އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
1 މޭ 2025
މީލާދީ ސަނަތުން 1980ގެ އަހަރުތަކުގެ ތެރޭގައި ނުވަތަ 1990ގެ ކުރީކޮޅުގެ އަހަރުތަކުގައި އަޅުގަނޑަށް ފާހަގަކުރެވުނީ މާލޭ ސައި ހޮޓާތަކުގައި ވެއިޓަރުންގެ ގޮތުގައި މުޅިން ވެސް ދިވެހި ޒުވާނުން ހަރަކާތްތެރިވަމުން ދިޔަ ތަނެވެ. ހަމަ ގައިމު ވެސް އަޅުގަނޑުމެން ރަށު ކޮންމެވެސް ކުއްޖަކު ވެއިޓަރަކަށް ނޫޅޭ ހޮޓަލަކަށް އޭރަކު އަޅުގަނޑަކަށް ނުވަދެވެއެވެ. ޒުވާނުން މާލެ އައިސް އެންމެ ގިނައިން ޙަރަކާތްތެރިވަނީ ހޮޓާޓަކުގެ އެކި ވަޒީފާތަކުގައެވެ. އޭރު ބިދޭސީންނަކީ މާ ގިނައިން އެ ފަދަ މަސައްކަތުގައި ޙަރަކާތްތެރިވާ ބަޔެއް ނޫނެވެ. އެ ދުވަސްވަރު ބިދޭސީން އެހައި ގިނައެއްވެސްނޫނެވެ. ބޭރު މީހުން އޭރު ޙަރަކާތްރިވަނީ ފަންނީ އެކިއެކި މަޤާމުތަކުގައި އެކަންޏެވެ. ޓީޗަރުންނާއި ޑަކުޓަރުން ފަދަ މަޤާމުތަކުގައެވެ. ނަމަވެސް ފަހަކަށް އައިސް އާދައިގެ ވަޒީފާތައް ވެސް އެއީ ބިދޭސީ ވަޒީފާތަކަކަށް ބަދަލުވިއެވެ. ކުރިޔަށް ވުރެ ރަނގަޅު އާމްދަނީ ލިބޭނެ އެހެން މަގުތައް ދިވެހީންނަށް ފަހިވީކަމަށް ވެސް ވެދާނެއެވެ. އިޤުތިޞާދީ ގޮތުން ރާއްޖެއަށް ކުރިއެރުން ލިބުމުން ވާ ގޮތެއްކަމަށް މީހުން ކިޔާތީ އަޑު އިވުނެވެ. އެ ކަމާ އެއްޗެކޭ ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑަކީ އިޤުތިޞާދީ ދާއިރާގެ މީހަކަށް ނުވާތީއެވެ.
ކޮންމެއަކަސް ދެހާހުގެ އަހަރުތަކުން ފެށިގެން ބިދޭސީން މާލެއަށް އިތުރުވެގެން ދިޔައީ ހީވެސް ނުކުރާ ފަދަ ހަލުވި މިނެއްގައެވެ. އާދައިގެ ހުރިހައި މަސައްކަތަކީ ބިދޭސީންގެ މަސައްކަތްތަކަކަށް ބަދަލުވިއެވެ. ވޭޓަރުކަމާއި ފިހާރަތަކުގައި މަސައްކަތްކުރާ މީހުންނާއި ޢިމާރާތްކުރުން ފަދަ، ދަނޑު ހެއްދުން ފަދަ ހުރިހައި މަސައްކަތްތަކަކީ ބިދޭސީންގެ މަސައްކަތްތަކަށް ބަދަލުވިއެވެ. އަދި ގޭގޭގައި ކެއްކުމާއި އެއްޗެހި ދޮވެ އިސްތިރިކޮށްދީ، އިސްކޫލަށް ކުދީން ގެންގޮސްދިނުން ފަދަ ހުރިހައި މަސައްކަތެއްގައި ބިދޭސީން ޙަރަކާތްތެރިވާތީ ފެނުނެވެ.
މިހާރު ރަށްރަށުގައި ރުއްގަހަށް އަރާން ދަންނަ ދިވެއްސަކު ވެސް އުޅޭކަމަކަށް ނުވެއެވެ. ނަމަވެސް ކުރީން އެއީ ދިވެހީން އާމްދަނީ ހޯދާން، ދިރިއުޅުމަށް ޓަކައި، ކުރި ދަންނީ މަސައްކަތެކެވެ. އެއީ ރަށްފުށުގެ ގިނަ ބަޔަކު ދިރިއުޅުމަށް ޓަކައި މަސައްކަތްކުރާ ޚާއްޞަ ދަންނެކެވެ.
