ނަޒާހަތްތެރިކަން
ވޭތުވެދިޔަ ގިނަގުނަ ދަހަރުތަކަށް ބަލާ އިރު، ޚަބަރުފަތުރާ ހުޅަނގުގެ ވަސީލަތްތަކަކީ އޮށްޓަރަށާއި މަސައްކަތުގެ ވައްޓަފާޅީގައި ވަރަށް ނަމޫނާ ވަސީލަތްތަކެކެވެ. ތެދުވެރި ބަޔެއްކަމަށް ދެކެ އިތުބާރުކުރެވުނު ބަޔެކެވެ. ނަމަވެސް މިއަދު މި ވަސީލަތްތަކުން ޚަބަރުތައް ގެނެސްދީ ފަތުރާ ގޮތަށް ބަލާ އިރު، މި ވިސްނުމަކީ ކުށް ވިސްނުމެއްކަން ސާބިތުވެއްޖެއެވެ. ޚަބަރުތައް ގެނެސްދިނުމުގައި ނަޒާހަތްތެރިކަން ނެތްކަމާއި އެ މީހުން ބޭނުންވާ ގޮތަށް ޚަބަރުތައް ގަތައި ވިޔަމުންދާކަން އެންމެންނަށް އެނގި ކަށަވަރުވެއްޖެއެވެ.
އަޅުގަނޑުމެންގެ ދަރިވަރުން ދަސްވެނިވާ ޔުނިވަރުސިޓީތަކާއި މަތީތަޢުލީމުގެ މަރުކަޒުތަކުން އެ ކުދީންނަށް ކިޔަވައިދޭއިރު ހުޅަނގުގެ ނޫސްވެރިކަމަށް ތާރީފުކޮށް އެ މީހުންގެ ތަޙުލީލުތައް ނަމޫނާއަކަށް ބެލުމަށް ބުނެތެވެ.
ވަރަށް ކައިރި އިއްޔެއަކާ ހަމައަށް ޚަބަރުތަކާއި ޚަބަރުތަކާ ބެހޭ ވާހަކަތަކާއި އަޑުތަކާއި މަންޒަރުތަކުގެ ހަމައެކަނި މަޞްދަރުތަކަކީ ހުޅަނގެވެ. މިއަދު އެ މަޞްދަރުތައް ދޮގުކޮށް، ސާފު ތެދު ޚަބަރުތައް ގެނެސްދޭ އެތައް ވަސީލަތްތަކެއް ވަނީ އުފަންވެފައެވެ.
ހުޅަނގުގެ މަޝްހޫރު މީޑިއާތަކަށާއި ރިޕޯޓަރުންނަށް، އިސްރާއީލުން ޣައްޒާގައި ކުރަމުންދާ އަނިޔާވެރި ހަނގުރާމަތަކެއް ނުފެނެއެވެ. އިސްރާއީލުން ޣައްޒާގައި ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގާ ނަސްލުހޫދުތަކާއި ޤަތުލުޢާންމުތަކެއް ނުފެނެއެވެ. ޣައްޒާއަށް އަރައި، މިސްކިތްތަކަށާއި ހަސްފަތާލުތަކަށާއި ރެފިޔުޖީ ފޭލިގެއަވަށްތަކަށް ދެމުންގެންދާ ޙަމަލާތަކެއް ނުފެނެއެވެ. އެ މީހުންނަށް ފެންނަނީ އެއީ އިސްރާއީލުގެ އަމިއްލަ ނަފުސު ދިފާޢުކުރުމަށް ދޭ ޙަމަލާތަކެއްކަމުގައެވެ. މިއަދު ހުޅަނގުގެ ބައެއް ނޫސްތަކާއި ޚަބަރުފަތުރާ ވަސީލަތްތަކަކީ "ކުލީސިފައިންގެ ބާރު"ތަކެކެވެ. ފައިސާދޭ ބަޔަކަށް މަޖޫރީކޮށްދޭ ބަޔެކެވެ. ގިނައިން ދިން މީހެއްގެ ތާރީފުތައް ބޮޑުވާނެއެވެ.
