ad_banner
ޓުރަންޕުގެ ބިރުދެއްކުމާއި ދެބޯގެރިދުއްވުން

އަބާ މުޙަންމަދު

29 އޭޕްރިލް 2025

ޕެނަމާ ކެނެލުން އާގުބޯޓެއް ދަތުރުކުރަނީ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ބުނާ ފަދައިން ޓުރަންޕު ގެންދަނީ އޭނާއަކީ ޚުދުމުޚުތާރު ވެރިއެއްކަން ދުނިޔެއަށް ސާބިތުވާ ވަރަށް ހަރުކަށި ނާއިންސާފު ބަސްތައް ބުނެ އެ ފަދަ ޢަމަލުތައްކރަމުންނެވެ. އޭނާގެ ބައެއް ޢަމަލުތަކާއި ބަސްތަކުން ދޭހަވަނީ އޭނާއަކީ ދުނިޔޭގެ ވެރިޔާކަމަށް އޭނާ ގަބޫލުކޮށްގެން އުޅޭހެންނެވެ.

މި ދިޔަ ހޮނިހިރު ދުވަހު މީސްމީޑީއާގެ މަންސައެއްކަމަށްވާ "ޓުރުތު ސޯޝިއަލް"ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެމެރިކާގެ އަސްކަރީ އުޅަނދުތަކަށާއި މަދަނީ އުޅަނދުތަކަށް ވެސް ޕެނެމާ ކެނެލާއި ސުއޭޒު ކެނެލުން އެއްވެސް ހިފެހެއްޓުމެއް ނެތި ހިލޭސާބަހަށް ދަތުރުކުރެވޭން ޖެހޭނެކަމަށެވެ. މިއީ މީނާގެ ބޮޑާކަމާއި ނާއިންސާފު ދައްކައިދިން ބަޔާނެކެވެ. އެހެންޏާ، މި ދެ ކެނެލަކީ ކުޑަ އަގެއް ދައްކައިގެން ބޯޓުފަހަރު ހުރަސްކުރާ ދެ ކެނެލުކަމަށް ވިޔަސް އެތައް މަސްދުވަހެއްގެ ދަތުރު މި ދެ ކެނެލުގެ ސަބަބުން ވަރަށް ބޮޑަށް އަވަސްވެއެވެ.

ނަމަވެސް ޓުރަންޕު މި އިޢުލާނުކުރީ އެ ތަނުން އޭނާގެ ގައުމުގެ އުޅަނދުތަކަށް އެއްވެސް އަގެއް ދެއްކުމެއް ނެތި ދަތުރުކުރެވޭން ޖެހޭނެކަމަށެވެ. ނަމަވެސް މި ފަދަ ކަރުނާލުތައް ހިންގުމަށާއި ބަލަހައްޓައި މަރާމާތުކުރުމަށް ވެސް ބޮޑެތި ޚަރަދުތަކެއް ހިނގާނެކަމީ ކޮންމެ މީހަކަށް ވެސް އެނގޭނެ ހަގީގަތެކެވެ.

ޓުރަންޕުގެ މެސެޖުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ކަމަށް ސަމާލުވެ މި ކަން ހަނދާނުގައި ބަހައްޓައިގެން މި ޙާލަތު ބަލައި ފިޔަވަޅުއަޅާން އޭނާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއަށް އަންގައިފައިވާނެއެވެ.

ޕެނަމާ ކެނެލަކީ އުތުރު އެމެރިކާއި ދެކުނު އެމެރިކާއާ ދޭތެރެއިން ދަތުރުކުރާ އެންމެ ހަނި ބައެވެ. މި ކެނެލް ހުރަސްކޮށް ކުރާ ދަތުރުތައް އެޓުލާންޓިކު ކަނޑާއި ޕެސިފިކު ކަނޑުން ކުރާ ދަތުރުތަކަށް ވުރެ އެތައް ގުނައެއް އަވަސްވެއެވެ. އެހެނީ މުޅި ބައްރު ވަށައިލައި ދަތުރުކުރުމުގެ ބަދަލުގައި ޕެސިފިކު ކަނޑުން ގޮސް ޕެނަމާ ކެނަލުން ވަދެގެން ވަރަށް އަވަހަށް ކެރީބިއަން ކަނޑަށް ނުކުމެވޭނެއެވެ. އެހެންކަމުން ކޮންމެ އަހަރަކު ވެސް އެމެރިކާގެ ކޮންޓެއިނަރު އުފުލާ އާގުބޯޓުފަހަރުގެ %40 (ސާޅީސް އިންސައްތަ) ދަތުރުކުރަނީ މި ކަރުނާލުންނެވެ. 