މި ދިޔަ ރަމަޟާން މަހު އަޅުގަނޑު ދިޔަ ރަށެއްގެ މީހުން ބުނި ގޮތުގައި އެ ރަށުން އަނބެއް ބިނދެލައިދޭން ދިވެއްސުއް ނުލިބެއެވެ. ބިދޭސީން ލައްވައި އަނބު ބިންނާން ޖެހެނީ ބިންނަ ކޮންމެ އަނބަކަށް ރުފިޔާއެއް ދީގެންނެވެ. ރުކަކަށް އަރައިދެނީ އެންމެ ކުރުނބައެއް އަޅާންކަމަށް ވިޔަސް ރުކަކަށް 200 ރުފިޔާ ދީގެން ބިދޭސީން ލައްވައެވެ.
ރަށްރަށުގައި ކުރާނެ މަސައްކަތެއް އާމްދަނީއެއް ހޯދޭނެ ގޮތެއް ނެތްކަމަށް ބުނާ އިރު، ކަރާ ހައްދާން ބިމުން ވިނަ ނޮޅުމުން ފެށިގެން މާރުކޭޓަށް ކަރާ ވިއްކައިފައި ލިބޭ ލާރިކޮޅު [ވެރިޔާ] އަތަށް ގެންގޮސްދިނުމާ ހަމައަށް ހުރިހައި ވަޒީފާއެއްގައި ތިބެނީ ބިދޭސީންނެވެ. މިއީ ކުރީން އަމިއްލައަށް ކުރި މަސައްކަތްތަކެވެ. ގޭގައި ކައްކައި ދޮވެ އިސްތިރިކުރުން ވެސް ބިދޭސީންނާ ޙަވާލުކުރެވިއްޖެއެވެ. މުސްކުޅި މައިންބަފައިން ބެލުމާއި ދަރީންގެ ހުރިހައި ކަމެއް ބެލުން ވެސް ބިދޭސީންނާ މަތިކުރެވިއްޖެއެވެ. ފިހާރަތަކުގައި ވެސް އެ ފިހާރައެއްގައި ހުންނަ މުދަލުގެ އަގެއް، އަދި އިސްޓޮކުގައި މުދަލެއް ހުރި ކަމެއް ނޫންކަމެއް ވެސް އެނގެނީ ބިދެސީއަކަށެވެ. މުދަލުގެ އަސްލު ވެރިމީހާއަކަށް ނޭނގެއެވެ.
މި ގޮތަށް ބިދޭސީން ގިނަވެގެން އައި އައުމުގައި، އަމިއްލައަށް ތަފާތު މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދާން އުޅޭ ބިދޭސީން ވަރަށް ބޮޑަށް އިތުރުވިއެވެ. އެއީ ގަވާއިދާ ޚިލާފަށް އުޅޭ މީހުންކަމަށް ކިޔާ އަޑު އިވެއެވެ. އެ ފަދަ މީހުންނާ ޙަވާލުވާނޭ މީހެއް ނުތިބެޔޯލައެވެ. ނަމަވެސް އެ މީހުން ވެސް ރާއްޖެއަށް އެތެރެވާނީ ހަމަގައިމު ވެސް ކޮންމެވެސް އުޞޫލަކުން ކޮންމެވެސް ބަޔެއްގެ އެހީގައިކަމަށް ފެނެއެވެ.
މި ދެންނެވި ފަދަ "ގަވާއިދާ ޚިލާފަށް އުޅޭ މީހުން" އާމްދަނީ ހޯދާން ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުން ގެންދެއެވެ. ދުވަހު މުސާރައަށް މަސައްކަތްކުރާން ތައްޔާރަށް ތިބޭ ބަޔަކާއި މީހުންގެ ވެހިކަލްތައް ފޮހެދޭ މީހުންނާނީ ބޯކަރުދާސް ފޮށި ވިއްކުން ފަދަ ތަފާތު މަސައްކަތްތައް މުޅިން ވެސް ކުރަމުން ގެންދަނީ ބިދޭސީންކަމަށް ފާހަގަކުރެވެއެވެ. ބާޒާރުމަތީގައި ފިހާރަތަކުން މުދާ ހުސްކުރާ ކަރުދާޙު ހުސްފޮށި އެއްކޮށްގެން އެ ފަދަ ތަކެތި މީހުންނަށް ވިއްކުމާއި، އުތުރު ބަދަރުގެ ބޯޓުފަހަރަށް މީހުން ގެންދާ މުދާ ބޯޓާ ހަމައަށް ގެންގޮސްދިނުމާއި ބޯޓުފަހަރުން މުދާ ބާލައިދިނުން ފަދަ މަސައްކަތްތައް އެ މީހުން ގެންދައީ ކުރަމުންނެވެ.