ނޫސްވެރިކަމުގެ މުހިންމުކަން
ނޫސްވެރިކަމަކީ މިއަދުގެ ދުނިޔޭގައި ވަރަށް ވަރުގަދަ ބާރެކެވެ. ދީމުޤުރާޠީ ނިޒާމުގައި ހިމެނޭ ތިން ބާރަށް ފަހު، ދެން އޮންނަ ހަތަރުވަނަ ބާރަކީ ނޫސްވެރިކަންކަމަށް ބެލެވެއެވެ. ޒިންމާދާރު ނޫސްވެރިކަމަކީ ސަރުކާރު ޒިންމާދާރުކުރުވާ އެއް ބާރެވެ. ވެރިކަމުގެ ގިއުގަނޑުގެ ތެރެއިން ނުފެންނަ ކަންތައްތައް ހޯދައި ބަލާ ބާރަކީ ނޫސްވެރިކަމެވެ. މި ބާރުގެ ސަބަބުން ޤައުމުގައި އޮންނަ ވެރިކަމަށް ސާބިތުކަމާއި ލޮޅުން އާދެއެވެ. ނޫސްވެރިކަމަކީ ޚިޔާލު ފާޅުކުރުމުގެ އެންމެ އުސް މިންބަރެވެ. ދުނިޔެއާއި ފަރުދުންނާ ދެމެދުގައި އޮންނަ ދުރުމިން ނައްތައިލަދޭ ވަސީލަތަކީ ނޫސްވެރިކަމެވެ. ތިމާއަކީ ދުނިޔޭގެ ފަރުދެއްކަން އިޙްސާސްކޮށްދޭ ބާރަކީ ނޫސްވެރިކަމެވެ. ނޫސްވެރިކަމުގެ ސަބަބުން ތިމާގެ މަޢުލޫމާތު އިތުރުވެ، ތާޒާވެ ދުނިޔޭގެ ފަލަކުގައި ތިމާއަށް އުޅެވޭނެ މަގު ފަހިވެގެންދެއެވެ. އިންސާނާއާ އޭނާގެ މުޖުތަމަޢުގެ ދޭދޭ ފަރުދުންނާ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުކޮށްދިނުމުގައި ނޫސްވެރިކަމަށް މުހިންމު ދައުރެއް ލިބިގެންވެއެވެ.
ނޫސްވެރިކަމަކީ ދެ މިޔަލީ ކަނޑިއަކަށްވާތީ ނޫސްވެރިކަމުގެ މައިދާނުގައި ޙަރަކާތްތެރިވާ އަސްވާރުން (ނޫސްވެރީން) ރިޢާޔަތްކޮށް ތަބާވާން ޖެހޭ މިންގަނޑުތަކެއްވެއެވެ. ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތައް ފަތުރައި ޢާންމު ރައްޔިތުންނަށް އޮޅުވައިލުމަކީ ނޫސްވެރިކަމުގެ އަޚުލާޤިއްޔާތާ އަރައިރުންވާ ކަމެކެވެ. ދައުލަތުގެ ސިއްރުތައް ހާމަކުރުމުގައި އެއަށް ޢަމަލުކުރާން ޖެހޭ މިންގަނޑުތަކެއް ވެއެވެ. ޤައުމުގެ އަމްނަށް ރައްކައުތެރިވުމަކީ ނޫސްވެރިޔާގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ފަރުދީ ކަރާމަތަށް އަރައިގަތުމަކީ މަނާކަމެކެވެ. މިއީ ނޫސްވެރީން ތަބާވާން ޖެހޭ އުޞޫލުތަކެކެވެ.
ބައެއް ލަފުޒުގެ މާނަ:
ނަސްލުހޭދު ނ. އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.
ފަތްތޫރަ ނ. (1) ކަން އޮތް ގޮތް ބުނެދީ، ބަޔާންކޮށް ފައުޅުކޮށްދޭ އެންގުން. މީގެ ބޯދާ ލަފުޒަކީ "ފަތްތޫރާ"އެވެ. (2) ރާއްޖޭގެ އެންމެންނަށް އެންގުމަށް ސަރުކާރުން ނެރޭ އަމުރުތަކާއި އެންގުންތައް.
ފުރޭފު ނ. ލިޔާ ލިޔުން
ފުރޭފުކުރުން މ. ލިޔެބެލެހެއްޓުން
ގަތުލުއާންމު ނ. ރަހުމުކުޑަ ގޮތެއްގައި ނުވަތަ އަނިޔާވެރިކޮށް އެތައް ބައިވަރު ބަޔަކު މަރައިލުމުގެ ޢަމަލު.