މި ކަރުނާލު ބިނާކޮށް އެމެރިކާއިން ފުރިހަމަކޮށްފައިވަނީ 20ވަނަ ގަރުނުގެ ކުރީކޮޅުގައިކަމަށް ވެއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ، ވީ އެއްބަސްވުމެއްގެ ދަށުން މި ކަރުނާލުގެ ހުރިހައި ކޮންޓުރޯލެއް 1999ގައި ޕެނަމާއަށް ވަނީ ދީފައެވެ. މިއީ ހަގީގަތުގައި ޕެނަމާގެ ތަނެކެވެ. އެމެރިކާއަކާ ބެހޭ ތަނެއް ނޫނެވެ.

ނަމަވެސް ޓުރަންޕު ތަކުރާރުކޮށް ބުނަމުން ގެންދަނީ ޕެނަމާ ކެނަލުގެ ކޮންޓުރޯލު އަލުން އަބުރައި އެމެރިކާއަށް ހޯދާނެކަމަށެވެ. ޖަނަވަރީ މަހު އޭނާ ރިޔާސީ ހުވާކުރުމުގެ ކުރީން ރިޕޯޓަރުންނަށް ދިން ބަސްދީގަތުމެއްގައި ވެސް ބުނެފައިވަނީ އެ ކަރުނާލު ހޯދާން އިގުތިސާދީ އަދި އަސްކަރީ ބާރުގެ ބޭނުން ވެސް ކުރާނެކަމަށެވެ.

އަނެއް ކޮޅުން ސުއޭޒު ކެނެލުގެ ވާހަކަ މީނާ ދައްކާ އިރު، މިއީ މިސްރުގެ ތަނެކެވެ. ރަތްކަނޑުން ވަދެގެން މެދުތެރޭކަނޑަށް ނުކުމެވޭން އޮންނަ ކަރުނާލެކެވެ. މިއީ އެމެރިކާއާ ބެހޭ ތަނެއް ވެސް އަދި އެމެރިކާއާ ކައިރި ހިސާބެއްގައި އޮންނަ ތަނެއް ވެސް ނޫނެވެ.

ޓުރަންޕު މި ފަދަ ބޮޑާ ގަދަ ބަސްތައް ބުނުމުގެ އެހެން ބޭނުމެއް ވެސް އޮވެއެވެ. އެއީ އެމެރިކާގެ އެހީގައި އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ނަސްލުހޭދުގެ ވާހަކަ ދައްކާގެ ފުރުޞަތު ނުދީ ދުނިޔޭގެ ގައުމުތައް އަބަދު ވެސް ހާސްކަމެއްގެ ތެރޭގައި ބޭތިއްބުމެވެ. އީރާނަށް ހަމަލާދޭ ވާހަކަ ދެއްކުމުގެ އެއް ބޭނުމަކީ ވެސް އެއީއެވެ. މިހާރު ފަލަސްތީނުގެ ވާހަކަދައްކަނީ ކޮން ބަޔެއްހެއްޔެވެ. އެ މީހުން ނުރައްކާތެރި ޙަމަލާތަކުގެ ޝިކާރައަކަށް ވެފައި ތިބެ، ބަނޑަށް އެ މަރުވަނީ ކާނެ އެއްޗެއް ބޯނެ ފެންފޮދެއް އަދި ބޯހިޔާކޮށްލާނެ ފަދައެއް ވެސް ނެތި ތިބެއެވެ. ނަމަވެސް އެ ވާހަކަދައްކަނީ ކޮން ގައުމަކުންހެއްޔެވެ؟

 

ކޮމެންޓު