ނަމަވެސް ފަހަކަށް އައިސް މި މަންޒަރަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަތުވެއްޖެއެވެ. އަޅުގަނޑު މި އުޅެނީ މި ވާހަކަ ދަންނަވައިލާށެވެ. ދަންބެރަށް ވުރެ ތަގުޑި ދިގުވީއެވެ. މާފުކުރެއްވުން އެދެމެވެ. މިއީ އުފާވެރި ކަމެކޭ ނުވަތަ ހިތާމަވެރި ކަމަކޭ ދަންނަވާކަށް ނޫނެވެ. އެ ކަން ނިންމަވާނީ ތިޔަ ބޭފުޅުންނެވެ. މި ލިޔުން ވިދާޅުވާ ބޭފުޅުންނެވެ. އަޅުގަނޑަށް ތަޖުރިބާ ކުރެވުނު ކަމެއްގެ ވާހަކަ ދަންނަވައިލާން ބޭނުންވީއެވެ.
ބާޒާރުމަތީގައި، ބަދަރުމަތީގައި، ކަރުދާހު ފޮއްޓާއި ޓޭޕްރޯލު ހިފައިގެން މީހުން ގަންނަ މުދާ ބަންދުކޮށްދޭން، ބިދޭސީންގެ ބަދަލުގައި ދިވެހި ޒުވާނުން ޙަރަކާތްތެރިވާ މަންޒަރު ފެނުމަކީ އަޅުގަނޑަށް ހައިރާންކަން ލިބުނު ކަމެކެވެ. ފަތްޖަހައިފައި ހުރި ކަރުދާހު ފޮށިގަނޑުތަކެއް ކައިރިއަށް އޭގެ ފޮށިގަނޑެއް ގަނެލާންކަމަށް ހީކޮށް ކައިރިއަށް ޖެހިލި ވަގުތު ދިވެއްސަކު އައިސް "ބޭނުމީ ކޮން ސައިޒެއްގެ ފޮއްޓެއްތޯ" ސުވާލުކޮށްލިއެވެ. ކުޑަ ސައިޒެކޭ ބުނެލުމުން ފޮށިގަނޑު ދައްކައިލުމަށްފަހު، "އަޅުގަނޑު ބަންދު ވެސް ކޮށްދެމޭ" ބުނެލިއެވެ. އެއީ ބިދޭސީއެއް ނޫނެވެ. ހަމަ ދިވެހި ޒުވާނެކެކެވެ. އަޅުގަނޑު ބަންދުކުރާން ބޭނުމެއް ނޫނޭ ބުނެ 20 ރުފިޔާއަށް ފޮށިގަނޑެއް ގަނެލައިގެން އެ ދުވަހު ދިޔައީއެވެ.
އެހެން ދުވަހަކު ބަނދަރުގައި އޮތް ބޯޓަކަށް ފޮށިގަނޑެއް އަރުވާން އަޅުގަނޑު ސައިކަލުގައި ގޮސް މަޑުކޮށްލި ވަގުތު ޒުވާނަކު އައިސް ބުނެފިއެވެ. އަޅުގަނޑު ގެންގޮސްދެންތޯއެވެ؟ އަޅުގަނޑު ވެސް ފޮށިގަނޑު ބަރު ވެސް ވީމަޔާ އެކުގައި 10 ރުފިޔާއަށް ވިއްޔާ އެންމެ ރަނގަޅޭ ބުނެ، އޭނަޔާ ޙަވާލުކޮށްލީމެވެ. ފޮށިގަނޑު ހިފައިގެން ބޭރު ތޮށީގައި އޮތް ބޯޓަކާ ހަމައަށް ހިނގައިފައި ދަމުން އަޅުގަނޑު އެނަޔާ ވާހަކަދައްކައިލީމެވެ. ރަށް ވެސް އޮޅުން ފިލުވީމެވެ. އޭނާގެ ރަށް ވެސް ބުންޏެވެ. މިއީ މިހާރު އާމްދަނީ ހޯދާން ކުރާ މަސައްކަތްތޯ އެހީމާ، ކުރީން ރިސޯޓެއްގައި އުޅެފައި ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނީމާ މިހާރު އާމްދަނީ ހޯދާން ކުރަނީ މި މަސައްކަތްކަމަށް ބުންޏެވެ. ކޮންމެވެސް މަސައްކަތެއް ކުރާންޖެހޭނެތާއެވެ. ރަނގަޅު ވާހަކައެކެވެ. އާމްދަނީއެއް ލިބޭނެ ކޮންމެވެސް މަސައްކަތެއް ކޮންމެ މީހަކު ވެސް ކުރާން ޖެހޭނެއެވެ.
ހެންވޭރު ސޯސަންމަގުގައި ކުރީން އެގްރިކަލްޗަރ މިނިސްޓްރީގެ ނާސަރީ ހުރި ބިމުގައި ހަދައިފައި ހުންނަ ޕާކުކުރާ ސަރަހައްދުގައި ވެސް އަގަށް ސައިކަލު ފޮހެދޭން ދިވެހި ދެ ޒުވާނަކު އުޅެނިކޮށް ފެނިއްޖެއެވެ.
މިއީ އެއް ގޮތަކުން ބަލާއިރު، ރަނގަޅު ބަދަލެކެވެ. ބިދޭސީންގެ އަތްމަތީގައި އޮތް މި ފަދަ ކިތަންމެ ކަމެއް ދިވެހި ޒުވާނުންގެ އަތްމައްޗަށް އައުމަކީ އިޖުތިމާޢީ އޮތުންނާއި އިޤުތިޞާދީ ގޮތުން ވެސް ރަނގަޅު ބަދަލެއްކަމަށް ދެންނެވިދާނެއެވެ. ނަމަވެސް އަނެއް ކޮޅުން ބަލާ އިރު، މި ކަމުން ދައްކައިދެނީ އާމްދަނީ ހޯދާނެ މަގުތައް ބަންދުވެ، ޒުވާނުން ހާލުގައި ޖެހި ބަނޑުފުރާނަ މުއްތިކުރުމަށް ޓަކައި މި ފަދަ އާދައިގެ މަސައްކަތްތައް ކުރާންޖެހިފައިވާކަމޭ ވެސް އެހެން މީހަކު ބުނެފާނެއެވެ. ނަމަވެސް ރަނގަޅު އާމްދަނީއެއް ލިބޭ ނަމަ، ހުއްދަ ޙަލާލު ކޮންމެ މަސައްކަތަކީ ވެސް ހަމަ އަބުރުވެރި މަސައްކަތެއްކަމަށް ގަބޫލުރާން ޖެހެއެވެ. ދިވެހީންނަށް ކުރެވޭ ވަރުގެ މަސައްކަތް ބިދޭސީންނާ ހަވާލުކޮށް، ގައުމުން އެތައް ބައިފައރު ފައިސާއެއް ބޭރުކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ!
ކޮންމެ ގޮތަކަށް މާނަކުރެވުނަސް، ދިވެހި ޤައުމުގައި ކުރާންޖެހޭ ކޮންމެ މަސައްކަތެއް ކުރާން ދިވެހީން ތިބުމަކީ ޤައުމުގެ އަމާންކަމަށް ޓަކައި މުހިންމު ކަމެކެވެ. އަޅުގަނޑުމެން ކުދި އިރު، ދިވެހީން މާލެ ފައިބައި މަސައްކަތް ހޯދަނީ "ޕޯޓް ކޮމިޝަނުން"ނެވެ. ދެން "ޝިޕިންގ ޑިޕާޓްމެންޓުން"ނެވެ. އަދި "މަގުހަދާބައި"ގެ މަސައްކަތެވެ. އަނެއް ބަޔަކު އުޅެނީ ހޮޓާތަކުގެ ކައްކާއިންނަށާއި ސައިގިރުމުގެ މަސައްކަތުގައެވެ. އަދި ވެއިޓަރުންނަށެވެ. ފިހާރަތަކުގެ ސޭޓުންނަށާއި މިނެކިރާ މީހުންނަށެވެ. މިއިން ކޮންމެ ވަޒީފާއަކީ ވެސް އޭރު ދިވެހީން ބޭނުންވެގެން އެ ކަމަށް އެދިއެދި ތިބޭ ވަޒީފާތަކެކެވެ. މި ފަދަ ހުރިހައި ވަޒީފާތަކެއް ވެސް އަލުން ދިވެހީންގެ އަތްމައްޗަށް އައުމަކީ ދިވެހި އިޤްތިޞާދާއި ދިވެހީންގެ އިޖުތިމާޢީ ޙާލަތާއި ދިވެހި ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލަށް ޓަކައި ނުހަނު ބޭނުންތެރި ކަމެކެވެ. ކޮންމެއަކަސް އަޅުގަނޑަށް މި ތަޖުރިބާކުރެވުނު ޒުވާނުންގެ މަސައްކަތްތަކީ ހެޔޮ ބަދަލެއްގެ ފެށުމަށް ވުމަކީ އަޅުގަނޑުގެ އުންމީދެވެ. ހުއްދަ ޙަލާލު ކޮންމެ މަސައްކަތަކީ ވެސް ހަމަ އަބުރުވެރި މަސައްކަތެއް ކަމުގައި ދިވެހީންނަށް ގަބޫލުކުރެވުމަކީ ވެސް ހެޔޮ ބަދަލެކެވެ.